ބަށި މުސަންމާއަކީ ރާއްޖޭގެ އެކި ހިސާބުގައި ތައްޔާރު ކުރަމުންދާ ކެއުމުގެ ބާވަތެކެވެ. އެކި ހިސާބުގައި ތައްޔާރު ކުރާގޮތާއި، ތައްޔާރު ކުރަން ބޭނުން ކުރާ ބާވަތްތައްވެސް ތަފާތު ވެދާނެއެވެ.
ހދ. ފިނޭ މީހުން ތައްޔާރު ކުރާ ބަށި މުސަންމާގެ ރަހަ، އެއް ފަހަރުވެސް ބަލައިފި ނަމަ ދެވަނަ ފަހަރުވެސް ކާން ބޭނުންވާހާ ރަހަ މީރެވެ. މިހަފުތާގައި މިގެނެސް ދެނީ އެރަށު މީހުން ބަށި މުސަންމާ ތައްޔާރު ކޮށް އުޅޭ ގޮތެވެ. ބަށީގައި ތައްޔާރު ކުރާ މި ކާނާގެ ބާވަތަކީ ވަރަށްވެސް ރަހަ މީރު ކާނާގެ ބާވަތެކެވެ.
ފިނޭ މީހުން ބަށި މުސައްމާ ތައްޔާރު ކުރުމަށް ބޭނުން ކުރަނީ ހުދު ވަށް ބަށްޓެވެ. ނަމަވެސް ބަށީގެ ކޮންމެ ވައްތަރެއްގައި ވެސް މުސަންމާ ތައްޔާރު ކޮށްލެވިދާނެއެވެ.
ފިނޭ މީހުން ބަށި މުސަންމާ ތައްޔާރު ކުރާއިރު ގެންގުޅޭ ރަހަ ތަކުގެ އަޖުމަ ބަލައިލަން މިއޮތީ ބަށި މުސަންމާ ތައްޔާރު ކުރާ ގޮތެވެ. އެ ރަށު މީހުން ބަށި މުސަންމާ ތައްޔާރު ކުރާގޮތް މިފަހަރުވެސް މިގެނެސް ދެނީ، އެ ރަށަށް ނިސްބަތްވާ ވަރުދާ އަޙްމަދު ކިޔައިދިން ގޮތަށް، ވަރުދާގެ ސުފުރާމަތިން ލިބުނު ތާޒާ ފޮޓޯތަކާއި އެކުގައެވެ. ކިޔާލަމައި ހިންގަވާށެވެ.
ބަށި މުސަންމާ ތައްޔާރު ކުރާނެ ގޮތް

ބޭނުންވާ ތަކެތި
- 6 ބަށި (ވަށް)
- 1 ގަނޑު ވަޅޯމަސް (ބޮޑު)
- 6 ސަމުސާ ދިވެހި ހަވާދު (ފުނޑާފައި)
- 2 ފިޔާ (ކޮށާފައި)
- 3 ލޮނުމެދު ( ކޮށާފައި)
- 1 ގިތެޔޮ މިރުސް (ކޮށާފައި)
- 1 ސައިސަމުސާ ލޮނުމެދު ޕޭސްޓް
- 1 ސައިސަމުސާ އިނގުރު
- 3 ރާނބާފަތްކޮޅު
- 1 ކާށީގެ ކިރު
- ހިކަނދިފަތް (ކޮށާފައި)
- ލޮނުކޮޅެއް
ތައްޔާރުކުރާނެ ގޮތް
ފުރަތަމަ ތެއްޔަކަށް ފެންފޮދެއް އަޅާ ކައްކަން އުދާށެވެ. ދެން ތަނޑި ވަކިނުވާނޭހެން ކޮންމެ ބައްޓެއް ހަތަރު ފޮއްޗަށް ވާގޮތަށް
ކަފާލާށެވެ. (2 ޅިޔަ އެޅުމުން ހުންނާނީ 4 ބަޔަށެވެ.) ފެން ކެކެން ފެށުމުން ބަށިކޮޅާއި އެކު ލޮނުކޮޅެއް އަޅާ މަޑުވަންދެން
ކައްކާށެވެ.
ބަށިތައް މަޑުވުމުން ފެންގަނޑުން ނަގާ ވަކިން ބަހައްޓާށެވެ. ދެން ވަޅޯމަސްގަނޑުގެ އެއްބައި ތުނިކޮށް ކޮށާލާށެވެ. އަނެއްބައި، ރިހަ ކައްކާގޮތަށް ބޯކޮށް ކޮށާލާފައި ވަކިން ބަހައްޓާށެވެ.

އެއަށްފަހު ކޮށާފައި ހުރި ފިޔާކޮޅުން އެއްބަޔާއި، ކުޑަ މިރުސްކޮޅަކާއި ލޮނުމެދު ކޮޅަކާއި އިނގުރުކޮޅަކާއި ކުޑަ ހިކަނދިފަތްކޮޅަކާއި ލޮނުކޮޅެއް އަޅާ މޮޑެލާށެވެ. ރަނގަޅަށް މޮޑެވުމުން ތުނިކޮށް ކޮށި ވަޅޯމަސްކޮޅާއި 3 މޭޒުމަތީ ސަމުސާ ހަވާދު އަޅާ ރަނގަޅަށް މޮޑެލާށެވެ.
މޮޑުނު މަސްގަނޑު ފަހަރަކު ބަށްޓެއްގެ އެތެރެއަށް އަޅާ ބާރުކޮށްލާށެވެ. އެއަށްފަހު، ބާކީ ހުރި ފިޔާ، މިރުސް، ހިކަނދިފަތް، ރާނބާފަތް އަދި ކޮށާފައި ހުރި ލޮނުމެދު ކޮޅަށް ތެޔޮކޮޅެއް އަޅާ މީރުކޮށްލާށެވެ. ފިޔާކޮޅު މީރުވުމުން، ބާކީ ހުރި ވަޅޯމަސްކޮޅާއި ހަވާދުކޮޅާއި ކިރުކޮޅު ދެން ލޮނުރަހަ ހެޔޮވަރުކޮށް، ބަށިތައް ރަހަގަނޑު ތެރޭގައި އަތުރާލުމަށްފަހު، މަޑުގިނީގައި ކުޑައިރުކޮޅަކު ކައްކާލާށެވެ.

މީގެ ކުރިން ވަރުދާ ވަނީ ފިނޭ މީހުން ތައްޔާރު ކުރާ ގޮތަށް ބަނބުކޭލު "ކަނޑު ކުކުޅު"، ބަނބުކޭލު "ކަންނެތް ދެލޮނު" އަދި "ކޭލު ފޯ" ގެނެސް ދީފައެވެ. މިފަހަރު މިއޮތީ ފިނޭގެ ޚާއްޞަ ރަހަތަކާއި އެކު " ބަށި މުސަންމާ" ތައްޔާރު ކުރާނެ ގޮތް ގެނެސްދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!