މަސްވެރިކަމާއި، ދަނޑުވެރިކަމާއި އަދި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ފަރާތުން ހިންގާ މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމެންޓް ޕްރޮގްރާމްގެ ދަށުން، 4 ވަނަ ބޭސިކް މެރިކަލްޗާ ޓްރެއިނިން ކޯސް ފަށައިފިއެވެ. މިއީ ރާއްޖޭގައި މެރިކަލްޗާ ދާއިރާ ތަރައްގީކޮށް މި ދާއިރާއަށް ބޭނުންވާ ފަންނީ ދިވެހިން ބިނާކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ ތަމްރީނު ޕްރޮގްރާމެކެވެ.

ކ. މަނިޔަފުށި ޓްރެއިނިން ސެންޓަރުގައި ޖުމްލަ 12 ބައިވެރިންނާއެކު މި ޕްރޮގްރާމް ފަށާފައިވާއިރު، މިއީ 2026 ވަނަ އަހަރު މި ސިލްސިލާގެ ދަށުން ހިންގޭ 4 ވަނަ ކޯހެވެ. އަދި ކ. މަނިޔަފުށީ ރިސާޗް އެންޑް ޓްރެއިނިން ފެސިލިޓީގައި މި މަހުގެ 10 އިން 22 އަށް ކުރިއަށްގެންދިޔަ މި ކޯހުގައި ރާއްޖޭގެ އެކި އަތޮޅުތަކުން 15 ބައިވެރިން ވަނީ ބައިވެރިވެފައެވެ.

Ad
d

މި ތަމްރީން ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ "ހަފްތާ 14" މަގުޗާޓުގައި ހިމަނުއްވާފައިވާ ހަރަކާތްތަކުގެ ތެރެއިން ފެށިގެން ކުރިއަށްގެންދެވޭ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ މައިގަނޑު އަމާޒަކީ ފަރުމަސް އާލާކުރުމަށް ބޭނުންވާ ހެޗަރީތައް ގާއިމުކުރާނެ ގޮތްތަކާއި، އެކުއަކަލްޗާގެ މުހިންމު ހުނަރުތައް ރާއްޖޭގެ ޒުވާނުންނަށް ދަސްކޮށްދިނުމެވެ.

ރާއްޖޭގައި މެރިކަލްޗާ ދާއިރާ ތަރައްގީ ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަރަށް ހާއްސަ އިސްކަމެއް ދެއްވާ ދާއިރާއަކަށް ވާއިރު، މި ސިނާއަތް ކުރިއެރުވުމަށްޓަކައި ސަރުކާރުން ވަނީ ގިނަ މަސައްކަތްތަކެއް ފަށާފައެވެ. އެގޮތުން މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމެންޓް ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ، ރާއްޖޭގައި ދެމެހެއްޓެނިވި ގޮތެއްގައި މެރިން އެކުއަކަލްޗާގެ ނުވަތަ މެރިކަލްޗާގެ ސިނާއަތެއް ގާއިމުކުރުމަށް މަގުފަހިކުރުމުގެ ގޮތުން މި ދާއިރާއިން ގާބިލު މީހުން ބިނާކުރުމެވެ.

ވޯލްޑް ބޭންކުގެ އެހީގައި މަސްވެރިކަމާ ބެހޭ ވުޒާރާއިން ހިންގާ ޓްރާންސްފޯމް ޕްރޮޖެކްޓުގެ އެހީތެރިކަމާއެކު، މި ކޯސް ހިންގަމުން ގެންދަނީ މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓުންނެވެ. މި ތަމްރީނުތަކުގެ ސަބަބުން ރާއްޖެއަށް މި މުޅިން އައު ސިނާއަތް ތައާރަފުކޮށް ފުޅާކުރުމަށް ބޭނުންވާ ފަންނީ ދިވެހިން އުފެއްދިގެންދާނެއެވެ.

Ad
df

މި ކޯހުގައި ކިޔަވައިދޭ ބައިތަކުގެ ތެރޭގައި އެކުއަކަލްޗާގެ ނިޒާމުތަކާއި، ދިރޭ ކާނާ އާލާކުރުމުގެ އިތުރުން ފާނަޔާއި، ހުއިފިލަނޑަޔާއި، ދިވެހި މާގަނޑުމަހާއި، އިތާމުތް އަދި ސީވީޑް އާލާކުރާނެ ގޮތްތައް ހިމެނެއެވެ. މީގެއިތުރުން އާލާކުރާ ބާވަތްތަކަށް ޖެހޭ ބަލިތައް ދެނެގަނެ ބަލިތަކުން ރައްކާތެރިކުރުމާއި، ތިމާވެށްޓަށް ގެއްލުން ކުޑަވާނޭހެން މި މަސައްކަތްތައް ކުރިއަށްގެންދާނެ ގޮތްތަކުގެ މައުލޫމާތު ބައިވެރިންނަށް ފޯރުކޮށްދެވޭނެއެވެ. އަދި ފާނަޔާއި ހުއިފިލަނޑާ އަދި މާގަނޑުމަސް އާލާކުރުމުގެ އަމަލީ ތަޖުރިބާ ވެސް މި ކޯހުގެ ބައިވެރިންނަށް ލިބިގެންދާނެއެވެ.