ރާއްޖޭގެ ތަޢުލީމީ ނިޒާމަކީ ސިޔާސީކޮށްގެން ވާނެ ތަނެއް ނޫން ކަމަށާއި، ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުންނަކީ ސިޔާސީ ބޭފުޅުން ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ (ގަޕޯ) ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާގައި، ސަރުކާރުގެ ފަރާތުން ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް ހުށަހަޅުއްވާފައިވާ، ތަޢުލީމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސްގައި ވާހަކަދައްކަވަމުންނެވެ.

Ad
d

މެންބަރު ޢަބްދުލްޣަފޫރު ވިދާޅުވީ، ތަޢުލީމީ ނިޒާމު މިއަދު އޮތް މިންގަނޑަށް ބަލަންޖެހޭ ކަމަށާއި، މި ދެކެވެނީ ރާއްޖޭގެ ހުރިހާ ދަރިވަރުންގެ ވާހަކަ ކަމަށެވެ. އަދި ޤައުމުގައި ތިބި ބޮޑެތި މީހުންނެކޭ އެއްފަދައިން ކުޑަކުދިން ވެސް ތިބީ އެކި ތަފާތު ގިންތިތަކާއި، ތަފާތު ފެންވަރުގެ އިތުރުން އެކި ޢާއިލާތަކުގައި ކަމަށްވުމުން، މިފަދަ ބަދަލުތަކެއް ގެންނައިރު އެކަމަށް ރަނގަޅު ދިރާސާއެއް ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ރަނގަޅު ދަރިންތަކެއް އުފެއްދޭނީ ރަނގަޅު ޕްރިންސިޕަލުންނާއި ޓީޗަރުން އުފެދިގެންކަން ފާހަގަކުރައްވަމުން އޭނާ ވަނީ، މިއަދު ސްކޫލްތަކުން ނިމޭ މޮޅެތި ދަރިވަރުންނަށް ވަނީ ކިހިނެއްތޯ ސުވާލު އުފައްދަވާފައެވެ. އެގޮތުން ގްރޭޑް ދިހައެއް، އެގާރަ ނުވަތަ ބާރަ ނިންމައި ގަދަ ދިހައެއްގައި ހިމެނިގެން ނަތީޖާ ހޯދުމުން، އެ ކުދިންނަށް އެއްވެސް ކަމެއް ކޮށްދެވޭތޯ އޭނާ ސުވާލު ކުރެއްވިއެވެ.

މީގެއިތުރުން، ޤައުމެއް ބިނާކުރުމުގައި މޮޅެތި ތަޢުލީމީ ދަރިވަރުން އުފެދިގެން ނޫނީ އެ ޤައުމެއް ކުރިއަރައި ރަނގަޅު ގޮތުގައި ބިނާވެގެން ނުދާނެ ކަމަށް ޢަބްދުލްޣަފޫރު ވިދާޅުވިއެވެ. އަދި ތަޢުލީމީ ނިޒާމާ މެދު ވާހަކަދައްކާއިރު މިކަންކަމަށް ވިސްނަންޖެހޭނެ ކަމަށާއި، "އަޅުގަނޑުމެން ތަޢުލީމީ ނިޒާމު ސިޔާސީ ކޮށްގެން ނުވާނެ. ތަޢުލީމީ ބޭފުޅުންނަކީ ސިޔާސީ ބޭފުޅުންނެއް ނޫން،" ކަމަށް އޭނާ ވިދާޅުވިއެވެ.

Ad
df

ހަމައެއާއެކު، ޤައުމުގެ ފުދުންތެރިކަން ހުރި މިންވަރަކުން އެ ފަރާތްތަކަށް ދޭންޖެހޭ އިނާޔަތްތަކާއި އެހެނިހެން ކަންކަން ފަހިކޮށްދޭން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ތަޢުލީމުގެ ޤާނޫނަށް އިޞްލާޙު ގެނައުމަށް ހުށަހެޅިފައިވާ މި ބިލު އިތުރަށް ދިރާސާކުރުމަށް ފަހު އަލުން މަޖިލީހަށް ހުށަހެޅުމަށް ޢަބްދުލްޣަފޫރު ވަނީ ގޮވާލައްވާފައެވެ.