ޖަރުމަނު ލީގުގައި ހޮނިހިރު ދުވަހު ބޮރޫޝިއާ ޑޯޓްމަންޑާ ދެކޮޅަށް ކުޅުނު "ކްލެސިކާ" މެޗުގައި ބަޔާން މިއުނިކްގެ މުހިންމު ތިން ކުޅުންތެރިން ކަމަށްވާ އިސްމާއީލް ސައިބާރީ، ސާޖް ގްނަބްރީ އަދި ބެލަންޑިއޯ ނޮމިނީ މައިކަލް އޮލީސޭ އަށް އަނިޔާވެ ދަނޑުން ބާލަން ޖެހުމާ އެކު އެ ކްލަބަށް އަނިޔާގެ ބޮޑެތި ކަންބޮޑުވުންތަކަކާ ކުރިމަތިލާން ޖެހިއްޖެއެވެ.
މި މެޗުގައި މިޑްފީލްޑަރު ސައިބާރީގެ ފަޔަށް ލިބުނު އަނިޔާއަކީ ސީރިއަސް އަނިޔާއެއް ކަމަށް ބެލެވޭ ކަމަށް ބަޔާންގެ އެސިސްޓެންޓް ކޯޗު އާރޮން ޑޭންކްސް ވަނީ ބުނެފައެވެ. ނަމަވެސް، އަނިޔާގެ ހަގީގީ ހާލަތު ދެނެގަތުމަށް އަދި ވަގުތު ބޭނުންވާ ކަމަށް އޭނާ ފާހަގަކުރިއެވެ.
މެޗަށްފަހު ވާހަކަދައްކަމުން ޑޭންކްސް ބުނީ، "އަނިޔާގެ ސީރިއަސްމިން ދެނެގަންނަން އަދި މާ އަވަސް. އެކަމަކު ސައިބާރީގެ ކުޑަހުޅަށް ސީރިއަސް އަނިޔާއެއް ވެފައިވާ ކަމަށް ބެލެވެނީ،" ކަމަށެވެ. އަދި "ސާޖް ގްނަބްރީއަށް މަސްގަނޑުގެ މައްސަލައެއް ދިމާވި ކަމަށް ފެންނަނީ. އެކަމަކު އިތުރު މައުލޫމާތެއް ލިބޭތޯ އަދި މި އިންތިޒާރުކުރަނީ. މައިކަލް އޮލީސޭއާ މެދު ވެސް އަދި ޔަގީނެއް ނޫން، އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް އަދި ނުލިބޭ،" ކަމަށް ވެސް އޭނާ ބުންޏެވެ.
ސައިބާރީގެ ކަނާތު ފަޔަށް އަނިޔާވީ ޑޯޓްމަންޑްގެ ގޯލްކީޕަރު ގްރެގޯ ކޯބެލްއާ އެކަނި ކުރިމަތިލައި ފޮނުވާލި ހަމަލާއެއް ކޯބެލް ދިފާއުކުރުމުން، ދެވަނަ ފަހަރަށް ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި ކީޕަރާ ޖެހިގެންނެވެ. ބަޔާންގެ މެޑިކަލް ޓީމުން އޭނާގެ ކުޑަހުޅު ބެލި ވަގުތު ސައިބާރީ އޮތީ ތަދުން ކުކުރަމުން ކަކުލުގައި އަތްއަޅައިގެންނެވެ. މެޑިކަލް ޓީމުގެ ދެ މެމްބަރެއްގެ އެހީތެރިކަމާ އެކު އޭނާ ދަނޑުން ބޭލިއިރު، ވޯލްޑް ކަޕުގައި މޮރޮކޯ ޓީމުން މޮޅު ކުޅުމެއް ދެއްކި މި ކުޅުންތެރިޔާ ބަޔާނާ ގުޅުނީ އެ މުބާރާތުގެ ތެރޭގައި ޕީއެސްވީ އެއިންދޯވަން އިން ގާތްގަނޑަކަށް 63 މިލިއަން ޑޮލަރުގެ އަގަކަށެވެ.
ސައިބާރީގެ ބަދަލުގައި ނަތަނިއަލް ބްރައުން ކުޅެން އެރިތާ ދެ މިނެޓު ފަހުން ގްނަބްރީ ވެސް ވަނީ އަނިޔާވެގެން ބާލަން ޖެހިފައެވެ. ބޮޑެތި އުނދަގޫތަކަކާ އެކު ދަނޑުމަތީ އިށީނުމަށްފަހު ގްނަބްރީ ދަނޑުން ފޭބީ އެހެން މީހެއްގެ އެހީއަކާ ނުލައެވެ. އޭނާގެ ބަދަލުގައި ކުޅެން އެރީ ޖޮސިޕް ސްޓެނިސިޗް އެވެ. މީގެއިތުރުން، ފޯވާޑް އޮލީސޭ ވެސް ވަނީ މެޗުގެ ފަހުކޮޅު ބޯޅަ ނެތް ވަގުތެއްގައި މޫނުމަތީގައި އަތްއަޅައިގެން ދަނޑުމަތީގައި އޮށޯވެ، ބަދަލުކުރުމަށް އެދި އިޝާރާތް ކޮށްފައެވެ. އޭނާ ވެސް ދަނޑުން ފައިބައިގެން ދިޔައީ އުނދަގޫތަކެއް ހުރިކަން ދައްކަމުންނެވެ.
މި މެޗުގައި ބަޔާން މިއުނިކްގެ ޓީމަށް އިރުޝާދު ދޭން އެ ޓީމުގެ ހެޑް ކޯޗު ވިންސެންޓް ކޮމްޕެނީ ހާޒިރުވެފައެއް ނުވެއެވެ. އޭނާ ހާޒިރުނުވީ އިންފެކްޝަނަކަށް ފަރުވާ ހޯދުމަށް ފަހު މި ހަފުތާގެ ތެރޭގައި ހޮސްޕިޓަލުން ދޫކޮށްލާފައި ވާތީއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!