ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށްދިޔަ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ ބަހުސްގައި ވާހަކަދައްކަވަމުން، އިދިކޮޅު މެންބަރުން ދައްކަވާ ވާހަކަތައް އަޑުއަހާނެ މާ ގިނަ ރައްޔިތުންތަކެއް މިއަދު ނެތް ކަމަށާއި، އެ ބޭފުޅުންގެ ކިބައިގައި ޤައުމާ މެދު އެއްވެސް އިޚްލާޞްތެރިކަމެއް ނެތް ކަމަށް މިލަންދޫ ދާއިރާގެ މެންބަރު ޙަސަން މުފީދު ޢަބްދުލްޤާދިރު ވިދާޅުވެއްޖެއެވެ.
އަންގާރަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލަށް ބަހުސް ކުރަށްވަމުން މުފީދު ވިދާޅުވީ އެ ބިލަށް ފުރިހަމައަށް ތާއީދުކުރައްވާ ކަމަށާއި، ޓެކްސް ދެއްކުމުގައި ޢަމަލުކުރެވޭ އުޞޫލަކީ ތަންފީޒުކުރެވޭނެ އުޞޫލަކަށް ވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
މަޖިލީހުގައި ވާދަވެރި މެންބަރުން ދައްކަވާ ވާހަކަތަކަށް ރައްދުދެއްވަމުން މުފީދު ވިދާޅުވީ، ރާއްޖެއަށް މަލްޓި-ޕާޓީ ޑިމޮކްރަސީ ތަޢާރަފުވި ފަހުން އިދިކޮޅު ފަރާތްތަކުން ފަސް އަހަރުގެ ދެ ދައުރު ވެރިކަން ކޮށްފައިވާ ކަމަށެވެ. އަދި އަމިއްލަ ޒަޢާމަތުގައި ޤައުމަށް ލިބުނު ގެއްލުމާއި ދެރައިން އެ ބޭފުޅުންނަށް ރެކިވަޑައިނުގެންނެވޭނެ ކަމަށާއި، އެ ނަމުން ބަރީޢަ ނުވެވޭނެ ކަމަށް ވަރަށް ހަރުކަށި އިބާރާތުން އޭނާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަކީ ޤައުމުގެ ދަރަނި ކެނޑުމަށާއި، އާސަންދަ ފަދަ ނިޒާމުތައް އިޞްލާޙުކުރުމަށްޓަކައި ގެންނަންޖެހޭ ބަދަލުތައް ގެނައުން ކަމަށް މުފީދު ވިދާޅުވިއެވެ. އެގޮތުން މަސްވެރިކަމުގެ ސިނާޢަތުގައި އޮތް ބޮޑު ބެކްލޮގް ސާފުކޮށް ނިންމަމުން ދަނީ މި ސަރުކާރުން ކަމަށާއި، އާސަންދައިގެ ދަށުން ރައްޔިތުންނަށް ފަރުވާދީގެން ބޭރުގެ ޤައުމުތަކަށް ދައްކަން ހުރި ފައިސާ ދެއްކުމަށްޓަކައި ޓެކްސް ނިޒާމު ހަރުދަނާކުރުމަކީ މުހިންމު ފިޔަވަޅެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން، އިދިކޮޅު ފަރާތްތަކުން ކަނޑުފަޅުތަކާއި ގިރިފަޅުތަކުން ގޯތި ދޫކޮށްފައި އޮތް ނަމަވެސް، ރައްޔިތުންނަށް އޭގެއިން ނަފާވެރިކަން ލިބޭނެ ގޮތަކަށް އެކަންކަން ސަލާމަތުގެ އައްސޭރިއަކަށް ގެންގޮސްދެނީ މި ސަރުކާރުގެ ހަރުދަނާ ސިޔާސަތުގެ ތެރެއިން ކަމަށް މުފީދު ވިދާޅުވިއެވެ. އަދި މުޖުތަމަޢުގައި ފިތުނަފަސާދަ އުފެއްދުމަށް ކިތަންމެ ވަރަކަށް ވާހަކަ ދެއްކި ނަމަވެސް، ޤައުމުގެ ރައްޔިތުން މިހާރު ތިބީ ނިދާފައި ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މުފީދު އިތުރަށް ވިދާޅުވީ، އިދިކޮޅު މެންބަރުންނަށް ޕީއެސްއައިޕީގެ ޑޮމެސްޓިކް ބަޖެޓަށް ވޯޓު ނުދެވޭއިރު، ޤައުމަށް ފައިދާހުރި މިފަދަ ހަރުދަނާ ބިލްތަކަށް ވެސް ތާއީދު ނުކުރެވޭ ކަމަށެވެ. އެހެންކަމުން، އިދިކޮޅުގެ ވާހަކަތައް އަޑުއަހާނެ ރައްޔިތުން މިއަދު ނެތުމުން، ސަރުކާރުން ކުރިއަށްގެންދާ މި މަސައްކަތްތަކުގައި އެ ބޭފުޅުން ވެސް ބައިވެރިވެވަޑައިގެން ކުރިއަށް ވަޑައިގަތުން މާ ރަނގަޅުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!