ބަނބުކެޔޮ ބޮނޑިބަތަކީ އާންމު ކެއުމުގެ ބާވަތެއް ނަމަވެސް، ވަރުދާ ކިޔައިދޭ ގޮތަށް ތައްޔާރު ކޮށްލުމުން ރަހައަށް އިތުރު މީރުކަމެއް އަންނާނެ ކަމާމެދު މިހާރު ވަރުދާ ކިޔައިދޭގޮތަށް ކާނާ ތައްޔާރުކުރާ އެއްވެސް ބޭފުޅަކު ދެބަހެއް ނުވާނެއެވެ.
މިފަހަރު މިވީވެސް އެހެން ގޮތެކެވެ. ރަށެއްގެ ޒުވާން އަންހެން ކުދިންކޮޅެއް ބަނބުކެޔޮ ބޮނޑިބަތް ތައްޔާރު ކުރާގޮތް މިހަފުތާގައި ގެނެސްދޭން ވަރުދާ ގާތުގައި އެދުނީއެވެ. އެހެންވުމާއި އެކު، އެކުދިންނަށާއި، ތިޔަބޭފުޅުންނަށް މިހަފުތާގައި މި ގެނެސްދެނީ ބަނބުކެޔޮ ބޮނޑިބަތް ތައްޔާރު ކުރާނެ ގޮތެވެ.
އެނގިވަޑައި ގަންނަވާނެ ފަދައިން އަޅުގަނޑުމެން ކޮންމެ ހަފްތާއަކު ވެސް ކެއުމުގެ ބާވަތެއް ތައްޔާރު ކުރާނެގޮތް ގެނެސް ދެވޭތޯ މަސައްކަތް ކުރަމުން ދާއިރު، މި ގެނެސްދެނީ ހދ. ފިނޭއަށް ނިސްބަތްވާ ކަނބަލެއް ކަމަށްވާ ވަރުދާ އަޙްމަދު ކެއުމުގެ ބާވަތްތައް ތައްޔާރު ކުރާއިރު ގެންގުޅޭ ރަހަތަކާއިއެކު އެބާވަތްތައް ތައްޔާރު ކުރާގޮތް ވަރުދާގެ ކިޔައިދޭ ގޮތަށެވެ.

ތައްޔާރު ކުރުމަށް ބޭނުންވާ ތަކެތި
- 1 ބަނބުކެޔޮ
- 2 ލާހި ބައި ހަކުރު
- 1 ކާށީގެ ބޯކިރު
- 5 ރާނބާ ފަތް (ކުދި)
- 9 ތަށި ފެން
ތައްޔާރު ކުރާނެ ގޮތް
ބަނބުކެޔޮތައް ތޮށި މަށާލުމަށްފަހު ކުދިކުދިކޮށް ގޮޅިގޮޅިއަށް ކޮށާލައި، މިނެލުމަށްފަހު ބަހަށްޓާށެވެ. އެއަށްފަހު ތެއްޔަކަށް ފެންއަޅައި، ކަށްކަން އުދާށެވެ. އޭގެފަހުން ރާނބާ ފަތްތައް ދެ އިންޗި ދެ އިންޗި ހުންނަވަރަށް ބުރިކޮށްލުމަށްފަހު 6 ރާނބާ ފަތް ބުރި ފިޔަވައި ބާކީ ހުރި ރާބާ ފަތްތައް ކައްކަން އުދި ތެއްޔަށް އަޅާލާށެވެ. ދެން މަޑުވަންދެއް ކަށްކާލާށެވެ. (ނޯޓު: ލާހީގެ ގޮތުގައި ވަރުދާ ބޭނުން ކުރަނީ ގެރިކިރު ހުސްކުޅި ދަޅެވެ.)

ބަނބުކެޔޮ ބޮނޑިބަތް ކެއްކުމަށް ހެޔޮވަރު ބޮޑުމިނުގެ ބަނބުކޭލެއް ބޭނުން ކުރާނަމަ، އެ ބަނބުކޭލުން އާންމުކޮށް ނެގޭނީ ކުދިކޮށް ކޮށާފައި ހުންނަ ބަނބުކޭލުގެ 4 ލާއްސެވެ.

ބަނބުކެޔޮތައް މާބޮޑަށް މަޑު ނުކޮށް ހަލަންޏަކަށް އަޅާލާށެވެ. ދެން ތައްޔާރުކޮށްފައި ހުރި ބޯކިރުގެ ތެރެއަށް ހަކުރުއަޅައި، ބާކީ ހުރި ރާނބާފަތްކޮޅު އަޅައި ކައްކަން އުދާށެވެ. ހަކުރުގަނޑު ދޭފަތުން ރަނގަޅަށް ހަލަމުން ގެންދާށެވެ. ހަކުރުތައް ރަނގަޅަށް ކެކި ކުޑަކޮށް މަޅުވާގޮތް ވާން ފެށުމުން މަޑުކޮށްފައި ހުރި ބަނބުކެޔޮތަކުން ރާނބާފަތްތައް ނަގަމުން ތެއްޔަށް އަޅައި ރަނގަޅަށް މަޅުވަންދެން ކައްކާލާށެވެ.

ބަނބުކެޔޮތައް މަޅުވެއްޖެކަން އެންމެ ފަސޭހައިން ފާހަގަވާނީ ތެލީގެ ކައިރިފަށަށް ހުދުކުލަ އަރައި ކުއްލިއަކަށް ފަޅައިގެންދާ ގޮތަށް ބަނބުކެޔޮ ގަނޑުން ބޮކި އަރަން ފެށުމުންނެވެ. އެހާހިސާބުން އެހެރީ އުނދުން މަތިން ތެލި ބާލަން ވެފައެވެ.
ބަނބުކެޔޮ ބޮޑިބަތަކީ ކިތަންމެ އާންމު ކާނާގެ ބާވަތެއް ނަމަވެސް، ވަރުދާ ކިޔައިދިން ގޮތަށް ކައްކާ ލުމުން ތަފާތު ފެންނާނެއެވެ. ވަރުދާ މީގެ ކުރިންވެސް ވަނީ "ބަނބުކޭލު ކަނޑު ކުކުޅު"، "ކޭލު ފޯ"، "ކަންނެތް ދެލޮނު"، "ބަށި މުސައްމާ"، "މުގުރު ބޮނޑި"، "މަސް ބޮނޑި"، "މުރަނގަފަތު ސުންޑަލި" އަދި "ރަސްމީ ރިހަ" ތައްޔާރު ކުރާނެ ގޮތް ގެނެސް ދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!