Ad
rt

ބޭރުގެ ސީދާ އިންވެސްޓްމަންޓްތައް ނުވަތަ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް (އެފްޑީއައި) ތަކުގެ ސަބަބުން ގައުމެއްގެ މިނިވަންކަމަށް ނުވަތަ އިސްތިގުލާލަށް އެއްވެސް ނުރަނގަޅު އަސަރެއް ނުކުރާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު މީސް މީޑިއާގައި ވިދާޅުވީ، ތާރީހުގައި އިސްތިއުމާރީ އަޅުވެތިކަން ތަހައްމަލުކުރަން ޖެހުނު ގައުމުތަކުގެ ތެރެއިން ވެސް ތަރައްގީ ކަށަވަރު ކުރެވުނީ ބޭރުގެ ސީދާ އިންވެސްޓްމަންޓްތަކަށް މަރުހަބާ ކިޔައި، އެ ފުރުސަތުތަކުގެ ބޭނުން ހިފި ގައުމުތަކަށް ކަމަށެވެ.

ނަމަވެސް، ގައުމަކަށް ގެންނަ އެފަދަ ބޭރުގެ އިންވެސްޓްމަންޓްތަކަކީ ހަމައެކަނި އެ ގައުމެއްގެ ރޯ މެޓީރިއަލް ނުވަތަ ރޯ މެޓީރިއަލް ނެގުމަށް އެކަނި ކުރެވޭ ކަމަކަށް ވެގެން ނުފުދޭނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

އެމަނިކުފާނު ވިދާޅުވީ، އެ ތަކެތި އަމިއްލަ ގައުމުގައި ޕްރޮސެސްކޮށް، އޭގެ ސަބަބުން އުފެއްދުންތެރިކަމަށް މަގުފަހިވާނެ ގޮތަކަށް އިންވެސްޓްމަންޓްތައް ބައްޓަންވުން ލާޒިމު ކަމަށެވެ.

މިކަމުގެ މިސާލު ދައްކަވަމުން ނަޝީދު ވިދާޅުވީ، ސިންގަޕޫރު އަދި ސައުތު ކޮރެއާ ފަދަ ގައުމުތަކަށް ބޭރުގެ ސީދާ އިންވެސްޓްމަންޓްތައް ގެނައުމުން، އެ ގައުމުތަކުގެ މިނިވަންކަމަށް ނުވަތަ އިސްތިގުލާލަށް އެއްވެސް އަސަރެއް ކޮށްފައި ނުވާ ކަމަށެވެ.

އޭގެ ބަދަލުގައި، އެ އިންވެސްޓްމަންޓްތަކާ އެކު އެ ގައުމުތަކުގެ އިގްތިސާދު އިތުރަށް ވަރުގަދަވެގެން ދިޔަ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި އިގްތިސާދީ ގޮތުން ލިބުނު ބާރުގެ ސަބަބުން، ގައުމުގެ އިސްތިގުލާލު ހިމާޔަތްކުރުމުގެ ފަންވަރު ލިބި، ބައިނަލްއަގުވާމީ ދަނޑުގައި އެ ގައުމުތަކަށް ހައްގު ޖާގަ ކަށަވަރުވެގެން ދިޔަކަން ވެސް ނަޝީދު ވިދާޅުވިއެވެ.