ބައިނަލްއަޤްވާމީ ފުޓްބޯޅަ ކުޅުން ދާދިފަހުން ހުއްޓާލި ކްރިސްޓިއާނޯ ރޮނާލްޑޯގެ ޝަރަފުގައި، ޕޯޗުގަލްގެ ޤައުމީ ފުޓްބޯޅަ ޓީމުގެ 7 ނަންބަރު ޖާޒީގައި އެ ނަންބަރު ލިޔާ ގޮތަށް ބަދަލުތަކެއް ގެނައުމަށް އެ ޓީމުން ނިންމައިފިއެވެ.
"ސީއާރް7" ގެ ނަމުން މަޝްހޫރުވެ، އެ ނަންބަރު އަމިއްލަ ބްރޭންޑަކަށް ހެދި ރޮނާލްޑޯ ވަނީ ފާހަގަކޮށްލެވޭ ކާމިޔާބު ކެރިއަރަކަށްފަހު މިދިޔަ ހަފުތާގައި ޤައުމީ ޓީމަށް ކުޅުން ހުއްޓާލާފައެވެ.
މި ބަދަލާ ގުޅިގެން ޕޯޗުގަލްގެ ޤައުމީ ޓީމުން ހޮނިހިރު ދުވަހު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، "އައު 7 ނަންބަރެއް ތަޢާރަފުކުރަން ވެއްޖެ ކަމަށާއި، ސަބަބަކީ އަބަދަށް ދެމިގެންދާނެ 7 ނަންބަރެއް ވާތީ،" ކަމަށެވެ. އެންމެ މޮޅު ކުޅުންތެރިޔާ ނުވަތަ "ގޯޓް" (GOAT) ރަމްޒުކޮށްދޭ އިމޯޖީއަކާއެކު ހިއްސާކުރި އެ ވީޑިއޯއިން ފެންނަނީ، ޔޫރަޕްގައި އާންމުކޮށް ލިޔާ އުސޫލުން 7 ނަންބަރުގެ މެދުން ހުރަސް ރޮނގެއް ދަމާފައިވާ ގޮތެވެ. މިއީ ރޮނާލްޑޯއަށް ފަހު ދެން އެ ނަންބަރު ބޭނުންކުރާ ކުޅުންތެރިން އެ ޒިންމާއާއި ބުރަ އުފުލަން ޖެހޭނެކަން ރަމްޒުކޮށްދޭ ކަމެކެވެ.
ރޮނާލްޑޯ ރިޓަޔަރ ކުރުމަށްފަހު ފުރަތަމަ ފަހަރަށް 7 ނަންބަރު ޖާޒީ ދީފައިވަނީ ކާލޯސް ފޯބްސް އަށެވެ. ނަމަވެސް، ޔުއެފާ ނޭޝަންސް ލީގުގައި ހޮނިހިރު ދުވަހު ޑެންމާކާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ އެގާރައިގައި ފޯބްސް ހިމަނާފައެއް ނުވެއެވެ. އެ މެޗަށް ނުކުތްއިރުވެސް ޕޯޗުގަލް އޮތީ މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފައެވެ.
ޑެންމާކާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން، ބެލަންޑިއޯ ފަސް ފަހަރު ހޯދާފައިވާ ރޮނާލްޑޯގެ އަގުވަޒަންކުރުމުގެ ގޮތުން ޚާއްޞަ ކަންތައްތަކެއް ކުރިއަށް ގެންދިޔައެވެ. އެގޮތުން، ޕޯޗުގަލްގެ ހުރިހާ ކުޅުންތެރިންނާއި، ކުޅުންތެރިންނާއެކު ދަނޑަށް އެރި ކުދިން ތިބީ ރޮނާލްޑޯގެ 7 ނަންބަރު ޖާޒީ އަޅައިގެންނެވެ. މީގެއިތުރުން، އޭނާ އުފާފާޅުކުރާ މަންޒަރުތައް ހިމެނޭ ބޮޑު ބެނާއެއް ދައްކާލާފައިވާއިރު، އޭގައި ލިޔެފައިވަނީ "އޮބްރިގާޑޯ ކަޕި7ާއޯ" (ޝުކުރިއްޔާ ކެޕްޓަން) އެވެ. މި ބަހުގައި އިނގިރޭސި "ޓީ" އަކުރަށް ވާ ބައިގައި ބޭނުންކޮށްފައިވަނީ 7 ނަންބަރެވެ.
އުމުރުން 41 އަހަރުގެ ރޮނާލްޑޯ ޤައުމީ ޓީމަށް ކުޅުން ހުއްޓާލީ ނޮވެމްބަރު 5 ގައެވެ. އޭނާ މި ނިންމުން ނިންމީ ޓީމުގެ ކޯޗު ޖޯޖް ޖީސަސްއާ ދެމެދު އުފެދުނު މައްސަލަތަކަކަށް ފަހުގައެވެ. ދުނިޔޭގެ ތާރީޚުގައި ފިރިހެނުންގެ ބައިނަލްއަޤްވާމީ ލެވެލްގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑު އޮތް ރޮނާލްޑޯގެ ކާމިޔާބު ކެރިއަރުގައި ވަނީ ހަ ވޯލްޑް ކަޕް ކުޅެ، ޔޫރަޕްގެ ޗެމްޕިއަންކަން ޕޯޗުގަލްއަށް ހޯދައިދީފައެވެ.
ޕޯޗުގަލްގެ ޤައުމީ ޓީމަށް ރޮނާލްޑޯ އެންމެ ފަހުން ކުޅެފައިވަނީ ސެޕްޓެމްބަރު 24 ވަނަ ދުވަހު ނޭޝަންސް ލީގުގައި ވޭލްސް އަތުން 1-0 އިން އަމިއްލަ ދަނޑުގައި މޮޅުވި މެޗުގައެވެ. ޖެހިގެން އައި މެޗުގައި ކޯޗު ޖީސަސް އޭނާ ބެންޗުގައި ބޭންދުމަށްފަހު، އޭގެ ފަހުން އޮތް މެޗުގެ ފުރަތަމަ އެގާރައިގައިވެސް އޭނާ ނުހިމަނާނެ ކަމަށް ބުނުމުން ރޮނާލްޑޯ ވަނީ ޓީމުގެ ފަރިތަކުރުންތައް ދޫކޮށް ގޮސްފައެވެ. ކޯޗު ޖީސަސް ފަހުން ބުނެފައިވަނީ އަނބުރާ ޓީމަށް އައުމުގެ ފުރުޞަތު ރޮނާލްޑޯއަށް އަދިވެސް އޮތް ކަމަށާއި، އެއީ އޭނާ އަމިއްލައަށް ނިންމަންޖެހޭ ކަމެއް ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!