ހއ. ހޯރަފުށީގައި ކޭމްބްރިޖް އިންޓަރނޭޝަނަލް ސްކޫލް ހިންގުމަށްޓަކައި، ހޯރަފުށީ ކައުންސިލާއި ލިސްޓްރިއޯން ވެންޗަރސް ޕްރައިވެޓް ލިމިޓެޑާ ދެމެދު ރަސްމީކޮށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ހޯރަފުށީ ކައުންސިލުން މައުލޫމާތުދެއްވާ ގޮތުގައި މި އެއްބަސްވުމުގެ ދަށުން، ލިސްޓްރިއޯން ވެންޗަރސް ޕްރައިވެޓް ލިމިޓެޑާ އެ ސްކޫލް ހިންގުމަށް ޙަވާލުކުރެވުނީ 15 އަހަރު ދުވަހުގެ މުއްދަތަށެވެ.
މީގެއިތުރުން އެ ކައުންސިލުން ހާމަކުރައްވާ ގޮތުގައި މި އެއްބަސްވުމުގެ މައިގަނޑު މަޤްޞަދަކީ ހޯރަފުށީގެ ފަށާ ތަޢުލީމުގެ ފެންވަރު އިތުރަށް ހަރުދަނާކުރުމުގެ އިތުރުން ދަރިވަރުންނަށް ބައިނަލްއަޤުވާމީ ފެންވަރުގެ ފުރިހަމަ ތަޢުލީމީ ފުރުޞަތުތަކެއް ތަނަވަސްކޮށްދިނުމެވެ.
ކުރިން މި ސްކޫލް ހިންގުމުގެ އެންމެހައި ކަންތައްތައް ކުރަމުން އައީ އެވިޑް ކޮލެޖުންނެވެ. ނަމަވެސް އާ އެއްބަސްވުމާއެކު، ސްކޫލް ހިންގުމުގެ އެންމެހައި ޒިންމާތައް ދެން އުފުލާނީ ލިސްޓްރިއޯން ވެންޗަރސްއިން ކަމަށް ހޯރަފުށީ ކައުންސިލުން ހާމަކުރައްވައެވެ.
ކޭމްބްރިޖް އިންޓަރނޭޝަނަލް ސްކޫލަކީ، ފަރުނީޗަރާއި އެންމެހާ ވަޞީލަތްތައް ފުރިހަމައަށް ޤާއިމްކުރެވިފައިވާ ހޯރަފުށީ ކައުންސިލްގެ ޢިމާރާތެކެވެ. ސްކޫލަށް ބޭނުންވާ ހުރިހާ ޚިދުމަތްތަކަކާއެކު، އެއްވެސް އަގަކާނުލައި މި ސްކޫލް ހިންގުމަށް ޙަވާލު ކުރުމުގެ މައިގަނޑު ބޭނުމަކީ ކުޑަ ފީއަކާ އެކު ދަރިވަރުންނަށް ފެންވަރު ރަނގަޅު ތަޢުލީމީ ފުރުޞަތުތަކެއް ފޯރުކޮށްދިނުން ކަމަށް ކައުންސިލުން މައުލޫމާތުދެއްވައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!