ހުޅުމާލޭގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ ފުޓްސަލް ކޮމްޕްލެކްސް އަދި ނެޓްބޯލް ކޮމްޕްލެކްސްގެ އަމަލީ މަސައްކަތް ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ރަސްމީކޮށް ފައްޓަވައިދެއްވައިފިއެވެ.

ކުޅިވަރުގެ އުމްރާނީ ތަރައްގީއަށް މުހިންމު މި ދެ މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގެ ދެ ފިޔަވަހީގައެވެ.

Ad
rt

މިގޮތުން ނެޓްބޯލް ކޮމްޕްލެކްސް އެޅުމަށް ނިންމާފައިވަނީ ހުޅުމާލެ ފޭސް 1 ގައި ހުންނަ ގާޒީ ސްކޫލު ކުރިމައްޗަށް އޮންނަ ހުސް ބިމުގައެވެ. އަދި ފުޓްސަލް ކޮމްޕްލެކްސް ތަރައްގީކުރުމަށް ކަނޑައަޅާފައިވަނީ ހުޅުމާލެ ފޭސް 2 ގައެވެ.

ހުޅުމާލެ ފޭސް 1 ގައި ބިނާކުރާ ނެޓްބޯޅަ ކޮމްޕްލެކްސްގައި ޖުމްލަ ފަސް ޕިޗު ހިމެނޭނެއެވެ. އޭގެ ތެރޭގައި ހިމެނެނީ ހަތަރު ޕްރެކްޓިސް ޕިޗާއި އެއް މެޗު ޕިޗެވެ. މި ކޮމްޕްލެކްސްގެ މެޗު ޕިޗަކީ މަލްޓި ސްޕޯޓްސްއަށް ބޭނުންކުރެވޭ ގޮތަށް ފަރުމާކުރެވޭ ޕިޗެކެވެ. މީގެ އިތުރުން ކެފޭތަކާއި، ޗޭންޖިންގ ރޫމް އަދި ޖިމް ފަދަ ޒަމާނީ ވަސީލަތްތައް ވެސް މި ތަނުގައި ގާއިމުކުރެވޭނެއެވެ.

ނެޓްބޯލް ކޮމްޕްލެކްސްގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވީ، މި ކޮމްޕްލެކްސްއާއެކު ރާއްޖޭގައި ކުޅިވަރު ކުޅެން އެންމެ އިންޑޯއެއް އޮތް އޮތުމަށް 30 އަހަރަށްފަހު ބޮޑު ބަދަލެއް އަންނާނެ ކަމަށެވެ. އަދި މި އިމާރާތް އެޅިގެންދާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވެސް ފަސޭހަކަމާއެކު ބޭނުންކުރެވޭނެ އިންތިޒާމުތަކާއެކު ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ސަރުކާރުން އެލީޓް އެތުލީޓުން އުފެއްދުމަށް ކުރަމުން އަންނަ މަސައްކަތްތަކަށް މި ކޮމްޕްލެކްސްގެ ސަބަބުން ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ. އެގޮތުން ކުޅުންތެރިންނަށް ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަށް ކުރިއަށްވުރެ ބޮޑަށް ވަގުތު ލިބިގެންދާނެކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކުޅިވަރާ ބެހޭ ވުޒާރާއިން ނެޓްބޯލް ކޮމްޕްލެކްސް އެޅުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ޖިއޯ ވޭވްއާ ހަވާލުކޮށްގެންނެވެ. މި އެއްބަސްވުމުގެ ދަށުން 15 މަސް ދުވަހުގެ ތެރޭގައި އެ މަސައްކަތް އެއްކޮށް ނިންމަން ޖެހެއެވެ.

މީގެ އިތުރުން އާދީއްތަ ދުވަހު ވަނީ ފުޓްސަލް އެރީނާގެ އަމަލީ މަސައްކަތް ވެސް ފަށައިފައެވެ. މިއީ ވެސް ޖުމްލަ ފަސް ޕިޗު ހިމެނޭ ގޮތަށް ބިނާކުރާ ކޮމްޕްލެކްސްއެކެވެ. މީގެ ތެރޭގައި ހަތަރު ޕްރެކްޓިސް ޕިޗާއި އެއް މެޗު ޕިޗު ހިމެނޭއިރު، މެޗު ޕިޗަކީ މަލްޓި ސްޕޯޓްސްއަށް ބޭނުންކުރެވޭނެ ތަނެކެވެ. މި ފުޓްސަލް ކޮމްޕްލެކްސްއަކީ އެއްފަހަރާ 900 މީހުންނަށް މެޗުތައް ބަލަން ވަދެވޭ ގޮތަށް ޖާގަ ތަނަވަސްކޮށް ތަރައްގީކުރާ ތަނެކެވެ.