25 އޮކްޓޯބަރުގެ އަދަދާއި ގުޅޭ:

އެއާއެކު، އަވަސް ނޭވާތަކެއް ދޫކުރަމުން ދިޔަ ސާދުނާ އަވަސް އަވަހަށް މޭޒުކައިރީ އިށީނެވެ.

Ad
d

ފެންޑާގެ އެއްފަރާތެއްގައި މަޑުކޮއްލައިގެން ހުރި ލީނާއަށް އެ ދެ މީހުން ދެއްކި ހުރިހާ ވާހަކައެއް ސާފުކޮށް އިވުނެވެ. އޭރު އޭނާގެ މޭ ވެސް ނެގިނެގިފައި ޖެހެމުންދެއެވެ. މަސްލަޙަތު ވަރަށް ގޯސްވެއްޖެކަން އޭނާއަށް އެނގުނެވެ. މަންމަގެ އެ ނުބައި ޢަމަލުތައް ކުށްވެރި ކުރެވުނު ނަމަވެސް އޭނާއަކަށް މަންމަދެކެ ރުޅިއެއް ނާދެވުނެވެ. ރަށު މީހުންގެ މަލާމާތާއި ރުޅިވެރިކަން މަންމައަށް ރައްދުވާނެކަން އެނގޭތީ ޚުދު އޭނާ ވެސް ލަދުގަނެ، ދެރަވެއްޖެއެވެ. ނަމަވެސް، އެ ވާހަކަތައް އަޑު އިވުނު ކަމަަށް ވެސް ނަހަދާ ލީނާ ގެއާ ދިމާލަށް މިސްރާބު ޖެހިއެވެ.

ސުވޭދާ ގެއަށް ދިޔައިރު ފިރާޝާއާއި މާޒިން އޭނާގެ އިންތިޒާރުގައި ތިއްބެވެ. މަންމަގެ މޫނުމަތިން ފެންނަން ހުރި ވަރުގަދަ ޢަޒުމާއި ހިތްވަރު ފެނި، މާޒިންއަށް ލިބުނީ ހައިރާންކަމެވެ. އެތެރެއަށް ވަތް ގޮތަށް ސުވޭދާ ފުން ބޮޑު ނޭވާއެއް ދޫކޮށްލީ ހިނިތުންވެލަމުންނެވެ.

" މިއަދު މަންމަ ވަރަށް ހިތްހަމަޖެހިއްޖެ. މޭގެތެރޭގައި ހިފަހައްޓައިގެން އުޅުނު ހުރިހާ އުދާސްތަކެއް، އެ އަންހެންމީހާގެ ކުރިމައްޗަށް ބަންޑުންކޮށްލައިފިން. މަންމަ މި އައީ އޭނަ ބިރުގަންނަވާފަ. ފަޟީޙަތް ކުރާނެކަމަށް ވެސް ބުނިން. އޭނަ އުޅުނީ މަންމައަކީ ވަރަށް ދަށް މީހަކަށް ހަދަން. ބައްޕަގެ ހުރިހާ ވެސް މީހަކީ އޭނަކަމުގައި ހަދަން،" ސުވޭދާ ބުންޏެވެ.

" މަންމަ ދެން ބައްޕައަށް މަޢާފްކުރާނަންތަ؟" މާޒިން އެހިއެވެ.

" އާނ! އިންސާނުންނަށް މަޢާފްކުރުމަކީ މަންމައަށް ވަރަށް ފަސޭހަކަމެއް. އެއީ މަންމަގެ ހިތަކީ އަބަދުވެސް މީހުންނަށް ވަރަށް ހެޔޮ ހިތެއް. އެކަމަކު ބައްޕަ އެ ކަންތައް ކުރި ގޮތް މަންމަގެ ހިތުން ދުވަހަކު ވެސް ފިލައިގެން ނުދާނެ." ސުވޭދާގެ ޖުމްލަތައް ކޮޓަރީގައި އޮތް ރާޒީއަށް ސާފުކޮށް އިވެމުން ދިޔައެވެ.

"ތިޔަ ކުދިން ބަލާ ބޮޑުކުރަން ރޭގަނޑުގެ ނިދި ނަގާލައި، މަންމަ ވީ ޤުރުބާނީ މިއަދު ބައްޕައަށް އެއްވެސް އެއްޗަކަށް ނުވި. މަންމަގެ ގައިން ދަރީންގެ ކުޑަކަމުދާ އެއްޗެއްސާއި ހޮޑުގެ ވަސް ދުވީ، ތިޔަ ކުދިން ބެލުމުގައި އަވަދިނެތި އުޅެނިކޮށް. މަންމައަށް އަމިއްލަ ނަފްސު ޒީނަތްތެރިކުރަން ވަގުތު ނުވީ، ތިޔަ ކުދިން ބަނޑުފުރައި މީރުކޮށް ކާންދީ، ގޭތެރޭގެ ހުރިހާ ބުރައެއް އެކަނިމާއެކަނި އުފުލަން ޖެހުމުން. ބައްޕައަށް ވަގުތު ނުދީ ބިޒީވީ، ތިޔަ ކުދިންގެ މުސްތަޤުބަލް އުޖާލާކޮށްދޭން ދެއަތުން މަސައްކަތް ކުރަމުން ދިޔައީމަ." ވާހަކަ އެ ހިސާބަށް ދިޔުމާއެކު ސުވޭދާގެ ދެ ލޮލުން ކަރުނަ ހިލެން ފެށިއެވެ.

އޭރު ފިރާޝާއަށް ވެސް ހުރީ ރޮވިފައެވެ. ގަނޑުވެފައި ހުރި މާޒިންއަށް ވެސް ހުރެވުނީ އިޙްސާސްތައް ކޮންޓްރޯލް ކުރަން އުނދަގޫވެފައެވެ.

ކޮޓަރިތެރޭގައި ހުރި ރާޒީ ދޮރު ކައިރީ ހުރި އިރު އޭނާގެ ހިތް ބާރުބާރަށް ތެޅެމުންދެއެވެ. ސުވޭދާއަށް ހުރިހާކަމެއް އެނގުނުކަން އޭނާއަށް އެނގުނީ އަދިކިރިޔާއެވެ.

"މިއަދު ބައްޕަ އެހެން އަންހެނެއްގެ ގާތަށް ގޮސް، މަންމަގެ ގައިން ނުބައިވަސް ދުވާ ވާހަކައާއި، މަންމަ ރީތިވެގެން ނުހުންނަ ވާހަކަ ދައްކައި، މަންމަ ބޭކާރު މީހަކަށް ހަދާފައި އެ އުޅެނީ އެ އަންހެނާއާ އިންނަން. އަހަރެންގެ ޒުވާންކަމާއި މުޅި އުމުރު އެމީހެއްގެ ފައިބުޑަށް ދޫކޮށްލި މީހާ، މިއަދު އަހަރެންގެ އަގު ވައްޓާލީ އެންމެ ހިނދުކޮޅެއްގެ އުފަލަށްޓަކައި" ދެ އަތުން މޫނު ފުހެލަމުން ސުވޭދާ ބުންޏެވެ.

މުޅި އުމުރު ދުވަހު އިތުބާރުކުރި ބައިވެރިޔާގެ ފަރާތުން ލިބުނު ބޭވަފާތެރިކަމުގެ ސަބަބުން ކުދިކުދިވެފައިވާ އޭނާގެ ހިތް އޭރު ވެސް ބާރަށް ރޮމުންދާ ކަހަލައެވެ. ބަސްހުއްޓިފައި މާޒިންއަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ.

ކުއްލިއަކަށް ކޮޓަރީގެ ދޮރު ހުޅުވާލި އަޑަށް އެ ދިމާލަށް ބަލައިލެވުނީ އެންމެންނަށް އެއްފަހަރާއެވެ. ރާޒީ ގޭގައި އުޅޭކަމެއް އެކަކަށް ވެސް ނޭނގެއެވެ. މާޔޫސްވެފައި ހުރެ ރާޒީ ސުވޭދާގެ މޫނަށް ބަލަމުން ދިޔުމާއެކު ސުވޭދާ ދެ އަތް އުރާލިއެވެ.

" މަ ދެއްކި ހުރިހާ ވާހަކައެއް ރާޒީއަށް އަޑު އިވިގެން ދޯ ތި ނިކުތީ؟ ބުނާނެ އިތުރު ވާހަކައެއް އެބައޮތްތަ؟" ރާޒީ ފެނުމާއެކު ސުވޭދާގެ ހިތުގައި ރުޅިވެރިކަން އުފެދުނެވެ.

" އަހަރެން އެކަން ހުއްޓާލަން ބޭނުމީ. އަހަރެން އޭނައަކާ ނީންނާނަން." ރާޒީ ބުނެލިއެވެ.

އެއްފަހަރު މަންމަގެ މޫނަށް، އަނެއް ފަހަރު ބައްޕަގެ މޫނަށް ބަލައިލަބަލައިލާ މާޒިން ހުއްޓެވެ.

" އެ އަންހެންމީހާއާ އިންނަން އުޅުމެއް ނޫން މިހާރު މައްސަލައަކީ. މަންމަގެ އަގު އެހާ ދަށަށް ވައްޓާލި މީހަކާއެކު ދުނިޔޭގައި ބާކީ އޮތް ދުވަސްތައް ހޭދަކުރުމުގެ އެއްވެސް ބޭނުމެއް ނެތެއްނު ދަރިފުޅާ." ސުވޭދާ ވާހަކަ ދެއްކީ މާޒިންއާއެވެ.

" އަހަންނަކަށް.... ނޭނގެ ބުނާނެ އެއްޗެއް. މަންމައާއި ބައްޕަ ވާހަކަ ދައްކަންވީނު." މާޒިން ސުވޭދާ ގާތު އެދުނެވެ.

" ވާހަކަ ދެއްކިޔަސް އިތުރަށް މަންމަގެ ނިންމުމެއް ބަދަލެއް ނުވާނެ." މަޑުމަޑުން ސުވޭދާ ބުންޏެވެ.

" އިންސާނަކަށް ކުށެއް ކުރެވިދާނެ އެއްނު." ފަސޭހަކަމާއެކު ރާޒީ ބުންޏެވެ.

" ކުށެކޭ؟ ރާޒީއަށް ކުރެވުނީ ހަމައެކަނި ކުށެއް ނޫނޭ. އަހަރެންގެ އަގު ވައްޓާލީ އެއްވެސް ރަހުމެއް ނެތިއެއްނު. އަހަންނަށްޓަކައި ރާޒީގެ ހިތުގައި އޮތީ ކޮން ލޯތްބެއް؟ ހުރިހާ އެއްޗެއް އަހަންނަށް ފަޅާއެރީމަ ދެން ކުއްލިއަކަށްތަ ލޯބި އުފެދުނީ؟ ދެން ވެސް އަހަރެންގެ ގައިން މީރުވަހެއް ނުދުވާނެ. " ސުވޭދާ އެހެން ބުނުމަށްފަހު، ރާޒީއަށް ފުރަގަސްދިނެވެ. ޙަޤީޤަތުގައި ވެސް އޭނާ ހުރީ ވަރަށް ބޮޑަށް ހިތުގައި ޖެހިފައެވެ. ދެރަވެ، މާޔޫސްވީ ވަރުން މިހާރު އޭނާގެ ހިތުގައި ރާޒީއަށްޓަކައި އޮތް ލޯބި ވެސް ފުހެވިގެން ދިޔަ ކަހަލައެވެ.

ނަޖާހުއަށް އަންނަމުންދާ ބަދަލުތައް އެންމެ ގާތުން ފެންނަނީ ޒިމްނާއަށެވެ. ނަޖާހު، މާޔާއާހެދި އުޅޭވަރު ވެސް ޒިމްނާއަށް އެނގެއެވެ.

" ދެން އެއްބަސްވާންވީނު. އަހަރެން އެހީވެދޭނަމޭ ތިކަމުގައި." ޒިމްނާގެ އަޑަށް ނަޖާހު ދިޔައީ ސިހިގެންނެވެ.

ނަޖާހު އަވަސް އަވަހަށް، މޭޒުމަތީގައި އޭނާގެ ފޯނު ބަންޑުން ބާއްވާލިއެވެ.

" ދެން ފޮރުވާނެކަމެއް ނެތް. މަށަށް ފެނިއްޖެޔޭ މާޔާގެ ފޮޓޯއެއް." ނަޖާހުއާ ޖެހިގެން ހުރި ގޮނޑީގައި އިށީންނަމުން ޒިމްނާ ބުންޏެވެ.

" މި ފަހަރު ނުވާނެ ދޯ މަ ސަލާމަތެއް؟" ސަމާސާ ރާގަކަށް ނަޖާހު އެހިއެވެ.

" އާނ! ޔަޤީނެއްނު. ތިހާ ދުރުދުރުން އުޅެނިކޮށް އެހެންމީހަކު އަނެއްކާ ޖަހައިގެންފާނެ." ޒިމްނާ ބުންޏެވެ.

" އޭނަ ކުރީ ދުވަހަކު ވެސް ބުނީ މަ މީ ވަރަށް ރަނގަޅު އެކުވެރިއެކޯ. އަޅެ އެހެން ބުނަން ވާނެތަ؟" ނަޖާހު ބުންޏެވެ.

" އާނ ދެން ލޯބިވާ ވާހަކަ ނުބުނަންޏާ ތިއީ ފްރެންޑެކޭ ދޯ ބުނާނީ." ޒިމްނާ ބުނެލިއެވެ.

އެ ވަގުތު ނަޖާހު ގޮނޑީގައި ލެނގިލަމުން ސީލިންގަށް ބަލައިލިއެވެ.

" ބިރުގަނޭ... އިންކާރުކޮށްފާނެތީ. އޭރުން މަށަށް ނުކެރޭނެ މި އޮފީހަށް ވެސް އަންނަން." ނަޖާހު ބުންޏެވެ.

އެއާއެކު ޒިމްނާ ބާރަށް ހޭންފެށިއެވެ.

" އޭނަ ނުކުރާނެ އިންކާރެއް. އަހާބަލަ އަޅެ." ޒިމްނާ އެދުނެވެ.

" އަދި ކުޑަ ދުވަސްކޮޅެއް ފަހުން." ނަޖާހު ބުންޏެވެ.

އެއާއެކު މަޑުމަޑު ހިނގުމެއްގައި ދުރުން އަންނަ މާޔާ، އޭނާއަށް ފެނުނެވެ. ނަޖާހު އަވަސް އަވަހަށް ހަށިގަނޑު ތެދުކޮށްލަމުން ލޮލުގެ އިޝާރާތުން ޒިމްނާއަށް މާޔާ ދައްކާލިއެވެ.

" މަ މި ދަނީ ދަރިންކޮޅު ސްކޫލަށް ލާން. ނަޖާއާ އޭނަ ޙަވާލު." ސިއްރުސިއްރުން އެހެން ބުނުމަށްފަހު ޒިމްނާ ތެދުވެއްޖެއެވެ.

" ދަނީތަ؟" މާޔާ އައިސް އެހެން ބުނުމާއެކު ޒިމްނާ ދައްކާލީ އަތުކުރީގައި އޮތް ގަޑިއެވެ. އެހެންކަމުން އޭނާ އެ ދަނީ ސްކޫލަށްކަން މާޔާއަށް ދެނެގަނެވުނެވެ.

މާޔާ އޭނާގެ މޭޒާ ދިމާލަށް ހިނގައިގަތުމާއެކު ނަޖާހު މާޔާއަށް ގޮވާލިއެވެ. އެއާއެކު މާޔާ ފަސްއެނބުރި ބަލައިލީ ސުވާލުގެ ނަޒަރަކުންނެވެ.

އެ ދެލޮލުގައި ވަނީ ދުވަހަކުވެސް ފޮހެވިގެން ނުދާ ފަދަ ފުން ހިތާމައެކެވެ. މާޔާގެ އެ މަޑުމައިތިރި ބެލުމުގެ ކުރިމަތީގައި ނަޖާހުގެ ހިތް އަވަސްވެ، ބުނަން އުޅުނު ޖުމްލަ ހަނދާން ނެތުނު ކަހަލައެވެ.

"ކީކޭ ނަޖާހު؟ ކަމަކުތަ؟" މާޔާ މަޑުމައިތިރި އަޑަކުން އަހައިލިއެވެ.

ނަޖާހުއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ހަގީގަތުގައި އޭނާ ދައްކަން ބޭނުންވީ އެއްވެސް އޮފީސް މަސައްކަތެއްގެ ވާހަކައެއް ނޫނެވެ. ކޮންމެ ދުވަހަކު މާޔާ އެ މޭޒުދޮށުގައި އިންނައިރު، ފޯނަށް ބަލަހައްޓައިގެން ފުން ވިސްނުމަކަށް ގެއްލިފައި އިންނަ މަންޒަރު ފެނި ނަޖާހު ނުހަނު ދެރަވެއެވެ.

އާއިޒް މާޔާ ދޫކޮށް ދިޔަތާ އެތައް ދުވަހެއް ވީއިރުވެސް، މާޔާ އަދިވެސް އިންތިޒާރު ކުރަނީ ދުވަހަކުވެސް އެނބުރި ނާންނާނެ ލޯތްބަކަށޭ ނަޖާހުގެ ހިތަށް އެރިއެވެ. އެ ހިތާމައިން މާޔާ ސަލާމަތްކޮށް، އޭނާއަށް އުފާވެރިކަން ހޯދައިދޭން ނަޖާހު ކިތަންމެހާވެސް ބޭނުމެވެ. ނަމަވެސް އެ ހިތުގައިވާ ލޯބި ހާމަކުރާނެ ހިތްވަރެއް އަދިވެސް ނުލިބެއެވެ.

"މި... މިއަދުގެ މީޓިންގެ ރިޕޯޓް ނިމުނީމަ ބަލައިލަންވެގެން،" ނަޖާހު ހަގީގަތް ފޮރުވަމުން ދޮގެއް ހަދާލިއެވެ.

އެ ވަގުތު މާޔާ ކުޑަކޮށް ހިނިތުންވެލިއެވެ. އެކަމަކު އެ ހިނިތުންވުމުގައި އެއްވެސް ދިރުމެއް ނެތެވެ.

"އާނ، ދެންމެ ނިންމާލީ. އަހަރެން މެއިލް ކޮށްލާނަން." މާޔާ އެހެން ބުނެފައި ހިނގައިގަތެވެ.

ނަޖާހުއަށް އެހެން ދިމާލަކަށް ބެލޭ ގޮތެއް ނުވިއެވެ. އޭނާއަށް އިނދެވުނީ ކަޅި ޖަހައިނުލާ މާޔާއާ ދިމާލަށް ބަލާށެވެ. މާޔާގެ ހިތުގައި އެހެން މީހަކަށްޓަކައި ވާ އިންތިޒާރު ފެނި އޭނާގެ ހިތަށް ތޫނު ތަދެއް އިހުސާސްވިއެވެ. ނަމަވެސް މާޔާގެ ލޯބި ޙާޞިލް ކުރުމަކީ މިހާރު އޭނާގެ ޢަޒުމަކަށް ވެއްޖެއެވެ.

ހިކި އަނަރޫފަވަމުންދާ އާއިޒްގެ ޙާލާމެދު އާމިރާ ނުހަނު ވިސްނައެވެ. އޭނާއަށް ގެންދާ ކާ އެއްޗެހި ނުކައި ހުންނަތަން ފެނި އާމިރާ ކޮންމެ ދުވަހަކު ޝަކުވާ ވެސް ކުރެއެވެ. ނަމަވެސް ލިބެނީ އަބަދު ވެސް އެއް ޖަވާބެކެވެ.

" ނުކެވެނިއްޔޭ ދޮންތާ." އާއިޒް ބުނެލިއެވެ.

" ނުކެވޭނެޔޭ މާ ބޮޑަށް ފިކުރު ބޮޑުވީމަ. ހިނގާބަލަ ދެން ޑޮކްޓަރަށް ދައްކަން. ނޫނީ ބޭރަށް ނިކުމެލަން." އާމިރާ ބުންޏެވެ.

ނަމަވެސް އާދައިގެ މަތިން އޭނާ އެ ހުރިހާ ކަމަކަށް ދެކޮޅު ހެދިއެވެ.

" މިހާރު ޗުއްޓީ ހަމަވެގެން ނޯޕޭ ވެސް ހުސްވަނީއެއްނު. އޮފީހުން ކެނޑިގެން ނުވާނެ. " އާމިރާ ބުނެލިއެވެ.

" އެ އޮފީހަށް ދާހިތެއް ނުވެ." އާއިޒް ބުންޏެވެ.

އެއާއެކު އާމިރާ ދެ ފަރާތަށް ބޯ ހޫރާލިއެވެ.

" ދެން ތިއީ ކޮންކަމެއްތަ އާއިޒް! މަންމަ އޭރު ނުޤަބޫލު ވިޔަސް އޭގެ މާނައަކީ އާއިޒް ދެން މާޔާ ދޫކޮށްލާށެކޭ ނޫނޭ. " އާމިރާ ބުންޏެވެ.

" އެކަމަކު އަހަންނަކަށް ތިހެންނެއް ނުވިސްނެޔޭ.. އަހަންނަކަށް ނޭނގެ ދެން. " އާއިޒް ބުންޏެވެ.

" މައްސަލައަކީ އާއިޒް ވާހަކަ ނުދައްކާތީ. އެ ކަންކަން ޙައްލުކުރަން މާޔާ ވާހަކަ ދައްކަން އުޅުނީމަ ވެސް ތި ބުނީ އޭނަ ފޮނުވާލިއްޔޭ. " އާމިރާ ބުނެލީ ހިތްހަމަނުޖެހިގެންނެވެ.

" އަންނަ ހަފްތާ އޮފީހަށް ދާން ޖެހޭނެ." އާއިޒް ބުނެލިއެވެ.

" ދެން ދާނީއެއްނު. ތިހެން ގޭގައި އޮވެގެން އާއިޒް ބަލި ވެދާނެ. ދޮންތައަށް ފެންނަނީ މާޔާއާ އަލުން ގުޅެން. އަހަންނަށް ހަމަ ޔަޤީން މާޔާ އަދިވެސް އާއިޒަށް އިންތިޒާރު ކުރާނެކަން." އާމިރާ ބުނެލިއެވެ.

އާއިޒް އެއްވެސް އެއްޗެއް ނުބުނެ އިނުމުން އަނެއްކާ ވެސް އާމިރާ ވާހަކަ ދެއްކިއެވެ.

" ދޮންތަބެ ވެސް ބުނި މަންމަ ހިތްހަމަ ނުޖެހެޔޭ ކިޔާފަ ތިހެން ހަދާކަށް ނުވާނެއޭ. މަންމައަށް އޭރު އަންޑަސްޓޭންޑް ނުވެގެން ބުނެވިދާނެއެއްނު އެހެން." އާމިރާ ބުނެލިއެވެ.

އެއާއެކު އާއިޒްގެ ހިތަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބުނު ކަހަލައެވެ. ނަމަވެސް އޭނާ ދެން ވެސް އެ ކަމާ ގުޅިގެން އެއްޗެއް ނުބުންޏެވެ.

" ހޫމް. ދެން ވިސްނާ! މި އެއްޗެހި ހުސްކުރާތި. މިރޭ އަދި އަންނާނަން." މޭޒުމަތީގައި ހުރި ތަށި ނަގައި ކޮތަޅަކަށް ލުމަށްފަހު އާމިރާ ބުނެލިއެވެ.

އަތުގައި އޮތް ފޯނުގައި އެތައް މެސެޖެއް ނަޖާހު ލިޔެފިއެވެ. ނަމަވެސް އެއްވެސް މެސެޖެއް މާޔާއަށް ފޮނުވާކަށް އޭނާއަކަށް ނުކެރެއެވެ. މާ ދުރުނޫން ހިސާބެއްގައި ހުރި މޭޒުކައިރީ އިން މާޔާއަށް ބަަލަހައްޓައިގެން އިނދެ އޭނާ މާޔާއަށްޓަކައި ތަޢުރީފުގެ މެސެޖުތައް ލިޔެ ފޯނުގައި ރައްކާކުރަމުން ދިޔައެވެ.

މާޔާގެ ސޫރައިގެ ފުރިހަމަކަމާއި އޭނާއަށް އެ ސޫރަ ފެނުމުން ކުރާ އަސަރުތައް ވެސް ބަޔާންކުރަމުން ދިޔައެވެ. އިސްޖަހައިގެން އިން މާޔާއަށް މޫނު އުފުލައިލެވުމާއެކު ދުރުގައި އިން ނަޖާހުގެ ލޮލާ ލޯ އަމާޒުވިއެވެ. ނަޖާހުގެ އާދަޔާ ޚިލާފު ބެލުމުގެ ސަބަބުން މާޔާގެ ނަޒަރު ވެސް އެ ލޮލުން އެއްކިބާވެވޭ ގޮތެއް ނުވިއެވެ.

އޮފީހުގެ ހަލަބޮލި މާޙައުލުގެ ތެރޭގައި އެ ވަގުތުކޮޅު އެ ދެމެދުގައި އުފެދުނީ ބަޔާންކުރަން ދަތި ހިމޭންކަމެކެވެ. ނަޖާހުގެ ލޮލުން ފެންނަމުން ދިޔައީ ކެތްތެރިކަމެއް ނެތް ލޯތްބާއި، ކޮންމެވެސް ބޮޑު ސިއްރެއް ހާމަކުރަން އެދޭފަދަ އާދޭހެކެވެ.

މާޔާގެ ހިތް ކުޑަކޮށް ތެޅިލިއެވެ. އެ މޫނުމަތިން ފެނުނު ހައިރާންކަމުގެ ސަބަބުން ނަޖާހު ހަމަބިމަށް ފައިތިލަ ޖެހުނު ކަހަލައެވެ. ފިނިވެފައި އިން އަތުން އަވަސްއަވަހަށް ފޯނުގެ ސްކްރީން ނިއްވާލަން އުޅުމުގެ ތެރޭގައި، އިނގިލި ޖެހުނީ ބޭނުންވި ދިމާލަކަށް ނޫނެވެ.

މާޔާގެ މޭޒުމަތީގައި އޮތް ފޯނަށް ނޮޓިފިކޭޝަނެއް އައުމާއެކު، ފޯނުގެ ސްކްރީން ދިއްލިގެން ދިޔައެވެ. އެއާއެކު ނަޖާހުގެ މޭގަނޑު އަނގަޔަށް އައި ކަހަލައެވެ. ފޯނުގައި ރައްކާކޮށްފައި ހުރި އެތައް މެސެޖެއްގެ ތެރެއިން އެންމެ ފަހުން ލިޔުނު މެސެޖް މާޔާގެ ނަންބަރަށް ފޮނުވިއްޖެކަން ޔަޤީންވުމާއެކު އޭނާ ތުރުތުރުއަޅައިގަތެވެ. ނިތްކުރިން ދާތިކިތައް ފާޅުވެ، މީހާ ހާސްވެއްޖެއެވެ. ދެ ލޯ ބޮޑުކޮށްގެން އޭނާ އިންދާ ނަޖާހުއަށް ފެނުނީ މާޔާ މަޑުމަޑުން ފޯނު ނަގައި ސްކްރީނަށް ބަލައިލި މަންޒަރެވެ..

"ކޮންމެ ދުވަހަކު ތި މޫނުން ފެންނަ ހިތާމަތައް ފޮހެލަދޭން އަހަރެންގެ ހިތް އެދޭވަރު އެނގޭނެ ނަމައެވެ. އާއިޒްގެ އިންތިޒާރުގައި ތި ހޭދަކުރާ ވަގުތުތަކަށްވުރެ ބޮޑަށް، ތި ތުންފަތަށް އަލުން ހިނިތުންވުން ގެނެސްދޭން އަހަރެން ކުރާ އިންތިޒާރު މާ ދިގުވެއްޖެއެވެ."

މެސެޖު ކިޔައި ނިމުނުއިރު މާޔާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އޭނާ އަނެއްކާވެސް ނަޖާހާ ދިމާލަށް ބަލައިލިއެވެ. މިފަހަރު ނަޖާހު އިނީ އިސްޖަހައިގެންނެވެ. އެ މޫނުމަތިން ފެންނަނީ ލަދުވެތިކަމާއި ކުށްވެރިވުމުގެ އިޙްސާސެކެވެ. މާޔާގެ ހިތުގައި މާޒީގެ ޒަޚަމްތައް އާވަމުން ދިޔަ ނަމަވެސް، ނަޖާހުގެ އެ ޖުމްލައިން އޭނާގެ ހިތުގެ ކޮންމެވެސް ކަނަކަށް ތަފާތު ފިނިކަމެއް އިޙްސާސްވެގެން ދިޔަކަން މާޔާއަށް އެނގުނެވެ.

( ނުނިމޭ)

Ad
df

މި ވާހަކަ ގެނެސްދޭން ހަމަޖެހިފައި ވަނީ ކޮންމެ އާދީއްތަ، އަދި ބުދަ ދުވަހެވެ.

(ނިމުނީ)