އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށައެޅުމަށް މިއަދު ބާއްވާ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާ ކުރިއަށް ގެންދަން އުޅެނީ ގަވާއިދާ ޚިލާފަށްކަމަށް ވިދާޅުވެ މަޖިލީހުގައި ތިއްބަވާ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ މެންބަރުން އިހުތިޖާޖު ކުރަންފަށައިފިއެވެ.
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމަށްމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން، 49 މެންބަރުންގެ ސޮޔާއި އެކު އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހު މަޖިލީހަށް ހުށަހަޅާފައިވާއިރު، މި މައްސަލާގެ ނޯޓިސް ނަޝީދަށް ފޮނުވާފައި ވަނީ 12 އޮކްޓޯބަރު 2023 ގައެވެ. މަޖިލީހުގެ ގަވާއިދު ބުނާގޮތުން ނޯޓިސްގެ މުއްދަތު ހަމަވާ ތާރީހުން ފެށިގެން 14 ދުވަހުގެ މުއްދަތެއް ދިނުމަށްފަހު، އެންމެ އަވަހަށް އަންނަ ރަސްމީ ދުވަހެއްގައި ބާއްވާ ޖަލްސާއަކަށް އެ މައްސަލަ އެޖެންޑާ ކުރަން ޖެހޭނެއެވެ.
އެ މައްސަލަ އެޖެންޑާ ކުރުމަށްފަހު ދެން މަޖިލީހުގެ މަސައްކަތްތަށް ކުރެވޭނީ އެ މައްސަލައަށް ގޮތެއް ނިންމުމަށްފަހުގައި ކަމަށް މަޖިލީހުގެ ގަވާއިދުގައި ބުނެފައި ވެއެވެ.
ނަމަވެސް އެމައްސަލަ ކުރިއަށް ނުގެންގޮސް މިއަދު ވަނީ ދައުލަތު ބަޖެޓް ހުށަހަޅަން އެޖެންޑާކޮށް ޖަލްސާ އެއް ތާވަލުކޮށްފައެވެ. އެހެންކަމުން ޖަލްސާ ފަށަން 9:00 ގައި ރިޔާސަތުން ތައްޔާރުވުމާއެކު އެމްޑީޕީގެ މެންބަރުން ދަނީ ޖަލްސާ ގާނޫނާއި ޚިލާފް ކަމަށް ވިދާޅުވެ، ޖަލްސާ ކުރިއަށް ގެންދަން ހުރަސް އަޅުއްވައި އިހްތިޖާޖު ކުރައްވަމުންނެވެ.
Majlis gavaidhaa khilaafah kalsa eh nubeyhveyne! pic.twitter.com/59Hia6brUB
— (@Roxeyna) October 31, 2023
މިއަދުގެ ޖަލްސާގެ ރިޔާސަތުގައި ވިލިފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު އިންނެވިއިރު، އެމްޑީޕީގެ ބައެއް މެންބަރުން ދަނީ ރިޔާސަތުގެ ވަށައިގެންހެން އަޑުގަދަކުރައްވައި ޖަލްސާ އަށް ހުރަސް އަޅުއްވަމުންނެވެ.
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ކުރުމަށްފަހު އެ މައްސަލަ ނުނިންމައި މަޖިލީހުގެ އެހެން މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ބަންޑާރަ ނާއިބު ގާނޫނީ ލަފާދެއްވުމުން ބަޖެޓް ހުށަހަޅުއްވަން މާލީ ވަޒީރު އިބްރާހީމް އަމީރު މިއަދު ޖަލްސާ އަށް ވަޑައެއް ނުގަންނަވައެވެ.
ނަޝީދުގެ އިތުބާރުގެ މައްސަލަ އެޖެންޑާކުރި ދެ ޖަލްސާ ވެސް ވަނީ ކެންސަލްކޮށްފައެވެ. އެ ދެ ޖަލްސާވެސް ކެންސަލްކުރީ ޑެންގޫ އަށް ޕޮޒިޓިވްވެ، މަޖިލީހުގެ ނައިބު ރައީސް އީވާ އަބުދުﷲ މަޖިލީހަށް ސަލާމް ފޮނުއްވުމުންނެވެ. ނަމަވެސް ޑެންގޫ އަށް ޕޮޒިޓިވްވިފަހުން ވެސް ދެ ދުވަހު އީވާ މަޖިލީހަށް ވަޑައިގެންކަމަށް އެމްޑީޕީގެ މެންބަރުން ވިދާޅުވެއެވެ.
މަޖިލީހުގެ ޤަވާއިދުގެ 205 ވަނަ މާއްދާގެ (ބ)ގައި ބަޔާންކޮށްފައިވާގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރުގެ މައްސަލާގައި މަޖިލީހުގެ ރައީސް ވަކިކުރަން ޤަރާރެއް މަޖިލީހަށް ހުށަހަޅަންޖެހިފައިވާ ނުވަތަ ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާނީ މަޖިލީހުގެ ނައިބު ރައީސް ކަމަށް ބުނެފަވެއެވެ. ނަމަވެސް އެފަދަ ޖަލްސާއަކަށް ނައިބު ރައީސަށް ވެސް ހާޒިރު ނުވިވިއްޖެނަމަ ދެން ކަންކުރާނެގޮތެއް އެ ގަވާއިދުގައި ސާފުކޮށް ލިޔެފައެއް ނުވެއެވެ.
މަޖިލިސްގައި މި މައްސަލަ ކުރިއަށް ނުގެންދެވުމުން މަޖިލީހުގެ ނާއިބު ރައީސް ހާޒިރުނުވާ ހާލަތުގައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގައި ވާ ގޮތުގެ މަތީން މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނޭ މީހަކު ކަނޑައަޅައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ޖަލްސާ ކުރިއަށް ގެންދަންޖެހޭނޭ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައި ދިނުމަށް އެދި އެމްޑީޕީން ވަނީ އޮކްޓޯބަރު 29 ވަނަ ދުވަހު ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅާފައެވެ. އަދި ސުޕްރީމް ކޯޓުން ވަނީ 30 އޮކްޓޯބަރު (އިއްޔެ) އެ މައްސަލަ ބަލައިގެންފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!