އޯގަސްޓް 26 ގެ އަދަދާއި ގުޅޭ:

" ގެންދާތަނުން މަންމަ އޯކޭ ނުވިއްޔާޔޯ. " މާޔާ އެހިއެވެ.

Ad
rt

" ދެން ނީންނާނީނު." އާއިޒް ފަސޭހަކަމާއެކު ބުނެލިއެވެ. އެއާއެކު މާޔާ ނުހަނު ދެރަވެސް ވެއްޖެއެވެ.

"އަސްލުތަ؟ މަންމަ ނޯ ބުނިއްޔާ ހަމަ ނީންނާނެ؟" މާޔާ އެހިއެވެ.

" ނޭނގެ ދެން. ކުރިއަށް ވާން ހުރި ކަންތައްތައް ނޭނގޭނެއެއްނު. އަދި އެހާ ވަރަށް ވިސްނާނެކަމެއް ނެތް. ވަރަށް ހައިވެއްޖެ. އުޅޭ ކާން ވަންނަން." އާއިޒް ބުންޏެވެ.

ގެއަށް ގޮސް ވެސް މާޔާ ވިސްނަމުން ދިޔައީ ބައްޕަ ދޭނެ ޖަވާބަކާމެދުއެވެ. ފިރާޝާގެ ހަބަރެއް ނުވެގެން އޭނާ ދެ ފަހަރަކު ފިރާޝާއަށް ގުޅަން ވެސް ގުޅައިފިއެވެ. ނަމަވެސް ފިރާޝާ އޭނާއަށް ފަހުން ނުގުޅާތީ އެކަމާ ވެސް މާޔާ ދިޔައީ ހާސްވަމުންނެވެ.

" އަނެއްކާ! ބައްޕަ ނޫނެކޭ ބުނީބާ؟" މާޔާއަށް ހިތާހިތާ ބުނެލެވުނެވެ.

އެނދުމަތީ އޮށޯވެލަމުން އޭނާ މަންމައަށް ގުޅާލިއެވެ. އެންމެ ރިންގަކުން މަންމަ ފޯނު ނަގައިފިއެވެ.

" އައްދެ! މިއަދު ފޯނު އަތަށް ލައިގެންތަ ތި އިނީ؟" މާޔާ ހަމަޖެހޭ ގޮތް ދައްކާލަމުން އެހިއެވެ.

" ފިރާޝާ ބުނި ބައްޕަ ކައިރީ ދޮންބެ އެ ވާހަކަ ބުނީމަ ބައްޕަ ބުންޏޯ އަދި މީހަކާ އިންނަވަރެއް ނުވެޔޭ." މަންމަ ދިން ހަބަރަކުން މާޔާ މުޅިން މާޔޫސްވެއްޖެއެވެ.

" މަންމަ ދެން ބައްޕައާ ވާހަކަ ދައްކަބަލަ." މާޔާ އެދުނެވެ.

" ނޫޅެން. މަންމަ އެ މީހާއާ އެއްވެސް ވާހަކައެއް ނުދައްކަން." ސުވޭދާ ވާހަކަ ދެއްކީ ފޫހި ރާގަކަށެވެ.

" އެކަމަކު މަންމާ! ބައްޕައާއެކު އުޅެންޏާ އުޅެންވާނީ ވާހަކަ ވެސް ދައްކައިގެންނެއްނު." މާޔާ އެހެން ބުނުމާއެކު ސުވޭދާ ހަޅޭއްލަވައިގަތެވެ.

" މަންމައަށް ނަޞޭޙަތް ދޭނެ ކަމެއް ނެތް. މީހުން ދެ އަނތްބަށް ވެސް މީހުންނާ އިނދޭ. އެކަމަކު މިހާ ވަރެއް ނާރާ. މިހާރު މަންމަ އަނގައިން ބުންޏަސް ބައްޕަ ކުރަނީ ޒުވާބު. އަހަންނަކަށް ނޭނގެ އޭނަ ހިތާވެގެން އެ އުޅެނީ ކާކާ ކަމެއް ވެސް. ގައިމު ޝައްކެއްވާ މީހަކު، ލޮލަށް ފެނުނު މީހަކު ވެސް ނެތް. ޖިންނިއަކާ ނޫން ކަމެއް ވެސް ނޭނގެ." ސުވޭދާ ބުންޏެވެ.

" މަންމާ! ހަމަޖެހިބަލަ! އަހަންނަށް ވެސް އެނގެޔޭ މަންމަ ރުޅި އަންނާނެކަން. ދެރަވާނެކަން. އެކަމަކު... ރުޅި އަޔަސް، ބައްޕަ އެކަމެއް ނުހުއްޓިއެއްނު. ބައްޕަ ވެސް ނުބުނިތަ ކާކު ކަމެއް." މާޔާ ވާހަކަ ދެއްކީ ނުހަނު މަޑުމަޑުންނެވެ.

" ބުނާނެތަ؟ އޭނައަށް އެ މީހެއްގެ ނަން ނުބުނެވިގެން އެ މީހުންނަށް ނީނދެވިފައި އެ ތިބެނީ. ބުނަން ނުކެރިގެން އުޅޭ ފާޑު ޖަހަނީ." ސުވޭދާ ބުންޏެވެ.

" އެހެންވިއްޔާ އަޅައިނުލާ ހުރޭ. ފަހަރެއްގައި އެހެން ގޮސް ނީނދެ ހުރެދާނެއެއްނު." މާޔާ ބުންޏެވެ.

" ދެން މާޔާ ވެސް މަންމަ ކައިރީ ތި ވާހަކަ ނާހާ. މަންމަ ނެތް ދެން ތި ކަމަކަށް އިތުރަށް ބުނާނެ އެއްޗެއް. ބޮޑު ފިރިހެނަކު ނުވެއް ހިފެހެއްޓޭނެ އެއްނު." ސުވޭދާ ބުންޏެވެ.

" މަންމާ! އަޅެ... އަހަރެންގެ ކައިވެނި ވާހަކަ މަންމަ ދައްކަދީބަ. ޕްލީޒް." މާޔާ ބުންޏެވެ.

" މާޔާ އަމިއްލައަށް ގުޅާ ދެން. މަންމަ ބައްޕައާ ވާހަކައެއް ނުދައްކަމޭ." ސުވޭދާ އެއްބަހެއް ނުވިއެވެ.

މާޔާ ފޯނު ބޭއްވީ ނާއުއްމީދު ވެގެންނެވެ. ނަމަވެސް އާއިޒަށް ދޮގު ހަދާކަށް މާޔާއަކަށް ނުކެރުނެވެ. އާއިޒް ހުންނާނީ ބައްޕަގެ ޖަވާބެއްގެ އިންތިޒާރުގައިކަން މާޔާއަށް އެނގެއެވެ.

" މާޔާ މީހަކާ އިންނަވަރު ވާން ވާއިރަށް އަހަރެންގެ މަންމަ އަހަންނަށް އިންނަން މީހަކު ހޯދާނެ." އާއިޒް ބުނެލިއެވެ.

" އެކަމަކު އާއިޒަށް އިންކާރު ކުރެވޭނެއެއްނު." ފަސޭހަކަމާއެކު މާޔާ ބުނެލިއެވެ.

" ކޮންމެ ފަހަރަކު މަންމަ ލަދުގަންނަވާކަށް ނުކެރޭނެ." އާއިޒް ބުންޏެވެ.

" އާއިޒް އިންނަ މީހަކު އެނގޭނީ އާއިޒަކަށްނު. މަންމަ ކީއްކުރަންތަ އާއިޒް އިންނަން މީހުން ހޯދަނީ؟" މާޔާ ހުރީ ހިތްހަމަ ނުޖެހިފައެވެ.

" ތިއެއް އެނގޭނީ މަންމައަށް. މަންމައަށް ހީވަނީ މަންމަގެ ޗޮއިސް އަހަންނަށް ކަމުދާނޭ. މިހާރު ވެސް ނޭނގެ މީހަކު ކައިރީ އަހަރެންގެ ވާހަކަ ނުދައްކާ ކަމެއް. " އާއިޒް ބުންޏެވެ.

" ދެން ހަމަ، މަންމަ ދައްކާ މީހަކާ އިންނާނަން؟" މާޔާ އެހިއެވެ.

" މަންމަ އޮތީ އަހަރެން ބޭނުންވާ މީހަކާ އިންނަން ފުރުޞަތު ދީފަ. އެކަމަކު މަންމަ މަޑަކުން ނުހުންނާނެ މާ ލަސްވަންޏާ." އާއިޒް ބުނެލިއެވެ.

އަނެއްކާ އާއިޒްގެ މަންމައަކީ ކޮންކަހަލަ މީހެއްބާވައޭ މާޔާގެ ހިތަށް އެރިއެވެ. ކަންތައްތަކާ މާ ނުފޫޒު ފޯރުވަންޏާ މާޔާއަކަށް ވެސް މަޑުންނެއް ނުހުރެވޭނެކަން އޭނާއަށް އެނގެއެވެ. މާޔާއާއި އާއިޒްގެ މަންމަގެ މިޒާޖު ތަފާތުވާނެކަން މިހާރު ވެސް މާޔާއަށް ޤަބޫލުކުރެވުނެވެ.

" އޯކޭ އޯކޭ. އަހަރެން ބައްޕައާ ވާހަކަ ދައްކާނަން." މާޔާ ފޯނު ބޭއްވީ އާއިޒަށް ޔަޤީންކަން ދެމުންނެވެ.

ފެންވަރައިގެން މާޔާ ނިކުތް އިރު، ޒިމްނާ އިނީ ކޮފީއެއް ހިފައިގެން ޓީވީ ބަލާށެވެ. މާޔާ ފެނުމާއެކު ޒިމްނާ ހިނިތުންވެލިއެވެ.

" އާދޭ ފިލްމެއް ބަލައިލަން." ޒިމްނާ ބުންޏެވެ.

" މި ދަނީ އޮފީހަށް ވަދެލަން ވެގެން. މަ ހަނދާންނެތި އާދެވުނީ މާދަމާ ހެނދުނު ބޮސްއަށް ފޮނުވަންޖެހޭ ރިޕޯޓެއް ނަހަދާ." މާޔާ ބުންޏެވެ.

" އޯހް. އެއްކަލަ އެތި ދޯ. އޯކޭ. ދެން އައިސް ހަނދާންކޮށް ނިދުމުގެ ކުރިން ތަޅު ޗެކު ކޮއްލާތި." ޒިމްނާ ބުންޏެވެ. މާޔާ ހީލަމުން ބޯ ޖަހާލުމަށްފަހު ނިކުތެވެ.

އޮފީހަށް ދިޔައިރު އެއްވެސް މީހަކު އޮފީހަކު ނެތެވެ. ތަނަށް ވެރިވެފައިވާ ހަމަހިމޭންކަމުގެ ސަބަބުން މާޔާގެ ހިތް ބިރުގަންނަން ފެށިއެވެ. ނަމަވެސް ހުރިހާ ބޮކިތަކެއް ދިއްލާލުމަށްފަހު، އޭނާ ކޮމްޕިޔުޓަރ ކުރިމަތީ އިށީނެވެ. އަދި މަސައްކަތުގެ ތެރެއަށް ވަދެވެން ފެށުމާއެކު، ހިތަށް ވެރިވެފައިވާ ބިރުވެރިކަން މަޑުމަޑުން ފިލަން ފެށިއެވެ.

" ހާދަ އެކަނި." ކުއްލިއަކަށް މާޔާ ސިހުނީ އޭނާއާ ދާދި ގާތުން އިވުނު ނަޖާހުގެ އަޑަށެވެ.

" އޮހް. ނަޖާ! އަހަރެން ކިރިޔާ މަރުނުވީ." މާޔާއަށް ބުނެވުނެވެ.

އެއާއެކު ނަޖާހު ބާރަށް ހޭންފެށިއެވެ.

" އެހާ ބިރުގަނޭ؟" ނަޖާހު ބުންޏެވެ.

"އާނ. އަޑެއްބަޑެއް ނީއްވާ އައިސް ވަނީމަ ސިއްސައިގެންދާނެ އެއްނު. އެހާ ބިރުން މި އިނީ މިތާ އެކަނި ވީމަ." މާޔާ ބުންޏެވެ.

" ނިމުނީތަ މިހާރު." ނަޖާހު އެހިއެވެ.

" އާނ ދެން މި ނިމުނީ." މާޔާ އަވަސް އަވަހަށް ބުނެލިއެވެ.

" ކީއްކުރަނީ މިރޭ މިތާ؟" މާޔާ އަނެއްކާ ވެސް އެހިއެވެ.

" ޗާޖަރ ބާއްވާފައި ދެވުނީމަ އެ ނަގަން އައީ. މި ތަނަށް ވަތް އިރު މާ މީރު ވަސް ދުވާތީ ބަލައިލީ. އެނގޭ އެހާ މީރު ވަސް ދުވާނީ ވަރަށް ރީތި ކުއްޖަކު މިތާ އިނީމަކަން. ކާކުތޯ ބަލައިލީ މި." ލަސްލަހުން ނަޖާހު ބުންޏެވެ.

" މީހުންގެ ގަޔަށް ޖަހާ ސެންޓާ، ސިފަޔާ އޮތީ ކޮން ގުޅުމެއް؟" މާޔާ އެހީ ހެމުންނެވެ.

" އެކަމަކު މާޔާ ކަހަލަ ރީތި ކުއްޖަކު ނުޖަހާނެ އާދައިގެ ސެންޓެއް" ނަޖާހު ބުންޏެވެ.

" އޮރިޖިނަލް ސެންޓް ޖަހާނަމޭ އެ ވަރަށް ލިބެން ފެށީމަ. އަދި ހަމަ ބޮޑީސްޕްރޭއަކުން ފުއްދާލަނީ." މަޖާ ގޮތަކަށް މާޔާ ބުންޏެވެ.

" އޯހް. އެހެންތަވަނީ؟" ނަޖާހު ބުނެލީ ފުންކޮށް ވިސްނާލަމުންނެވެ.

" ދަނީ ދެން." ކޮނޑުގައި ދަބަސް އަޅުވާލަމުން މާޔާ ބުންޏެވެ.

" ހިނގާ ކޮފީއަކަށް ދާން. " ނަޖާހު އެހެން ބުނުމާއެކު މާަޔާ ހީލިއެވެ.

" ދާންވީތަ؟" މާޔާ އެހިއެވެ.

"އާނ. ގައިމުވެސް މަށާއެކު ގޮސްގެން ރުޅި އަންނާނެ މީހަކު އަހަރެންގެ ނެތް." ނަޖާހު ބުނެލިއެވެ.

"އޯހް. އެކަމަކު ހާދަ ޤަބޫލު ކުރަން ދައްޗޭ. ނަޖާ ސިންގަލްކޮށް ހުރެދާނެކަމާމެދު ހަމަ ޝައްކު." މާޔާ ބުންޏެވެ.

" އެ ކީއްވެ؟ އަހަރެން ބިޓިން ވާނެހެން ހީވަނީތަ؟" ލިފްޓަށް އަރަމުން ނަޖާހު އެހިއެވެ. ފަހަތުން މާޔާ ވެސް އެރީ އެ ލިފްޓަށެވެ.

" އާނ. މި ޒަމާނުގައި ރީތި ފިރިހެނަކު ވިއްޔާ ބިޓެއް ހުންނާނެ." މާޔާ ބުންޏެވެ.

" އޯހް. އިންޑައިރެކްޓްކޮށް ފްލާޓް ކުރަނީ ދޯ." ނަޖާހު ބުނެލިއެވެ.

" ނޫން. ތެދެއް ހެދިއްޔާ މި ވަނީ ފްލާޓް ކުރުމަށް. ނަޖާ ހަޑިއޭ ނުބުނާނެ އެކަކު ވެސް. ތެދެއްވާނީ ހަމަ ތެދަކަށް." މަޖާވެލާފައި މާޔާ ބުންޏެވެ.

" ސައިކްގަ ދާން ކެރޭނެތަ؟" ނަޖާހު އެހިއެވެ. އެ ވަގުތު މާޔާއަށް ޖެހުނީ އެކަމާމެދު ވިސްނާލާށެވެ.

" އާއިޒްގެ ހުއްދަ ހޯދަން ޖެހޭތަ އަނެއްކާ؟" ނަޖާހު ބުންޏެވެ.

" ކާރެއްގައި ގެއަށް ދާނީ. އަނެއްކާ އޮފީސް މީހަކަށް ފެނުނިއްޔާ ކޮންމެ ފަދަ ވާހަކައެއް ވެސް ދައްކަފާނެ އެއްނު." މާޔާ ބުންޏެވެ.

"ދެން؟ އަދި ތިއީ މީހެއްގެ އަނތްބެއް ނޫނޭ. ކީއްކުރަން ކާރުގައި ދަނީ. އަަހަރެން ނޫޅެމޭ މާޔާ ކާލާކަށް." ނަޖާހު ބުނެލިއެވެ.

" އޮފީސް އެންމެންނަށް އެނގޭނެ އަހަރެމެން އެހާ އެހާ ފްރެންޑް ނޫންކަން. ދެން ކުއްލިއަކަށް ސައިކަލްއިން ފެނުނީމަ؟" މާޔާ ދެ ކޮނޑު އުފުލާލިއެވެ.

" ތި ހުރިހާ ކަމަކާ ނުވިސްނާ އާދޭ ދެން." ނަޖާހު ބުނެލީ މި ފަހަރު ވެސް ހެމުންނެވެ. އޭނާއަކީ ސަކަ މިޒާޖެއްގެ މީހެއްކަން މާޔާ ދެނެގެންފިއެވެ. އެހެންވެ، އޭނާގެ ނިޔަތް ސާފުވާނެކަމަށް ވެސް މާޔާގެ ހިތް ނިންމިއެވެ.

" މަޑުން ދުއްވައްޗޭ. " މާޔާ އެހެން ބުނުމާއެކު މި ފަހަރު ވެސް ނަޖާހު ފެށީ ހޭށެވެ.

" މުޅި މާލޭގައި ދުއްވާފައި ނޫނީ ގެއަކަށް ނުގެންދާނަން." ނަޖާހު ބުނެލިއެވެ.

" އަޅެ ނޫން. އަހަރެން ބޭނުން އަވަހަށް ގެއަށް ދާން. ޕްލީޒް މާ ލަސްނުކޮށް ގެއަށް ދާން ބޭނުމީ." މާޔާ ބުންޏެވެ.

" އަހަރެން ހިތަށް އަރާ ތިހާ ރީތި ކުއްޖަކު ގޮވައިގެން މިހެން ބުރުޖަހަން ދެވޭނެ ނަމައޭ. އެކަމަކު ކީއްކުރާނީ. އާއިޒްހާ އަހަރެން ކާމިޔާބެއް ނޫން." ނަޖާހު ބުނެލިއެވެ.

" ރީތި ކުއްޖަކު ހޯދައިދޭންވީތަ؟" މާޔާ އެހިއެވެ.

" މާޔާ ހަމަ ބޭނުމީ." ނަޖާހު އެހެން ބުނުމާއެކު މާޔާއަށް ސިހުން ލިބުނެވެ.

" އޭނ؟" މާޔާއަށް ސިހިފައި ބުނެވުނެވެ.

" މި ބުނީ ހަމަ ތިކަހަލަ ކުއްޖެކޭ. ތިހާ ރީތި، ތިހާ ފްރެންޑްލީ ކުއްޖެއް." ނަޖާހު އަވަސް އަވަހަށް ބުނެލިއެވެ.

" މަޖީދީމަގު ހާދަ ބާރުބޮޑޭ. " ޓްރެފިކްގައި ޖެހުމާއެކު ނަޖާހުއަށް ބުނެވުނެވެ.

" ވަރަށް ހޫނު ދޯ! މިހެން އިންނަން ޖެހޭނީ ކިހާ އިރަކުބާ؟ " މާޔާ ބުންޏެވެ.

" މާލެއަށް އަދިވެސް ހަމަ މީހުން ހިޖުރަ ކުރަނީ. ދުއްވާނެ ތަންކޮޅެއް ނެތަސް." ނަޖާހު ޝަކުވާ ކުރަން ފެށިއެވެ.

ފަރާތްފަރާތަށް ބަލަމުން ދިޔަ މާޔާގެ ނަޒަރު ހުއްޓުނީ ފިހާރައެއްގެ ދޮރުމަތީ ހުއްޓި ހުރި އާއިޒްގެ މޫނަށެވެ. އޭނާ ހުރީ ސީދާ މާޔާއަށް ބަލަހައްޓައިގެންނެވެ. އާއިޒް ފެނުމާއެކު މާޔާގެ ހިތް ބިރުގަތެވެ. އޭނާގެ މޫނުގައިވާ ނުތަނަވަސްކަން މާޔާއަށް ދެނެގަނެވުނެވެ. އާއިޒާ ދިމާލަށް ބަލަަހައްޓައިގެން ހުއްޓާ، ވާހަކައިގަ އިން ނަޖާހު ސައިކަލް ދުއްވާލައިފިއެވެ. އޭރު ވެސް ފަސް އެނބުރި މާޔާ އިނީ އާއިޒަށް ބަލާށެވެ.

( ނުނިމޭ )

މި ވާހަކަ ގެނެސްދޭން ހަމަޖެހިފައި ވަނީ ކޮންމެ އާދީއްތަ، އަދި ބުދަ ދުވަހެވެ.

(ނިމުނީ)