ސަރުކާރުން ކުރިއަށްގެންދާ ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ދަށުން، ކުޅުދުއްފުށި ސިޓީގައި ގަސް އިންދުމުގެ ޚާއްޞަ ހަރަކާތެއް މިއަދު ބާއްވައިފިއެވެ.

މި ހަރަކާތަކީ ކުޅުދުއްފުށި ސިޓީ ކައުންސިލާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ކުޅުދުއްފުށި ކެމްޕަސް އަދި މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާ ގުޅިގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.

Ad
d

ކުޅުދުއްފުށީގައި މިއަދު ކުރިއަށްދިޔަ މި ހަރަކާތުގައި އެ ސިޓީގެ ޑެޕިއުޓީ މޭޔަރުގެ އިތުރުން ސިޓީ ކައުންސިލަރުން ވެސް ވަނީ ބައިވެރިވެވަޑައިގެން، ޢަމަލީ ގޮތުން ގަސް އިންދެވުމުގެ މަސައްކަތުގައި ބައިވެރިވެވަޑައިގެންފައެވެ.

ސަރުކާރުން ކުރިއަށްގެންދާ ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެއްގެ ދަށުން، ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމުގެ މަޤްޞަދުގައި ފަށާފައިވާ އެންމެ ބޮޑު ޤައުމީ ޕްރޮގްރާމެވެ.

މުޅި ރާއްޖެއަށް އަމާޒުކޮށްގެން ހިންގާ މި މަޝްރޫޢު ރަސްމީކޮށް އިފްތިތާޙުކޮށްފައިވަނީ ތިމާވެށީގެ ދުވަހާ ގުޅުވައިގެން، 2024 ޖޫން މަހުގެ 5 ވަނަ ދުވަހުއެވެ. މި މަޝްރޫޢުގެ މައިގަނޑު އަމާޒަކީ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި މުޅި ރާއްޖޭގައި ޖުމްލަ ފަސް މިލިއަން ގަސް އިންދުމެވެ.

މި ޕްރޮގްރާމް ފެށުނު ފަހުން މިހާތަނަށް ބޮޑެތި ކުރިއެރުންތަކެއް ވަނީ ހޯދާފައެވެ. އެގޮތުން، މި މަޝްރޫޢުގެ ދަށުން މިހާތަނަށް މުޅި ރާއްޖޭގައި 2.4 މިލިއަނަށްވުރެ ގިނަ ގަސް ވަނީ އިންދާފައެވެ.

Ad
df

މި ބިޔަ ޤައުމީ ޕްރޮގްރާމްގެ ތެރެއިން ގަސް އިންދުމުގެ ހަރަކާތްތައް މުޅި ރާއްޖޭގައި ކުރިއަށްދާއިރު، ރަށްރަށުގެ ކައުންސިލްތަކާއި، ސްކޫލްތަކާއި، އަމިއްލަ އެކި ފަރާތްތަކުގެ އިތުރުން ރިސޯޓުތަކާއި އެކި މުއައްސަސާތަކުން ދަނީ މި މަސައްކަތުގައި ބައިވެރިވަމުންނެވެ.