މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އަދި އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ހއ. ދިއްދޫން މާލެއަށް ނިސްބަތްވާ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނި ގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މާލެ، މ. މާހަލް، އުމުރުން 60 އަހަރުގެ ޢަބްދުޙަންނާން އާދަމެވެ.

Ad
rt

ފުލުހުން ބުނީ، އޭނާ ހައްޔަރުކޮށްފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ހއ. އަތޮޅު ފުލުހުން ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ 13 ނޮވެމްބަރު 2026 ގައެވެ.

ފުލުހުން އޭނާ ހުއްޓުވާފައިވަނީ ހއ. ދިއްދޫ ބަނދަރުގެ ދެކުނުފަރާތު ރަސްމީ ސިޑި ކައިރިންނެވެ. އެ ސަރަހައްދުން އޭނާ ހުއްޓުވައި، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް އަޅާފައިހުރި ތިން ރަބަރު ޕެކެޓް ވަނީ ފެނިފައެވެ.

މި އޮޕަރޭޝަނުގައި އޭނާގެ އަތުން ފެނުނު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތީގެ ވަގުތީ ބަރުދަނަކީ 53.2 ގްރާމް ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.