ބޮޑު ޢީދު އަޅުގަނޑުމެންނާއި ބައްދަލު ކުރާން މިއޮތީ ހަފުތާއެއްހާ ދުވަހަށް ވެފައެވެ. މި ހަފުތާގައި މި ގެނެސް ދެނީ ހދ. ފިނޭ މީހުން ޢީދަށް ތައްޔާރުކޮށް އުޅޭ "މުގުރު ބޮނޑި" ތައްޔާރު ކުރާނެ ގޮތެވެ.

މި ބާވަތުގެ ބޮނޑިއަށް ރާއްޖޭގެ އެކި ރަށްރަށުގެ މީހުން އެކި ނަން ކިޔައި އުޅުން އެކަށީގެން ވެއެވެ. އަދި ތައްޔާރު ކުރާ ގޮތާއި، ރެސިޕީ ވެސް ތަފާތު ވާނެ ކަން ގައިމެވެ. ފިނޭގައި ޢީދަށް ޚާއްޞަކޮށް ހަދައި އުޅޭ މި ބޮނޑިއަށް އެ ރަށު މީހުން ކިޔަނީ "މުގުރު ބޮނޑި" އެވެ. މިފަހަރު މި ކިޔައި ދެނީވެސް އެރަށު މީހުން މުގުރު ބޮނޑި ތައްޔާރު ކުރާގޮތް، އެ ރަށު މީހުންގެ ރެސިޕީއާއި އެކުގައެވެ.

Ad
rt

މި ބޮނޑިއަށް ފިނޭ މީހުން "މުގުރު ބޮނޑި" މި ނަން ދިނީ ވަރަށް ކުރީ ދުވަސްވަރެއްގައި އެވެ. މި ބޮނޑިއަށް މި ނަން ދެވުނު ސަބަބަކީ މި ބޮނޑި ތައްޔާރު ކުރުމަށް ކޭލުފަތް އޮޅުމަށް އޭރު ބޭނުން ކުރަމުން ދިޔައީ ބޮނބި ތަޅާ މުގުރު ކަމަށް ވާތީއެވެ. ނަމަވެސް މިހާރު ޒަމާން ބަދަލުވެ، އެރަށު މީހުން މި ބޮނޑި ތައްޔާރު ކުރުމަށް ކޭލުފަތް އޮޅަން ގެން ގުޅެނީ ރޮށި ދަމާ ރޯލެވެ.

ބޮނބި ތަޅާ މުގުރުގެ ބަދަލުގައި އެ ރަށު މީހުން ރޮށި ދަމާ ރޯލު ބޭނުން ކޮށްގެން ބޮނޑި ތައްޔާރު ކުރާ ކެޔޮ ފަތްގަނޑު އޮޅި ނަމަވެސް މި ބޮނޑިއަށް ދީފައިވާ ޚާއްޞަ ނަން ބަދަލެއް ނުކުރެއެވެ. އިހުގެ ހަނދާންތަކާއި އެކު، ފިނޭ މީހުން "މުގުރު ބޮނޑި" ތައްޔާރު ކުރާގޮތް މިއޮތީއެވެ.

ބޭނުންވާ ތަކެތި

1 ޖޯޑު ހަނޑޫ ( އާދައިގެ ހަރު ހަނޑޫ ނުވަތަ ބާސްމަތީ )
1 ޖޯޑު ގަބުޅި ހުނި
1/2 1 ހަކުރު
2 މޭޒުމަތީ ސަމުސާ ފިނިފެން ނުވަތަ މާފެން
1 ކެޔޮފަތް (ބޮޑު)
ދިއްގާގަހުގެ ވަކަކޮޅެއް

ތައްޔާރުކުރާނެ ގޮތް

ހަނޑޫކޮޅުގެ ތެރެއަށް ފެން އަޅާ މަޑުކުރަން ބަހައްޓާށެވެ. ރަނގަޅީ ރޭގަނޑު ފެނަށް އަޅާފައި ބެހެއްޓުމެވެ. ހަނޑޫ މަޑުވުމުން
ހަނޑޫކޮޅު ދޮވެލާފައި، ފުން ތައްޓެއްގެ ތެރެއަށް އަޅާށެވެ. އޭގެ ތެރެއަށް ގަބުޅި ހުނިކޮޅާއި ހަކުރު އަދި ފިނިފެންފޮދު އަޅާ
އެއްކޮށްލުމަށްފަހު ހިމުންކޮށް ފުނޑާލާށެވެ.

ދެން އުނދުން ރޯކޮށްލުމަށްފަހު ކެޔޮފަތް، އަލިފާނުން މިލުވާލާށެވެ. މިލުވާލުމަށްފަހު ކެޔޮފަތުގެ ދެ ފަރާތު އަރިމަތިން ކަފާލާ ދަޅިގަނޑާ ވަކިކޮށްލާށެވެ. ހޯދި ވަކަކޮޅު ކައިވަތެއް ހުންނަހާ ވަރަށް ބުރިކޮށްލާށެވެ.

މިހާރު ގޭގައި މުގުރު ނުހުންނާތީ ގޮށި ހަދަން ބޭނުންކުރާނީ ރޮށިދަމާ ދަނޑިގަނޑެވެ. ދެން ކެޔޮފަތްކޮޅު މޭޒުމަތީ ބޭއްވުމަށްފަހު،
ރޮށިދަމާ ދަނޑިގަނޑުން ވަށްކޮށް ދެފަށަށް އޮޅާލާށެވެ. ދެ ފަށަށް އޮޅޭއިރު، ކެޔޮފަތްކޮޅު އެއްކޮށް ނޯޅި އޮތްބައި ވަކިކޮށްލާށެވެ.
އޮޅިބައިގެ ތެރެއިން ދަނޑިގަނޑު ނަގާފައި، ފަތްކޮޅުގެ ފެށޭކޮޅު ވަކަކޮޅަ ކޮޅަކުން ބާރުކޮށް އައްސާލާށެވެ. ރަނގަޅަށް ފަތްކޮޅު މިލާފައިވާނަމަ ފަތްކޮޅު ފަޅައިގެންނުދާނެއެވެ. ދަނޑިގަނޑާވީ ކޮޅު އައްސާނީ ފުނޑާފައި ހުރި ފުށްކޮޅު އެޅުމަށްފަހުގައެވެ.

ފުނޑާފައި ހުރި ފުށްކޮޅުގެ ތެރެއަށް ކުޑަފެންފޮދެއް އަޅާ ދިޔާކޮށްލުމަށްފަހު، ތައްޔާރުކުރި ގޮށިތަކުގެ ތެރެއަށް އަޅާށެވެ.
ތެރެއަށް ފުށް އަޅާއިރު އައްސާލެވޭ ވަރަށް ޖާގަ ބަހައްޓާށެވެ. އެއަށްފަހު، ވަކަ ކޮޅަކުން ބާރުކޮށް އަނެއްކޮޅު އައްސާލާށެވެ. އަދި
ބޮނޑީގެ މެދުން ވެސް ވަކަ ކޮޅަކުން ބަނދެލާށެވެ.

މި ގޮތަށް ހުރިހާ ބޮނޑިތަކެއް ތައްޔާރުކޮށް، ތެއްޔަކަށް ފެންއެޅުމަށްފަހު، އުނދުން މައްޗަށް އުދައި، ކެކެން ފެށުމުން، ބޮނޑިތައް އަޅައި، ބޮނޑިތައް ރޯފިލައި، ހަރުވަންދެން ކައްކައި ލާށެވެ. ދެން އަވަން 150 ގައި ބެހެއްޓުމަށްފަހު، ބޮނޑީގެ ބޭރުގައި އޮޅާފައިވާ ކެޔޮފަތް ކޮޅަށް މުށިކުލަ އަރަންދެން ފިހެލާށެވެ.

ކުރީ ޒަމާނުގައި މީހުން ބޮނޑިތަކުގައި ދިލަޖައްސަނީ ދުމަށީގައެވެ. މިއީ ބިންބިފުށުގައި ވެސް ތައްޔާރުކޮށްލެވިދާނެ މީރު ބޮނޑިއެކެވެ.

ފިނޭ "މުގުރު ބޮނޑި" ތައްޔާރު ކުރާނެ ގޮތް މި ގެނެސް ދިނީ އެރަށަށް ނިސްބަތްވާ ވަރުދާ އަޙްމަދު ކިޔައި ދިން ގޮތަށެވެ. ވަރުދާ މިހާރު ޢީދަށް މި ބޮނޑި ތައްޔާރުވެސް ކޮށްފިއެވެ. ރަހަ ބަލައި ލުމުގެ ނަސީބު ލިބުނެވެ.

މި ބޮނޑިއަކީ ވެސް ކުރީ ހަފްތާ ތަކުގައި ގެނެސް ދެވުނު ފިނޭގެ ޚާއްޞަ ރަހަތަށް އެކުލެވޭ ކާނާގެ ބާވަތްތަކެކޭ އެއްފަދައިން ވަރަށް ރަހަ މީރު ކެއުމުގެ ބާވަތެކެވެ. ފިނޭ "މުގުރު ބޮނޑި" ބޮޑު ޢީދަށް ކޮންމެހެން ވެސް ތައްޔާރު ކޮށްލަން ވާނެއެވެ.