28 އޮކްޓޯބަރުގެ އަދަދާއި ގުޅޭ:

މެސެޖު ކިޔައި ނިމުނުއިރު މާޔާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އޭނާ އަނެއްކާވެސް ނަޖާހާ ދިމާލަށް ބަލައިލިއެވެ. މިފަހަރު ނަޖާހު އިނީ އިސްޖަހައިގެންނެވެ. އެ މޫނުމަތިން ފެންނަނީ ލަދުވެތިކަމާއި ކުށްވެރިވުމުގެ އިޙްސާސެކެވެ. މާޔާގެ ހިތުގައި މާޒީގެ ޒަޚަމްތައް އާވަމުން ދިޔަ ނަމަވެސް، ނަޖާހުގެ އެ ޖުމްލައިން އޭނާގެ ހިތުގެ ކޮންމެވެސް ކަނަކަށް ތަފާތު ފިނިކަމެއް އިޙްސާސްވެގެން ދިޔަކަން މާޔާއަށް އެނގުނެވެ.

Ad
rt

މާޔާގެ ނަޒަރު އަދިވެސް ހުއްޓިފައިވަނީ ސީދާ ނަޖާހުއާ ދިމާލަށެވެ. ލިބުނު މެސެޖަކީ މާޔާއަށް ކުރެވުނު ކުށްހީއެއް ނޫނެވެ. ނަޖާހުގެ ހަރަކާތްތަކުން ވެސް އެއީ ތެދު ޙަޤީޤަތްކަން މާޔާއަށް ދެނެގަނެވުނެވެ. އިސްޖަހައިގެން އިނދެ ނަޖާހު ވަގުވަގަށް މާޔާއަށް ބަލައިލި އިރު ވެސް މާޔާ ހުރީ ނަޖާހުއާ ދިމާލަށް ބަލާށެވެ. ކުއްލިއަކަށް ނަޖާހުއަށް ފެނުނީ މާޔާ އައިސް އޭނާގެ ކުރިމަތީގައި ހުއްޓުނުތަނެވެ. އެއާއެކު ނަޖާހުއަށް އިސް އުފުލައި މާޔާގެ މޫނަށް ބަލައިލެވުނެވެ.

" މިއީ ކޮންކަމެއް؟" ނަޖާހު ފޮނުވި މެސެޖް، ދައްކާލަމުން މާޔާ ސުވާލުކުރިއެވެ.
ޙަޤީޤަތުގައި ވެސް ދޭނެ އެއްވެސް ޖަވާބެއް ނަޖާކަށް ނުވިސްނުނެވެ. ނަޖާހުއަށް އެއްޗެއް ނުބުނެވި އުޅެނިކޮށް މާޔާ އެ މެސެޖް ނަޖާހުއަށް އިވޭ ވަރަށް ކިޔާލިއެވެ.
"ކޮންމެ ދުވަހަކު ތި މޫނުން ފެންނަ ހިތާމަތައް ފޮހެލަދޭން އަހަރެންގެ ހިތް އެދޭވަރު އެނގޭނެ ނަމައެވެ. އާއިޒްގެ އިންތިޒާރުގައި ތި ހޭދަކުރާ ވަގުތުތަކަށްވުރެ ބޮޑަށް، ތި ތުންފަތަށް އަލުން ހިނިތުންވުން ގެނެސްދޭން އަހަރެން ކުރާ އިންތިޒާރު މާ ދިގުވެއްޖެއެވެ."
ނަޖާހުއަށް އިނދެވުނީ ލަދުން ގޮސް ބުނާނެ އެއްޗެއް ނޭނގިފައެވެ. މީގެ ކުރިން ހިމޭނުން ނޯންނަ އޭނާގެ ދޫ އޮތީ ކަސްތޮޅުއެޅިފައިކަހަލައެވެ.
" ބުނެބަލަ ކޮންމެވެސް އެއްޗެއް." ނަޖާހުގެ ކުރިމަތީގައި ހުރެ، ދެ އަތް އުރާލަމުން މާޔާ ބުންޏެވެ.
" މިއީ އަހަންނަށް ކޮށްލި ސަމާސާއެއްތަ؟" މާޔާ އަނެއްކާ ވެސް އެހިއެވެ.
" ނޫން." ބޭއިޙްތިޔާރުގައި ނަޖާހުއަށް ބުނެވުނެވެ.
" ދެން؟" އެއާއެކު މާޔާއަށް ބުނެވީ ތަންކޮޅެއް ބާރަށެވެ.
" ތިއީ އަހަރެން ގަސްތުގައި ފޮނުވި މެސެޖެއް ނޫން." މަޑުމަޑުން ނަޖާހު ބުންޏެވެ.
" ނަޖާއަށް ތި ވީ ގޮތުން، އޮޅިގެން ފޮނުވުނު މެސެޖެއްކަން އަހަންނަށް ވެސް އެނގެޔޭ. ލިޔެވުނީ ވެސް އޮޅިގެންތަ؟ ނަޖާ އަހަންނަށް ފްލާޓް ކުރަނީތަ؟" ހިތްހަމަނުޖެހޭ ރާގަކަށް މާޔާ އެހެން ބުނުމާއެކު ނަޖާހުއަށް ކޮޅަށް ތެދުވެވުނެވެ.
" ހާ...ދަ... ރުޅި އައިސް؟" ނަޖާހު ބުންޏެވެ.
މާޔާގެ މޫނުމަތީގައިވާ ނުތަނަވަސްކަމުގެ އަސަރުތައް ފެނި، ނަޖާހުގެ ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ.
" ބައެއް ފަހަރު ހީވޭ ތިއީ މަގޭ ރައްޓެއްސެއްހެން. ހެޔޮއެދޭ ގާތް މިތުރެއް ހެން. އެކަމަކު މި މެސެޖުން އަހަންނަށް މިހާރު ހީވަނީ މުޅިން އެހެން އެއްޗެއް." މާޔާ ބުންޏެވެ.
ހިތަށް އަރާ ކޮންމެ އެއްޗެއް ޖެހިލުމެއްނެތި މާޔާ ބުނާނެކަން ނަޖާހުއަށް އެނގެއެވެ. އެހެންކަމުން މާޔާގެ ކުރިމަތީގައި ބޭޒާރުވުމުގެ ކުރިން ނަޖާހު ބޭނުންވީ އެ ތަނުން ނިކުންނާށެވެ.
" އަހަރެން ބުނާއެއްޗެއް ޤަބޫލެއް ނުކުރާނެކަންނޭނގެ. މި ވަގުތު ތި ހުރީ މާ ރުޅި އައިސްފައި." ނަޖާހު އެހެން ބުނުމަށްފަހު ކަރުގައި އޮތް ޓައި ކުޑަކޮށް ދޫކޮށްލަމުން ބާރުބާރަށް ހިނގައިގަތެވެ.
" ނަޖާ!" އެއާއެކު މާޔާ ނަޖާހުއަށް ގޮވިއެވެ. ނަމަވެސް ފަސްއެނބުރި ބަލައިލުމެއްނެތި ނަޖާހު ނިކުމެގެން ދިޔައީއެވެ. މާޔާއަށް ދެ ފަރާތަށް ބޯ ހޫރާލެވުނެވެ.
ޒިމްނާ އެނބުރި އައިސް އޮފީހަށް ވަތް އިރު ވެސް މާޔާ އިނީ މަސައްކަތެއް ނުކޮށް ފުން ވިސްނުމެއްގެ ތެރޭގައެވެ. " އޯތް! ކީއްވެފައި ތި އިނީ؟" މާޔާގެ ކުރިމަތީ އިށީންނަމުން ޒިމްނާ ސުވާލުކުރިއެވެ.
ސިހިފައި މާޔާ ޒިމްނާއަށް ބަލައިލި ގޮތަށް ކަންތައް ވެ ދިޔަ ގޮތް ކިޔައިދިނެވެ. އޭރު ޒިމްނާގެ މޫނުމަތިން ފެންނަން ހުރީ ތާޒާ ހިނިތުންވުމެކެވެ. ޒިމްނާގެ މޫނުމަތީގެ އުޖާލާކަން ފެނި ކަންބޮޑުވެ، ހާސްވެފައި ހުރި މާޔާއަށް ލިބުނީ ހައިރާންކަމެވެ.
" ކީއްވެ ހެވިފައި ތި އިންނަނީ؟" މާޔާ ސުވާލުކުރިއެވެ.
" ހެވޭނެއެއްނު އެ ފަކީރު އެ ވަރަށް ސިއްރުކުރަމުން އައި ކަމެއް ތި ކަހަަލަ ގޮތަކަށް ފަޅާއެރީމަ." ޒިމްނާ ބުނެލިއެވެ.
އެއާއެކު މާޔާއަށް ދެ ބުމަ ކައިރިކޮށްލެވުނެވެ.
" ތި ބުނީ؟" މާޔާ އެހިއެވެ.
" މި ގަޑީގައި ކިޔައިދެވޭ ކަހަލަ ވާހަކައެއް ނޫނޭ ތީ. ހަމަޖެހިލާފައި ގެއަށް ގޮސް ދޯ." ޒިމްނާ ބުންޏެވެ.
ނަމަވެސް އޭރު ވެސް މާޔާގެ ކެތްތެރިކަން ކުޑަވެއްޖެއެވެ.
" އޭ ދެން! ނޫން. މިހާރު ބުނޭ." މާޔާ ބުނެލިއެވެ.
" ހާދަ ވަރެއް ވެއްޖެޔޭ ދޯ." މަޖާ ރާގަކަށް ޒިމްނާ އެހެން ބުނެލި ނަމަވެސް، މާޔާއަށް ރުޅި އާދެވުނެވެ.
" ނޫނެކޭ ދެން... ޒިމްއަށް ވެސް އެނގެއެއްނު މި އޮފީހުގައި އަހަރެން އަނގައިން ބުނާ އިތުރު ބޯއީ އަކަށް ހުރީ ނަޖާކަން...ދެން ކިޔައިދީބަ." އާދޭހުގެ ރާގަކަަށް މާޔާ އެދުނެވެ.
" އަސްލު އޭނަ ޔޫ ދެކެ ލޯބިވެޔޭ." ޒިމްނާ ބުނެލިއެވެ.
" ވަޓް؟ ނޯ! ނުވާނެ އެހެންނެއް." އަވަސް އަވަހަށް މާޔާ ބުންޏެވެ.
" ދެން ޤަބޫލުނުކުރަންޏާ ކީއްކުރަންތަ މަ ކައިރި ތި އަހަނީ. ހަމަ ހުވާ! އޭނަ ވަރަށް ލޯބިވޭ މާޔާ ދެކެ. އަހަރެން ކައިރީއޭ ހުރިހާ ވާހަކައެއް ދައްކަނީ މިހާރު. " ޒިމްނާ އިތުރަށް ބުންޏެވެ.
އެއާއެކު މާޔާގެ މޫނުމަތީގައި ހުރި ހައިރާންކަމުގެ ކުލަވަރު އިތުރުވެގެން ދިޔައެވެ.
" ދެން ކީއްވެ ޒިމް އަހަރެން ގާތު ނުބުނީ؟" މާޔާ މަޑުމަޑުން އެހިއެވެ.
" އޭނަގެ ވާހަކައެއް ދެއްކޭނީ އޭނަ ބުނީމައެއްނު. ދެން މިހާރު ބަސްޓުވީމަ މި ބުނެލީ. އަހަރެން ކިތަންމެ ދުވަހަކު ބުނެފިން މާޔާ ކައިރީ ބުނާށޭ ބުނާށޭ. އެކަމަކު ހައްތަހާވެސް މާޔާ ރުޅި އައިސްދާނެތީ އެ ފަކީރަށް ބުނަން ނުކެރިގެން." ޒިމްނާ ބުންޏެވެ.
އޭރު އެކި ދުވަސްމަތިން ނަޖާޙު މާޔާއާ ވާހަކަ ދައްކައި ނަޞޭޙަތާއި ހިތްވަރުދިން ހަނދާންތައް އޭނާގެ ކުރިމަތީގައި އާވަމުން ދިޔައެވެ.
" އަދި ބުނަންތަ؟ އަސްލު މާޔާ ރީތި ވެގެން ނަޖާހުއޭ އާއިޒަށް ދެއްކީ ވެސް. އޭގެ ފަހުން ނަޖާއަށް ވެސް ނޭނގި އާއިޒް ޔޫ އާ ރައްޓެހިވީ. އޭރު ވެސް ނަޖާ މާޔާ ދެކެ ލޯބިވޭ. އަހަންނަށް ފެންނަނީ މާޔާ އެކަން ކުރަން." ޒިމްނާ ބުންޏެވެ.
" އާއިޒް ދެރަވާނެ." މާޔާއަށް ބުނެވުނެވެ.
އެއާއެކު ޒިމްނާއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ.
" ސާބަހޭ. އަދިވެސް އާއިޒް އުފާކޮށްނުދެވިގެންތަ ތި އުޅެނީ؟ އޭނަ ކަންކުރި ގޮތް މާ ރީތީތަ؟ އާއިޒް މިހާ ދުވަސްވީ އިރު ވެސް ޔޫ ކޮބައިތޯ ވެސް ބަލައިނުލި. ދެން ކޮން އިންތިޒާރެއް ތި ކުރަނީ؟ އޭނައަށް ވުރެ ނަޖާހު މާ ރަނގަޅު އަސްލު. ތި ދެ މީހުންގެ މިޒާޖު ވެސް ދާދި އެއްގޮތް. އޭނަ މާ ލޯބިވޭ މާޔާ ދެކެ." ޒިމްނާ ބުންޏެވެ.
ޒިމްނާގެ ވާހަކަތައް އަޑުއަހަން މާޔާ އިނީ ފަރުވާތެރިކަމާއެކު ޒިމްނާގެ މޫނަށް ބަލަހައްޓައިގެންނެވެ.

ގޭތެރޭގެ މާޙައުލު އޮތީ މުޅިން ހިމޭންވެފައެވެ. ސުވޭދާ މަސައްކަތް ކުރަމުން ދިޔައީ ރާޒީއާ ދުރުން އުޅެވޭތޯއެވެ. އެއްވެސް ވާހަކައެއް ދައްކަން ރާޒީއަށް ވަގުތު ދޭކަށް ސުވޭދާ ބޭނުމެއް ނޫނެވެ.
" ކޮބާ މަންމަ؟" ރާޒީ ސުވާލު ކުރީ ބޭރު ޖޯލީގައި އޮތް މާޒިންއާއެވެ.
" ފިރާއާ އެކު ބޭރަށް ދިޔައީ." މާޒިން ދިނީ ކުރު ޖަވާބެކެވެ.
މާޒިންގެ އަޑުގައި އަދިވެސް ހުރީ ހިތްހަމަނުޖެހުމުގެ އަސަރުތަކެވެ. އެކަން ރާޒީއަށް ވެސް ފާހަގަ ކުރެވުނެވެ. ނަމަވެސް ރާޒީ، މާޒިންއާ އިތުރު ވާހަކައެއް ދެއްކުމެއް ނެތި އޭނާ ގޮސް ކޮޓަރިއަށް ވަނެވެ.
ފިރާޝާއާއެކު ސުވޭދާ ގެއަށް އައި އިރު މަޣްރިބް ނަމާދު ބަންގި ގޮވަނީއެވެ. އޭރު ވެސް މާޒިން އޮތީ ޖޯލިފަތީގައެވެ.
" ބަންގި ގޮވީމަ މިސްކިތަށް ދޭބަލަ." މާޒިންގެ ކުރިމަތީގައި ހުއްޓެމުން ފިރާޝާ ބުންޏެވެ.
އޭރު ސުވޭދާ ގޮސް ގެއަށް ވަދެއްޖެއެވެ.
" ބައްޕަ، މަންމަ ހޯދި." މާޒިން ބުންޏެވެ.
" މަންމަ އެ އުޅެނީ މިއަދު ބައްޕައަށް ފިލައިގެންނޭ. އަހަރެންގެ މަންމަގެއިން މި އައީ." ފިރާޝާ ބުންޏެވެ.
" ދެނެއް ނުފިލޭނެއެއްނު. ބައްޕަ ވެއްޖެ ކޮޓަރީގައި." މާޒިން ތެދުވަމުން ބުންޏެވެ.
" އަހަރެން ހިތަށް އަރާ މާޒިން ވެސް އުމުރުން ދުވަސްވީމަ އެ ގޮތަށް އުޅެދާނެބާވައޭ." ފިރާޝާ މަޑުމަޑުން ބުންޏެވެ.
އެއާއެކު މާޒިން ފިރާޝާގެ ކޮނޑަށް އަތްވައްޓާލަމުން އޭނާއާ ގާތްކޮށްލިއެވެ.
"އާނ! ހިތަށް އަަރަންޏާ ހަމަ އުޅެދާނެ،" މާޒިން ބުންޏެވެ.
އެއާއެކު ފިރާޝާ މާޒިންއަށް ލޯ އަޅާލަމުން މޫނު ހަދާލިއެވެ.
" ދެން ކީއްކުރަންތަ ބޭކާރު ކަންކަމާ ވިސްނަނީ؟ މި އަންހެންވެރިންގެ އެ އާދައެއް ނުކެނޑޭނެ." މާޒިން ބުންޏެވެ.
" ގެއަކަށް ނޫނޭ ދާންވީ. މިސްކިތަށް ގޮސް އާދޭ." ފިރާޝާ ދުރަށް ޖެހިލަމުން ބުންޏެވެ. އެއާއެކު މާޒިން ދެކޮނޑު ހިއްލައިލަމުން ބޭރަށް މިސްރާބު ޖެހިއެވެ.
ރާޒީ ފާޚާނާއިން ނިކުތް އިރު ސުވޭދާ ހުރީ ވުޟޫ ކުރަން ވަންނަން ތައްޔާރަށެވެ. އޭނާ ހުރީ ފަހަރެއްގައި ވެސް ރާޒީގެ މޫނަށް ބަލައިލަން ބޭނުން ނުވެފައެވެ.
" އަހަރެންދެކެ އަދިވެސް ރުޅި އައިސްފައިތަ؟ މަ ނޫޅެމޭ އޭނައާ އިންނާކަށް." ރާޒީ ބުނެލިއެވެ.
" މަށަށް ހެވޭ އިނަސް. ކީއްވެތަ މިހާރު އޭނަޔާ ނީންނަންވީ؟ އެ ވަރުގެ މީހަކު ނެތިގެން ނޫންތަ ދަރިންގެ އަމާ ދޫކޮށްފައި ދާން އުޅުނީ. ދެން މަށަށް ފަޅާއެރީމަ މާ ނޫންކަމަށް ހެދޭނެކަމެއް ނެތް." ކަންފަތުގައި ރާޒީގެ އަޑު ޖެހުމާއެކު ސުވޭދާގެ ހިތުގައި ކެކެމުންދިޔަ ރުޅިގަނޑު ފަޅައިގެން ދިޔަކަހަލައެވެ.
" އަހަރެން މާދަމާ ކޯޓަށް ފޯމް ލާނަން. ރާޒީ ފެނުނަސް އަހަންނަށް ހުރެވޭ ތަން ނޭނގެ. ވަރަށް ފޫހިވެއްޖެ ރާޒީދެކެ. މާ ރަނގަޅުކަމަަށް ހެދިގެން އުޅުނީ. ހިލޭ އަންހެނުން ގާތަށް ގޮސް ޙަލާލު އަނބިމީހާގެ ވާހަކަ ދައްކާނީ ޙަޤީޤަތުގައި ވެސް ފިރިހެނަކަށް ނުވާ ފިރިހެނުން. ކަލޭ ހީކުރީ ޖެހި ސަކަރާތް މަށަށް ނޭނގޭކަމަށްތަ؟ މިހާރު ނޭނގެ ކަލޭގެ ދަރިއަކަށް ސާދުނާ ބަލިވެ ނީންނަކަމެއް." ސުވޭދާ ބުނެލިއެވެ.
ސުވޭދާގެ ޖުމްލަތަކުގެ ވިހަ ގަދަކަމުން ރާޒީއަކަށް ކެތެއް ނުކުރެވުނެވެ.
" ކޮންމެހެން ފޯމު ވެސް ލާނެކަމެއް ނެތް. ތި ހުރީ ވަރިކޮށްފައި. އަދި ބުނަން. މަ ސާދުނާއާ ނީންނާނެ އެއް ގޮތެއް ވެސް ނޯންނާނެ. " ރާޒީ އެހެން ބުނުމަށްފަހު އަތުގައި އޮތް ތުވާލި އެނދުމައްޗަށް ހޫރާލިއެވެ.
އޭނާ ނިކުމެގެން ދިޔައިރު ވެސް ސުވޭދާއަށް ހުރެވުނީ ގަނޑުވެފައެވެ. އޭރު ހޯސްލާފައި އޭނާގެ ދެ ލޮލުން ކަރުނަތައް ފައިބަމުން ދެއެވެ.
ހަމައެއާއެކު އެނދުމަތީގައި އޮތް ފޯނު ވެސް ބާރަށް ރިންގްވާން ފެށިއެވެ.
އަތުގެ ނުފުށުން ކަރުނަތައް ފުހެލަމުން ސުވޭދާ ގޮސް ފޯނު ނެގީ ގުޅަނީ މާޔާކަން އެނގުމުންނެވެ.
" މަންމައަށް ހާދަ ގުޅަމޭ އަހަރެން. ފޯނެއް ނުނަގާ." މާޔާ ބުންޏެވެ.
އެއާއެކު ސުވޭދާ ބާރަށް ރޯން ފަށައިފިއެވެ. އަދި ދާދި ދެންމެއަކު ބައްޕަ އޭނާ ވަރިކޮށްފިކަމަށް ވެސް ސުވޭދާ މާޔާ ގާތު ބުންޏެވެ.
" ތި ހުރިހާ ކަމެއް ވެސް ތި ވަނީ ހަމަ އެ ސާދުނާއްތައާ ހެދި. މަންމަ ކައިރިއަށް އަހަރެން ވަރަށް އަވަހަށް ދާނަން. ދެރަނުވޭ މަންމާ! މިއަދު އެ މީހުންނަށް ބޭއިންސާފުން މަންމައާމެދު ކަންތައް ކުރެވިދާނެ. ބައްޕަ އެ މީހާއާ އިނީމަ ބައްޕައަށް އަދި ދުނިޔެ ފެންނާނެ. އަހަންނަށް އެނގޭ ލީނާގެ މަންމައަކީ ކިހާ ފެންވަރެއްގެ މީހެއްކަން." މާޔާ ހުރީ އިންތިހާއަށް ރުޅި އައިސްފައެވެ. އޭރު ވެސް އޭނާގެ ކަންފަތުގައި ހަރުލައިފައިހުރީ ސުވޭދާގެ ރުއިމުގެ އަޑެވެ.
ހިތްވަރު ދިނުމަށްފަހު މާޔާ ފޯނު ބޭއްވި އިރު ވާނުވާ ނޭނގިފައި އޭނާއާ ދާދި ގާތުގައި ޒިމްނާ އިނެވެ.
" ބައްޕަ ދެންމެ މަންމަ ވަރިކޮށްފި. އަހަރެންގެ ބެސްޓްފްރެންޑްގެ މަންމައާ އިންނަން ވެގެން." ކަރުނައިން ފުރިގެންވާ ލޮލަކުން ޒިމްނާއަށް ބަލައިލަމުން މާޔާ ބުންޏެވެ.
ޒިމްނާއަށް ވެސް ދެ ލޯ ބޮޑުކޮށްލެވުނެވެ.
" އަަހަރެން ބޭނުމީ ވީހާ ވެސް އަވަހަކަށް ރަށަށް ދާން. ލީވްއެއް ނަގަން ބޭނުން ޒިމް!" ޒިމްނާގެ ކޮނޑުގައި ބޯ އަޅާލަމުން މާޔާ ބުންޏެވެ.
" މާދަމާ އޮފީހަށް ގޮސް ތިކަމާ އުޅޭނީ. ނުވިސްނާ އެހާވަރަށް. މާޔާ ރަށަށް ދިޔައީމަ މަންމަ ވެސް އުފާވާނީ. ތިއީ ވަރަށް ރަނގަޅު ނިންމުމެއް." ޒިމްނާ ބުނެލިއެވެ.
" ވާހަކައެއް ބުނަންތަ އަދި؟ " ޒިމްނާގެ އަޑަށް މާޔާ ބޯ ހިއްލާލަމުން ޒިމްނާގެ މޫނަށް ބަލައިލިއެވެ.
" ނަޖާ ކައިރި އަހަރެން ބުނިން ހުރިހާ އެއްޗެއް މާޔާއަށް ކިޔައިދިން ވާހަކަ. އޭނަ ބުނި ބުނާށޯ މާޔާގެ ޖަވާބަކަށް އިންތިޒާރު ކުރަމޭ." ޒިމްނާ ބުނެލިއެވެ.
އެއާއެކު މާޔާގެ ހިތަށް ފިނިވެގެން ދިޔައެވެ.
" އޭނަ ކިހާ ސަޅި. އެހާ ސްމާޓް މީހެއް. އަންޑަސްޓޭންޑިންވެފައި މާޔާދެކެ އެހާ ލޯބިވޭ." ޒިމްނާ އިތުރަށް ބުންޏެވެ.
" އަޅެ މި ގަޑީގައި ތި ވާހަކަ ނުދައްކަބަލަ. އަހަރެން މި ހުރީ ވަރަށް ހާޓް ވެފައޭ. " މާޔާ ބުންޏެވެ.
" އަހަންނަށް އެނގެޔޭ. އެކަމަކު ތި ހިތްދަތިކަން ފިލުވައިލާށޭ މި ބުނީ ވެސް. އަހަންނަށް ހަަމަ ޔަޤީން މާޔާގެ ހިތަށް ހަމަޖެހުމެއް ލިބޭނެކަން." ޒިމްނާ ބުންޏެވެ.
" ދެން ނޫން. އަހަރެން ލަދުގަނޭ ނަޖާ ދެކެ. ފްރެންޑެއް ގޮތަށް ދެކިގެން އުޅުނީ. ދެން ލޯބިވެވޭނެތަ؟" މާޔާ އަވަސް އަވަހަށް ބުނެލިއެވެ.
" ޓްރައި އެއް ދީބަލަ! " ޒިމްނާ އެދުނެވެ.
މާޔާ ފުންނޭވާއެއް ދޫކޮށްލަމުން ބޯ ޖަހާލިއެވެ.
" ހޭ! އަސްލުތަ؟" ޒިމްނާ އުފާވެރި ރާގަކަށް އެހިއެވެ.
" އާނ! އެކަމަކު ޝަރުޠެއްގެ މަތިން." މާޔާ އެހިއެވެ.
އެ ވަގުތު ޒިމްނާއަށް ދެ ބުމަ އުފުލައިލެވުނެވެ.
" ކޮން ޝަރުޠެއް؟" ޒިމްނާ އަވަސް އަވަހަށް އެހިއެވެ.
" ފުރަތަަމަ ބުނަން ބޭނުންވަނީ ނަޖާ ކައިރި. " މާޔާ ބުންޏެވެ.

( ނުނިމޭ)

މި ވާހަކަ ގެނެސްދޭން ހަމަޖެހިފައި ވަނީ ކޮންމެ އާދީއްތަ، އަދި ބުދަ ދުވަހެވެ.

(ނިމުނީ)