30 އޯގަސްޓްގެ އަދަދާއި ގުޅޭ:

ފަރާތްފަރާތަށް ބަލަމުން ދިޔަ މާޔާގެ ނަޒަރު ހުއްޓުނީ ފިހާރައެއްގެ ދޮރުމަތީ ހުއްޓި ހުރި އާއިޒްގެ މޫނަށެވެ. އޭނާ ހުރީ ސީދާ މާޔާއަށް ބަލަހައްޓައިގެންނެވެ. އާއިޒް ފެނުމާއެކު މާޔާގެ ހިތް ބިރުގަތެވެ. އޭނާގެ މޫނުގައިވާ ނުތަނަވަސްކަން މާޔާއަށް ދެނެގަނެވުނެވެ. އާއިޒާ ދިމާލަށް ބަލަަހައްޓައިގެން ހުއްޓާ، ވާހަކައިގަ އިން ނަޖާހު ސައިކަލް ދުއްވާލައިފިއެވެ. އޭރު ވެސް ފަސް އެނބުރި މާޔާ އިނީ އާއިޒަށް ބަލާށެވެ.

Ad
rt

މާޔާ ދެއްކި މަގުން ގޮސް، ނަޖާހު ސައިކަލް މަޑުކޮއްލީ ޒިމްނާމެންގޭ ދޮރުމައްޗަށެވެ. އެއާއެކު އަވަސް އަވަހަށް މާޔާ ސައިކަލުން ފައިބައިފިއެވެ.

"ތެންކްސް." މާޔާ ބުނެލިއެވެ.

" ދީބަ ނަންބަރު." ނަޖާހު ޖެހިލުންވެފައި ހުރެ އެހިއެވެ.

" އެއީ؟" މާޔާއަށް ބުނެވުނެވެ.

" ހީވަނީ... މިސްވާނެހެން ގެއަށް ގޮސް ވެސް. " ނަޖާހު އެހެން ބުނި އިރު ހުރީ ސީދާ މާޔާގެ މޫނަށް ބަލަހައްޓައިގެންނެވެ.

" މިސްވާވަރުގެ ކަމެއް ވެއްޖެތަ؟" ދަބަސް ތެރެއިން ފޯނު ނަގަމުން މާޔާ ބުނެލިއެވެ.

" އާނ. ފަހަރެއްގައި މާޔާއަށް އެހާ ޚާއްޞަ ނުވެދާނެ. އެކަމަކު މިއީ އަންހެން ކުއްޖަކު ސައިކަށް ލައިގެން މިހެން ދުއްވާލި ފުރަތަމަ ފަހަރު. އެހެންވެ އަހަންނަށް ވަރަށް ޚާއްސަ." ނަޖާހުގެ އަޑާއި ރާގު މުޅިން ހުރީ ބަދަލުވެފައެވެ. މާޔާއަށް އެގޮތް ކަމަކު ނުދިޔައެވެ.

" އޭ! އަނެއްކާ އަހަންނަށް ހިތް ނުކިޔައްޗޭ. އަވަހަށް މި ދަނީ. މާ ގިނައިރު މަޑުކޮއްފިއްޔާ ނަޖާހު ދައްކާނެ މާ ނުބައި ވާހަކަ." މަޖަލަހަށް ހަދާފައި މާޔާ އެހެން ބުނި އިރު ވެސް އޭނާގެ ހިތް އޮތީ މުޅިން ނުތަނަވަސްވެފައެވެ.

އޭރު ވެސް ނަޖާހު އިނީ މާޔާއާ ދިމާލަށް ބަލަހައްޓައިގެން ސައިކަލްމަތީގައެވެ.

ކޮޓަރިއަށް ވަތް ގޮތަށް މާޔާ އަވަސް އަވަހަށް އާއިޒަށް ގުޅިއެވެ. އާއިޒް ބުނާނެ އެއްޗެއް ނޭނގޭތީ މާޔާ ހުރީ ވަރަށް ބޮޑަށް ޖެހިލުންވެފައެވެ.

" އޭނަ ކިޔާވަރުން ކުރު ނުކޮށްގެން އަހަރެން އެރީ." އާއިޒް ފޯނު ނެގުމާއެކު މާޔާ އަވަސް އަވަހަށް ބުންޏެވެ.

" އަހަރެން އެއްޗެއް ނުބުނަމެއްނު އަދި." މަޑުމަޑުން އާއިޒް ބުނެލިއެވެ.

" އެހުމުގެ ކުރިން އަހަރެން މި ބުނީއެއްނު." އާއިޒްގެ އަޑުގައިވާ މަޑުމައިތިރިކަމުގެ ސަބަބުން މާޔާގެ ހިތަށް ތަސައްލީއެއް ލިބުނު ކަހަލައެވެ.

ވާހަކަ ނުދައްކާ އިރުކޮޅަކު މާޔާ މަޑުކޮއްލީ އާއިޒް އިތުރު އެއްޗެއް ބުނޭތޯއެވެ. ނަމަވެސް އާއިޒް ހިމޭންވެފައި ވުމުން މާޔާއަކަށް ކަމަކު ނުދިޔައެވެ.

"ހިތްހަމަ ނުޖެހުނަސް އަހަރެން ގާތު ބުނެބަލަ. އޭރުންނޭ އެނގޭނީ. އަހަންނަށް އެނގޭ އާއިޒް ނުބުންޏަސް ރުޅި އަންނާނެކަން." މާޔާ ބުންޏެވެ.

"އަހަރެން އެއްޗެއް ނުބުނިއްޔާ، އެ ވާހަކައަށް މާޔާ ކީއްވެ އިތުރު ވާހަކަ ތި ދައްކަނީ؟ އަހަރެން ނުދައްކާ ވާހަކަތަކެއް މާޔާ ދައްކަނީ ކީއްވެ؟" އާއިޒް އެހިއެވެ.

" ނަޖާހުއާއެކު ސައިކްގައި ދިޔައީ ކޮންތަނަކަށްތޯއާ ކިހާއިރެއް ވަންދެން އަހަރެން އޭނާއާއެކު އުޅުނިންތޯ ވެސް ނާހާނަން؟ އާއިޒް ބިރެއް ވެސް ނުގެނޭތަ؟" ވާހަކަ ދައްކަމުން ގޮސް މާޔާ އެނދުގައި އިށީނދެލިއެވެ.

" އަހަރެންގެ ދުލުން ކީކޭ ބުނުވަންތަ ބޭނުންވަނީ؟ އަހަންނަށް ތި ހުރިހާ ސުވާލެއް ވެސް ކުރެވިދާނެ. ހަމަ އެ ގޮތަށް މާޔާ ޖަވާބު ވެސް ދޭނެ. ދެން އަހަރެން މާޔާ ބުނާ އެއްޗެހި ޤަބޫލު ވެސް ކުރާނެ. އެއީ ކަންތައް ވާނެ ގޮތް. ދެން ކީއްކުރަން އިތުރަށް އަހަނީ." ފަސޭހަކަމާއެކު އާއިޒް ބުންޏެވެ.

އެއާއެކު މާޔާ ބާރަށް ހޭންފެށިއަޑު އާއިޒަށް އިވުނެވެ.

" ވަރަށް އުފާވެއްޖެ އަހަންނަށް ތިހާ އިތުބާރު ކުރާތީވެ." މާޔާ ބުންޏެވެ.

" އަދިވެސް ބައްޕަ ކައިރީ ނާހަންތަ؟" އާއިޒް ސުވާލު ކުރިއެވެ.

" ގުޅަންވީ ދޯ؟ " މާޔާ ބުނެލިއެވެ.

" އޯކޭ އަހަންނަށް. މާޔާ ބޭނުން ދުވަހަކުން ދެން ކައިވެނި ކުރާނީ." އާއިޒް ބުނެލިއެވެ.

" އައްދޭ! ހާދަ ފާޑަކަށް. އަހަރެން ބޭނުމޭ ކައިވެނި ކުރަން. އެކަމަކު ބައްޕަ ކައިރީ އަހަރެން އަހަންވީމަ... ކުޑަކޮށް ޖެހިލުންވަނީ އަސްލު." މާޔާ ބުންޏެވެ.

" އަހަންނަށް އަދި މާ ނުކެރޭނެ. ބައްޕަ އޯކޭވީމަ އަހަރެން ގުޅާފާނަން." އާއިޒް ބުނެލިއެވެ.

" އެހެންވީމަ... އަހަރެން މާދަމާ ގުޅާނަން އިނގޭ." މާޔާ ބުންޏެވެ.

ފޯނު ބޭއްވުމަށްފަހު، އޭނާ ސިޓިންރޫމަށް ނިކުތް އިރު، ކުދިންގެ ކޮޓަރިން ޒިމްނާ ނިކުންނަނީޢެވެ. އޭނާ ފެނުމާއެކު މާޔާ އަވަސް އަވަހަށް، ނަޖާހުއާއެކު ސައިކަލުގައި އިންދާ އާއިޒަށް ފެނުނު ވާހަކަ ކިޔައިދިނެވެ. އަދި އާއިޒް އެކަމާ އެހާ ބޮޑަށް އަޅާނުލާކަމުގައި ވެސް އޭނާ ޒިމްނާގާތު ބުންޏެވެ. މާޔާގެ ވާހަކަތައް އަޑުއަހަައި ނިމުނު އިރު ޒިމްނާގެ މޫނުމަތިން ފެންނަނީ އުދާސްވެރިކަމެވެ.

" ކީއްވެ އޭނަ އެހާ ހާސްނުވީ؟ ހަމަ އިތުބާރު ކުރާތީ؟" ޒިމްނާ އެހިއެވެ.

އުފަލުން ގޮސް މާޔާ ބޯ ޖަހާލިއެވެ. އޭރު ޒިމްނާއިނީ ދެ ފަރާތަށް ބޯ ހޫރާލަހޫރާލައެވެ.

" ކަޑައޭ! ޖޭ ވާން ޖެހޭނެ. އަސްލުވެސް މި ބުނީ. އެހެން ފިރިހެން ކުއްޖަކާ އެއްކޮށް ބުރުޖަހަން ދާން ކާކު ރުހޭނީ؟ ނުރުހޭނެ. އަނެއްކާ އާއިޒަކީ ބުއްދި ހަމަ މީހެއްތަ؟" ޒިމްނާ ބުނެލިއެވެ.

ޒިމްނާގެ ވާހަކައިން މާޔާގެ މޫޑު ބަދަލުވެއްޖެއެވެ. ކުއްލިއަކަށް އޭނާ ހިމޭންވެއްޖެއެވެ.

" މާޔާއަށް އޯކޭތަ އާއިޒް އެހެން ގާލް އެއް ގޮވައިގެން ސައިކަލް ބުރު ޖަހަން ދާން؟" ޒިމްނާ އެހިއެވެ.

މާޔާއަށް އަވަސް އަވަހަށް ބޯ ހޫރާލެވުނެވެ.

" އެ ކީއްވެ؟ އާއިޒަށް އިތުބާރު ނުކުރަނީތަ؟" ޒިމްނާ އަނެއްކާ ވެސް އެހިއެވެ.

" ނޫން. އިތުބާރު ކުރަން. އެކަމަކު ވެސް އެހެން ކުއްޖެއް ގޮވައިގެން އޭނަ އުޅޭކަށް މަ ބޭނުމެއް ނޫން." މާޔާ ބުނެލިއެވެ.

" ލޯބިވާތީއެއްނު. އާނ! ތިއޭ މި ބުނާ ވާހަކައަކީ. ލޯބިވަންޏާ ބޭނުމެއް ނުވާނެ އެހެން މީހަކު އޭނައާ ވައި އެޅެން ވެސް. އެކަމަކު ތި ބުނީ، މިރޭ ނަޖާހުއާއެކު ދިޔައިމަ ސުވާލެއް ވެސް ކޮއްނުލިއޭ." ޒިމްނާ ބުންޏެވެ.

ޒިމްނާގެ ވާހަކަތަކަށް މާޔާއަށް ޖެހުނީ ފީނައި ގަންނާށެވެ. އޭނާގެ ހިތަށް ވަރަށް ބޮޑަށް އުނދަގޫވެއްޖެއެވެ.

" އާއިޒް ލޯތްބެއް ނުވެ މާޔާދެކެ." އަނެއްކާ ވެސް ޒިމްނާ ބުންޏެވެ

މި ފަހަރު ޒިމްނާގެ ކުރިމަތީ އާއިޒް ދިފާޢު ކުރާކަށް މާޔާއަކަށް ނުކެރުނެވެ. ނެގިމަޑުވެފައި އޭނާ އިނީއެވެ.

" ކައިވެނި ކުރުމުގެ ކުރިން އަދިވެސް ޔަޤީން ކުރައްޗޭ. ކައިވެންޏަށްފަހު ތި ކަހަލަ މައްސަލަތައް އަންނަންޏާ ވަރަށް ނުރައްކާވާނެ." ޒިމްނާ މާޔާއަށް ނަޞޭޙަތްތެރިވިއެވެ.

" އަހަރެން މިރޭ އާއިޒާ ވާހަަކަ ދައްކާނަން. މަ އަހާނަން ކީއްވެތޯ ޖޭ ނުވީ. " މާޔާ ބުންޏެވެ.

މާޔާގެ ހިތަށް ވެރިވަމުންދާ ވަސްވާހުން އޭނާ އިނީ ވަރަށް ބޮޑަށް އުނދަގޫވެފައެވެ. އާއިޒްދެކެ އޭނާ ހިތްހަމަ ވެސް ނުޖެހިއްޖެއެވެ. އާއިޒަށް ވަރަށް އެއްޗެހި ކިޔާލަން ވެސް އޭނާ ބޭނުންވިއެވެ.

އެ ދުވަހަށް ފަހު ނުހާ، ލީނާގެ ގެއަކަށް ނާދެއެވެ. އެންމެ ފަހުން ލީނާއަށް ޖެހުނީ ނުހާ ހޯދަން އެ ގެއަށް ދާށެވެ. ލީނާ ފެނުމާއެކު ނުހާގެ މަންމަ ބާރުބާރަށް ލީނާއާ ދިމާލަށް އައެވެ. އަދި އޭނާގެ އަތުގައި ހިފުމަށްފަހު ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ. ނުހާގެ މަންމަގެ އެ އަމަލުތަކުން ލީނާ ވަރަށް ބޮޑަށް ބިރުގެންފިއެވެ.

" ދައްތަ ގާތު ތެދަށް ބުނެބަލަ! ލީނާއަށް އެނގޭނެ ނުހާއަށް ވެގެން އެ އުޅޭ ގޮތެއް." ނުހާގެ މަންމަ ހައްވަގެ ކަންބޮޑުވުން ލީނާއަށް އެނގުނެވެ.

މާޔާއާއި އާއިޒްގެ ކައިވެނީގެ ހަބަރަށް ފަހު، ނުހާއަށް ބަދަލުތަކެއް އައީކަން މާޔާއަށް ޔަޤީން ކުރެވުނެވެ.

" ނުވެސް ކައި. ނުވެސް ނިދާ އުޅެނީ. ވަޒީފާއަކަށް ދާށޭ ކިޔާ އެބަ އާދޭސް ކުރަން. އެކަމަކު ބޭރަށް ވެސް ނިކުންނަނީއެއް ނޫން. " ދެރަވެލާފައި ހައްވަ ބުންޏެވެ.

" އަހަރެން ވެސް މި އައީ ނުހާ ނުފެންނާތީ." ލީނާ ބުންޏެވެ. ނުހާގެ މަންމައަށް އެއްވެސް އެއްޗެއް ނޭނގޭތީ، ލީނާ އެ ވާހަކަ ހިއްސާކުރާކަށް ބޭނުމެއް ނުވިއެވެ.

" އެބައޮތް ކޮޓަރީގަ. ދޭ ބަލަ. ގޮސް އަހާބަލަ ވެގެން އުޅެނީ ކީއްތޯ. މަންމަ އެއްޗެއް ކިޔޭ ނުބުނާތި." ހައްވަ އެދުނެވެ.

ލީނާ ނިކުމެގެން ގޮސް ނުހާގެ ކޮޓަރިއަށް ވަތް އިރު އޭނާ އެނދުމަތީ ހަމަޖެހިލައިގެން އޮތެވެ. ލީނާ ފެނުމާއެކު ފުންމައިގެން ތެދުވެ، ނުހާ ގަދަކަމުން ހީލިއެވެ.

" ކީއްވެގެންތަ ނާންނަނީ؟ ކަލޭ އޭގެ ފަހުން ނުވެސް އާދެ. އެންމެ ފަހުން މަށަށް މި ޖެހުނީ އަންނަން." ލީނާ ސަމާސާ ރާގަކަށް ބުންޏެވެ.

" އަހަރެން ހަމަ އާއިޒް މިސްވަނީ." ނުހާ މަޑުމަޑުން ބުނެލިއެވެ.

" އަޅޭ ފަހެ އެއީ ނުހާ އާ ގުޅުމެއް ވެސް އޮތް މީހެއް ނޫން. ދެ ތިން ފަހަރަކު ކަންނޭނގެ ދިމާވީ ވެސް. ބިޓެއް ކަޓައިގެން އުޅެނީކީ ނޫން. ދެން ތިހާވަރު ވާން ޖެހޭތަ؟" ލީނާ ހިތްހަމަ ނުޖެހިފައި އިނދެ ބުންޏެވެ.

" އޭނައާ ރައްޓެހި ނުވިޔަސް، އޭނަދެކެ އަހަންނަށް ލޯބި ވެވިދާނެއެއްނު. އޭނައަށް ހިތް އެދެވިދާނެ އެއްނު. ލީނާއަށް ހަމަ ރަނގަޅަށް އެނގޭނެ އަހަރެން އޭނަދެކެ އިންތިހާއަށް ލޯބިވާކަން." ނުހާ ބުންޏެވެ.

" އެނގެޔޭ އަހަންނަށް. އެކަމަކު ލިބެން ނެތް މީހަކަށްޓަކައި ކީއްކުރަންހޭ ތިހާ ކަރުނަ އޮހޮރަންވީ؟ " ލީނާ ބުންޏެވެ.

" ހަމަ ލިބި ވެސް ދާނެ އެއްނު." ނުހާ އުއްމީދާއެކު ބުންޏެވެ.

" އެހެންވެ ތި އުއްމީދުގައި އިންތިޒާރު ކުރަނީތަ މުޅި އުމުރަށް؟ ދެން އެހެން މީހަކާ މެދު ވިސްނުމެއް ނެތް؟" ލީނާ އެހިއެވެ.

އެއާއެކު ނުހާ ބޯ ޖަހާލިއެވެ.

" އަހަރެން ބޭނުމީ ހަމައެކަނި އާއިޒް." ނުހާ ބުންޏެވެ.

" ތި ހިޔާލު ދޫކޮއްލާ. އަހަރެމެންގެ ދުވަސްވީ ރަޙްމަތްތެރިކަން ވެސް އެންމެ ފަހުން ގެއްލޭނީ. މާޔާއަށް ނުވެސް އެނގެއެއްނު ތިކަމެއް." ލީނާ ބުންޏެވެ.

" މާޔާއަށްވުރެ ކުރިން އަހަރެން އާއިޒްދެކެ ލޯބިވީމޭ." ނުހާ ބުނެލީ ދެރަވެލާފައެވެ.

( ނުނިމޭ )

މި ވާހަކަ ގެނެސްދޭން ހަމަޖެހިފައި ވަނީ ކޮންމެ އާދީއްތަ، އަދި ބުދަ ދުވަހެވެ.

(ނިމުނީ)