ނަފްސާނީ ދުޅަހެޔޮކަމެއް ނެތި، ޙަޤީޤީ ދުޅަހެޔޮ މުޖުތަމަޢެއް ބިނާނުކުރެވޭނެކަން ފާހަގަކުރައްވައި، ޖިސްމާނީ ދުޅަހެޔޮކަމާ އެއްވަރަށް ނަފްސާނީ ދުޅަހެޔޮކަމަށްވެސް އަހަންމިއްޔަތުކަން ދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މިއަދު ގޮވާލައްވައިފިއެވެ.
އެކަމަނާ މިފަދައިން ގޮވާލެއްވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ފެށި "ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16ވަނަ ބައިނަލް އަޤްވާމީ ކޮންފަރެންސް" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ކޮންފަރެންސް ނޮވެމްބަރު 1 އިން 2 އަށް ކުރިއަށްދާއިރު، ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފަސްޓް ލޭޑީ ވިދާޅުވީ ނަފްސާނީ ދުޅަހެޔޮކަމަކީ ހަމައެކަނި ބޭސްފަރުވާއާ ގުޅިފައިވާ ކަމެއް ނޫން ކަމަށެވެ. އަދި އެއީ އިންސާނީ ކަރާމާތާއި، މީސްތަކުންގެ މެދުގައި އޮންނަ ގުޅުމާއި، އަދުގެ ޖީލާއި އަންނަން އޮތް ޖީލުތަކަށްޓަކައި މުޖުތަމަޢަކުން ބިނާކުރަން އެދޭ ދިރިއުޅުމުގެ ފެންވަރާ ސީދާ ގުޅިފައިވާ މުހިންމު ކަމެއްގެ ގޮތުގައި އެކަމަނާ ސިފަކުރެއްވިއެވެ.
މި ސަރަޙައްދުގައި ނަފްސާނީ ދުޅަހެޔޮކަމަށް ހުރި ގޮންޖެހުންތަކުގެ އަސަރު ހުރިހާ ޢުމުރެއްގެ އަދި ހުރިހާ ފަންތިއެއްގެ މީހުންނަށް ކުރަމުންދާކަން ފާހަގަކުރައްވައި، އެކަމަނާ ވިދާޅުވީ ގިނަ ބަޔަކަށް ދިމާވާ އެންމެ ބޮޑު މައްސަލައަކީ ހަމައެކަނި އެ ބަލިޙާލަތު ނޫން ކަމަށެވެ. އެގޮތުން، އެ ކަމާ ގުޅިގެން އޮންނަ ހިމޭންކަމާއި، އަނެކުންގެ ފާޑުކިޔުންތަކަށް ބިރުން އެހީތެރިކަން ހޯދަން ފަސްޖެހޭ މައްސަލަ ބޮޑުކަން ފާހަގަކުރެއްވިއެވެ. އެހެންކަމުން، އެހީތެރިކަން ހޯދުމަކީ ނިކަމެތިކަމެއްގެ ގޮތުގައި ދުށުމުގެ ބަދަލުގައި އެއީ ހިތްވަރުގަދަކަމެއްގެ ގޮތުގައި ބަލައިގަނެ، ތަފާތުކުރުމާއި ބާކީކުރުން ދޫކޮށް އޯގާތެރިކަމާއި އެކަކު އަނެކަކަށް ވިސްނައިދިނުން އިސްކުރާ މުޖުތަމަޢެއް ބިނާކުރުމަށް އެކަމަނާ އިލްތިމާސްކުރެއްވިއެވެ.
މައެއްގެ ޙައިސިއްޔަތުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ކުދިންނާއި ޒުވާނުންގެ ނަފްސާނީ އަދި ޖަޒުބާތީ ދުޅަހެޔޮކަމާމެދު އޮތް ކަންބޮޑުވުން އެކަމަނާ ވަނީ ހިއްސާކުރައްވާފައެވެ. ތަޢުލީމީ ގޮތުން ކުރިމަތިވާ ޕްރެޝަރުތަކާއި، މުޖުތަމަޢުގެ އުންމީދުތަކާއި، ޢާއިލީ ދަތިތަކުގެ އިތުރުން އިންޓަނެޓުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކަކީ ޅަ ސިކުނޑިތަކަށް އޮތް ބުރައެއްކަން ފާހަގަކުރައްވަމުން، ނަފްސާނީ ނުތަނަވަސްކަމުގެ ޢަލާމާތްތައް ދެނެގަނެ، ފާޑުކިޔުމެއް ނެތި އަޑުއަހައި، އަޅާލުމާއެކު އިޖާބަދިނުމުގެ މުހިންމުކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި ޒުވާނުންގެ ކިބައިގައި ނަފްސާނީ ހިތްވަރާއި ކެތްތެރިކަން އަށަގެންނެވުމުގެ ޒިންމާ ޢާއިލީ މާޙައުލުން ފެށިގެން ސްކޫލްތަކަށާއި މުޅި މުޖުތަމަޢަށް ފުޅާވެގެންދާ ކަމަށްވެސް ވިދާޅުވިއެވެ.
ރާއްޖޭގައި ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން، ޤައުމީ ޞިއްޙީ އެޖެންޑާގެ ތެރެއިން ސަރުކާރުން މި ދާއިރާއަށް ޚާއްޞަ ސަމާލުކަމެއް ދީފައިވާކަން ފަސްޓް ލޭޑީ ފާހަގަކުރެއްވިއެވެ. އެގޮތުން ނަފްސާނީ ބަލިތަކާމެދު އޮންނަ ނޭދެވޭ ތަޞައްވުރު ކުޑަކުރުމަށާއި، ކުރީކޮޅުގައި އެހީ ހޯދުމަށް ބާރުއެޅުމަށާއި، ރިފަރަލް ނިޒާމުތައް ހަރުދަނާކޮށް އަސާސީ ޞިއްޙީ ޚިދުމަތުގެ ތެރޭގައި ނަފްސާނީ ޞިއްޙަތު ހިމެނުމަށް އެކުލަވާލާފައިވާ 'ނޭޝަނަލް މެންޓަލް ހެލްތު ސްޓްރެޓީޖިކް އެކްޝަން ޕްލޭން 2025 އިން 2029' ގެ އިތުރުން، ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓާއި 24 ގަޑިއިރު ޚިދުމަތްދޭ ނަފްސާނީ އެހީގެ ހެލްޕްލައިންގެ ދައުރު އެކަމަނާ ފާހަގަކުރެއްވިއެވެ. ހަމައެއާއެކު، އެއްވެސް މީހަކު ދިރިއުޅޭ ތަނެއްގެ ސަބަބުން ވަގުތުން ލިބެންޖެހޭ އެހީތެރިކަމުން މަޙްރޫމުވެގެން ނުވާނެ ކަމަށާއި، މި ދާއިރާގެ ކުރިއެރުން ވަޒަންކުރަންވާނީ ރަނގަޅުކުރެވޭ ދިރިއުޅުންތަކާއި އާކޮށްދެވޭ އުންމީދުތަކުން ކަމަށް ވިދާޅުވިއެވެ.
މި ދާއިރާގައި މަސައްކަތްކުރައްވާ ސައިކޭޓްރިސްޓުންނާއި، ސައިކޮލޮޖިސްޓުންނާއި، ކައުންސިލަރުންނާއި، ނަރުހުންނާއި، ސޯޝަލް ވޯކަރުން އަދި ޞިއްޙީ އެހެނިހެން ޚިދުމަތްތެރިން ކުރައްވާ ބުރަ މަސައްކަތް ފާހަގަކުރައްވައި އެކަމަނާ ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ޤައުމީ ފެންވަރުގައި ޤާބިލުކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ތައުރީފު ކުރައްވަމުން، ކުޑަކުދިންނާއި ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭގޮތުން އިތުރު ދިރާސާތައް ކުރުމަށްވެސް ގޮވާލެއްވިއެވެ. ވާހަކަފުޅު ނިންމަވާލައްވަމުން އެކަމަނާ ފާހަގަކުރެއްވީ، ނަފްސާނީ ދުޅަހެޔޮކަމުގެ ގޮންޖެހުންތަކަކީ ވަކި ޤައުމެއްގެ ސަރަޙައްދީ އިމަކަށް ބަލާ ކަމެއް ނޫން ކަމަށާއި، މި ކޮންފަރެންސަކީ ފަންނީ ގުޅުންތަކާއި ދިރާސާތަކުގެ ތެރެއިން މީސްތަކުންގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެނެސްދޭނެ ކަމެއް ކަމަށް އުންމީދު ކުރައްވާ ކަމުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!