14 އޮކްޓޯބަރުގެ އަދަދާއި ގުޅޭ:

"ބައްޕަ އެ ގުޅުން ބާއްވަނީ ކާކާކަން އަހަންނަށް އެނގިއްޖެ." މާޒިން ބުންޏެވެ.

Ad
d

ސުވޭދާގެ މޫނުމަތީގެ ކުލަވަރު ވަގުތުން ބަދަލުވެގެން ދިޔައެވެ. ދެލޯ ބޮޑުވެ، މުޅި މީހާ ގަނޑުވި ކަހަލައެވެ. އެތައް ދުވަހަކު އޭނާ ހޯދަން އުޅުނު ހަގީގަތުގެ ދޮރު، ދަރިފުޅުގެ މި ޖުމްލައާއެކު ހުޅުވިގެން ދިޔަ ކަހަލައެވެ.

މާޒިންގެ މޫނަށް ބަލަހައްޓައިގެން މާ ގިނަ އިރަކު ސުވޭދާއަކަށް ނީނދެވުނެވެ. އޭނާ މަޑުމަޑުން ތެދުވުމާއެކު މާޒިން މޫނު އުފުލައިގެން އިނދެ މަންމަގެ މޫނަށް ބަލަމުންދިޔައެވެ. މާޒިންގެ ކުރިމަތީގައި ހުއްޓުމަށްފަހު ސުވޭދާ މަޑުމަޑުން މާޒިންގެ މޫނާ ދިމާލަށް ގުދުވެލިއެވެ. އަދި ތުރުތުރުއަޅަމުން ދިޔަ އޭނާގެ ދެ އަތުން މާޒިންގެ ދެ ކޮނޑުގައި ހިފަހައްޓާލިއެވެ.

މަންމަގެ މޫނުމަތިން ފެންނަމުން ދިޔަ އާދަޔާ ޚިލާފު ޖަޒްބާތުތަކުން މާޒިން ހުރީ ބިރުގެންފައެވެ. އެ މޫނުމަތީގައި ރުޅިވެރިކަމާއި ހިތާމަތައް އެކުވަމުންދާ ކަހަލައެވެ.

" އެއީ ކާކު؟ ދަރިފުޅު ދަންނަ މީހެއްތަ؟ މަންމައަށް އެނގޭ މީހެއްތަ؟ މި ރަށު މީހެއްތަ؟ އޭނަ މި ގެއަށް އައިސް އުޅޭތަ؟ ކާކުތަ އެއީ؟" މޮޔައަކު ފަދައިން ސުވޭދާ ސުވާލު ކުރަމުން ދިޔައެވެ.

" މަންމަ! އިހަށް ހަމަޖެހިލަބަލަ މަންމާ! އަހަރެން ކިޔައިދޭނަމޭ. އިހަށް އިށީނދޭ." ކޮނޑުމަތީގައި އޮތް މަންމަގެ ދެ އަތް ނައްޓުވާލަމުން މާޒިން ބުންޏެވެ.

" ކާކުހޭ އެއީ؟" މި ފަހަރު ސުވޭދާގެ އަޑު ނިކުތީ ކަރު ބުޑުންނެވެ. މިހާރު އޭނާ ހުރީ ވަރަށް ބޮޑަށް ރުޅި އައިސްފައެވެ. މަންމަގެ އަޑާއެކު ފުންމައިގެން މާޒިންއަށް ވެސް ކޮޅަށް ތެދުވެވުނެވެ.

" ދަރިފުޅު ވެސް ބައްޕަ ހަދާ ގޮތަށް މަންމަ ތަޅުވަނީ ދޯ؟" ސުވޭދާ އެހިއެވެ.

" ނޫން. އަހަރެން މި އައީ އެ ވާހަކަ ކިޔައިދޭން ވެގެންނެއްނު." މާޒިން ބުންޏެވެ،

" ދެން ކީއްވެ ތި ލަސްކުރަނީ؟ އެއްވެސް ވާހަކައެއް އަޑުއަހާކަށް ބޭނުމެއް ނޫން. މަންމަ ބޭނުންވަނީ އެ ގޮތްކުޑަ އަންހެންމީހާގެ ނަން." ސުވޭދާ ބުންޏެވެ.

" ސާދުނައްތަ" މާޒިން އަވަސް އަވަހަށް ބުންޏެވެ. މަންމައަށް އަސަރުކޮށްފައިވާ މިންވަރު އިހްސާސް ކުރެވުމުން މާޒިންގެ ހިތަށް ވަރަށް ތަދުވިއެވެ. އެ ހިތާމަތަކުން މަންމަ ސަލާމަތްކުރަން އޭނާ ކިތަންމެހާ ވެސް ބޭނުންވެއެވެ.

" ކާކޭ؟ ސާދުނާއޭ؟ ޖަންބުމާގޭ ސާދުނާ؟" ޤަބޫލުނުކުރެވިގެން ސުވޭދާ އެހިއެވެ.

" ހޫމް. އަހަންނަށް ފެނުނީއޭ ބައްޕަ އެއްރޭ އެ ގެއިން ނިކުންނަނިކޮށް. " މާޒިން ބުންޏެވެ.

" ސާދުނާއޭ؟" އަނެއްކާ ވެސް ސުވޭދާއަށް ސުވާލު ކުރެވުނެވެ.

" އަހަންނަށް ފެނުނު ވާހަކަ ބައްޕަ ކައިރީ ނުބުނައްޗޭ މަންމާ!" ސުވޭދާގެ މޫނުމަތިން ފެންނަ ރުޅިވެރިކަމުގެ ސަބަބުން މާޒިން އިތުރަށް ބިރުގެންފިއެވެ.

" އާނ. ނުބުނާނަން. ދެން ދޭ މި ތަނުން." ސުވޭދާ ބުންޏެވެ.

" މަންމަ ކިހިނެއް ހަދަނީ ދެން؟ ބައްޕަ އެމީހާއާ ކައިވެނި ކުރަނީތަ؟" މާޒިން އެހިއެވެ.

" އެ ނޫން ކޮންމެ މީހަކާ އިނަސް ހެޔޮ. އެ ސާދުނާއާ ކައިވެނި ކުރަންޏާ ޖެހޭނީ މަންމަ ވަރިކުރަން." ސުވޭދާ ބުނެލިއެވެ.

އިތުރު އެއްޗެއް ބުނުމެއް ނެތި، ކޮޓަރިން ނިކުންނަން މާޒިން ހިނގައިގަތެވެ. އޭރު ފިރާޝާ ހުރީ ކޮޓަރިތެރޭގައި ކަންތައްވީ ގޮތް ބަލަން ބޭނުންވާވަރުން، މާޒިންގެ އިންތިޒާރުގައެވެ. މާޒިން އައިސް ކޮޓަރިއަށް ވަނުމާއެކު ފިރާޝާ އަވަސް އަވަހަށް ސުވާލު ކުރިއެވެ.

" މަންމަ ވަރަށް ރުއިތަ؟" ފިރާޝާ އެހިއެވެ.

" ނޫން.. ބުނި އެކަން ކުރިޔަކަ ނުދޭނަމޭ." އެނދުމަތީ އިށީންނަމުން މާޒިން ބުންޏެވެ.

" ދެން އެ ވާހަކަ ނުދައްކާ! އަހަރެން ވަރަށް ރެސްޓް ބޭނުން." މާޒިން އޮށޯވެލަމުން ބުންޏެވެ.

މާޒިންގެ ވާހަކައިން އޭނާ ދެރަވެފައި ހުރިކަން ފިރާޝާއަށް އެނގުނެވެ. އެހެންވެ، އިތުރަށް އެ ވާހަކަ ދައްކަން ޚުދު އޭނާ ވެސް ބޭނުމެއް ނުވިއެވެ.

ފިރިމީހާ ޖަހައިގަނެގެން އުޅެނީ ކާކުކަން އެނގުމުން، ސުވޭދާއަކަށް ކެތެއް ނުކުރެވުނެވެ. ރާޒީއަށް އެނގިވެސް ނުލައި އޭނާ ދިޔައީ ސާދުނާގެ ގެއަށެވެ. ބަދިގެ ދޮރު ހުޅުވާފައި ހުރުމުން، ކޮންމެވެސް މީހަކު ބަދިގޭގައި އުޅޭކަން ސުވޭދާއަށް އެނގުނެވެ. އެހެންކަމުން ބަދިގެއާ ދިމާލަށް އޭނާ މިސްރާބުޖެހިއެވެ.

ސުވޭދާ ގޮސް ބަދިގެ ދޮރުމަތީގައި ހުއްޓުމާއެކު، އެތެރޭގައި ހުރި ސާދުނާ ފަސްއެނބުރި ބަލައިލިއެވެ. އެ ވަގުތު އޭނާގެ މެޔަށް ހީވީ ހޫނު ފެން އެއްޗެއް އަޅާލިހެންނެވެ. ސުވޭދާގެ މޫނުމަތީގައި ހުރި ކުލަވަރުން، އޭނާ އެއައީ އަހަރުތަކަކަށް ސިއްރުކޮށްގެން އުޅުނު، ބޮޑު ސިއްރު ފަޅާއަރައިގެންކަން ސާދުނާއަށް ޔަޤީން ކުރެވުނެވެ.

" އަހަރެން މި އައީ ކީއްކުރަންކަން ސާދުނާއަށް އެނގޭނެ." ފުރަތަމަ ވެސް ވާހަކަ ފެށީ ސުވޭދާއެވެ.

ސުވޭދާގެ އަޑުގައި ރުޅިވެރިކަން ހުއްޓަސް، އޭނާ ވާހަކަ ދެއްކީ މަޑުންނެވެ.

" އެތެރެއަށް ވަދޭ!" ސާދުނާ ބުންޏެވެ.

ސުވޭދާ އެތެރެއަށް ވަދެ، މޭޒު ކައިރީ ހުއްޓުނެވެ. އޭރު ވެސް އޭނާ ހުރީ ސާދުނާގެ މޫނަށް ބަލަހައްޓައިގެންނެވެ.

" އަހަރެން މި އައީ އަހަރެންގެ ފިރިމީހާއާއެކު ތި ގަންނަ ގަނޑު އަހަންނާ އަހަރެންގެ ދަރިންނަށް ވެސް އެނގުނު ވާހަކަ ބުނެލަން. އަހަންނަކަށް ނޭނގެ މިއޮއްހާ ދުވަހު ރާޒީ މި އުޅެނީ ސާދުނާ އާ އިންނަން ކަމެއް." ސުވޭދާ ބުންޏެވެ.

ސުވޭދާގެ ވާހަކަ ނިމުމާއެކު ސާދުނާގެ ހިތުގައި ކުރިން ހުރި ބިރުވެރިކަން ފިލައި މަލާމާތާއި ފޮނި ހިނިތުންވުމެއް އޭނާގެ ތުންފަތްމައްޗަށް ވެރިވެއްޖެއެވެ. ސުވޭދާއާ ދިމާލަށް ފިޔަވަޅެއް ކުރިއަށް އަޅާލުމަށްފަހު ސާދުނާ ވާހަކަ ދައްކަން ފެށިއެވެ.

" އަހަރެން ފުރަތަމަ ސުވާލެއް ކޮށްލަންތަ؟ ކީއްވެގެންތަ ރާޒީ ސުވޭދާ ހުއްޓާ، މަ ކައިރިއަށް އަންނަންވީ؟ އެ ސުވާލު، އަމިއްލަ ނަފްސާ ދުވަހަކު ވެސް ކޮށްލިންތަ؟" ސާދުނާ އެހިއެވެ.

ދޭނެ ޖަވާބެއް ނޭނގިފައި ސުވޭދާއަށް ހުރެވުނީއެވެ. އޭނާ ހީކުރީ ސާދުނާ ބިރުން ރޮއިގަންނާނެ ކަމަށެވެ. ލަދުން މަޢާފަށް އެދޭނެކަމަށެވެ. އަދި އެކަން ހުއްޓަން ވަޢުދުވެސް ވާނެ ކަމަށެވެ. ނަމަވެސް ސާދުނާއަކީ އޭނާ ހީކުރިގޮތާ ޚިލާފަށް، މާ ނުބައި އަންހެނެކޭ ސުވޭދާގެ ހިތަށް އެރިއެވެ.

" އަހަރެން އެކަނިވީތާ ކިތަންމެ ދުވަހެއް ވެއްޖެ. ފިރިން ތިބި މީހުން ކީއްވެގެންތަ ފިރިން ހިފަހައްޓަން މަސައްކަތް ނުކުރަނީ؟" ސާދުނާގެ ކޮންމެ ޖުމްލައަކުން ސުވޭދާއަށް ލިބެނީ ހައިރާންކަމެވެ.

" ދަރިން ބެލުމާއި، ރުފިޔާ ހޯދަން މަސައްކަތްކުރުން އެކަނިތަ ދިރިއުޅުމުގައި އޮންނަ ކަމަކީ؟ މި ކިޔާ އެއްޗެއް ނޭނގިފައިދޯ ތި ހުރީ؟ ގޮނޑު ހެދިގެން ބަދިގެތެރޭ ވަސްގަނޑު ހިފައިގެން ނިދަންވަންދެން އުޅުނީމަ ފިރިމީހާ ލޯތްބެއް ނުވާނޭ! ދެން ގޮސް އިރު ފެނުގައި ޖެހޭއިރަށް ތިމާ މީހާ ވެފައި ހުންނަ ވަރުބައްޔަކުން، ކުކުޅު ހާއްޔަށް އަރާހެން، ގޮސް ނިދީމަ އޮންނާނީ ހަތަރެސްކަން ހަމަވެފައި. ރީތިވެލައިގެން ފިރިމީހާއަށް ވަގުތު ހުސްކޮށްލުމަކީ އޮންނަކަމެކޭ. ފިރިން ތިބި މީހުންނަށް އެވަރު ނުވިސްނެންޏާ ފިރިމީހާ ތިހެން ގެއްލޭނެ ދެން ވެސް." ސާދުނާގެ ވާހަކަތައް އަޑުއަހަން ސުވޭދާ ހުރީ ހިމޭންވެފައެވެ.

" ކިރިޔާ ވަގުތެއް ލިބޭއިރަށް ޝަކުވާތައް ކުރީމަ ފޫހިވާނެ. ސުވޭދާއާ އަހަންނަކީ ހަމަ އެއް އުމުރެއްގެ ދެ މީހުން. އެކަމަކު ސުވޭދާ ހީވަނީ އަހަންނަށް ވުރެން ދިހަ އަހަރު ދޮށީ މީހެއް ހެން. ބަލަ ޒަމާނާ އެއްވަރަށް ޒަމާނީ ފެޝަނަށް ވެސް ލޯބި ކުރަން ޖެހޭނެ. އަހަރެން ގަދަކަމުން ރާޒީ ގެންނަނީއެއް ނޫން. އޭނާ އަހަރެންގެ ފަހަތުން އުޅެނީ. އޭނަ މޮޔަވަނީ އަހަންނާހެދި. ފިރިމީހާއަށްޓަކައި ގައިން މީރުވަސްދުއްވާލަން ނޭނގޭ އަނތްބަކާއެކު ހަޔާތުގެ ބާކީ ވޭތުކުރަން އޭނައަށް ވެސް މިހާރު އުނދަގޫވެއްޖެ." ސާދުނާ ބުންޏެވެ.

އޭރުވެސް ސުވޭދާ ހުރީ ޒަޚަމްވަމުން ދިޔަ އޭނާގެ ހިތުގައި ބާރަށް އަތް އަޅައިގެންނެވެ.

" ދެން ބުނެބަލަ! މިތަނުން ކުށްވެރިވަނީ މަގޭތަ ނޫނީ ތިމާގެ ފިރިމީހާ ހިފަހައްޓަން ނޭނގުނު ސުވޭދާގެ ނުކުޅެދުންތެރިކަންތަ؟ އަހަރެންގެ ރީތިކަމަށް، އަހަންނާހެދި ރާޒީ ހޭބަލިވެގެން އުޅޭތީ ރުޅި އަންނަން ޖެހޭ އެއްވެސް ސަބަބެއް ނެތްކަން މިހާރު ސާފުވެއްޖެއެއްނު." މަލާމާތުގެ ގޮތަކަށް ހީލަމުން ސާދުނާ ބުންޏެވެ.

އެއާއެކު ސުވޭދާގެ ލޮލުން ކަރުނައިގެ ރޮނގެއް ފޭދިގެންދިޔައެވެ. ހަމަހިމޭންކަން ފެންނަމުން ދިޔަ އެ މޫނުމައްޗަށް ކުއްލިއަކަށް ސާދުނާ ބިރުގަންނަ ފަދަ ޝުޢޫރުތަކެއް ވެރިވެގެންދިޔައެވެ. ސާދުނާގެ ދެ ލޮލާ ލޯ އަމާޒުކޮށްލަމުން ސުވޭދާ ވާހަކަ ދައްކަން ފެށީ ނުހަނު ބާރަށެވެ.

" ތި ކުރެވެނީ ވަރަށް ބޮޑު ކުށްހީއެއް." ސުވޭދާ ބުންޏެވެ.

" މަގޭ ހެދުމުގައި ހުންނަ ދަރިންގެ ވަހާއި، ބަދިގޭގެ ކައްކާ ވަހަކީ މަގޭގެ ނުކުޅެދުންތެރިކަމެއް ނޫން ސާދުނާ! އެއީ މަގޭ ދަރިންނާއި ފިރިމީހާއަށްޓަކައި ފަރުވާކުޑަކުރުމެއްނެތި ޚިދުމަތްކުރުމަށް އަހަރެންވީ ޤުރުބާނީއެއް. މަގޭ ރީތިކަމާއި ޒުވާންކަން ގެއްލުނީ، އަހަރެންގެ އަމިއްލަ އެދުންތަކަށްވުރެ، އެ ފިރިމީހާއާ އެ ދެ ދަރިންގެ އުފަލަށްޓަކައި ރެޔާ ދުވާލު މި ދެ އަތުން މަސައްކަތްކޮށްކޮށް. " ސުވޭދާ އެހެން ބުނެ ސާދުނާއާ ގާތަށް ޖެހިލިއެވެ.

ޖެހިލުންވެފައި ހުރި ސާދުނާއަށް އެ ވަގުތު ފިޔަވަޅެއް ފަހަތަށް ޖެހިލެވުނީ ބޭއިޙްތިޔާރުގައެވެ.

" ކަލޭގެ ތި ރީތިކަމާއި، ގައިން ދުވާ މީރު ވަހަކީ މަގޭ ފިރިމީހާގެ ފައިސާއިން ގަނެގެން، މަށާ މަގޭ ދަރިންގެ ޙައްޤު ޖަހަގައިގަނެގެން ހުރެ، ނާޖާއިޒް ގުޅުމެއް އުފައްދައިގެން އޭނާއަށް ދައްކާ އަގުދަށް ދަޅައެއް. " ސުވޭދާގެ ޖުމްލައިން ސާދުނާގެ މޫނުމަތި ރަތްވެގެންދިޔައެވެ.

ސާދުނާ އެއްޗެއް ބުނުމުގެ ކުރިން ސުވޭދާ އަނެއްކާ ވެސް ފަށައިފިއެވެ.

" މިތާ ހުރެގެން ހުވާކޮށްފައި މަ ބުނާނަން މަގޭ ފިރިމީހާ، ކަލޭ ކައިރިއަށް އެ ދަނީ ލޯބިވާތީއެއް ނޫން. އޭނާ އެ ދުވަނީ، ޝައިޠާނާ އޭނާއަށް ދައްކާ ޝައީޠާނީ ވަސްވާހާއި އަވާމެންދުރެއްގެ ފަހަތުން. އަދި ބުނަންތަ؟ ދިރިއުޅުމައި އަނބިމީހާ ނަގަންޖެހޭ ޒިންމާތަކުން އެއްކިބާވެގެން، ރެކިގެން ހަމައެކަނި ފިރިހެނެއްގެ ލޮލަށާއި ހިތަށާއި ޖިސްމަށް ފިނިކަން ދިނުމަކީ، ޒިންމާ އަދާކުރުމެއް ނޫން. " ސުވޭދާ އެހެން ބުނެ ފުން ނޭވާއެއް ދޫކޮށްލިއެވެ.

" ކަލޭ ރީތިކަމުން، ކަލޭ ގައިން މީރުވަސް ދުވާތީއޭ ކިޔާފަ ނޫނީ މަގޭ ފިރިމީހާ ކަލެޔާ ހެދި ހޭބަލިވާތީ މަ ޖެހިލުންވާންވީ ކީއްވެ؟ އަހަންނަކީ، އެ ފިރިމީހާ ބަލިވާ ކޮންމެ ވަގުތަކު ހޭހަންކޮށްދިން އަނބިމީހާ. އޭނާ ދަތިޙާލުގައި އުޅުނު ދުވަހު އެހީވެދީ ދިރިއުޅުމާއެކު އެ ގެ ކޮޅަށް ޖެހި އަނބިމީހާ. އޭނާގެ ލޭ ހިނގާ ދެ ދަރިން އުފަންކޮށް، ތަރުބިއްޔަތުކޮށް، އެ ކުދިންގެ ހުރިހާ ކަމެއް ބެލެހެއްޓި ހިތްވަރުގަދަ އަނބިމީހާ. ކަލޭތިއީ ކާކު؟ މި ހުރިހާ ކަމެއްކޮށް، ދިރިއުޅުން ފުރިހަމަވެ، މި ބަގީޗާ ތިޔާގިވެ، މޭވާ އަޅާ ބަރާކޮށްލީމަ ބަގީޗާއިން ވަގަށް މޭވާ ބިންނަން އައި ބޮޑު ވަގެއް ތީ. " ސުވޭދާ ބުނެލީ ސާދުނާއާ ދިމާލަށް އިނގިލި ދިއްކޮށްލަމުންނެވެ.

އޭރުވެސް ޖެހިލުންވެ، ރުޅިވެރި ލޮލަކުން ސާދުނާ، ހުރީ ސުވޭދާގެ މޫނަށް ބަލާށެވެ.

" އަހަރެންގެ ފިރިމީހާ ކަލެޔަށް ހަދިޔާއަކަށް ދީފިން. އެކަމަކު ތި މީރުވަސްދުވާ ރީތި އަންހެނާގެ ރީތިކަން ފަނޑުވެދާ ދުވަހަކުން އޭނާ ކަލޭ ދޫކޮށް، އެހެން މީހެއްގެ ފަހަތުން ދާނެކަން ހަނދާނުގައި ބަހައްޓާތި. ކަލެޔަށް ތި ލިބުނީ ކާމިޔާބެއް ނޫން. ތިއީ އަދި ކަލޭގެ ނާކާމިޔާބީއާ ފަޟީޙަތުގެ ފެށުން. ރަށުތެރޭގައި ކަލޭމެންގެ ވާހަކަ ދައްކާނެތީ މިއަދު ދެން ލަދުގަންނާނެ ކަމެއް ނެތް. އަހަރެން ވެސް އެ މީހުންނާ އެއްބައިވެގެން ވަރަށް ވާހަކަ ދައްކާނަން. " ސުވޭދާ އެހެން ބުނެ މަލާމާތުގެ ހިނިތުންވުމަކުން ހީލަމުން ބަދިގެއިން ނިކުމެއްޖެއެވެ.

އެއާއެކު، އަވަސް ނޭވާތަކެއް ދޫކުރަމުން ދިޔަ ސާދުނާ އަވަސް އަވަހަށް މޭޒުކައިރީ އިށީނެވެ.

( ނުނިމޭ)

Ad
df

މި ވާހަކަ ގެނެސްދޭން ހަމަޖެހިފައި ވަނީ ކޮންމެ އާދީއްތަ، އަދި ބުދަ ދުވަހެވެ.

(ނިމުނީ)