މުސްލިމުންނަށް ޝަރަފާއި މަތިވެރިކަން ލިބި، ޢިއްޒަތްތެރި ބަޔަކަށް ވެފައިވަނީ އިސްލާމްދީނުގެ ސަބަބުން ކަމަށާއި، މި ދީން ނޫން އެހެން ގޮތަކުން ޢިއްޒަތެއް ހޯދަން މަސައްކަތްކޮށްފި ނަމަ ނިކަމެތިކަން ފިޔަވައި އިތުރު އެއްޗެއް ނުލިބޭނެ ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
ރާއްޖޭގެ މިސްކިތްތަކުގައި މިއަދު އިއްވި ޚުޠުބާ ޚާއްޞަކޮށްފައިވަނީ އިސްލާމްދީނުގެ މަތިވެރި ނިޢުމަތުގެ މައްޗަށެވެ.
ޚުޠުބާގައި ބުނީ އިސްލާމްދީނަކީ މާތް ﷲ އިންސާނުންނަށްޓަކައި އިޚުތިޔާރުކުރައްވައި ފުރިހަމަކޮށްދެއްވި އެންމެ މަތިވެރި ދީން ކަމަށާއި، ދެ ދުނިޔޭގެ ބާއްޖަވެރިކަން ގުޅިފައިވަނީ މި ދީނުގެ އުޞޫލުތަކާ ކަމަށެވެ. އަދި އެހެން ހުރިހައި އުންމަތްތަކުގެ މައްޗަށް މުސްލިމުންނަށް ލިބިފައިވާ މަތިވެރިކަމުގެ އަސްލަކީ ވެސް މިއީ ކަމަށާއި، މުސްލިމުން ދީނުގައި ވަރުގަދައަށް ހިފަހައްޓައިގެން ތިބި ކޮންމެ ހިނދެއްގައި މާތް ﷲ އެބައިމީހުންގެ ދަރަޖަ މަތިވެރިކުރެއްވިކަން އިސްލާމީ ތާރީޚުން ސާބިތުވާ ކަމަށް ޚުޠުބާގައި ފާހަގަކުރިއެވެ.
މިކަމާ ގުޅޭގޮތުން އަމީރުލް މުއުމިނީން ޢުމަރުގެފާނު ވިދާޅުވެފައިވާ ބަސްފުޅެއް ޚުޠުބާގައި ހަނދާންކޮށްދިނެވެ. އެކަލޭގެފާނު ވިދާޅުވީ "އަހަރެމެންނަކީ މާތް الله އިސްލާމްދީނުގެ ސަބަބުން ޢިއްޒަތްދެއްވި ބަޔަކީމުއެވެ. އެހެންކަމުން، އިސްލާމްދީނުގެ ޢިއްޒަތް ނޫން އެހެން ޢިއްޒަތެއް ހޯދާން މަސައްކަތްކޮށްފި ނަމަ، މާތް الله އަހަރެމެން ނިކަމެތިކުރައްވާނެއެވެ." މުސްލިމުން ދީނާ ދުރުހެލިވާ ވަގުތުތަކުގައި ނިކަމެތިވެ، ދުޝްމަނުން ބާރުފޯރުވާ ކަމަށާއި، ދުޝްމަނުންގެ މައްޗަށް ގަދަވެގަނެވޭނީ އަލުން ކީރިތި ޤުރްއާނަށާއި ކީރިތި ރަސޫލާގެ ސުންނަތަށް ރުޖޫޢަވެގެން ކަމަށް ޚުޠުބާގައި ބުންޏެވެ.
ދީނުގައި ސާބިތުވެ ތިބުމުގެ މުހިންމުކަން ބަޔާންކުރަމުން ޚުޠުބާގައި ބުނީ، ޙަޤީޤީ މުސްލިމަކީ ކޮންމެ ފަދަ ޤުރުބާނީއެއް ވާން ޖެހުނަސް ދީން ދޫކޮށްނުލާނެ މީހެއް ކަމަށެވެ. އެގޮތުން ފުރަތަމަ ޖީލުގެ މުސްލިމުން ދެއްކެވި ސާބިތުކަމުގެ މިސާލު ގެންނަވަމުން، ބިލާލުގެފާނުގެ މޭފުޅު މައްޗަށް ހިލަތައް އަރުވައި، މައްކާގެ ހޫނު ހިލަބިމުގައި ދަމަމުން ދިޔައިރުވެސް އެކަލޭގެފާނު "އަޙަދު، އަޙަދު" ވިދާޅުވަމުން ގެންދެވި ކަމަށް ބުންޏެވެ. އަދި ޚައްބާބު ބިން އަލްއަރައްތުގެ ބުރަކަށިފުޅުގެ މަސްތައް ފިހިގެން ފޭބި ދިޔައިން އަލިފާންގަނޑު ނިވިގެން ދިޔައިރުވެސް ދީނުގައި ސާބިތުވެވަޑައިގެންނެވިކަން ޚުޠުބާގައި ހަނދާންކޮށްދިނެވެ.
މީގެއިތުރުން، އެ ބޭކަލުން ދީން ޙިމާޔަތްކުރައްވައި ދަޢުވަތު ފެތުރުމަށްޓަކައި މުދަލާއި ފުރާނައިން ޖިހާދުކުރައްވައި، އެތައް ސަތޭކަ ބޭކަލުންނެއް ހަނގުރާމައިގެ މައިދާންތަކުގައި އުފަލާއެކު ޝަހީދުވެވަޑައިގެންނެވި ކަމަށް ޚުޠުބާގައި ބުންޏެވެ. އަދި ﷲ ގެ ރުއްސެވުން އެދިވަޑައިގެން، ގެދޮރާއި މުދާ ދޫކުރައްވައި ހިޖުރަކުރެއްވި ބޭކަލުންގެ ޤުރުބާނީތަކުން ޢިބުރަތް ޙާޞިލުކުރުމަށް ގޮވައިލިއެވެ.
އެހެންނަމަވެސް، މިއަދު ބައެއް މީހުން ދީނީ ކަންކަމަށް ފަރުވާކުޑަކޮށް، ﷲ ކަނޑައަޅުއްވާފައިވާ އިންތަކުން ބޭރުވެ، ބީރައްޓެހި ސަގާފަތްތަކާއި ނުބައި އަޚުލާޤީ މިންގަނޑުތަކަށް ތަބާވަމުންދާތީ ޚުޠުބާގައި ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެހެންކަމުން، ގޭތެރޭގައްޔާއި ބާޒާރުތަކުގައި އަދި މަޖިލިސްތަކުގައި ވެސް އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ދިރިއުޅުން ބައްޓަންކުރުމަށާއި، ބަހާއި ޢަމަލުން އިސްލާމްދީނުގެ ރީތި ސިފަތައް ދެއްކުމަށް މިއަދުގެ ޚުޠުބާގައި ވަނީ އިލްތިމާސްކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!