ވެރިކަމުގެ ބާކީ ދުވަސްތަކުގައި ވެރިކަން ކުރުމަށް ނައިބު ރައީސް ފައިސަލް ނަސީމާއި ހަވާލުކުރުމަށް އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) މިއަދު ގޮވާލައްވައިފިއެވެ.

ދަ ޑިމޮކްރެޓްސްގެ މެންބަރު ވައްޑެ މިހެން ގޮވާލެއްވީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ މަޖިލިސް މެންބަރުން މިއަދު މަޖިލިސް ޖަލްސާ ކުރިއަށް ގެންދިޔަ ނުދީ ހުރަސް އަޅުއްވާފައި ވަނިކޮށް ''އެކްސް''ގައި ލިޔުއްވި ޕޯސްޓެއްގައެވެ.

Ad
rt

އެ ޕޯސްޓްގައި ވައްޑޭ ވިދާޅުވީ، ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތަކުން ނޫނެކޭ ބުނުމުން ދައުލަތުގެ ޤާނޫނީ ނިޒާމު ގަޑުބަޑުކުރަން އުޅެގެން ނުވާނެ ކަމަށެވެ.

''ނައިބު ރައީސް ފައިސަލް ނަސީމާއި ވެރިކަމުގެ ބާކީ ދުވަސްކޮޅުގެ ޒިންމާތައް ހަވާލުކޮށް ރައީސް ޞާލިޙް ގެޔަށް ވަޑައިގަތުމަށް ދަންނަވަން'' ވައްޑޭ ލިޔުއްވާފަވެއެވެ.


ވައްޑޭ މިހެން ވިދާޅުވިއިރު މި ވެރިކަމުގެ ދައުރު ހަމަވާން ބާކީ ދެން އޮތީ 16 ދުވަހެވެ.

އެމްޑީޕީގެ މެންބަރުން މަޖިލިސް ޖަލްސާއަށް ހުރަސްއަޅައި، އިހުތިޖާޖުކޮށްފައި ވަނީ މިއަދުގެ ޖަލްސާ ކުރިއަށް ގެންދަން އުޅެނީ ގަވާއިދާ ޚިލާފަށް ކަމަށް ވިދާޅުވެއެވެ.

އެމްޑީޕީގެ މެންބަރުން ތަޅުމުގައި އިހުތިޖާޖު ފަށައިފި

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމަށްމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން، 49 މެންބަރުންގެ ސޮޔާއި އެކު އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހު މަޖިލީހަށް ހުށަހަޅާފައިވާއިރު، މި މައްސަލާގެ ނޯޓިސް ނަޝީދަށް ފޮނުވާފައި ވަނީ 12 އޮކްޓޯބަރު 2023 ގައެވެ. މަޖިލީހުގެ ގަވާއިދު ބުނާގޮތުން ނޯޓިސްގެ މުއްދަތު ހަމަވާ ތާރީހުން ފެށިގެން 14 ދުވަހުގެ މުއްދަތެއް ދިނުމަށްފަހު، އެންމެ އަވަހަށް އަންނަ ރަސްމީ ދުވަހެއްގައި ބާއްވާ ޖަލްސާއަކަށް އެ މައްސަލަ އެޖެންޑާ ކުރަން ޖެހޭނެއެވެ.

އެ މައްސަލަ އެޖެންޑާ ކުރުމަށްފަހު ދެން މަޖިލީހުގެ މަސައްކަތްތަށް ކުރެވޭނީ އެ މައްސަލައަށް ގޮތެއް ނިންމުމަށްފަހުގައި ކަމަށް މަޖިލީހުގެ ގަވާއިދުގައި ބުނެފައި ވެއެވެ.

އެ މައްސަލާގެ ނޯޓިސްގެ މުއްދަތު ހަމަވުމުން އެ މައްސަލަ ކުރިއަށް ގެންދަން މި އޮކްޓޯބަރުގެ 29 ވަނަ ދުވަހަށް ޖަލްސާއެއް މަޖިލީހުން އެޖެންޑާ ކުރިއެވެ. އާލާސްކަންފުޅާ އުޅުއްވާތީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބުދުﷲ މަޖިލީހަށް ސަލާމް ވިދާޅުވުމުން އެ ޖަލްސާ ކެންސަލްކޮށް އޮކްޓޯބަރު 30 ވަނަ ދުވަހަށް އަލުން ޖަލްސާ ތާވަލު ކުރިއެވެ. އެ ޖަލްސާ ވެސް ކެންސަލްވީ އީވާ ސަލާމްްްފޮނުއްވުމުންނެވެ.