ކުރީ ހަފްތާތަކެކޭ ވެސް އެއްގޮތަށް މިހަފްތާގައި ވެސް ކެއުމުގައި ބޭނުން ކޮށްލާނެ އިތުރު ބާވަތެއް ގޮތުގައި މި ގެނެސް ދެނީ ކެއުމުގައި ރަހަ ހެޔޮވަރު ކޮށްލަށް ސުފުރާ މައްޗަށް އިތުރު ކޮށްލެވޭނެ، ފަސޭހަ ކަމާއިއެކު ފަތުން ތައްޔާރު ކޮށްލެވި ދާނެ ބާވަތެއް ކަމަށްވާ " މުރަނގަފަތު ސުންޑަލި" ތައްޔާރު ކުރާނެ ގޮތެވެ.

އެހެން ނަމެއްގައި، އެހެން ރެސިޕީއެއްގައި މިބާވަތް ތައްޔާރު ކުރުމަކީ ވެސް ހަމަ ވެދާނެ ގޮތެކެވެ. އަޅުގަނޑުމެން ކޮންމެ ހަފްތާއަކު ވެސް ކެއުމުގެ ބާވަތެއް ތައްޔާރު ކުރާނެގޮތް ގެނެސް ދެވޭތޯ މަސައްކަތް ކުރަމުން ދާއިރު، މި ގެނެސް ދެނީ ހދ. ފިނޭއަށް ނިސްބަތްވާ ކަނބަލެއް ކަމަށްވާ ވަރުދާ އަޙްމަދު ކެއުމުގެ ބާވަތްތައް ތައްޔާރު ކުރާއިރު ގެންގުޅޭ ރަހަތަކާއިއެކު އެބާވަތްތައް ތައްޔާރު ކުރާގޮތް ވަރުދާގެ ކިޔައިދޭ ގޮތަށެވެ.

Ad
rt

މިހަފްތާގައި މި ގެނެސްދޭ މުރަނގަފަތު ސުންޑަލި، އެހެން ފަތްތައް ބޭނުން ކޮށްލައިގެން ވެސް ހެދިދާނެއެވެ. މި ގޮތުން މައްސާގު، ކަންކުން އަދި ޅޮސްފަތުގައި ވެސް މި ސުންޑަލި ތައްޔާރު ކޮށްލެވި ދާނެއެވެ.

މިއީ ބަތްކާއިރު ގަރުދިޔަ ނުވަތަ ރިހާކުރާއިއެކު ވެސް ބޭނުން ކޮށްލަން ވަރަށް މީރު އެއްޗެކެވެ.

ބޭނުންވާ ތަކެތި

  • 3 ޖޯޑު މުރަނގަފަތް
  • 1 ޖޯޑު ކާށި ހުނި
  • 1 ޖޯޑު ހިކިމަސް
  • 1 ފަޅި ގިތެޔޮ މިރުސް
  • 5 ހިކި މިރުސް
  • 1 ފިޔާ (ބޮޑު)
  • 5 ލޮނުމެދު
  • 3 ރާނބާފަތްކޮޅު
  • ހިކަނދިފަތް
  • ލޮނު

ތައްޔާރުކުރާނެ ގޮތް

ފުރަތަމަ ފިޔާ، ހިކަނދިފަތް، ލޮނު، ހިކިމިރުސް އަދި ގިތެޔޮ މިރުސް، ތެޔޮކޮޅެއްގައި މީރުކޮށްލާށެވެ. ކުޑަކޮށް ރަތްކުލަ އެރުމުން
މަސްކޮޅާއި ހުނިކޮޅު އަޅާ 2 މިނެޓް ވަންދެން ހަނާކޮށްލާށެވެ. އެއަށްފަހު މުރަނގަފަތްކޮޅު އަޅާ، ރޯފިލަންދެން މަޑުގިނީގައި
ހަނާކޮށްލާށެވެ. ފަތްކޮޅު ރޯފިލުމުން ލޮނުހެޔޮވަރުކޮށް އުނދުންމަތިން ބާލާށެވެ.

"މުރަނގަފަތު ސުންޑަލި" އަކީ ވަރުދާގެ ސުފުރާމަތިން ގެނެސްދޭ ރަހަތަކަށް އިތުރުވި ކާނާގެ ބާވަތެކެވެ. މީގެ ކުރިންވެސް ވަނީ "ބަނބުކޭލު ކަނޑު ކުކުޅު"، "ކޭލު ފޯ"، "ކަންނެތް ދެލޮނު"، "ބަށި މުސައްމާ"، "މުގުރު ބޮނޑި"، އަދި "މަސް ބޮނޑި" ތައްޔާރު ކުރާނެ ގޮތް ގެނެސް ދީފައެވެ.