އޯގަސްޓް 23 ގެ އަދަދާއި ގުޅޭ:

" ތިހެން ދުރަށް ނުދައްޗޭ! " މާޔާގެ ކަންފަތްދޮށުގައި އާއިޒް ބުނެލީ ސިއްރުސިއްރުންނެވެ.

Ad
rt

އެ ވަގުތު ލަދުން ގޮސް މާޔާއަށް އާއިޒްގެ މޭގައި މޫނު ޖައްސާލެވުނެވެ.

" އާއިޒް!" މާޔާ އާއިޒަށް މަޑުމަޑުން ގޮވާލިއެވެ.

މާޔާ މާ ބޮޑަށް އާއިޒާ ގާތްވާން ފެށުމުން، އާއިޒް އަވަސް އަވަހަށް މާޔާ ދުރުކޮއްލިއެވެ. މޫނު އުފުލައިލަމުން މާޔާ އާއިޒްގެ މޫނަށް ބަލައިލި އިރު، އޭނާ ހުރީ މަގުމައްޗާ ދިމާލަށް ބަލަހައްޓައިގެންނެވެ.

" މީހަކަށް ފެނިދާނެ." އާއިޒް ބުންޏެވެ.
" އަދިކިރިޔާ ދޯ މިތާ މީހުން އުޅޭކަން އެނގުނީ." މާޔާ ބުނެލިއެވެ.

އޭރު މާޔާ ހުރީ މުޅިން ހަމަޖެހިފައެވެ. އާއިޒްގެ އަތުގެ މުލައްދަނޑީގައި ހިފަމުން މާޔާ ކުރިއަށް ހިނގައިގަތެވެ.

" އަހަންނާމެދު އެހާ ބޮޑަށް އުއްމީދު ނުކުރައްޗޭ. އަހަންނަަކަށް ފްލާޓް ކުރާކަށް ވެސް ނޭނގޭނެ. އަންހެން ކުދިން ހައްދާކަށް ވެސް ނޭނގޭނެ. އަހަރެން އަދި އަލަށް ކުއްޖަކާ މި ގުޅުނީ. އެހެންވެ ކުރީބައިގައި މި ބުނެލީ." އާއިޒް ބުންޏެވެ.

އެއާއެކު މާޔާ ތުއި ގޮތަކަށް ހީލިއެވެ.

" މިހާރު ހިއެއް ނުވެ ދެރަވެފައި ހުރި ހެންނެއް." އާއިޒް ބުންޏެވެ.

" މިހާރު އެނގިއްޖެއެއްނު އާއިޒަކީ އަހަންނަށް ކިހާ ވަރެއްގެ މީހެއްކަން؟ އަހަރެންގެ މޫޑާ ކުޅެވޭނީ އަހަރެން ވަރަށް ލޯބިވާ މީހަކަށް. ވަރަށް ޚާއްސަ މީހަކަށް." މާޔާ ވާހަކަ ދެއްކީ އުފާވެރި ރާގެއްގައެވެ.

" އަހަރެން ވަރަށް ނަސީބުގަދަ ދޯ އެހެންވީމަ." އާއިޒް ބުނެލިއެވެ.

" އަހަރެން ވެސް ކިހާ ނަސީބު ރަނގަޅު. އަހަންނަށް މި ލިބުނީ އާ ކުއްޖެއް. އަދި ބުނަންތަ؟ ޔޫ އާ މައި ފަސްޓް ލަވް." ފޮނި ގޮތަކަށް މާޔާ ބުންޏެވެ.

" އޯހް. ވައޯ! އަދި އަހަންނަށް އެވަރު އަހައިވެސް ނުލެވޭ ދޯ." އާއިޒް ބުންޏެވެ.

" އަހަރެން ގާތު އެއްވެސް އެއްޗެއް ނާހާ! އަހަރެންގެ މާޒީއެއް އޮތްތޯ. އަހަރެންގެ އެއްވެސް މަޢުލޫމާތެއް ވެސް ނާހާ." ދެ ކޮނޑުއުފުލައިލަމުން މާޔާ ބުންޏެވެ.

" އަހަންނަށް އޯކޭ އޭ މާޔާ ލިބެނިކޮށް. ހަމައެކަނި އަހަރެންގެ މީހަކަށް ވަނިކޮށް އަހަންނަށް އެ ނިމުނީ." އާއިޒް ބުނެލީ މާޔާގެ އަތަށް ބާރަށް ފިތާލަމުންނެވެ.

" އެނގޭތަ ތި ކުރެވެނީ ފްލާޓްކަން؟ " ބާރަށް ހީގަންނަމުން މާޔާ އެހެން ބުނުމާއެކު އާއިޒަށް ވެސް ހެވުނެވެ.

ޖެހިގެން އައި ދުވަހެވެ. ޒިމްނާއާއެކު އޮފީހަށް ދާން ނިކުތް އިރު، ޒިމްނާ އިނީ ސައިކަލްމަތީ މާޔާގެ އިންތިޒާރުގައެވެ. ނަމަވެސް އޭނާގެ މޫނުމަތިން ފެންނަމުންދަނީ ހިތްހަމަ ނުޖެހުމުގެ އަސަރުތަކެވެ. މާޔާ ހީލުމުން ވެސް، މާ ބޮޑު ސަމާލުކަމެއް މާޔާއަަކަށް އޭނާގެ ފަރާތަކުން ނުލިބުނެވެ.

" އޭ ހާދަ ފާޑަކަށް ތި އިނީ؟ ބުނެބަ ކިހިނެއްވީ؟" އަހައިނުލާ ކެތް ނުވެގެން މާޔާ ޒިމްނާއާ ސުވާލު ކުރިއެވެ.

" ފާޑަކަށްތަ؟" ޒިމްނާ ބުންޏެވެ.

" އާނ! އެހެންޏާ ތިހެންނެއް ނުހުންނާނެ. އަހަންނަށް ޒިމް އެނގެޔޭ." މާޔާ ބުންޏެވެ.

" އަސްލު... އަހަރެން ހިތްހަމައެއް ނުޖެހޭ މާޔާ މާ ދަންވަންދެން ބޭރުގައި އުޅޭކަށް. އަހަރެންގެ ހިޔާވަހިކަމުގައި ހުރގެން ގެއްލުމެއް ވެދާނެތީ މި ބުނީ." ޒިމްނާ ބުނެލިއެވެ.

އެއާއެކު މާޔާ ކުޑަކޮށް ވިސްނާލިއެވެ. އޭނާ އެ ބުނަނީ ރޭގަ، ބޭރަށް ދިޔަ ވާހަކަކަން މާޔާއަށް ޔަޤީން ކުރެވުނެވެ.

" އޯހް! އެހެންވެ ދޯ. ކާރެއް ނުލިބިގެން ރޭގަ ގެއަށް އައުން ލަސްވީ. އެހެން ނޫނަސް އަހަރެން މިއީ އެއްވެސް އިރެއްގައި ބޭރުތެރޭ ވިއްސޭ މީހެއް ނޫން. ޒިމް ތެދަށް ބުނީމަ އަހަރެން އުފާވެއްޖެ. އަހަރެން ރޭގަ ބޭރަށް ދިޔައީ ކާކާ އެކީކަން އެނގުނީމަ ޒިމް ރުޅިއެއް ނާންނާނެ." މާޔާ ބުންޏެވެ.

" ދެން ބުނެބަލަ! " ޒިމްނާ އަވަސް އަވަހަށް އެހިއެވެ.

" އަހަރެންގެ ވާން އުޅޭ ފިރިމީހާއާއެކީ." މާޔާ ބުންޏެވެ. އޭނާގެ ރާގު ހުރި ގޮތުން ވެސް އޭނާ އުފާވެފައިހުރި ވަރު ޒިމްނާއަށް ފާހަގަ ކުރެވުނެވެ.

" އޭނ؟ ފިރިމީހާއޭ! ކޮންއިރަކު މާޔާ ބިޓެއް ނެގީ؟" ޒިމްނާ ބުންޏެވެ. އޭނާއަށް ސައިކަލްގެ ސްޕީޑް މަޑުކޮއްލެވުނެވެ.

" ފަހުން ބުނާނަން ކާކުކަން؟ އަދި ނުބުނެވޭނެ. އެކަމަކު ޒިމްއަށް ވެސް އޭނަ އެނގޭނެ." މާޔާ ބުންޏެވެ.

" ދޮގު ނަހަދައްޗޭ." ޒިމްނާ ބުނެލިއެވެ.

" ދޮގެއް ނޫނޭ މި ހަދަނީ. އަހަރެން ދޮގު ހަދާނެތަ" މާޔާ ބުންޏެވެ.
" އުނހު ބުނޭ ކާކުކަން. އަހަރެން ހިތްހަމައެއް ނުޖެހޭނެ އެހެން ނޫނީ." ޒިމްނާ ކުރެއް ނުކުރިއެވެ. އޭނާ ހުރީ މާޔާ ކައިވެނި ކުރަން އުޅެނީ ކާކުތޯ ބަލާހިތުން ކެތްމަދުވެފައެވެ.

" އާއިޒް." މާޔާއަށް އެ ނަން ކިޔާލެވުނީ ވެސް އެހާމެ ލޯބިންނެވެ.

" އާއިޒޭ؟ ކުރީ ދުވަހު އޮފީހަށް އައި ނިއު ބޯއީ؟" ޒިމްނާއަށް ލިބުނީ ކުއްލި ޝޮކެކެވެ.

" އާނ! އޭނަ." މާޔާ ގަޔާވެލާފައި ބުނެލިއެވެ.

" އެ ކީއްވެ؟ އެހާ އަވަހަށް ސެޓުވީތަ؟ ދެން ހަަމަ ކައިވެނި ވެސް ކުރަނީ؟" ޒިމްނާގެ ހިތަށް ސުވާލުތައް ފުނިޖެހެމުން ދިޔައެވެ.

" އެއީ ކުރިން ވެސް މަގޭ ފްރެންޑެކޭ. " ބާރުބާރަށް މާޔާ ބުންޏެވެ.

ޒިމްނާ އިނީ އަޑު އަހާށެވެ. އޮފީހާ ހަމައަށް އާދެވުނު އިރު، މާޔާ އޭނާއަށް ހުރިހާ އެއްޗެއް ކިޔައިދީ ނިންމާލައިފިއެވެ.

" ބުނަން. ތިހާ އަވަސް އަރުވާލައިގެން ކައިވެނި ކުރާކަށް މަށަކަށް ނުފެނޭ. އަދި ދެ މީހުންނަށް އެކަކު އަނެކަކު ރަނގަޅަށް ނުވެސް އެނގެއެއްނު. އިންނަތަނުން މައްސަލަ ޖެހެން ފެށިޔަސް، ނިރަކަށް ފަހު ނިރެއް ފަޅައި ފަތްތައް ގިނަވީމަ އޮންނާނީ ސަލާމަތް ނުވެވިފައި." ޒިމްނާ ބުންޏެވެ.

އެއާއެކު މާޔާ ޒިމްނާގެ މޫނަށް ބަލައިލީ ނުތަނަވަސްކަމާއެކުއެވެ.

" ނުވިސްނުނު ދޯ؟ މި ބުނީ ދަރިންތައް ލިބުނީމަ ވަރި ނުވެވިފައޭ އޮންނާނީ." ބާރުބާރަށް ޒިމްނާ ބުންޏެވެ.

" އާއިޒަކީ ވަރަށް ރަނގަޅު މީހެއް." މާޔާ އަސަރާއެކު ބުނެލިއެވެ.

" ގޯހެކޭ މަށެއް ވެސް ނުބުނަމޭ. ވިސްނާށޭ އަދިވެސް. " ލިފްޓާ ދިމާލަށް ހިނގައިގަންނަމުން ޒިމްނާ ބުންޏެވެ.

އާއިޒް އޮފީހަށް އައުމާއެކު އާދައިގެ މަތިން ނަޖާހު އޭނާ ގޮވައިގެން ދިޔައީ ކެންޓީނަށެވެ. ކޮފީއެއް ހިފައިގެން އައިސް ނަޖާހު އިށީން އިރު ވެސް އޭނާ ކޮންމެވެސް އެއްޗެއް ހޯދާހެން އާއިޒަށް ހީވިއެވެ.

" އޭ! މަ ބުނީމެއްނު މާޔާގެ ވާހަކަ. ބޮސް އެކަމާ ވިއްދާފައި ހުންނަހެން ހީވަނީ. އޭގެ ކުރިން މަ މި އުޅެނީ އޭނަ ކައިރީ އިންނަން އަހަން ކަމަށް. " ނަޖާހު ބުންޏެވެ.

އާއިޒަށް ލިބުނީ ހައިރާންކަމެވެ. ނުތަނަވަސްކަމާއެކު އާއިޒް ނަޖާހުގެ މޫނަށް ބަލަމުން ދިޔައެވެ.

" މަށަށް ވަރަށް ރީތި އެ މަންޖެ. ކުރީ ދުވަހު ވެސް މަ ބުނީމެއްނު ހިތުލައިގެންނޭ މި އުޅެނީ. އެ ސީރިއަސް އެއްޗެކޭ. ސެކްޝަނުގެ އެހެން ކުއްޖެއް ކައިރީ އަހާލީމަ ބުނީ މަސައްކަތަށް ވަރަށް ފަރުވާތެރި، ރަނގަޅު ކުއްޖެކޯ." ނަޖާހު ގަޔާވެލާފައި ބުންޏެވެ.

އާއިޒަށް ހިންދިރުވާލެވުނެވެ. މާޔާއާ އޭނާ ކައިވެނި ކުރަން އުޅޭކަން ނަޖާހުއަށް އެނގުމުން ދެން، ކަންތައް ވާނެ ގޮތާމެދު އާއިޒަށް ވިސްނެން ފެށިއެވެ.

" އަދި މީނަ ނުބުނާނެ އެއްޗެއް." ނަޖާހުގެ އަޑަށް އާއިޒް ދިޔައީ ސިހިގެންނެވެ.

" ނަންބަރު ވެސް އެބައޮތް މަ އަތުގައި." ނަޖާހު އިތުރު ކޮއްލިއެވެ.

" ނަޖާ. " އާއިޒް ގޮވާލި ގޮތުން ނަޖާހަށް ބަލައިލެވުނީ ސީދާ އާއިޒްގެ ލޮލަށެވެ. އާއިޒްގެ އަޑުގައި ތަފާތުކަމެއް ހުރިކަން އޭނާއަށް ފާހަގަ ކުރެވުނެވެ.

" މާޔާއާ އަހަރެން... މެރީ ކުރަން މި އުޅެނީ." އާއިޒްގެ ޖުމްލައިން ނަޖާހު އައީ ހުއްޓުމަކަށެވެ. ނަމަވެސް އޭނާ އިސާހިތަކު ބާރަށް ހޭންފަށައިފިއެވެ.

" މަގޭ ތަޅުވަނީ ދޯ؟ ގައިމު ކުރީ ދުވަހު އެ މަންޖެ ފެނިގެން މަ އޭނަ ވާހަކަ ދެއްކި އިރު ކަލެއަށް އޭނަ ނުވެސް އެނގޭ ކަންނޭނގެ." އާއިޒްގެ ވާހަކަ ޤަބޫލު ނުކުރެވުނަސް، ނަޖާހު ކޮންމެވެސް ވަރަކަށް ނުތަނަވަސް ވެއްޖެއެވެ.

" ކުރިން ވެސް ބައްދަލްވި. އެ ދުވަހު ދިމާވީ އޮފީހުން. އޭނަ މާ ކުރިން ވެސް އަހަރެންދެކެ ލޯބިވެޔޭ. އަހަންނޭ ފިލައިގެން އުޅުނީ." އާއިޒް ބުންޏެވެ.

" އޮހް! ތިއީ ތެދެއްތަ ހަމަ؟" އަނެއްކާ ވެސް ނަޖާހު އެހިއެވެ.

" ހޫމް." އާއިޒް ބޯ ޖަހާލިއެވެ.

" ނަސީބެއްނު، އަހަރެން މާ ބޮޑަށް އޭނަޔާ ގަޔާ ނުވަނީސް އެނގުނުކަން." މަޖާވެލާފައި ނަޖާހު ބުންޏެވެ. ނަމަވެސް އޭރު އޭނާގެ މޫޑު މުޅިން ބަދަލުވެއްޖެއެވެ. މޫނުމަތި އުދާސްވެ، ހިތްހަމަނުޖެހުން ވެސް އެ މޫނުމަތިން ފެންނަމުން ދިޔައެވެ.

" ސޮރީ ބަޑ.ީ" އާއިޒް ބުނެލިއެވެ.

" އޮހް! އިޓްސް އޯކޭ އޭ. މީ ދެން އެހާ ވަރު ކަންކަމެއް ނޫނޭ. ދެން މާޔާ ކައިރީ މި ވާހަކަ ނުބުނާތި އިނގޭ. " ނަޖާހު ބުނެލިއެވެ.

ނަޖާހު އެހެން ބުނި ނަމަވެސް، އާއިޒްގެ ހިތް މުޅިން ނުތަނަވަސް ވެއްޖެއެވެ.

އެ ދުވަހު އޮފީހުގައި އޭނާއަށް އެއްވެސް މަސައްކަތެއް ނުކުރެވުނެވެ. ނަމަވެސް ނަޖާހަށްޓަކައި ވެސް މާޔާ ދޫ ކުރަން އޭނާ ހިތަށް ވެސް ނާރައެވެ. ނަޖާހު ކިތަންމެ ހަމަޖެހޭ ގޮތް ދައްކަން މަސައްކަތް ކުރިޔަސް، އޭނާ ދެރަވެ، މާޔޫސްވެފައި ހުރި ވަރު އާއިޒަށް ފާހަގަ ކުރެވުނެވެ.

ބްރޭކް ގަޑި ޖެހުމާއެކު އާއިޒް ބޭރަށް ނިކުތީ މާޔާއަށް މެސެޖް ކޮއްފައެވެ. އިސާހިތަކު މާޔާ ނިކުމެއްޖެއެވެ.

" ހިނގާ ކާން. ވަރަށް ބަނޑުހައިވެއްޖެ. މިއަދު މި ޖެހުނީ ވެސް މަތީ ފްލޯގައި ވޯކް ކުރަން. ވަރަށް ބިޒީ." މާޔާ ކިޔައިދިނެވެ.

" ހަމަ އެ ތަނަށް ދޯ ދާނީ." އާއިޒް ހިނގައިގަންނަމުން ބުންޏެވެ.
" އާނ. ސައިކަލެއް ލިބުނު ދުވަހަކުން ދޯ ދުރަށް ދެވޭނީ." މާޔާ މަޖާ ރާގެއްގައި ބުންޏެވެ.

" ސައިކެއް ނަގަން ވެގެން އެބަ ވިސްނަން." އާއިޒް މާޔާގެ މޫނަށް ބަލައިލަމުން ބުނެލިއެވެ.

" އަސްލު! ސަޅި. އޭރުން ކޮންމެ ރެޔަކު ބުރުޖަހަން ދާންވާނެ." މާޔާ އަވަސް އަވަހަށް ބުނެލިއެވެ.

އާއިޒް ހުރީ ލުއި ހިނިތުންވުމެއްގައެވެ.

" އަދިވެސް ބައްޕަގާތު ނުބުނަންތަ؟" އާއިޒް އެހިއެވެ.

" އައްދޭ! ހާދަ އަވަހަކަށް އިންނަ ހިތުން ތި އުޅެނީ." މާޔާ ބުންޏެވެ.

" އޯކޭ އެހެންވިއްޔާ. " އާއިޒް ބުނެލީ ފަރުވާކުޑަ ގޮތަކަށެވެ.

" އެ ސީރިއަސްވީ. އަހަރެން މަޖަލަކަށޭ ބުނީ." މާޔާ ތުން ފިއްތާލަމުން ބުންޏެވެ.

" ދެން ކީކޭ ބުނާނީ. މި ކަމާ ނޫޅެންޏާ ބުނާނެ އެ ވާހަކަ ނުވެސް ދައްކައޭ." ފޯނު މޭޒުމަތީ ބާއްވަމުން އާއިޒް ބުނެލިއެވެ.

" ދޮންބެދައްތައަށް މެސެޖް ކުރިން ދޮންބެ ކައިރީ ބުނެގެން ބައްޕަ ކައިރީ ބުނަން. ހީވަނީ މިއަދު ހަބަރެއް ވާނެހެން. " މާޔާ ބުންޏެވެ.

" އަހަރެން މި ހުންނަނީ މަންމަ ކައިރިއަށް މާޔާ ގެންދާހިތުން." އާއިޒް ބުންޏެވެ.

" ގެންދާތަނުން މަންމަ އޯކޭ ނުވިއްޔާޔޯ. " މާޔާ އެހިއެވެ.

" ދެން ނީންނާނީނު." އާއިޒް ފަސޭހަކަމާއެކު ބުނެލިއެވެ. އެއާއެކު މާޔާ ނުހަނު ދެރަވެސް ވެއްޖެއެވެ.

( ނުނިމޭ )

މި ވާހަކަ ގެނެސްދޭން ހަމަޖެހިފައި ވަނީ ކޮންމެ އާދީއްތަ، އަދި ބުދަ ދުވަހެވެ.

(ނިމުނީ)