ރާއްޖޭގެ ޒުވާނުންނަށް މަތީ ތަޢުލީމުގެ ފުރުޞަތުތައް އިތުރަށް ފަހިކޮށްދިނުމާ ގުޅޭގޮތުން ސައުތު އޭޝިއަން ޔުނިވަރސިޓީ (އެސްއޭޔޫ) ގެ ރައީސް، ޕްރޮފެސަރ ކޭ. ކޭ. އަގަރްވާލްއާ އެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މަޝްވަރާކުރައްވައިފިއެވެ. މި މަޝްވަރާތައް ކުރިއަށްދިޔައީ އެސްއޭޔޫގެ ރައީސް، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ރާއްޖެއާއި އެސްއޭޔޫއާ ދެމެދު މަތީ ތަޢުލީމުގެ ދާއިރާއިން އޮތް ގުޅުން އިތުރަށް ހަރުދަނާކޮށް، ތަޢުލީމީ ފުރުޞަތުތައް ފުޅާކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަފުޅު ދެއްކެވިއެވެ.

Ad
rt

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލެއްވީ ދެފަރާތުގެ ވެސް މަސްލަޙަތު ހިމެނޭ މުހިންމު ދާއިރާތަކުން ތަޢުލީމު ފޯރުކޮށްދިނުމާ ގުޅޭގޮތުންނެވެ. އެގޮތުން ޚާއްޞަކޮށް ޞިއްޙަތާއި މޫސުމީ ބަދަލުތަކުގެ ދާއިރާއިން މީހުން ބިނާކުރުމަށާއި، ތަޢުލީމު ފޯރުކޮށްދިނުމަށްޓަކައި ދެފަރާތް ގުޅިގެން މަސައްކަތް ކުރެވިދާނެ ގޮތްތަކާ މެދު ވަނީ ޚިޔާލުބަދަލު ކުރައްވާފައެވެ.

މީގެއިތުރުން، ދިވެހި ޒުވާނުންނަށް ކިޔެވުމުގެ އިތުރު ފުރުޞަތުތައް ހޯދައިދިނުމުގެ ގޮތުން، ރާއްޖޭގައި މަތީ ތަޢުލީމު ފޯރުކޮށްދޭ މަރުކަޒުތަކާއި ސައުތު އޭޝިއަން ޔުނިވަރސިޓީއާ ދެމެދު އޮންނަ ގުޅުން މިހާރަށްވުރެ ބަދަހިކުރުމާ ބެހޭގޮތުން ވެސް މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

ރައީސް އޮފީހުން މަޢުލޫމާތު ދެއްވި ގޮތުގައި، މި ބައްދަލުކުރެއްވުމަކީ ރާއްޖޭގެ ދަރިވަރުންނަށް ސަރަޙައްދީ ފެންވަރުގައި މަތީ ތަޢުލީމުގެ ދޮރުތައް އިތުރަށް ހުޅުވާލަދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

މި ބައްދަލުވުން ނިންމަވާލައްވާފައިވަނީ ރާއްޖެއާއި އެސްއޭޔޫއާ ދެމެދު އޮތް ތަޢުލީމީ ގުޅުން ކުރިއަށް އޮތް ތަނުގައި ވެސް އިތުރަށް ބަދަހިކުރެއްވުމަށް އުންމީދު ކުރައްވާކަން ހާމަކުރައްވަމުންނެވެ.