ފަލަސްޠީނުގެ މިނިވަންކަން އިޢުލާނުކުރި ދުވަހުގެ މުނާސަބަތުގައި، 1967 ގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސަކީ ވެރިރަށް ކަމުގައި ކަނޑައަޅައި، ފަލަސްޠީނަކީ މިނިވަން އަދި މުސްތަޤިއްލު ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއިން ވަކާލާތު ކުރުމުގައި ދެމިއޮންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިކަން ހާމަކުރެއްވީ ފަލަސްޠީނުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ވެރިންނަށް ފޮނުއްވި ތަހުނިޔާގެ މެސެޖުގައެވެ.

Ad
rt

މި މުނާސަބަތާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސްއަށާއި، ބޮޑުވަޒީރު މުޙައްމަދު މުޞްޠަފާއަށް ވަކިވަކިން ތަހުނިޔާގެ ސިޓީފުޅު ފޮނުއްވާފައެވެ.

ރައީސް މަޙްމޫދު ޢައްބާސްއަށް ފޮނުއްވި ސިޓީފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިއަދަކީ މިނިވަންކަމާއި ކަރާމާތް ޙާޞިލުކޮށް، ސިޔާދަތީ މިނިވަން ދައުލަތެއް ބިނާކުރުމަށް ފަލަސްޠީނުގެ ރައްޔިތުން ޒަމާނުއްސުރެ ކުރަމުން އަންނަ މަތިވެރި އުންމީދުތައް ރަމްޒުކޮށްދޭ މުހިންމު ދުވަހެއް ކަމަށެވެ. އަދި މި މުހިންމު މަސައްކަތުގައި ދެ ޤައުމު ގުޅިގެން ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން، ދެމެދުގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

މީގެއިތުރުން، ފަލަސްޠީނުގެ މިނިވަންކަމަށް ވަކާލާތުކުރުމުގައި ދެ ޤައުމުން ބަދަހިކަމާއެކު ދެމިތިބުމަކީ، ދެމެދުގައި އޮތް ގާތްގުޅުން އައު އުސްމިންތަކަކަށް ވާސިލުކޮށްދޭނެ ކަމެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށްވެސް ރައީސް ޢައްބާސްއަށް ފޮނުއްވި ސިޓީފުޅުގައި ފާހަގަކުރައްވާފައިވެއެވެ.

ފަލަސްޠީނުގެ ބޮޑުވަޒީރު މުޙައްމަދު މުޞްޠަފާއަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުގައި ބަޔާންކުރައްވާފައިވަނީ، މި ތާރީޚީ އިޢުލާނަކީ ޞުލްޙަވެރި އަދި އުފާވެރި މުސްތަޤްބަލަކަށް ފަލަސްޠީނުގެ ރައްޔިތުން ކުރާ ދަތުރުގައި އެބައިމީހުންގެ ބަދަހިކަމާއި ސާބިތުކަން ހާމަކޮށްދޭ އަލިގަދަ ދަލީލެއް ކަމުގައެވެ. އަދި ޤައުމީ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް ފަލަސްޠީނުގެ ރައްޔިތުން މެދުކެނޑުމެއްނެތި ކުރަމުންދާ މަސައްކަތްތަކަށްވެސް އެމަނިކުފާނު ވަނީ ތަރުހީބު ދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައިވަނީ، ފަލަސްޠީނުގެ އަޚުންނާއި އުޚުތުންނަށް ޞުލްޙަވެރިކަން ލިބި، އެބައިމީހުންގެ އުންމީދުތައް ކައިރި މުސްތަޤްބަލެއްގައި ޙަޤީޤަތަކަށްވުމަށް އެދިވަޑައިގަންނަވަމުންނެވެ.

މި ސިޓީފުޅުތަކުގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ އެކްސް އެކައުންޓުން ހިއްސާކުރެއްވި ޕޯސްޓެއްގައިވެސް މި ޝުޢޫރުތައް ވަނީ ތަކުރާރުކުރައްވާފައެވެ. އެގޮތުން 1967 ގެ ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސަކީ ފަލަސްޠީނުގެ ވެރިރަށް ކަމުގައި ކަނޑައަޅައިގެން، މިނިވަން ފަލަސްޠީނެއްގެ ހުވަފެން ޙަޤީޤަތަކަށް ހެދުމަށް ކުރާ މަސައްކަތުގައި ފަލަސްޠީނާއެކު ރާއްޖެއިން ސާބިތުކަމާއެކު ދެމިއޮންނާނެކަން އެމަނިކުފާނު ކަށަވަރުކޮށްދެއްވިއެވެ. އެމަނިކުފާނުގެ ޕޯސްޓް ނިންމަވާލައްވާފައިވަނީ "ފްރޮމް ދަ ރިވަރ ޓު ދަ ސީ، ޕެލަސްޓައިން ވިލް ބީ ފްރީ" ނުވަތަ ކޯރުން ފެށިގެން ކަނޑާ ހަމައަށް ފަލަސްޠީނު މިނިވަންވާނެކަމުގެ ޝިޢާރު ފާޅުކުރައްވަމުންނެވެ.