ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ތަޢުލީމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ އެއްވެސް މާއްދާއެއްގައި ހަރުކަށި ފިކުރެއް އެކުލެވިގެން ނުވާ ކަމަށާއި، މިއީ ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ހޯމް ސްކޫލިންގެ ފުރުޞަތު ފަހިކޮށްދިނުމަށް ގެނެވޭ މުހިންމު އިޞްލާޙެއް ކަމަށް ހޯރަފުށީ ދާއިރާގެ މެންބަރު ޢަލީ މޫސާ ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ސަރުކާރުގެ ފަރާތުން ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް ހުށަހެޅުއްވި މި ބިލުގެ އިބްތިދާއީ ބަހުސްގައި ވާހަކަދައްކަވަމުންނެވެ.

Ad
d

މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޢަލީ މޫސާ ވިދާޅުވީ، ޤާނޫނު ނަންބަރު 24/2020 (ތަޢުލީމުގެ ޤާނޫނު) އަށް ހުށަހެޅިފައިވާ މި އިޞްލާޙުތަކަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަރަށް ރަނގަޅަށް ދިރާސާކޮށް، ފުޅާ ދާއިރާއެއްގައި ވިސްނުމަށްފަހު ހުށަހަޅާފައިވާ ބިލެއް ކަމަށެވެ. އަދި މި އިޞްލާޙުތަކަށް ފުރިހަމައަށް ތާއީދުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ ސެން ޓީޗަރުން ތަމްރީނު ކުރުމަށް މީގެ ދެތިން އަހަރު ކުރިން ސަރުކާރުން ޚާއްޞަ ޕްރޮގްރާމެއް ފަށާފައިވާކަން ފާހަގަކުރައްވައި މެންބަރު ވިދާޅުވީ، މި ބިލުގައި އަސްލު ބަޔާންކުރަނީ އެ ޕްރޮގްރާމުގެ ތެރެއިން ތަމްރީނުވާ ޓީޗަރުންގެ އެހީތެރިކަމާއެކު އެ ކުދިންނަށް ހޯމް ސްކޫލިން ފޯރުކޮށްދިނުމުގެ ވާހަކަ ކަމަށެވެ. އަދި ބިލުގެ އެއްވެސް މާއްދާއެއްގައި ހަރުކަށި ފިކުރާ ގުޅޭ އެއްވެސް ވާހަކައެއް ނެތް ކަމަށާއި، ބިލުގެ 8 ވަނަ މާއްދާގައި ހޯމް ސްކޫލިންގެ އުޞޫލުތަކާއި ކޮންޓްރޯލް މެކޭނިޒަމްތައް ވަރަށް ފުރިހަމައަށް ބަޔާންކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ބައެއް ބޭފުޅުންގެ ވާހަކަތަކުން އެނގެނީ ބިލު ރަނގަޅަށް ދިރާސާކޮށްފައި ނުވާކަން ކަމަށްވެސް ޢަލީ މޫސާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، މި ބިލުގެ 18 ވަނަ މާއްދާގެ ދަށުން ޕްރީ ސްކޫލް ތަޢުލީމާއި ބޭބީ ނާސަރީ ރަސްމީ ސްކޫލް ނިޒާމުގެ ތެރޭގައި ހިމެނުމަށް މުހިންމު މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މީގެކުރިން ބޭބީ ނާސަރީއަކީ ރަސްމީ ތަޢުލީމީ ނިޒާމުގެ ތެރޭގައި ހިމެނިގެން ކިޔަވައިދެމުން އައި ބައެއް ނޫން ކަމަށްވެސް މެންބަރު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ތަޢުލީމީ ދާއިރާގައި ހުރި މައްސަލަތަކަށް އަލިއަޅުއްވާލައްވަމުން ޢަލީ މޫސާ ވިދާޅުވީ، 2022 ވަނަ އަހަރު ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ޓީޗަރުންގެ މުސާރަ ބޮޑުކުރުމުގެ ނަމުގައި ގެނައި ބަދަލަކީ ފަހުގެ ތާރީޚެއްގައި ހިނގި އެންމެ ބޭއިންސާފު ކަންތައް ކަމަށެވެ. އެގޮތުން ޓީޗަރުންގެ އިތުރުގަޑީގެ ފައިސާ (އޯޓީ) ކަނޑާލައި މުސާރައިގެ ތެރެއަށް އެއްކޮށްލުމުގެ ސަބަބުން، ކުރީގެ ނިޒާމަށްވުރެ ބަލިކަށިވެ، މިއަދުވެސް ގިނަ އަދަދެއްގެ ޓީޗަރުން އެކަމުގެ ޝަކުވާ ކުރަމުންދާ ކަމަށް ވިދާޅުވިއެވެ. އެހެންކަމުން ކައިރި މުސްތަޤުބަލެއްގައި ޓީޗަރުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނެސް، އޯޓީ އަލުން ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް ޕޭ ކޮމިޝަނަށާއި ކަމާގުޅޭ އިދާރާތަކަށް އޭނާ ގޮވާލެއްވިއެވެ.

Ad
df

މީގެއިތުރުން، ޤުރުއާނާއި، ސޯޝަލް ސްޓަޑީޒް، ސޯޝަލް ސައިންސް އަދި ހޮސްޕިޓަލިޓީ ފަދަ މާއްދާތައް ކިޔަވައިދިނުމަށް ރާއްޖެއިން ބޭރުން ޓީޗަރުން ގެންނަންޖެހިފައިވާތީ، ޓީޗިން ދާއިރާއަށް ޝައުޤުވެރިވާ ފަރާތްތަކަށް ސަރުކާރުން ޚާއްޞަ އިނާޔަތްތަކެއް ދީގެން ފުރުޞަތުތައް ހުޅުވާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ޢަލީ މޫސާ ވިދާޅުވިއެވެ. އަދި ޓީޗަރުންނަށް ހުރި ގޮންޖެހުންތައް ޙައްލުކުރުމަށާއި، ސްކޫލްތަކުގެ ނިޒާމު ރަނގަޅުކުރުމަށް ސަރުކާރުން "ކޫލް ސްކޫލް ޕްރޮޖެކްޓް" ފަދަ ފުޅާ ދާއިރާއެއްގެ މަސައްކަތްތަކެއް ކުރަމުން އަންނަކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.