މީހަކަށް ޖިސްމާނީ ގޮތުން ގެއްލުމެއް ދިނުމަކީ ބޮޑު އަނިޔާއެއް ކަމާމެދު އެއްވެސް ޝައްކެއް ނެތް ނަމަވެސް، މީހެއްގެ އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ ޖިސްމާނީ އަނިޔާއަށް ވުރެ ވެސް މާ ބޮޑު ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
ރާއްޖޭގެ މިސްކިތްތަކުގައި މިއަދު އިއްވި ޚުޠުބާ ޚާއްޞަކޮށްފައި ވަނީ "މުސްލިމުންގެ އަބުރާއި ޢިއްޒަތް" މި މައުޟޫޢުގެ މައްޗަށެވެ. މި މައުޟޫއަށް ގެންދިން ޚުޠުބާގައި ބުނީ އަބުރު ގެއްލުވައިލުމުން މީހަކު ދުނިޔޭގައި އުޅެން ޖެހެނީ އިންތިހާ ދަރަޖައިގެ ވޭނާއި ހިތްދަތިކަމުގައި ކަމަށެވެ. އެގޮތުން، އަބުރު ކަތިލެވޭ މީހާއާ މެދު މުޖުތަމަޢު ދެކޭގޮތް ބަދަލުވެ، އެ މީހަކު އެކަހެރިކޮށްލެވޭ ކަމަށާއި، ބޭރުފުށުން އެއްވެސް ޒަޚަމެއް ފެންނަން ނެތް ނަމަވެސް، އެ މީހެއްގެ ހިތާއި ނަފުސުގައި އަޅާ ވޭނަކީ ބަޔާންކުރަން ވެސް ދަތި ބޮޑު އަނިޔާއެއް ކަމަށް ފާހަގަކުރިއެވެ. މީގެ އިތުރުން މިއީ ވަކިވަކި ފަރުދުންނަށް ލިބޭ ގެއްލުމުގެ އިތުރަށް، މުޅި މުޖުތަމަޢުގެ އެއްބައިވަންތަކަން ގެއްލި، އިޖުތިމާޢީ ފޭރާން ވީދިގެންދާނެ ކަމެއް ކަމަށް ވެސް ބުންޏެވެ.
އިސްލާމީ ޝަރީޢަތް ބާވައިލެއްވުމުގެ މައިގަނޑު ފަސް މަޤުޞަދުގެ ތެރޭގައި އިންސާނާގެ އަބުރާއި ޢިއްޒަތް ރައްކާތެރިކުރުން ހިމެނޭކަން ފާހަގަކުރަމުން ޚުޠުބާގައި ބުނީ، މާތް ﷲ އިންސާނާ މާތްކުރައްވައި މަތިވެރިކުރެއްވި އިރު އޭނާގެ ޤަދަރާއި ޢިއްޒަތް ގެއްލިދާނެ ކޮންމެ ކަމެއް އެކަލާނގެ ނަހީކުރައްވާފައިވާ ކަމަށެވެ. އަދި ޙައްޖަތުލްވަދާޢުގެ ޚުޠުބާގައި ކީރިތި ރަސޫލާ ޙަދީޘްކުރައްވާފައިވާ ބަސްފުޅެއް ހަނދާންކޮށްދެމުން، ޙައްޖު ދުވަހާއި، ޛުލްޙިއްޖާ މަހާއި، މައްކާގެ ބިން ޙުރުމަތްތެރިވެގެންވާ ފަދައިން، މީސްތަކުންގެ ލެޔާއި، މުދަލާއި، އަބުރާއި ހަށިތައް ވެސް ވަނީ ޙުރުމަތްތެރި ކުރައްވާފައިވާ ކަމަށް ބުންޏެވެ.
ޖަނަވާރުންނަށް އޯގާތެރިވުމުގެ މުހިންމުކަމަށް އަލިއަޅުވާލަމުން ޚުޠުބާގައި ބުނީ، މުސްލިމުންނަށް ކުއްތާއާއި އޫރަކީ ނަޖިހެއް ކަމުގައި ވިޔަސް އެ ތަކެއްޗަށް ވެސް ރަޙުމުކުރުމަކީ ވާޖިބެއް ކަމަށެވެ. ކަރުހިއްކައިގެންފައިވާ ކުއްތާއަކަށް ފެންދިން މީހެއްގެ ފާފަ މާތް ﷲ ފުއްސަވައި ސުވަރުގެއަށް ވެއްދެވި އިރު، ޙުރުމަތްތެރި ކުރައްވާފައިވާ އާދަމުގެ ދަރިއަކަށް ހެޔޮކޮށްހިތުމުގެ މަތިވެރިކަން މާ ބޮޑުވާނެ ކަމަށާއި، އާދަމުގެ ދަރިއެއްގެ އަބުރު ކަތިލައި ނިކަމެތިކުރުމުގެ ފާފަ އިންތިހާއަށް ބޮޑުވާނެކަން ޚުޠުބާގައި ހަނދާންކޮށްދިނެވެ. އަދި ކީރިތި ރަސޫލާ ގެފުޅު ވަށައި ޠަވާފުކުރައްވަމުން، ގެފުޅަށް ވުރެ ވެސް މާތް ﷲ ގެ ޙަޟުރަތުގައި މުއުމިނެއްގެ ޙުރުމަތާއި، އޭނާގެ މުދަލާއި ލޭގެ ޙުރުމަތް މާ މަތިވެރިކަމަށް ޙަދީޘްކުރައްވާފައިވާކަން ވެސް ފާހަގަކުރިއެވެ.
އަބުރު ރައްކާތެރިކުރުމަށްޓަކައި އިސްލާމްދީނުގައި އެތައް ކަމެއް ޝަރުޢުކުރައްވާފައިވާކަން ފާހަގަކޮށް ޚުޠުބާގައި ބުނީ، ހަތަރު ފިރިހެނުންގެ ހެކިބަސް ނެތި މީހެއްގެ ބޮލުގައި ޒިނޭގެ ތުހުމަތު އެޅުވުމަކީ ލަޢުނަތް ލެއްވިގެންވާ ބޮޑު ފާފައެއް ކަމަށެވެ. އެފަދަ މީހުންގެ ގައިގައި 80 އެތިފަހަރުން ޙައްދުޖަހައި، ދުވަހަކު ވެސް އެ މީހުންގެ ހެކިބަސް ޤަބޫލުނުކުރުމަށް އަންގަވާފައިވާ ކަމަށް ބުންޏެވެ. މީގެ އިތުރުން މީހުންނާ މެދު ގޯސްކޮށް ހީކުރުމާއި، އެފަދަ ހީތަކުގެ މައްޗަށް ބިނާކޮށް ޒާތީ ކަންކަން ބަލައި ޖާސޫސްކުރުމާއި، އެއްބަޔަކު އަނެއްބަޔަކަށް ޣީބަ ބުނުން ވެސް މާތް ﷲ ނަހީކުރައްވާފައިވާކަން ޚުޠުބާގައި ހަނދާންކޮށްދިނެވެ.
ޚުޠުބާގައި އިތުރަށް ބުނީ، މިއަދުގެ ބަވަނަވެފައިވާ ދުނިޔޭގައި، ކުޑަ ސިކުންތުކޮޅެއްގެ ތެރޭގައި މީހުން ފަޟީޙަތްކޮށް، އަބުރަށް އަރައިގަންނަނީ ކުރެވޭ ފާފައިގެ ބޮޑުކަމާ މެދު އެއްވެސް ވިސްނުމެއް ނެތި ކަމަށެވެ. އަދި ޒާތީވުމާއި ހިތުގައިވާ ޙަސަދައިގެ ބޮޑުކަމުން، ތެދުދޮގު ބެލުމެއް ނެތި މީސްމީޑިއާގައި މީހުންގެ އަބުރު ކަތިލަނީ ތިމަތިމާމެންގެ ޅަދަރިންގެ ކުރިމަތީގައި ކަމަށާއި، މިއީ މާދަމާ ޤައުމުގެ ހުންގާނާ ޙަވާލުވާން ތިބި ކުދިންނަށް ދެއްކޭ ވަރަށް ނުރައްކާތެރި ނަމޫނާއެއް ކަމަށް ބުންޏެވެ. އަދި އެ މީހަކަށް އަޑުއިވޭހާ ވާހަކައެއް ދެއްކުމަކީ، އެ މީހަކު ދޮގުވެރިއަކަށް ވުމަށް ފުދޭ ކަމެއް ކަމަށް އޮންނަ ނަބަވީ އިރުޝާދު ވެސް ޚުޠުބާގައި ވަނީ ބަޔާންކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!