މިފަހަރު މިއޮތީ ތީގެ ތެރެއިން ބައެއް ކުދިންނާ ވަރަށް ގުޅުން ހުރި ކެއުމުގެ ބާވަތެކެވެ. އަޅުގަނޑުމެންގެ ދިވެހިންގެ އިހުގެ އާދަކާދަ ތަކުގެ ތެރޭގައި ކަނދި ދުވަހެއް ފާހަގަކޮށް، އެ ދުވަހު ކުދިން ކަންޖާ އަޅާ ކިރުން އޮވެއެވެ.

މިދެންނެވި އާދަކާދަ ގުޅިފައިވަނީ މާ ކުރީ ޒަމާނަކާއި ނޫނެވެ. މީގެ ފަންސަވީހަކަށް އަހަރު ކުރިއާއިއެވެ. އެހެން ކަމުން ކަންޖާ އަޅާ ކިރުން ހަނދާންވާ ކުދިން ތީގެ ތެރޭގައި ތިބޭނެ ކަމާއިމެދު ޝައްކެތް ނެތެވެ. އެ ދުވަސް ފާހަގަ ކުރިކަމާއި، އެ ދުވަސް ފާހަގަކޮށް އުޅުނުގޮތް ހަނދާން އައުކޮށްލުމަކީ އެކަންކަން ކުރިން ނޭނގޭ ކުދިންނަށް ވެސް ޝައުގުވެރި ކަމަކަށް ވާނެއެވެ.

Ad
rt

ރާއްޖޭގެ އެކި ހިސާބުގައި، އެކި ރަށްރަށުގައި އެ ދުވަސް ފާހަގަ ކުރިގޮތް ތަފާތުވުމަކީ އެކި ރަށްރަށާއި، އެކި ސަރަހައްދުތަކުން ފެންނަ އަމިއްލަވަންތަ ބައެއް ގޮތްތަކާއި އަޅާބަލާއިރު ދެބަސްވުން އުފެދެން ޖާގަ އޮތް ކަމެއް ނޫނެވެ.

ކަނދި ކައްކާ ގޮތް ކިޔައި ދިނުމުގެ ކުރިން ކަނދީގެ ރަންޒަމާނުގެ ވާހަކައިން ތަންކޮޅެއް ތިލަ ކޮށްލާފައި ކުރިއަށް ޖެހިލާ ހިތްވާތީ އެ ފުރުޞަތުގެ ބޭނުން ހިފައިލާނަމެވެ.

އެގޮތުން މިތާގައި މި ހިމަނާލަނީ އުތުރުގެ ހދ. ފިނޭގައި އޭރު ކަނދި ދުވަސް ފާހަގަ ކުރި ގޮތުން ތަންކޮޅެކެވެ. ކަނދި ދުވަހަކީ ކޮންމެ ހިޖުރީ އަހަރެއްގެ މުޙައްރަމް މަހުގެ 10 ވަނަ ދުވަހެވެ. އެދުވަހާއި ގުޅުވައިގެން އޭރުގައި އޮންނަ އާދަކާދަ ތަކުގެ ތެރޭގައި އެ އަހަރުގެ މުޙައްރަމް މަހުގެ 10 ވަނަ ދުވަހުގެ ކުރިން އުފަންވި ކުދިން ކަންޖާ އަޅާ ކިރުން މިދެންނެވި ކަނދި ދުވަހު އޮވެއެވެ.

ކަނދި ދުވަހު ކަންޖާ އަޅާ ކިރާ ކުދިން ތިބި ގޭގޭގައި މުޙައްރަމު މަހުގެ 9 ވަނަ ދުވަހު މެންދުރަށް ރަނގަޅު ކެއުމެއް ތައްޔާރު ކުރެއެވެ. ބަތާއި، ކުކުޅު ރިހައާއި، މަސްރިހައާއި، މަސްބޮނޑި ފަދަ ބާވަތްތައް އެދު ވަހު މެންދުރަށް އެ ގޭތަކުގައި ކަށްކައި، މެންދުރު ނަމާދުން ފައިބައިގެން ސަލަވާތް ފާތިހާ ކިޔެވުމަށްފަހު މެންދުރު ކެއުމަށް އިންސާފުކުރުން އެ ދުވަހު އޮވެއެވެ. ކަނދި ދުވަހު ކަންޖާ ކިރާ ކުދިން ނެތް ގޭގޭގައި ކަނދި ކައްކާނީ އެދުވަހުއެވެ.

ކަނދި ދުވަހު ކަނދި ކަށްކާނީ ކަންޖާ އަޅާ ކިރާ ކުދިން ތިބި ގޭގޭ ގައެވެ. އެ ދުވަހު ކަންޖާ އަޅާ ކިރާ ކުދިން ނެތް ގޭގޭގައި ކުރީ ދުވަހު ކަންޖާ އަޅާ ކިރާ ކުދިން ތިބި ގޭގޭގައި ތައްޔާރުކުރި ފަދަ ކެއުމަށް ތައްޔާރު ކުރާނެއެވެ. ކަނދި ދުވަހު ކުދިން ކަންޖާ އަޅާ ކިރުން އޮންނާނީ މެންދުރު ނަމާދުން ފައިބައިގެން ސަލަވާތް ފާތިހާ ކިޔެވުމަށް ފަހުއެވެ.

އެ ދުވަހު ދެން އޮންނާނީ ކުއްޖާގެ ބަރުދަނަށް ކަނދި ބޭނުން ކޮށްގެން ކުދިން ކިރުމެވެ. ކަންޖާ އަޅާ ކިރުން ކިޔާއުޅެނީ މިގޮތަށް ކުދިން ކިރާ ކިރުމަށެވެ. ކުދިން ކަންޖާ އަޅާ ކިރާ ގޮތަކީ ރުކުން ރާ ބާލަން ރާ ބަދިތައް އުފުލަން ގެންގުޅޭ ރާ ދަނޑިގަނޑުގެ އެއް ކޮޅުގައި ކަނދި ތެލި އެލުވައެވެ. އަނެއް ކޮޅުގައި މުންޑެއް އައްސާފައި ކުއްޖާ އެ މުންޑުގެ ތެރެއަށް ލައެވެ. އެއަށްފަހު ކުއްޖާގެ ބަރުދާނާއި، ކަނދި ތެލީގެ ބަރުދަން ހަމަހަމަ ވަންދެން ކަނދި އަޅައެވެ.

ކުދިން ކަންޖާ އަޅާ ކިރުމަށްފަހު، ކަނދި ބުއިން އޮވެއެވެ. އަވަށްޓެރި ގޭ ތަކަށް ކަނދި ބެހުމާއި، އަވަށްޓެރިންނާއި، ރަށުގެ ގޭގެއިން މީހުން ކުދިން ކަންޖާ އަޅާ ކިރި ގޭގެއަށް ގޮސް ކަނދި ބޮއި އުޅެއެވެ. އެދުވަހު ކަންޖާއިއެކު ކެއުމަށް ހަނާކުރި މަހާއި، ކަންނެތް ދެލޮނާއި، ވަޅޯ މަސް ފަދަ ބާވަތްތައް ވެސް އަނގަ މީރުކޮށްލަން ތައްޔާރު ކޮށްފައި ހުރެއެވެ.

ކުދިން ކަންޖާ ކިރާ ދުވަހު ކަންޖާ ކިރުމަށް ރާ ދަނޑި ގަނޑު ނޫނަސް ވަރުހުރި އެހެން ކަހަލަ ދަނޑި ވެސް ބައެއް ރަށްރަށުގައި ބޭނުން ކުރެއެވެ. އަދި ކުދިން އެލުވުމަށް މުންޑު ނޫންނަސް ފޮތި ގަނޑެއް ބޭނުންކޮށް ވެސް އުޅެއެވެ. އަދި މިގޮތަށް ކުދިން ކިރުމަށް ހަމައެކަނި ކިރުމޭ ވެސް ކިޔާ ރަށްރަށް ހުރެއެވެ. ކުރިން ބުނެވުނު ފަދައިން އެ ސަރަޙައްދެއްގައި، އެ ރަށެއްގައި އޮންނަ އަމިއްލަ ވަންތަގޮތް މިކަމުގައި ވެސް އޮވެއެވެ. މިފަހަރު ކަންޖާ އަޅާ ކިރުން މިކިޔައިދިނީ ފިނޭ މީހުންގެ އެ ދުވަހުގެ ހަނދާނުގެ ތެރެއިންނެވެ. މިހިސާބަށް މިވާހަކަ ކުރު ކޮށްލާނަމެވެ.

އެނގިވަޑައި ގަންނަވާނެ ފަދައިން އަޅުގަނޑުމެން ކޮންމެ ހަފްތާއަކު ވެސް ކެއުމުގެ ބާވަތެއް ތައްޔާރު ކުރާނެގޮތް ގެނެސް ދެވޭތޯ މަސައްކަތް ކުރަމުން ދާއިރު، މި ގެނެސްދެނީ ހދ. ފިނޭއަށް ނިސްބަތްވާ ކަނބަލެއް ކަމަށްވާ ވަރުދާ އަޙްމަދު ކެއުމުގެ ބާވަތްތައް ތައްޔާރު ކުރާއިރު ގެންގުޅޭ ރަހަތަކާއިއެކު އެބާވަތްތައް ތައްޔާރު ކުރާގޮތް ވަރުދާގެ ކިޔައިދޭ ގޮތަށެވެ.

ވަރުދާގެ ކެއްކުމުގެ ރަހަތަކަށް ކިޔުންތެރިންގެ ފަރާތުން ލިބެމުން އަންނަ ތަރުހީބާއިއެކު މި ހަފްތާގައި ވަރުދާ ގޭގެ ސުފުރާމަތިން ކިޔުން ތެރިންނަށް މި ހަދިޔާ ކުރަނީ ކަނދި ކައްކާނެ ގޮތެވެ.

ކަނދި ކައްކަން ބޭނުންވާ ތަކެތި

  • 4 ވައް މާޅޮސްކެޔޮ
  • 1 ޖޯޑު ހަނޑުލުފުށް ( ހިމުންކޮށް މުގުރާފައި )
  • 1 ޖޯޑު ބައި ހަކުރު
  • 1 ކާށީގެ ކިރު ( ބޯކިރު އަދި ފެން ކިރު ވަކިން ނަގާފައި )
  • 1 ޖޯޑު މާފެން
  • 7 ރާނބާ ފަތްކޮޅު

ތައްޔާރުކުރާނެ ގޮތް

އެންމެ ފުރަތަމަ ކެޔޮކޮޅު ތޮއްޓާއެކު ފެނު ކައްކާލުމަށްފަހު، މަޑުވުމުން ނަގާ ތޮށި ފިލުވާލާށެވެ. އެއަށްފަހު، ކޮންމެ ކެޔޮވަކެއް ހަތަރު ބަޔަށް ފޮތި ކޮށްލުމަށްފަހު، އޭގައިވާ ކަޅުބައި ނަގާ، ގޮޅިގޮތަށް ކުދިކޮށް ކޮށައިލާށެވެ. ދެން ތެއްޔަށް ހަނޑުލުފުށްކޮޅާއެކު، ފެންކިރާއި މާފެން އަދި ރާނބާފަތް އަޅާ ކައްކާށެވެ.

ފުށްކޮޅު ގަނޑުވިޔަނުދީ ދޭފަތުން ރަނގަޅަށް ހަލަމުން ގެންދާށެވެ. ހަނޑުލުފުށްކޮޅު ރޯފިލަން ފެށުމުން ކޮށާފައި ހުރި ކެޔޮކޮޅު އަޅާ ރޯފިލަންދެން ކަށްކާށެވެ. އެއަށްފަހު ހަކުރު އަޅާ ކުޑަ އިރުކޮޅަކު ކައްކާލުމަށްފަހު ބޯކިރު އަޅާށެވެ. ކިރުކޮޅު ރޯފިލުމުން އެހުރީ ކަނދި ކެކިފައެވެ.

މާޅޮސް ކޭލުގައި ނޫނަސް ކަނދި ކައްކާ އުޅެއެވެ. އޭގެ ތެރޭގައި ފުފުލާއި އަދި ދަނޑި އަލުވި ހިމެނެއެވެ.

ވަރުދާގެ މިހަފްތާގެ ރެސިޕީވެސް ތަފާތުވާނެ އެވެ. ކޮންމެހެން ވެސް އަޖުމަ ބަލައިލަން ވާނެއެވެ. މި ސިލްސިލާގެ ދަށުން މީގެ ކުރިންވެސް ވަނީ "ބަނބުކޭލު ކަނޑު ކުކުޅު"، "ކޭލު ފޯ"، "ކަންނެތް ދެލޮނު"، "ބަށި މުސައްމާ"، "މުގުރު ބޮނޑި"، "މަސް ބޮނޑި"، "މުރަނގަފަތު ސުންޑަލި"، "ރަސްމީ ރިހަ" އަދި "ބަނބުކެޔޮ ބޮނޑިބަތް" ތައްޔާރު ކުރާނެ ގޮތް ގެނެސް ދީފައެވެ.