ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޕޯޓް މެނޭޖްމަންޓް އިންޓަގްރޭޓެޑް ސިސްޓަމް (އައިސީއޭއޯޓީޕީއެކްސް) މެދުވެރިކޮށް، ފައިސާ ދެއްކުމަށްފަހު މުދާ ދޫކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި އައު އިންތިޒާމު ހަމަޖެހިގެން ގޮސްފައިވާކަން ފާހަގަކުރަމުން އިކޮނޮމިކް މިނިސްޓްރީން ބުނީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ފައިސާ ދެއްކުމަށްފަހު، ބަލައިގަންނަ މެމޯ ރަޖިސްޓްރީކުރުމުން އައިސީއޭއޯޓީޕީއެކްސް މެދުވެރިކޮށް މުދާ ދޫކުރެވޭނެ ކަމަށެވެ. އަދި ތާވަލުކުރެވިފައި އޮންނަ މުއްދަތު ހަމަވާން ވާއިރަށް ފައިސާ ދައްކައި، މެމޯ ރަޖިސްޓްރީ ކުރުމުން މުދާ ދޫކުރެވޭނެ އިންތިޒާމު ޕޯޓަލް މެދުވެރިކޮށް ލިބިގެންދާނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.
މި ޚިދުމަތަށް އެދުމުގެ ފުރުސަތު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަދި ބީއެމްއެލް އިން ހުޅުވާލުމުގެ ކުރިން، އެ ބޭންކަށް އެޕްލިކޭޝަން ހުށަހަޅައިގެން ދޫކުރެވޭނެ ކަމަށް ބަޔާނުގައިވެއެވެ. އަދި ވިޔަފާރިތަކަށް މި ފުރުސަތު ހުޅުވާލުމުގެ ކުރިން ފުރަތަމަ ފަހަރަށް ޕޯޓް މެނޭޖްމަންޓް އިންޓަގްރޭޓެޑް ސިސްޓަމް މެދުވެރިކޮށް ގެނައި މި ބަދަލު މިހާރު ވަނީ ތަންފީޒުކުރަން ފަށާފައެވެ.
މި ޚިދުމަތުގެ ދަށުން ވިޔަފާރިތަކަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެއެވެ. އެގޮތުން، އެކައުންޓަށް ފައިސާ ޖަމާވާކަން ޔަގީންކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް މަދުވެ، ޕޭމަންޓް ކަށަވަރުކުރުމަށް ހޭދަވާ ވަގުތު ކުޑަވެގެންދާނެއެވެ. މީގެއިތުރުން ފައިސާ ބަލައިގަތުމުގައި އެއްވެސް ލަސްވުމަކާ ނުލައި އެޕްރޫވަލް ލިބި، ކަސްޓަމަރުންގެ ފަރާތުން ފައިސާދެއްކުމުގެ މަރުހަލާ އެއްވެސް އޮޅުމެއްނެތި ނިންމާލުމަށް ފަސޭހަވެގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ފާހަގަކުރެއެވެ.
އެމްޕީއެލް އަދި ބީއެމްއެލް ގުޅިގެން ތަޢާރަފްކުރި މި ޚިދުމަތަކީ ދިވެހި ވިޔަފާރިތަކަށް އަވަސް ޚިދުމަތެއް ފޯރުކޮށްދިނުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެކެވެ. މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ، ވިޔަފާރިތަކަށް ބޭނުންވާ މާލީ އަދި ވިޔަފާރީގެ ޚިދުމަތްތައް ފަސޭހަކޮށްދިނުމާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ފައިސާގެ މުއާމަލާތްތައް ފަސޭހަކޮށްދިނުމަށްޓަކައި ޕޯޓަލްގެ ޚިދުމަތް ފުޅާކުރުމެވެ.
އައިސީއޭއޯޓީޕީއެކްސް އަކީ، މުދާބާލާ މައިދާނުގެ އެކްސްޕޯޓް އަދި އިމްޕޯޓްގެ މަސައްކަތްތައް ހަރުދަނާކޮށް، ދިވެހި ވިޔަފާރިތަކާއި ކުންފުނިތަކަށާއި، ކުދި ވިޔަފާރިތަކަށް މުދާ ކްލިއަރކުރުމާއި، އެ ވިޔަފާރިތަކަށް ބޭނުންވާ މާލީ އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޤާއިމުކޮށްފައިވާ ސިސްޓަމެކެވެ. ކަސްޓަމަރުންނަށް ފަސޭހަކުރުމުގެ ގޮތުން މި ޕޯޓަލް މެދުވެރިކޮށް ފައިސާދެއްކޭނެ ގޮތް ހަމަޖައްސާފައިވާއިރު، މިއީ ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދިމާވާ ދަތިތަކަށް އެހީތެރިވެ، އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށް އެމްޕީއެލް އިން ކުރަމުންދާ މަސައްކަތެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!