މާޔާ ކުރިން ހީކުރީ، އޭނާ އެންމެ ދެރަވެ ހިތުގައި ޖެހޭނީ މަންމަ ފެނުމުން ކަމަށެވެ. ނަމަވެސް އޭނާއަށް ކުރެވުނީ ކުށްހީއެއްކަން ޔަޤީންވީ ބައްޕަ ފެނުމުން ހިތުގައި އެޅި ވޭން ބޮޑުކަމުންނެވެ. ބައްޕައާ އަނގައިން ބުނެލަން ވެސް އޭނާގެ އަޑު، އަރުތެރެއިން ނުނިކުތުމުންނެވެ. ވާހަކަ ދައްކާލާނެ ހިތްވަރު ވެސް ނުލިބުމުންނެވެ.
" ބައްޕަ ކިހިނެއް؟" މާޔާއަށް އަވަސް އަވަހަށް އަހައިލެވުނެވެ.
ރާޒީ ފެނުމާއެކު އޭނާގެ މައިންބަފައިންގެ ދިރިއުޅުމަށް އައިސްގެން އުޅޭ ތޫފާން، ހިނދުކޮޅަކަށް އޭނާ ހަނދާން ނެތުނު ކަހަލައެވެ.
" ދަރިފުޅު ވެސް ބައްޕަދެކެ ރުޅި އައީތަ؟ ރަށަށް އައިސް ބުނެވެސް ނުލާ ތި އުޅެނީ." ރާޒީ ބުންޏެވެ.
އެއާއެކު މާޔާއަށް އިސްޖަހާލެވުނެވެ.
" ރުޅިއެއް ނާދެ. އެކަމަކު އެއްވެސް ވަރަކަށް ހިތްހަމަޖެހޭ ގޮތެއް ނުވި. ބައްޕަ ތިހެން ކަންތައް ނުކުރިނަމަ އަހަރެމެން އެންމެން އަބަދުވެސް އުޅޭނީ މިގޭގައެއްނު. ބައްޕަ އެހެން ތާކަށް ދާކަށް ނުޖެހުނީހެއްނު. އަހަރެން ކުރިން އުޅުނީ ކިހާ މަޖާކޮށް ކިހާ އުފަލުން.؟" ފާރާ ކައިރި ވެލަމުން މާޔާ ބުނެލިއެވެ.
އެއާއެކު ރާޒީ ލުއި ގޮތަކަށް ހިނިތުންވެލީ، މާޔާގެ އިޙްސާސްތައް އޭނާއަށް ކުޑަކޮށް ވެސް އިޙްސާސްނުވާ ކަހަލަ ގޮތަކަށެވެ.
" ބައްޕަ މި އުޅެނީ ހަމަ މިރަށުގައޭ. ދަރިފުޅުމެން ބޭނުންވާ ކޮންމެ ވަގުތެއްގައި ބައްޕަ ހަމަ ހުންނާނެ." ރާޒީ ހަމަޖެހިލާފައި ބުނެލިއެވެ.
" އެކަމަކު އަހަރެމެން ކުރިން އުޅުނުހެން ދެން އުޅޭނީ ކިހިނެއް؟ ބައްޕަ އަންނައިރަށް މަންމަ ހެވިފައި ހުންނާނެތަ؟ ސަމާސާ ކުރާނެތަ؟ މަޖާ ކުރާނެތަ؟ ދެން ދުވަހަކު ވެސް އެ ދުވަސްތަކެއް ނާންނާނެ." މާޔާއަށް ބުނެވުނެވެ.
" ދަރިފުޅާ! ބައްޕަ ކުރީ ޙަރާމްކަމެއްތަ؟" ރާޒީ ސުވާލު ކުރީ މަޑުމަޑުންނެވެ.
އެއާއެކު ހައިރާންވެފައި މާޔާ ރާޒީގެ މޫނަށް ފަރުވާތެރިކަމާއެކު ބަލައިލީ ނުރުހުންތެރިކަމާއެކުއެވެ. ފަހަރެއްގައި ވެސް ބައްޕަ އޭނާއާ އެ ފަދަ ސުވާލެއް ކުރާނެކަމަކަށް މާޔާ ހިއެއް ނުކުރެއެވެ.
" ނޫން. ޙަރާމްކަމެއް ނޫން. އެއީ އިސްލާމްދީނުގައި ފިރިހެނުންނަށް ލިބިފައިވާ ޙައްޤެއް. އެކަމަކު... ބައްޕަ އެ ޙައްޤު ތި ބޭނުން ކުރީ އެންމެ އެދެވޭ ގޮތުގައިތޯ ޚުދު ބައްޕަ އަމިއްލަ ނަފްސާ ސުވާލުކޮށްބަލަ. މަންމަ ހިތުގައި ޖައްސާފަ، ވަރިކޮށްފަ، ދަރިންނަށް އެނގުމެއްނެތި ބައްޕަ އެ ޙައްޤު ތި ބޭނުންކުރީ އެތައް ހިތެއް ހަލާކުކޮށްފައޭ. ކީއްވެ؟ ހަމައެކަނި ބައްޕަގެ އަމިއްލަ އެދުމަށް. ހަމައެކަނި ބައްޕަގެ އުފަލަށް. ނޫނީ އެހެން ބައެއްގެ އުފާވެރިކަމަށް. މިއަދު ބައްޕަގެ އުފަން ދަރިންނާ، އުމުުރު ދުވަހު އެކުގައި އުޅުނު ޙަޔާތުގެ ބައިވެރިޔާ، އުމުރުން ދުވަސްވީ ދުވަހު ދޫކޮށްލީ، ހިލޭ އަންހެނަކާ އޭނާގެ އާއިލާ ބިނާކުރަން ވެގެން." ލޮލުން އޮހޮރެމުންދާ ފެންތަކަށް ސަމާލުކަމެއް ނުދީ މާޔާ ވާހަކަ ދެއްކިއެވެ.
" ބައްޕަގެ ކުރިމަތީގައި މި ވާހަކަތައް ދައްކަން އެއްވެސް ވަރަކަށް އަހަރެން ބޭނުމެއް ނޫން. ބައްޕައަށް އެނގޭނެ އަހަރެން މަޑުން ހުންނަންޏާ ވަރަށް މަޑުން ހުންނާނެކަން. އެކަމަކު އަހަރެން ވާހަކަ ދައްކަން ފެށިއްޔާ ދެން ނުހުއްޓޭނެކަން ވެސް އެނގޭނެ. ބައްޕަ މިއަދު އަހަންނާ ތި ކުރި ސުވާލުގެ ސަބަބުން މީގެ ކުރިން އަހަރެން ހިތަށް ވެސް ނާރާއެއްޗެހި ދުލަށް އައިސް މި ބުނެވުނީ. އަހަރެންގެ ބަސްތަކުން ބައްޕަ ހިތުގައި ޖެހުނިއްޔާ ވަރަށް ބޮޑަށް މަޢާފަށް އެދެން." މާޔާ އެހެން ބުނެ، ރާޒީއަށް ވާހަކަ ދައްކާނެ ފުރުޞަތެއް ނުދީ ބާރުބާރަށް ގެއާ ދިމާލަށް ހިނގައިގަތެވެ. އޭރު އޭނާ ހުރީ ވަރަށް ބޮޑަށް ހިތުގައި ޖެހިފައެވެ.
ލަސް ހިނގުމެއްގައި ރާޒީ ގޮސް ގެއަށް ވަތް އިރު ލީނާ އިނީ ސިޓިންރޫމްގައެވެ. ރާޒީ ފެނުމާއެކު ލީނާ ތެދުވެގެން ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ. ސާދުނާއާ ކައިވެނި ކުރީއްސުރެ ލީނާ، ރާޒީއާ ވާހަކައެއް ނުދައްކައެވެ. އަދި ރާޒީ ހުންނަތަނަކަށް ވެސް ނާދެއެވެ. ހިނިތުންވުމެއް ވެސް އަދި ނުރުހުންތެރިކަމެއް ވެސް އޭނާ ނުދައްކައެވެ. އިސްޖަހާލައިގެން ގޮސް ރާޒީ ކޮޓަރިއަށް ވަތް އިރު، އަރާމު ނިދީގެ ތެރެއަށް ގެނބިފައި ސާދުނާ އޮތެވެ. ސާދުނާއަށް ބަލަހައްޓައިގެން އިރުކޮޅަކު ހުރުމަށްފަހު، ރާޒީ ގޮސް ފާޚާނާއަށް ވަނެވެ.
" އަހަރެން ވަރަށް ބޮނބިފަޅިމަތީ ރިހޭތީ މި އޮތީ." ރާޒީ ފާހާނާއިން ނިކުތުމާއެކު ސާދުނާ ނިދި އަޑަކުން ބުންޏެވެ.
" އިއްޔެ ރިއްސި ބޯ ރަނގަޅު ވެއްޖެތަ؟" ރާޒީ އަހާލިއެވެ.
އެއާއެކު ސާދުނާ ކުޑަކޮށް ބޯ ހިއްލާލިއެވެ.
" އާނ. ބޯ ރަނގަޅުވިތަނާ ބޮނބިފަޅީގަައި ރިއްސަން ފެށީ. " ސާދުނާ ބުންޏެވެ.
" އަހަރެން ރޭގައި ވެސް ނުކައި ނިދީމަ ވަރަށް ބަނޑުހައިވޭ. " ގަޔަށް ޓީޝާޓެއް މަހާލަމުން ރާޒީ ބުންޏެވެ.
" ބަނޑުހައޭ އަހަރެން ވެސް. ލޮނުބިސްކޯދާ ކޮފީއަކާ ބޯލަބަލަ. އަހަރެން ތެދުވާނަން 11 ޖަހާކަންހާއިރު. ރެސްޓް ކުރީމަ ރަނގަޅުވާނީ ވެސް." ސާދުނާ އެހެން ބުނެ ލޯ މަރާލިއެވެ.
އެއްޗެއް ނުބުނެ ރާޒީ ގޮސް ބަދިގެއަށް ވަދެ ކޮފީއެއް ހެދިއެވެ. އަދި މޭޒުމަތީގައި އޮތް ކޮތަޅު ތެރެއިން ލޮނުބިސްކޯދު ބޮނޑި ނަގައި ކަނޑާލީ ފަރުވާކުޑަ ގޮތަކަށެވެ. ކާހިތެއް ނުވިއެވެ. އެ ބިސްކޯދު ބޮނޑިއަށް ބަލަހައްޓައިގެން އޭނާއަށް އިނދެވުނެވެ.
އޭނާގެ ކުރީގެ ދިރިއުޅުމުގައި ހެނދުނުގެ ނާސްތާއަކީ ވަރަށް މުޙިއްމުއެއްޗެކެވެ. މޭޒުމަތީގައި އަތުރާލައިފައި ހުންނަ ރިހަ ބޯތައްޓާއި، މަސްހުނި ތަށީގެ އިތުރުން، ހުނި ރޮށި ނުވަތަ ތެޔޮ ރޮށި ތަށި ނުދެކޭތާ ކިތަންމެ ދުވަހެކެވެ. ރޮއްޓެއް ލޮލުން ނުދެކެއެވެ. ރިހައެއްގެ ރަހަ ހަނދާން ވެސް ނެތެވެ.
އެއާއެކު ކުއްލިއަކަށް މާޔާ ދެއްކި ވާހަކަތައް ބޮލަށް ވަންނަން ފަށައިފިއެވެ. އެ މީހުންގެ ކުރީގެ މަޖާ ދުވަސްތަކާއި ހެއްވާ ވާހަކަތަކެވެ. ކާ ސުފުރާ މަތީގައި ތިބެ އެކަކު އަނެކަކަށް މައްލަވަ ކުރާ މަންޒަރު ފެންނަން ފެށި ކަހަލައެވެ. ރާޒީއަށް ދެ ލޯ މަރާލެވުނެވެ. ތެދުވެގެން ގޮސް ސާދުނާއާ ވާހަކަ ދައްކަން ބޭނުންވިއެވެ. ނަމަވެސް އަދި އަވަހޭ ހިތަށް އަރައި އޭނާ ކެތްތެރިވެލީއެވެ.
"އޯކޭތަ ހުރިހާ ކަމެއް ވެސް. މަންމަ ކިހިނެއް؟" ނަޖާހުގެ އަޑު ޖެހުމާއެކު މާޔާއަށް ރޮވޭ ގޮތްވިއެވެ.
"އޯކޭ ހަމަ. މަންމަ ވެސް ރަނގަޅު." މާޔާ މަޑުމަޑުން ބުނެލިއެވެ.
"ވަރަށް ދެރަވެފައި ހުރިހެން ހީވަނީ." ނަޖާހު ބުންޏެވެ.
"ދެރަވެޔޭ. އެކަމަކު ކެތްކޮށްގެން މި ހުރީ." މާޔާ ބުންޏެވެ.
"ވަރަށް މުޙިއްމު މަޤްޞަދެއްގައެއްނު ދޯ ތި ދިޔައީ. ދެ ދުވަސް ފަހުން މާލެ އަންނައިރު މަންމަ ހިތްހަމަ ޖައްސާލަދޭތި." ނަޖާހު ބުންޏެވެ.
"ނަޖާ!" ވަރުބަލި އަޑަކުން މާޔާ ގޮވާލިއެވެ.
އޭނާގެ އަޑުގައިވާ ރިހުން ނަޖާހުއަށް އިޙްސާސް ކުރެވުނު ކަހަލައެވެ.
"ބުނެބަަލަ! ކިހިނެއްވީ؟" ނަޖާހު އެހިއެވެ.
"ކަމެއްނުވެ. ހަމަ ގޮވާލާ ހިތްވީ." މާޔާ ބުންޏެވެ.
"މާޔާ ނެތީމަ އަހަރެން ވަރަށް ފޫހި. އޮފީހުގައި ވެސް ވަރަށް ވައި." ނަޖާހު ބުންޏެވެ.
"އަހަރެން ހޯދަންތަ އޮފީހަށް ދަނީ؟" މާޔާ އަހާލިއެވެ.
"މީގެ ކުރިން އޮފީހަށް ދަނީ ފައިސާ ހޯދަން. އެކަމަކު ހަަމަ ރަނގަޅަށް ތި ބުނީ. މާޔާ އާ ބައްދަލްވީ ފަހުން މާޔާ ހޯދަން ހަމަ ދަނީ. ބަލިވިޔަސް އަހަރެން ކޮންމެހެން ހަދާފައިވެސް އޮފީހަށް ދަމެއްނު." ހެމުންހެމުން ނަޖާހު ބުންޏެވެ.
އެއާއެކު މާޔާއަށް ވެސް ހެވުނެވެ.
"ހީލި އަޑު އިވުނީމަ ހާދަ އުފާވެއްޖެޔޭ." ނަޖާހު މަޑުމަޑުން ބުންޏެވެ.
"ނަޖާ ކައިރީ ހުންނައިރު ކުރިން ވެސް އަހަންނަށް ހުނުން ނޫން ކަމެއް ނުކުރެވޭ." މާޔާ ބުނެލިއެވެ.
އެކި ވާހަކަތައް ދެއްކުމަށްފަހު މާޔާ ފޯނު ބޭއްވި އިރު އޭނާ މުޅިން ހަމައަކަށް އެޅިއްޖެއެވެ. މޫނުމައްޗަށް އުފާވެރިކަން ވެސް އަތުވެއްޖެއެވެ. ފާރުގައި ލެނގިލައިގެން އެނދުމަތީގައި އިނދެ ޒިމްނާއަށް މެސެޖެއް ކޮށްލިއެވެ.
ހަމައެއާއެކު ފޯނު ސްކްރީނަށް ނުދަންނަ ނަންބަރެއް އަރައި، އޭނާގެ ފޯނު ރިންގްވާންފެށިއެވެ. ކުޑަކޮށް ވިސްނާލުމަށްފަހު މާޔާ ފޯނަށް ޖަވާބު ދިނެވެ.
"މާޔާތަ؟" މާޔާގެ ކަންފަތުގައި ޖެހުނީ އަވަސް އަވަހަށް ވާހަކަ ދެއްކި އަންހެނެއްގެ އަޑެވެ.
" ކާކު؟" މާޔާ ސުވާލުކުރިއެވެ.
"މިއީ އާއިޒްގެ ދޮންތަ. އާމިރާ" އާމިރާގެ ޖުމްލައިން މާޔާއަށް ތެޅިގަނެވުނެވެ. އޭނާގެ ހިތް ވެސް އެހާމެ ބާރަށް ތެޅިގަތެވެ.
"ދޮންތަ؟" މާޔާއަށް ބުނެވުނެވެ.
" މާޔާއަށް އަހަރެން މި ގުޅީ ވަރަށް ސިއްރުން. ވަރަށް މުޙިއްމު ބޭނުމަކު." އާމިރާ ބުނެލިއެވެ.
އެއާއެކު، މާޔާގެ މޫނުމައްޗަށް ހައިރާންކަމާއި ކަންބޮޑުވުން ވެރިވެގަތެވެ. އަދި ސުވާލެއް ވެސް ކުރަން ނޭނގިފައި އޭނާއަށް ހަނު ހުރެވުނެވެ.
"އާއިޒް ވަރަށް ބަލި. ނަފްސާނީ ގޮތުން އޭނާ ހުރީ ވަރަށް ބޮޑަށް ބަލިކަށިވެފައި. މިހާރު ވެސް އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައި އޮތީ. އެ ތަނުން ވެސް އޭނައަށް ދެމުން އެ ދަނީ ނަފްސާނީ ފަރުވާ. " އާމިރާގެ ވާހަކައިން މާޔާގެ ހިތަށް ވަރަށް އަސަރުކުރިއެވެ.
އެނދުން ފޭބުމަށްފަހު ކޮޓަރި މެދުގައި ހުއްޓި، އޭނާ ވާހަކަ ދައްކަން ފެށިއެވެ.
"އާއިޒް ބުނީތަ އަހަންނަށް ގުޅަން؟" މާޔާ އެހިއެވެ.
"ނޫން. ނުބުނެ. އޭނަ ދުވަހަކު ވެސް ނުބުނާނެ. އޭނަ ދައްކާ ވާހަކަތައް އަހަންނަށް މިއަދު ކިޔައިދިނީ އާއިޒްގެ ޑޮކްޓަރު. މާޔާ. އާއިޒްގެ ހުރިހާ ވެސް މީހަކީ ހަމަ މާޔާ." ރޮވިފައި ހުރެ އާމިރާ ބުނެލިއެވެ.
އެއާއެކު މާޔާއަށް ވެސް ރޮވެން ފެށިއެވެ.
" އޭނަ އަހަރެން ހޯދަން ނޫޅެންޏާ އޭނަ ކުރިމައްޗަށް އަހަރެން ދާނީ ކިހިނެއް؟" މާޔާ އެހިއެވެ.
" މާޔާ ދަރިފުޅާ. އާއިޒްގެ ވިސްނުން މިހާރު ވަރަށް ތަފާތު. އޭނަ ހީކުރަނީ މާޔާ މިހާރު މަރުވީ ކަމަށް. އޭނައަށް ހެދުނު ގޮތުން މާޔާ ދެރަވެގެން އަމިއްލައަށް މަރުވީ ކަމަށް ހީކުރީ." އާމިރާ ބުނެލިއެވެ.
" އޭނ! ކީކޭ؟ އާއިޒް އެހާ ބަލިތަ؟" ކަންބޮޑުވެފައި ހުރެ މާޔާ ސުވާލު ކުރީ ނުހަނު ލަސްލަހުންނެވެ.
"ޑޮކްޓަރު ދޮންތަ ކައިރީ ބުނީ މާޔާ ގެންނަން. އެހާ ބޮޑަށް އާއިޒް ބަލިކަށިވަނީ ހަމައެކަނި މާޔާއާ މެދު ފިކުރުކޮށް އޭނާގެ އަމިއްލަ ނަފްސު ކުށްވެރިކޮށްކޮށް. މާޔާ! އަހަރެންގެ ހުރި ހަމައެކަނި ކޮއްކޮ ސަލާމަތްކޮށްދީ. އެ ބަލިން އޭނަ އަދިވެސް ރަނގަޅު ކުރެވޭނެ. މާޔާ އާއިޒްދެކެ އިންތިހާއަށް ލޯބިވާކަން ދޮންތައަށް އެނގޭ. އަދިވެސް މާޔާ އޭނަދެކެ ލޯބިވާނެކަން ހަމަ ޔަޤީން." އާމިރާ ވާހަކަ ދެއްކީ ރޮމުންނެވެ.
މާޔާއަށް ހުރިތަނަށް ތިރިވެވުނެވެ. އާއިޒްގެ ހަބަރެއް އެ ފަދަ ގޮތަކަށް ލިބިދާނެކަމަށް އޭނާ ފަހަރެއްގައި ވެސް ހިއެއް ނުކުރެއެވެ.
( ނުނިމޭ)
މި ވާހަކަ ގެނެސްދޭނީ ކޮންމެ އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 1 ޚިޔާލެއް ލިބިފައިވޭ!
MAASHA ALLAH heeves nukuran thigothah aaiz balikashivaane kamakah khassa kon maaya ah thi visnumuga thivaru vaane kamakah vv reethi