ދައުލަތުން މިހާރު ހަވާލުކޮށްފައިވާ އަދި ހިނގަމުންދާ މަޝްރޫޢުތަކުގެ 70 އިންސައްތަ މަސައްކަތް ނިންމުމުގެ އަމާޒާ އެކު، އަންނަ އަހަރަށް ލަފާކުރާ 59.7 ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މި ބަޖެޓު މަޖިލީހުގެ ޖަލްސާއަށް ހުށަހަޅުއްވައިދެއްވީ މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު ޙަސަން ޒަރީރެވެ.

Ad
d

އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހެޅީ މުޅި ޖުމްލަ 59,704,440,795 (ފަންސާސް ނުވަ ބިލިޔަން، ހަތްސަތޭކަ ހަތަރު މިލިޔަން، ހަތަރުލައްކަ ސާޅީސްހާސް ހަތްސަތޭކަ ނުވަދިހަ ފަސް) ރުފިޔާގެ ބަޖެޓެކެވެ. މިއީ މިއަހަރަށް މަޖިލީހުން ފާސްކުރި 64.2 ބިލިއަން ރުފިޔާގެ ބަޖެޓާ އަޅާބަލާއިރު 4.5 ބިލިއަން ރުފިޔާ ދަށް އަދަދެކެވެ.

މި ބަޖެޓުގެ ޚަރަދުތަކުގެ ތަފްސީލަށް ބަލާއިރު، ޖުމްލަ ޚަރަދުގެ ގޮތުގައި ހިނގާނެ ކަމަށް ލަފާކޮށްފައިވަނީ 52.6 ބިލިއަން ރުފިޔާއެވެ. އޭގެ ތެރެއިން އެންމެ ބޮޑު ބައެއް ކަމަށްވާ 42.7 ބިލިއަން ރުފިޔާ ހިމެނެނީ ހިންގުމުގެ ޚަރަދު ނުވަތަ ރިކަރަންޓް ޚަރަދުގެ ގޮތުގައެވެ. މީގެއިތުރުން ދައުލަތުގެ ތަރައްޤީގެ މަޝްރޫޢުތައް ހިމެނޭ ކެޕިޓަލް ޚަރަދަށް 9.9 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، ޕީއެސްއައިޕީ މަޝްރޫޢުތަކަށް ވަނީ 8.2 ބިލިއަން ރުފިޔާ ހިމަނާފައެވެ.

އަންނަ އަހަރުގެ ބަޖެޓު މަޖިލީހަށް ހުށަހަޅުއްވަމުން މާލީ ވަޒީރު ޙަސަން ޒަރީރު ވިދާޅުވީ، މިއީ 2040 ވަނަ އަހަރާ ހަމައަށް ދިވެހިރާއްޖެ ތަރައްޤީވެފައިވާ ޤައުމެއްގެ ދަރަޖައަށް ވާސިލުވުމަށް އެޅޭ ބިންގަލެއް ކަމަށެވެ. އަދި މިއީ އިޤްތިޞާދީ ހަމަޖެހުމާއި، ދައުލަތުގެ މާލީ އަދި ދަރަނީގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމުގެ އިތުރުން ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނެސްދޭނެ އިންވެސްޓްމަންޓްތަކަށް އިސްކަންދީގެން ޤައުމީ ތަޞައްވުރު ހަޤީޤަތަކަށް ހެދުމަށް އެކުލަވައިލި ބަޖެޓެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"މި އަމާޒަށް ވާޞިލުވުމަށްޓަކައި ދެމެހެއްޓެނިވި މަސައްކަތްތަކެއްކޮށް، ވަށާޖެހޭ ނިންމުންތަކެއް ކޮންމެހެން ބޭނުންތެރި. މި ބަޖެޓުގައި ހިމަނާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދީ ބިންގާ ވަރުގަދަވެ، އާންމު ޚިދުމަތްތައް ފުޅާވެ، ރާއްޖޭގެ ހުރިހާ ރަށެއްގައި ދިރިއުޅޭ ރައްޔިތުންނަށް ފުރުޞަތުތައް އިތުރުވެގެންދާނެ. މިއަދު އަޅުގަނޑުމެން ހޯދާ ކުރިއެރުމަކީ، އަންނަން އޮތް ޖީލުތަކަށް ފާގަތި އަދި ވިލުންވެރި ރާއްޖެއެއް ބިނާކުރުމަށް މަގުފަހިކޮށްދޭނެ ކަންކަމަށް ވާންޖެހޭ." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، އަންނަ އަހަރަށް ހުށަހެޅި ބަޖެޓުގެ މައިގަނޑު އަމާޒަކީ މިހާރު އެކި ފަރާތްތަކާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުތަކުގެ 70 ޕަސެންޓް މަސައްކަތް ނިންމައި، އޭގެ ފައިދާ ރައްޔިތުންނަށް ހޯދައިދިނުން ކަމަށެވެ. އަދި އަންނަ އަހަރު ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމުގެ ގޮތުން އެއްވެސް ޓެކުހެއް ބޮޑު ނުކުރުމަށް ނިންމާފައިވާ ކަމަށާއި، އޭގެ ބަދަލުގައި ސަރުކާރުގެ އަމާޒަކީ ޓެކްސްގެ ނިޒާމު އިތުރަށް ހަރުދަނާކޮށްގެން މަސައްކަތް ކުރުން ކަމަށްވެސް ވިދާޅުވިއެވެ.

މި ފަހަރުގެ ބަޖެޓު މައިގަނޑު 10 ދާއިރާއަކަށް ބަހާލާފައިވާއިރު، އޭގެ ތެރޭގައި ޞިއްޙީ ދާއިރާއާއި، އިޤްތިޞާދާއި ސިނާޢީ ދާއިރާގެ އިތުރުން ދަރަނީގެ ގޮތުގައި ކުރެވޭ ޚަރަދުގެ ދާއިރާ ހިމެނެއެވެ. މީގެ އިތުރުން ދިފާޢީ އަދި ޢަދުލު އިންސާފުގެ ދާއިރާއާއި، ތަޢުލީމީ ދާއިރާއާއި، އާންމު ޚިދުމަތްތަކުގެ ދާއިރާއާއި، އިޖުތިމާޢީ ރައްކާތެރިކަމުގެ ދާއިރާގެ އިތުރުން ގެދޮރާއި ޖަމާޢަތުގެ ފައިދާގެ ދާއިރާ އަދި އެހެނިހެން ދާއިރާތައް ބަޖެޓުގައި ވަނީ ހިމަނާފައެވެ. މި ދާއިރާތަކުގެ ތެރެއިން އެންމެ ބޮޑު ބަޖެޓެއް ކަނޑައަޅާފައިވަނީ ޞިއްޙީ ދާއިރާއަށް ކަމަށްވާއިރު، އެ ދާއިރާއަށް 10.6 ބިލިއަން ރުފިޔާ ވަނީ ޚާއްޞަކޮށްފައެވެ.

Ad
df

ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީގެ ތަފްސީލުތަކަށް ބަލާއިރު، 2027 ވަނަ އަހަރު އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 43.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަޖެޓުގައި ވަނީ އަންދާޒާކޮށްފައެވެ. މިއީ 2026 ވަނަ އަހަރާ އަޅާބަލާއިރު 1.4 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ. ހަމައެއާއެކު މެދުރާސްތާގައި ދައުލަތުގެ އާމްދަނީ އިތުރުވަމުންދާނެ ކަމަށް ލަފާކޮށްފައިވާއިރު، 2028 ވަނަ އަހަރު 46.6 ބިލިއަން ރުފިޔާ އަދި 2029 ވަނަ އަހަރު 49.7 ބިލިއަން ރުފިޔާ ދައުލަތަށް ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.