ރާއްޖޭގެ ރަށްރަށުގެ ޔުޓިލިޓީ ޚިދުމަތްތައް ތަރައްޤީކުރުމަށްޓަކައި، ޚާއްޞަކޮށް ބޮޑެތި އާބާދީތައް ހިމެނޭ ރަށްރަށަށް އަމާޒުކޮށްގެން ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރުމަށް ރޭވިފައިވާ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ މެނޭޖިންގ ޑިރެކްޓަރ ޑރ. އަޒުވަރު ވިދާޅުވެއްޖެއެވެ.

އެމްޑީ އަޒުވަރު މިހެން ވިދާޅުވީ ފެނަކަ ކޯޕަރޭޝަންގެ ޚިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަރުޙަލާގައި މަސައްކަތް ކުރި މުވައްޒަފުންގެ އަގުވަޒަން ކުރުމަށް މިއަދު ބޭއްވި ޚާއްޞަ ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑރ. އަޒުވަރު ވިދާޅުވީ، މި ބަދަލާއެކު ރާއްޖޭގެ ޔުޓިލިޓީ ދާއިރާގައި މުޅި ރާއްޖެއަށް ޚިދުމަތް ފޯރުކޮށްދިނުމުގައި އެ ކުންފުނީގެ ދައުރާއި ޒިންމާ ކުރިއަށްވުރެ ބޮޑުވެގެންދާނެ ކަމަށެވެ. އަދި ފެނަކައިގެ އިންވެސްޓްމަންޓްތަކާއެކު ދިވެހިރާއްޖޭގެ ބޮޑެތި ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު އެއް ކުންފުނީގެ ގޮތުގައި މިހާރު ކުރިއަށްދާއިރު، ރައްޔިތުންނާއި ސަރުކާރުން ކުރާ އުންމީދުތައް ޙަޤީޤަތަކަށް ހެދުމުގެ ޒިންމާގެ ބޮޑުކަން އިޙްސާސްކުރެއްވޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން، ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅައިގެން ސްޓެލްކޯއިން އަދާކުރަންޖެހޭ ދައުރު ފުރިހަމައަށް އަދާކުރުމަށާއި، ޚާއްޞަކޮށް އިސް ސަފުގައި ތިއްބެވި ބޭފުޅުން ސްޓްރެޓީޖިކަލީ މަސައްކަތްކުރެއްވުމަށް އެމްޑީ އެދިވަޑައިގެންނެވިއެވެ.

ޑރ. އަޒުވަރު ފާހަގަކުރެއްވި ގޮތުގައި، އިތުބާރު ހުރި ޚިދުމަތެއް ލިބޭ ތަނެއްގެ ގޮތުގައި ސްޓެލްކޯގެ ބްރޭންޑް މިހާރުވެސް ވަނީ ހިފެހެއްޓިފައެވެ. އަދި ޚިދުމަތްތައް ބަދަލުކުރުމުގެ ފުރަތަމަ މަރުޙަލާ ކާމިޔާބުކަމާއެކު ނިންމައި ޚިދުމަތްތަކާ ހަވާލުވުމަށްފަހު، ދެން އޮތް އެންމެ ބޮޑު އަދި އެންމެ އުނދަގޫ މަސައްކަތަކީ ރައްޔިތުން އެދޭފަދަ ފުރިހަމަ ފެންވަރެއްގައި ރަށްރަށުގައި ޚިދުމަތް ފޯރުކޮށްދިނުމެވެ. އެހެންކަމުން، ކުންފުންޏާ މެދު އޮތް މި ބޮޑު އުންމީދު ހާސިލުކުރުމަށްޓަކައި ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.

ރަށްރަށުގެ ހާލަތަށް އަލިއަޅުއްވާލައްވަމުން އެމްޑީ ވިދާޅުވީ، އަދިވެސް ވަރަށް ގިނަ ރަށްރަށުގައި އިންޖީނުގެތައް ހުރީ އާންމުން ދިރިއުޅޭ ސަރަޙައްދުތަކުގައާއި ރަށުގެ މެދުތެރޭގައި ކަމަށެވެ. މީގެ ސަބަބުން އިންޖީނުތަކުގެ އަޑާއި ދުމުގެ އުނދަގޫ ކައިރީގައި ދިރިއުޅޭ ރައްޔިތުންނަށް އިންތިހާއަށް ފޯރަމުންދާކަން ފާހަގަކުރައްވައި، ސަރުކާރުގެ މިހާރުގެ އަމާޒަކީ ވީ އެންމެ އަވަހަކަށް މިފަދަ އިންޖީނުގެތައް މީހުން ދިރިއުޅޭ ސަރަޙައްދުތަކާ ދުރަށް ބަދަލުކުރުން ކަމަށް ވިދާޅުވިއެވެ. އަދި އަންނަ އަހަރުގެ ނޮވެމްބަރު މަހާ ހަމައަށް އެކަށީގެންވާ ބޮޑެތި މަސައްކަތްތަކެއް ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށާއި، މިއީ ކުރު މުއްދަތެއްގެ ތެރޭގައި ކުރަންޖެހޭ ވަރަށް ގިނަ އަދި ބުރަ މަސައްކަތްތަކެއް ކަމަށްވެސް ވިދާޅުވިއެވެ.

ފެނަކައިގެ ޚިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތް ސެޕްޓެމްބަރ 30 އިން ނޮވެމްބަރ 06 އަށް ކުންފުނީގެ ގިނަ އަދަދެއްގެ މުވައްޒަފުން ކަނޑައެޅިފައިވާ ތާރީޚަށް ނިންމާލާފައިވާތީ އެކަމަށް ޑރ. އަޒުވަރު ވަނީ ޝުކުރު އަދާކުރައްވާފައެވެ. މިއީ ތާރީޚީ ގޮތުން ނުހަނު މުހިންމު މަސައްކަތެއްކަން ފާހަގަކުރައްވައި، ކުންފުންޏާ ހަވާލުވެފައިވާ ޒިންމާއާ ގުޅޭގޮތުން އެމަނިކުފާނު ވިދާޅުވީ، ”މި ޒިންމާއަކީ އަޅުގަނޑުމެން ހުރިހާ އެންމެންގެ ކޮނޑުގައި އެޅިފައި އޮތް ޒިންމާއެއް. އެކަމަށްޓަކައި އަޅުގަނޑުމެން އެންމެން ގުޅިގެން މަސައްކަތްކުރަންޖެހޭ،“ ކަމަށެވެ.

މީގެއިތުރުން، ސްޓެލްކޯގެ ތެރޭގައި ހިފަހައްޓަމުންދާ ރަނގަޅު އުޞޫލުތައް ކުރިއަށް އޮތް ތަނުގައިވެސް ދަމަހައްޓައިފިނަމަ ދިމާވާ ގިނަ ކަންތައްތަކަށް ދާއިމީ ޙައްލެއް ލިބިގެންދާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށް އެމްޑީ ވިދާޅުވިއެވެ. އަދި މި ބޮޑު މަސައްކަތް ކާމިޔާބުކުރުމަށް މުވައްޒަފުންގެ ފުރިހަމަ އެއްބާރުލުމާއި ވަގުތު ދިނުމަށް އެދިވަޑައިގަންނަވަމުން، ރައްޔިތުންނަށް ލިބޭ އަސާސީ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ޚިދުމަތް ދިނުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމަށް ޑރ. އަޒުވަރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.