އޮކްޓޯބަރު 11 ވަނަ ދުވަހުގެ އަދަދާއި ގުޅޭ:
" ސިއްރު ނުކޮށް ބުނި ނަމަ، އަހަރެމެން އެންމެން އެކުގައި އެ ކަން ހުއްޓުވުނީސް. އެކަމަކު އަހަންނަށް ހީވަނީ މިހާރު މާ ލަސްވެއްޖެހެން." މާޔާ އެހެން ބުނެ ފޯނު ކަނޑާލިއެވެ. އެއާއެކު ލީނާ އަނެއްކާ ވެސް މާޔާއަށް ގުޅަން ފެށިއެވެ. ނަމަވެސް ލީނާގެ ކޯލަށް މާޔާ ޖަވާބު ދޭ ހިތް ނުވެގެން ފޯނު އޮފްކޮއްލިއެވެ.
ވިސްނުންތަކުން މާޔާގެ ސިކުނޑިއަށް ބަރުވަމުން ދިޔައެވެ. ހިފެހެއްޓުމެއްނެތި ލޮލުން ދިޔައީ ކަރުނަ އޮހޮރެމުންނެވެ. ދިރިއުޅުމުގައި އޮތީ މުޅިން ވެސް ހިތާމައޭ ހީކޮށް، ހިތަށް ތަދުކުރަމުން ދިޔައެވެ. އޭރު އޭނާގެ ލޯ އަމާޒުވެފައި ހުރީ އަތުގެ އޮތް ފޯނުގެ ސްކްރީނުން ފެންނަ އާއިޒްގެ ރީތި ތަސްވީރަށެވެ.
އެއީ އޭނާ އިންތިހާއަށް ލޯބިވި ސޫރައެވެ. އެކުގައި ދިރިއުޅެން ބޭނުންވި ހަމައެކަނި މީހާއެވެ. އާއިޒާއެކު މުސްތަޤްބަލު ބިނާކުރުމަށް އެތައް އުއްމީދުތަކެއް އޭނާ ކުރިއެވެ. ނަމަވެސް ރަޙުމެއްނެތި އާއިޒް އެ ދިރިއުޅުމުން އޭނާ ބޭރުކުރީއޭ މާޔާގެ ހިތަށް އެރިއެވެ.
ކުއްލިއަކަށް ފޯނުގެ ސްކްރީނުން ފެނުނު ނަޖާހުގެ ނަމާއެކު ފޯނު ރިންގްވާން ފެށިއެވެ. އޭރު ވެސް މާޔާގެ ދެ ލޮލުން އޮހޮރެމުންދާ ކަރުނަތަކަަށް ހުއްޓުމެއް ނާދެއެވެ.
ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ނަޖާހުގެ ކޯލަށް މާޔާ ޖަވާބުދިނެވެ.
" މާޔާ" ނަޖާހު ގޮވާލުމާއެކު މާޔާއަށް އިތުރަށް ރޮވުނެވެ.
" ހަމަ ރޮނީ؟ ރޮއިރޮއި ގޮސް ލޯ ދުޅަ ނުކޮށް ނިކުމެބަ ބޭރަށް. " ނަޖާހު ބުންޏެވެ.
" ނުދާނަން." ކުޑަކުއްޖަކު ފަދައިން މާޔާ ބުންޏެވެ.
" އަހަރެން މިހާރު މި ދަނީ ތިގޭ ކައިރިއަށް. ނިކުމޭ ކޮފީއަކަށް ދާން. އޮފީހަށް އަންނަނީކީ ނޫން. ހަމަ ގޭގައި ތިހެން ތި ހުންނަނީ." ނަޖާހު ބުންޏެވެ.
" ނޫން. ނެތް ދާހިތެއް. ނަޖާ ވެސް އަހަންނަށް އެއްޗެހި ގޮވަން ތި އުޅެނީ." މާޔާ ބުންޏެވެ.
" މަ؟ މަ ކީއްކުރަން މާޔާއަށް އެއްޗެހި ގޮވަންވީ؟ މަށެއް ނުކުރަމޭ މާޔާ ކުއްވެރިއެއް. ނިކުމެބަލަ ދެން." ނަޖާހު ބުންޏެވެ.
އެންމެ ފަހުން މާޔާއަށް ޖެހުނީ އެއްބަސް ވާށެވެ.
ތައްޔާރުވެގެން މާޔާ ނިކުތް އިރު ސައިކަލްމަތީ ނަޖާހު އިނެވެ. މާޔާ ފެނުމާއެކު އޭނާ ހީލިއެވެ. ގަދަކަމުން ހިނިތުންވަމުން މާޔާ ގޮސް ނަޖާހުގެ ކުރިމަތީ ހުއްޓުނެވެ.
" ކޮންތާކަށް ދާން؟" މާޔާ އެހިއެވެ.
" މާޔާ އުފާވާނެ ކޮންމެވެސް ތަނަކަށް." ނަޖާހު ވާހަކަ ދެއްކީ މަޖާ ރާގެއްގައެވެ.
" އަހަރެން އުފަލެއް ނުވާނެ ދެނެއް. " ދުރަށް ބަލައިލަމުން މާޔާ ބުންޏެވެ.
އެއާއެކު ނަޖާހު ހިނިގަނޑެއް ޖަހާލިއެވެ.
"ތިއީ ހީވާ އެއްޗެއް. އުފާވެރިކަމަކީ އެންމެ އިންސާނަކާ ގުޅިފައިވާ އެއްޗެއް ނޫނޭ." މަޑުމަޑުން ނަޖާހު އެހެން ބުނުމާއެކު މާޔާ ސިހިފައި ނަޖާހުގެ މޫނަށް ބަލައިލިއެވެ.
އެ ވަގުތު އަނެއްކާ ވެސް ނަޖާހު ހީގަތެވެ.
" ދެން އަރާ. މިއޮއް އަރާ ހޫނުގައި މިތާކު ނުތިބެވޭނެއެއްނު." ނަޖާހު ބުންޏެވެ.
ސައިކަލް ގޮސް ރެސްޓޯރެންޓެއްގެ ދޮރުމަތީގައި ޕާކު ކުރި އިރު ވެސް އެއްވެސް މީހަކު ވާހަކައެއް ނުދައްކައެވެ.
" މާޔާ ތިހާ ހިމޭންވީމަ އަހަންނަކަށް ނުގުޅެ. " ނަޖާހު ބުންޏެވެ.
" ބައެއް ފަހަރު މީހާގެ މިޒާޖު ވެސް ބަދަލުވެއެއްނު." މާޔާ ބުންޏެވެ.
" ނޫން. ދިމާވެގެން ތި އުޅެނީ މިޒާޖު ބަދަލުވާންޖެހޭވަރު ކަމެއް ނޫން. " ނަޖާހު ބުނެލިއެވެ.
މާޔާ މަޑުމަޑުން އިސްޖަހައިލިއެވެ.
"ކޮންމެ މީހަކަށް ވެސް ދިރިއުޅުމުގަ އަމިއްލަ ކަންކަން ހުންނާނެއެއްނު ނަޖާހު... އަބަދު ހީނ މަޖާކޮށްފައެއް ނޫޅެވޭނެ،" މާޔާގެ އަޑުގައިވީ ހިމޭން ރިހުމެކެވެ. އާއިޒް އޭނާގެ ދިރިއުޅުމުން ވަކިވެގެން ދިޔަތާ އަދި ވީ އެންމެ ދެ ދުވަހެވެ. ހިތް ކުދިކުދިވެފައިވީ ނަމަވެސް، އޮފީހުގެ އެއްވެސް މީހަކަށް އެކަން އަންގާކަށް މާޔާ ބޭނުމެއް ނުވިއެވެ.
ނަޖާހު ފުން ނަޒަރަކުން މާޔާގެ މޫނަށް ބަަލައިިލިއެވެ. ދެމީހުން އެކުގައި އެއް ޑިޕާޓްމަންޓެއްގައި މަސައްކަތްކުރާތާ އެތައް ދުވަހެއް ވެފައިވާއިރު، މާޔާގެ މޫނުމަތިން ފެންނަ ކޮންމެ ކުޑަ ބަދަލެއް ވެސް އެންމެ ފުރަތަމަ ފާހަގަވަނީ ނަޖާހަށެވެ. އެ ހިތުގައި މާޔާއަށްޓަކައި އޮތް ޚާއްޞަ ޤަދަރާއި ލޯބި ވަނީ އެކުވެރިކަމުގެ ފަރުދާގެ ފުރަގަހުގައި ފޮރުވިފައެވެ.
"އަހަންނަށް އެނގޭ މާޔާ އެއްވެސް ވާހަކައެއް ދައްކަން ބޭނުން ނުވާކަން،" ނަޖާހު މަޑުމައިތިރިކަމާއެކު ބުނެލިއެވެ.
"އެކަމަކު އަހަރެން ހަމައެކަނި ބުނެލަން ބޭނުންވަނީ... ބައެއް ފަހަރު އަހަރެމެންގެ ދިރިއުޅުމުން މީހުން ދުރަށް ދަނީ، އެމީހުންނަށް އަހަރެމެންގެ އަގު ވަޒަންކުރަން ނޭނގޭތީއޭ. ތި ހިތަށް ޤަދަރުކުރާނެ މީހަކު، ދުވަހަކު ވެސް ތި ދެލޮލުން ކަރުނަ ފޮހެލާކަށް ޖާގައެއް ނުދޭނެ."
މާޔާ ސިހިފައި ނަޖާހުގެ މޫނަށް ބަލައިލިއެވެ. ނަޖާހުގެ ލޮލުން ފެންނަމުންދިޔަ ސީރިއަސްކަމާއި އޯގާތެރިކަމުން މާޔާގެ ހިތުގައި ސުވާލުތަކެއް އުފެދުނެވެ. ނަޖާހު އެ ދައްކަނީ ކޮން ވާހަކައެއް ހެއްޔެވެ؟
" ކާކުގެ ވާހަކައެއް ތި ބުނީ؟" މާޔާއަށް އަހައިލެވުނެވެ.
ނަޖާހު ފަނޑު ހިނިތުންވުމެއް ރައްދުކޮށްލަމުން އިސްޖަހައިލިއެވެ.
"ވަކި ޚާއްޞަ މީހެއްގެ ވާހަކައެއް ނޫން. ހަމައެކަނި ހަނދާންކޮށްދިނީ... ތި ސިކުނޑީގަ އަދި ތި ހިތުގަ ކޮންމެ އެއްޗެއް ހިނގިޔަސް، މާޔާގެ ހިނިތުންވުމަކީ ބައެއް މީހުން މުޅި ދުވަހު އިންތިޒާރުކުރާ އެއްޗެއްކަން. ކައިރީގަ ހުންނަ މީހަކު އެ ހިނިތުންވުން އަނބުރާ ގެނެސްދޭން ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެކަން."
މާޔާ އެ ޖުމްލަތަކާމެދު ފުންކޮށް ވިސްނައިލިއެވެ. އޭނާ ހީކުރީ ނަޖާހު އެ ހިތްވަރު ދެނީ ހަމައެކަނި ވަފާތެރި އޮފީސް އެކުވެރިއެއްގެ ހައިސިއްޔަތުން ކަމަށެވެ.
" އަސްލުވެސް ތީ ވަރަށް ރަނގަޅު އެކުވެރިއެއް." މާޔާ ހަމަޖެހޭ ގޮތް ދައްކަމުން މަޑުމަޑުން ބުނެލިއެވެ.
ނަޖާހުގެ ހިތަށް ކުޑަ ތަދެއް ވެރިވެގެން ދިޔައެވެ. "އެކުވެރިއެއް" އެ ލަފުޒު މާޔާގެ ދުލުން ބޭރުވި ގޮތުން އޭނާގެ ހިތުގެ އިޙްސާސްތައް އަދިވެސް މާޔާއަށް ފަހުމްނުވާކަން ސާފުވިއެވެ. އެހެންނަމަވެސް އޭނާ އަވަސްއަރުވާލާކަށް ބޭނުމެއް ނުވިއެވެ. މާޔާގެ ހިތް ޒަޚަމްވެފައިވާ މި ދަނޑިވަޅުގައި، ދުރުދުރުން ނަމަވެސް އެ ހިތަށް ފަރުވާދޭން އޭނާ އަޒުމް ކަނޑައެޅިއެވެ.
މާޔާއަށް އޮތީ ނުނިދިފައެވެ. އެނދުމަތީ ފުރޮޅިފުރޮޅި އޭނާ ވަރުބަލި ވެއްޖެއެވެ. އެންމެ ފަހަރަކު ނަމަވެސް އާއިޒްގެ އަޑު އަހައިލުމަށާއި، ދެމީހުންގެ ދެމެދުގައި ޖެހުނު މައްސަލަ ހައްލުކުރުމަށް އޭނާގެ ހިތް އެދި ގޮވަމުންދިޔައެވެ.
ތުރުތުރުއަޅަމުންދިޔަ އަތުން ފޯނު ނަގައި، އާއިޒްގެ ނަންބަރަށް ގުޅައިލިއެވެ. ދެތިން ރިންގަށްފަހު، ހީވެސް ނުކުރާހައި އަވަހަށް ފޯނު ނެގިއެވެ.
"ހަލޯ... އާއިޒް..." މާޔާގެ އަޑު ބެދުނެވެ.
"ކީއްކުރަން ތި ގުޅަނީ؟" އަނެއްކޮޅުން އިވުނީ އާއިޒްގެ އިންތިހާއަށް ފިނި އަދި ހަރުކަށި އަޑެވެ.
"އަހަރެން ބުނީމެއްނު ދެން ދުވަހަކު ވެސް ނުގުޅާށޭ!" އާއިޒް ބުންޏެވެ.
"އާއިޒް... ޕްލީޒް، އަހަރެން ދައްކާ ވާހަކަ އެންމެ ފަހަރަކު އަޑުއަހާލަބަލަ،" މާޔާ ރޮވިފައި އާދޭސްކުރިއެވެ.
"އަހަންނަށް ކަމެއް ގޯސްކޮށް ކުރެވުނިއްޔާ މަޢާފުކުރޭ... އަހަރެމެން އެކުގައި އުޅެން ފެށި ދުވަސްތައް ހަނދާންނައްތާނުލާބަލަ. އަހަންނަކަށް އާއިޒްއާ ނުލައެއް ނޫޅެވޭނެ. އަހަރެން ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނަން. ހަމައެކަނި އަހަރެން ދޫކޮށްނުލާ."
"މާޔާ، ހުއްޓާލަފާނަންތަ!" އާއިޒް ރުޅިވެރިކަމާއެކު ހަޅޭއްލަވައިގަތެވެ. އެއީ ދުވަހަކު ވެސް އާއިޒްގެ ފަރާތުން މީގެ ކުރިން މާޔާއަށް އިވިފައިނުވާ ފަދަ އަޑެކެވެ.
"ތި އަޑު އިވުނަސް އަހަންނަށް އުނދަގޫވޭ. އަހަރެންގެ ކުށް އަހަންނަށް އިހްސާސްވަނީ މާޔާ މަތިން ހަނދާން ވިޔަސް."
"އާއިޒް..." މާޔާގެ ދުލުން ބޭރުވީ އެންމެ ލަފުޒެކެވެ.
"ދެން ދުވަހަކު ވެސް ތި ނަންބަރުން އަހަންނަށް ކޯލެއް އައިސްގެން ނުވާނެ މާޔާ." އާއިޒް ހިތްވަރުކޮށްފައި ފޯނު ކަނޑައިލިއެވެ.
ފޯނު ކެނޑުމާއެކު މާޔާ އެނދުމައްޗަށް ވެއްޓިގަތެވެ. ކަންފަތްދޮށުގައި އަދިވެސް ގުގުމަމުން ދިޔައީ އާއިޒްގެ ރަޙުމެއްނެތް ވިހަ ޖުމްލަތަކެވެ.
"ތި އަޑު އިވުނަސް އަހަންނަށް އުނދަގޫވޭ..." އެ ބަސްތައް ހިތަށް ތޫނު ޚަންޖަރެއް ހެން ހެރެމުން ދިޔައެވެ. ލޯބިވާ މީހާގެ ފަރާތުން މިފަދަ ނަފްރަތެއް ލިބޭނެ ކަމަކަށް އޭނާ ދުވަހަކު ވެސް އުންމީދެއް ނުކުރެއެވެ. މުޅި ކޮޓަރި ތެރޭގައި ގުގުމައިގަތީ މާޔާގެ ހިތްފަޅައިގެންދާ ފަދަ ރުއިމުގެ އަޑެވެ. އޭނާ އެކަނިވެރިވެ، މުޅިން ބަލިކަށިވެއްޖެ ކަމުގެ އިޙްސާސް މުޅި ހަށިގަނޑު ވަށާލިއެވެ.
މެލޭޝިއާއިން އައި ގޮތަށް އާމިރާ ދިޔައީ އާއިޒާ ބައްދަލު ކުރާށެވެ. ގެއަށް ވަދެވުމާއެކު އާމިރާގެ ހިތަށް ވެސް މަންމަގެ ހަނދާންތައް ޖަމާވާން ފެށިއެވެ. އޭނާގެ ދެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަތައް ފައިބަމުން ދިޔައެވެ. އެންމެ ދެރަވީ ކޮއްކޮ ހުރި ހާލަތު ފެނިފައެވެ. އެހާ ބޮޑު ބަދަލެއް އާއިޒްގެ ސިފައަށް އައިސްފައި ހުރި ތަނެއް އާމިރާއަކަށް މީގެ ކުރިން ނުފެނެއެވެ. ބޯ ދިގުވެ، ތުނބުޅި ދިގުވެ، މީހާ ހުރީ ގައިން ވަރު ގޮސްފައިވާ ބަލި މީހެއް ފަދައިންނެވެ.
ކެތްތެރިކަން އިސްކޮށް، އާމިރާ އާއިޒާ ވާހަކަ ދައްކަން ފެށިއެވެ.
" މާޔާ ނާދޭތަ؟" އާމިރާގެ ސުވާލުން އާއިޒްގެ ހިތަށް ވަރަށް އަސަރު ކުރިއެވެ.
އޭނާ މަޑުމަޑުން ހުރިހާ ވާހަކައެއް ދޮންތައަށް ކިޔައިދޭން ފެށިއެވެ. މަންމައާއެކު ހޭދަވި ފަހު ވަގުތުކޮޅުގެ ވާހަކައެވެ. މާޔާއާ މަންމަ ނުޤަބޫލުވި ވާހަކައެވެ. އެ ހުރިހާ ކަމަކުން އޭނާގެ ހިތް ޒަޚަމްވެފައިވާ ވާހަކައެވެ.
" ތިހެން ހަދައިގެން ނުވާނެ އާއިޒް. ކަންތައް ތި ކުރެވުނީ ވަރަށް ގޯސްކޮށް. މާޔާއަކީ ގޯސްކުއްޖެއް ނޫނޭ. ދޮންތައަށް ވެސް ހަމަ އެއްޗެހި ބުނެވޭ މަންމައާ ދިމާލަށް. އެކަމަކު އޭގެ މާނައަކީ ރުޅި އަންނަނީއެއް ނޫނޭ." އާމިރާ އާއިޒަށް ވިސްނައިދޭން ފެށިއެވެ.
" ދެން ތި ވާހަކަތައް ނު ދައްކާ. އަހަރެން މިހާރު ވެސް މި ހުރީ ވަރަށް ބޮޑަށް ވަރުބަލިވެފައި." އާއިޒް ބުންޏެވެ.
އެންމެ ފަހުން ވިސްނައިދިނުމުގެ ބަދަލުގައި އާމިރާއަށް ޖެހުނީ ވާހަކަ މެދުކަނޑާލާށެވެ.
މާޒިން ކޮޓަރީގެ ދޮރުމަތީގައި މަޑުޖެހިލިއެވެ. އޭނާގެ މޭ ތެޅެމުންދިޔައީ އިންތިހާއަށެވެ. އެތެރެއިން އިވެމުންދިޔައީ މަންމަ ސުވޭދާ ގިސްލާފައި ރޯ އަޑެވެ. ވޭތުވެދިޔަ އެތައް މަހެއް ވަންދެން ބައްޕަގެ އުޅުމަށް އައި ބަދަލުތަކާއި، ދަންވަރު އަންނަ ސިއްރު ފޯނު ކޯލްތަކާއި، ބައްޕަ ދަންވަރު ބޭރުގައި ހޭދަކުރާ ވަގުތުތަކުގެ ހަގީގަތް ނޭނގި، މަންމަ އެ ހޭދަކުރި ވޭނީ ދުވަސްތައް މާޒިންއަށް ފެނުނެވެ. މަންމަގެ ކެތްތެރިކަން ކޮޅުންލައި، އެންމެ ފަހުން ވަރިވާން ނިންމި ހިސާބަށް ކަންކަން ދިޔައީ، ބައްޕަގެ ހަޔާތަށް ވެރިވެގަތް އަންހެނަކީ ކާކުކަން ނޭނގި އުފެދުނު ޝައްކުތަކާއި ނުތަނަވަސްކަމުގެ ސަބަބުންނެވެ.
މާޒިން ދެއަތް މުއްކަވައިލިއެވެ. އޭނާގެ ދެ ލޮލުން ހަޤީޤަތް ދެކެފައިވެއެވެ. އެ ހަގީގަތް ހާމަވުމުން މަންމަގެ ހިތް އިތުރަށް ކުދިކުދިވެދާނެ ކަމުގެ ބިރު އޮތް ނަމަވެސް، އަނދިރީގައި މަންމަ މިގޮތަށް ވޭން ތަހައްމަލުކުރަން ދޫކޮށްލާކަށް މާޒިންގެ ޟަމީރު އެއްބަހެއް ނުވިއެވެ.
ފުން ނޭވާއެއް ދޫކޮށްލުމަށްފަހު، މާޒިން މަޑުމަޑުން ކޮޓަރީގެ ދޮރު ހުޅުވައިލިއެވެ.
ސުވޭދާ އިނީ އެނދުގެ އެއްފަރާތުގައި އިސްޖަހައިގެންނެވެ. ދޮރު ހުޅުވުނު އަޑަށް ސިހިފައި، އަވަސް އަވަހަށް ކަރުނަތައް ފޮޮހެލަން މަސައްކަތް ކުރިއެވެ.
"ދަރިފުޅާ މާޒިން..." ސުވޭދާގެ އަޑު ތުރުތުރުއަޅަމުން ދިޔަ ނަމަވެސް ހަމަޖެހޭ ގޮތް ދައްކަން އުޅުނެވެ.
"ކަމަކުތަ؟" ސުވޭދާ ބުނެލިއެވެ..
މާޒިން މަޑުމަޑުން ގޮސް މަންމަގެ ކައިރީގައި އިށީނދެ، އެ ފިނިވެފައިވާ ދެއަތުގައި ހިފަހައްޓައިލިއެވެ. މަންމަގެ ދުޅަވެފައިވާ ދެލޮލަށް ބަލައިލުމުން އޭނާގެ ހިތަށް ބަޔާންކުރަން ދަތި ތަދެއް ވެރިވިއެވެ.
"މަންމާ... ދެން ތިހެން ނުރޮއެ،" މާޒިންގެ އަޑުގައިވީ ހިތްވަރާއި އޯގާތެރިކަމެވެ.
"އަހަންނަށް އެނގޭ މަންމަ ތި ތަހައްމަލުކުރާ ވޭން. ބައްޕަ ސިއްރުކުރަން އުޅުނު ކަންތައްތަކުގެ ހަގީގަތް ނޭނގި މަންމަ ކުށްވެރިއަކަށް ވާކަށް ނުޖެހޭނެ." މާޒިން ބުންޏެވެ.
ސުވޭދާ ހިނިތުންވުމަކާއެކު ބޯހޫރައިލިއެވެ.
"ދަރިފުޅާ، މަންމަ ބޭނުމީ މިކަން ނިންމާލަން. މަންމަގެ މުޅި އުމުރު މި ދިޔައީ ބައްޕައަށް ވަފާތެރިކަންމަތީ. އެކަމަކު... އެކަމަކު ބައްޕަ އެ ސިއްރުކުރާ މީހަކީ ކާކުކަން ވެސް ނޭނގި، މަންމަ މިގޮތަށް ހިތާމައިގައި އުޅޭކަށް ދެން ކެތެއް ނުވާނެ." ސުވޭދާ ބުންޏެވެ.
މާޒިން މަންމަގެ އަތަށް ބާރުކޮށްލިއެވެ. އަދި ސީދާ މަންމަގެ ލޮލަށް ބަލައިލިއެވެ.
"މަންމާ، އެއީ ކާކުކަން ދެން ހޯދާކަށް އުޅޭނެ ކަމެއް ނެތް،" މާޒިން ފުން ނޭވާއެއް އެތެރެއަށް ދަމައިލިއެވެ.
"ބައްޕަ އެ ގުޅުން ބާއްވަނީ ކާކާކަން އަހަންނަށް އެނގިއްޖެ." މާޒިން ބުންޏެވެ.
ސުވޭދާގެ މޫނުމަތީގެ ކުލަވަރު ވަގުތުން ބަދަލުވެގެން ދިޔައެވެ. ދެލޯ ބޮޑުވެ، މުޅި މީހާ ގަނޑުވި ކަހަލައެވެ. އެތައް ދުވަހަކު އޭނާ ހޯދަން އުޅުނު ހަގީގަތުގެ ދޮރު، ދަރިފުޅުގެ މި ޖުމްލައާއެކު ހުޅުވިގެން ދިޔަ ކަހަލައެވެ.
( ނުނިމޭ)
މި ވާހަކަ ގެނެސްދޭން ހަމަޖެހިފައި ވަނީ ކޮންމެ އާދީއްތަ، އަދި ބުދަ ދުވަހެވެ.
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!