ޣައްޒާގައި އިޒްރޭލުން ހިންގަމުންދާ އުދުވާނާ ގުޅިގެން ނުރުހުން ފާޅުކުރުމުގެ ގޮތުން، ޔޫއެފާ ނޭޝަންސް ލީގުގައި ކޮސޯވޯއާ ދެކޮޅަށް ކުޅުނު މެޗުގައި އިޒްރޭލުގެ ގައުމީ ސަލާމް ކިޔަމުން ދިޔަ ވަގުތު ކޮސޯވޯގެ ސަޕޯޓަރުން ހަޅޭއްލަވައި ކަށިގަނޑު ފުމެފިއެވެ.
ހޮނިހިރު ދުވަހު ޕްރިސްޓީނާގައި ކުޅުނު މި މެޗު ފެށުމުގެ ކުރިން އިޒްރޭލުގެ ގައުމީ ސަލާމް އެޅުވި ވަގުތު، ދަނޑަށް ވަދެތިބި ސަޕޯޓަރުން ވަނީ ވަރަށް ބޮޑަށް އަޑުގަދަކޮށް އިޒްރޭލު ޓީމަށް ނުރުހުން އަމާޒުކޮށްފައެވެ. ސަޕޯޓަރުންގެ އިތުރުން ކޮސޯވޯގެ ބައެއް ކުޅުންތެރިންވެސް ވަނީ އިޒްރޭލުގެ ގައުމީ ސަލާމް ކިޔަމުން ދިޔައިރު ބޯ ތިރިކޮށްގެން ތިބެފައެވެ.
ކޮސޯވޯގެ ސަޕޯޓަރުންގެ ފަރާތުން ކުރިމަތިވި މި ފިއްތުންތަކާ އެކުވެސް، އިޒްރޭލުގެ ކުޅުންތެރިންނާއި ކޯޗިން ސްޓާފުން ވަނީ ދަނޑުގައި ތިބި ސަޕޯޓަރުންނަށް ގޮންޖެހުމަށް ވަރަށް ބާރަށް އެ ގައުމުގެ ގައުމީ ސަލާމް ކިޔާފައެވެ. ނަމަވެސް މުޅި މެޗު ކުރިއަށް ދިޔަ ވަގުތުވެސް ސަޕޯޓަރުން ދިޔައީ އިޒްރޭލުގެ ކުޅުންތެރިންނަށް އަމާޒުކޮށް ކަށިގަނޑުފުމެ، ހަޅޭއްލަވަމުންނެވެ.
ދެ ޓީމު ބައްދަލުކުރި މި މެޗު ނިމިގެން ދިޔައީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 އިން އެއްވަރުވެގެންނެވެ. މެޗުގެ 67 ވަނަ މިނެޓުގައި ޓެކްޓިކަލް ފައުލެއް ކުރުމާ ގުޅިގެން ދެއްކި ދެވަނަ ރީނދޫ ކާޑާއެކު، ކޮސޯވޯގެ މިޑްފީލްޑަރު ވެލްޑިން ހޮޖާ ވަނީ ދަނޑުން ފޮނުވާލާފައެވެ. އެހެން ނަމަވެސް އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުނު ނަމަވެސް ކޮސޯވޯ އިން ވަނީ އިޒްރޭލަށް ލަނޑެއް ޖެހިޔަނުދީ ހިފަހައްޓާފައެވެ.
މިދިޔަ މަހު އަޔަލަންޑާ ދެކޮޅަށް އިޒްރޭލުން ކުޅުނު ދެ މެޗުގައި ވެސް މިފަދަ ބޮޑެތި ހަމަނުޖެހުންތަކާއި ނުރުހުންތައް ވަނީ ކުރިމަތިވެފައެވެ. އެ މެޗުތަކުގައި ވެސް އިޒްރޭލުގެ ގައުމީ ސަލާމް އެޅުވި ވަގުތު އަޔަލަންޑުގެ ކުޅުންތެރިން އިސްދަށަށް ޖަހައިގެން ތިބިއިރު، މެޗަށް ފަހު އިޒްރޭލު ކުޅުންތެރިންނާ ސަލާމް ކުރުމަށްވެސް އަޔަލަންޑް ޓީމުން ވަނީ ދެކޮޅު ހަދާފައެވެ.
އަޔަލަންޑުގައި އިޒްރޭލާ ދެކޮޅަށް ކުރިއަށްދިޔަ ވަރުގަދަ މުޒާހަރާތަކާ ގުޅިގެން، ޑަބްލިންގައި ކުޅެން ހަމަޖެހުނު މެޗު ސާބިއާގެ ނިއުޓްރަލް ދަނޑަކަށް ބަދަލުކޮށް ސަޕޯޓަރުން ނުވައްދާ ކުޅެން އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ނިންމިއެވެ. އެހެން ނަމަވެސް އެ މައްސަލަ ހޫނުވެ، އަޔަލަންޑުގެ ގޯލްކީޕަރު ގެވިން ބަޒޫނޫ ވަނީ އެ މެޗުތައް ބޮއިކޮޓްކޮށް ކުޅުމަށް ދެކޮޅު ހަދާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!