ކުރީ ހަފްތާގައި ގެނެސްދިން " މުރަނގަފަތު ސުންޑަލި" ގެ އަޖުމަ ތިޔައިގެ ތެރެއިން ބައެއް ބޭފުޅުން ބައްލަވައިފި ކަމާއިމެދު ޝައްކެތް ނެތެވެ. މިހަފުތާގައި ވެސް މިއޮތީ ވަކިން ދޫކުރާނެ ބާވަތެއް ނޫނެވެ. މިފަހަރު މި ދިމާވީ "ރަސްމީ ރިހަ" އާއިއެވެ.
މި ރިހައަށް "ރަސްމީ ރިހަ" ކިޔުނު ގޮތްވެސް ބުނެ ދޭނަމެވެ. އެނގިވަޑައި ގަންނަވާނެ ފަދައިން އަޅުގަނޑުމެން ކޮންމެ ހަފްތާއަކު ވެސް ކެއުމުގެ ބާވަތެއް ތައްޔާރު ކުރާނެގޮތް ގެނެސް ދެވޭތޯ މަސައްކަތް ކުރަމުން ދާއިރު، މި ގެނެސްދެނީ ހދ. ފިނޭއަށް ނިސްބަތްވާ ކަނބަލެއް ކަމަށްވާ ވަރުދާ އަޙްމަދު ކެއުމުގެ ބާވަތްތައް ތައްޔާރު ކުރާއިރު ގެންގުޅޭ ރަހަތަކާއިއެކު އެބާވަތްތައް ތައްޔާރު ކުރާގޮތް ވަރުދާގެ ކިޔައިދޭ ގޮތަށެވެ.
"ރަސްމީ ރިހަ" ވެފައި ވަނީ އަސްލުގައި ވެސް ވަރުދާމެން ގޭގެ ސުފުރާމައްޗަށް ކޮންމެ ދުވަހަކުހެން ކައްކާފައި އަރުވަން ޖެހޭ ރިހައަކަށެވެ. އެގޭ މީހުންނަށް "ރަސްމީ ރިހަ" ހަމަ އެހާ މީރީއެވެ. ޚާއްޞަކޮށް ވަރުދާގެ ދަރިފުޅު ޔޫސުފަށް އެންމެ ކަމުދާ ރިހައަކީ ވެސް "ރަސްމީ ރިހަ" އެވެ.

ރަސްމީ ރިހަ ތައްޔާރު ކުރުމަށް ބޭނުންވާ ތަކެތި
- 2 ގަނޑު ރޯމަސް
- 1 ފިޔާ (ބޮޑު)
- 5 ލޮނުމެދު
- 3 މޭޒުމަތީސަމުސާ މުގުރި މިރުސް
- 1 1/2 މޭޒުމަތީސަމުސާ އަސޭމިރުސް
- 1 1/2 މޭޒުމަތީ ސަމުސާ ދިރި
- 2 ކާށީގެ ކިރު (ފެންކިރާއި ބޯކިރު ވަކިން ނަގާފައި)
- 4 ރާނބާފަތް ކޮޅު
- ހިކަނދިފަތް ކޮޅެއް
- ބައި ޖޯޑު ފެން
- ތެޔޮ، ލޮނު
ތައްޔާރު ކުރާނެ ގޮތް
ފުރަތަމަ 2 ގަނޑު މަސް އެޅޭވަރުގެ ބޯތައްޓަކަށް މިރުސް، ދިރި، އަސޭމިރުސް، 2 ސައިސަމުސާ ލޮނު، 1 މޭޒުމަތީ ސަމުސާ ތެޔޮ އަދި ބައި ޖޯޑު ފެން އަޅާ ގިރާލާށެވެ. ދެން މަސްކޮޅު 2 އިންޗި ހުންނަ ވަރަށް ބުރިބުރިކޮށްލާށެވެ.

ދެން ކަނޑު ކުކުޅު ހަދަން މަސް ކަފާހެން، މަސްބުރިތައް ކަފާލާށެވެ. (މަސްބުރީގެ ކައިރިފަށުގައި ވަޅި ޖައްސާލުމަށްފަހު، ރޯލުވާ ގޮތަށް މަސްފޮތި ވަކިނުވާނެހެން ކަފާލާނީއެވެ.) ދެން މަސްކޮޅު ދޮވެލުމަށްފަހު ތައްޔާރުކުރި ހަވާދުކޮޅުގެ ތެރެއަށް އަޅާ 30 މިނެޓް ވަންދެން ށެވެ.
ދެން ފިޔާ އާއި ލޮނުމެދު ކޮޅު ކޮށާލާށެވެ. ދެން ތެއްޔަކަށް ތެޔޮފޮދެއް އަޅާ އުނދުން މައްޗަށް އުދާލުމަށްފަހު، ހޫނު ވުމުން ފިޔާ، ލޮނުމެދު، ހިކަނދިފަތް އަދި ރާނބާފަތް އަޅާ ރަތް ރަތްވަންދެން މަޑުގިނީގައި ކައްކާލާށެވެ.
ފިޔާކޮޅު ރަތްވުމުން ތައްޔާރު ކޮށްފައިހުރި މަސްކޮޅު އަޅާ، ފިޔާކޮޅާ އެއްކޮށްލުމަށްފަހު މަތިޖަހައިގެން، އިރުއިރުކޮޅާ ހަލަމުން މަސްތައް ރަނގަޅަށް ރޯފިލާ އެއިން ނިކުންނަ ފެންފޮދު ހިނދެންދެން މަޑުގިނީގައި ކައްކާލާށެވެ. ފެންފޮދު ހިނދުމުން، ފެންކިރު އަޅާ ކައްކާލައި، ބޯކިރު އަޅާ ހާކައި ލުމަށްފަހު އުނދުން މަތިން ބައިލާށެވެ.
މި ރިހައަކީ ބަތާއެކު ކާން އަދި ޚާއްޞަކޮށް ރޮށްޓާއެކު ވަރަށް މީރު ރިހައެކެވެ. އަޖުމަބައިލަށްވާށެވެ!
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!