19 އޯގަސްޓްގެ އަދަދާއި ގުޅޭ:

" އާއިޒޭ؟" ތުރުތުރުއަޅާ އަޑަކުން ނުހާއަށް ސުވާލު ކުރެވުނެވެ.

Ad
rt

" އާނ! އާއިޒް. ހަނދާންވެއްޖެ ދޯ؟ ކަލޭމެން ރީތި ވެގެން އުޅުނީމެއްނު. " މާޔާ އަނެއްކާ ވެސް އިތުރު ކޮއްލިއެވެ.

ލީނާ އަވަސް އަވަހަށް ނުހާގެ އަތުން ފޯނު އަތުލައިފިއެވެ.

" އާނ އެނގިއްޖެ." ލީނާ އެހެން ބުނި އިރު ވެސް އޭނާގެ ލޯ އަމާޒުވެފައި ހުރީ ނުހާގެ މޫނަށެވެ.

" ކި...ކިހިނެއް ތިކަން ވީ؟" ނުހާ އެހިއެވެ.

" އެއީ ވަރަށް ދިގު ވާހަކައެއް. އަހަރެން ފުރައިގެން އައީމެއްނު. އެ ދަތުރު ގަދަ ވެގެން އަހަރެމެން ރަށެއްގައި މަޑުކުރީ. އަހަންނާ އާއިޒް ތިބީ އެއް ގެއެއްގައި. އެ ތަނުން ބޮޑަށް އަސްލު ގަޔާވީ. އޭގެ ކުރިން ވެސް އަހަންނާ އޭނަ ދިމާވި ރަށުން ދެ ތިން ފަހަރަކު. ވަރަށް ގިނައިން ވާހަކަ ދެއްކިން އޭރު ވެސް. ދެން ފަހުން އަހަރެން އުޅޭ އޮފީހަށް އާއިޒް ވެސް އައީ. ފެނުނު ފުރަތަމަ ދުވަހު ކައިވެންޏާ ހަމައަށް ދިޔައީ. އަސްލު ނޭނގެ ވީނުވީއެއް. ދެ މީހުން ވެސް ލޯބިވާތީތާ މިހެން ވާނީ އެހާ އަވަހަށް." މާޔާ ކިޔައިދިނެވެ.

" މަންމަމެން ޤަބޫލުވާނެތަ؟" ލީނާ އެހިއެވެ.

" ވާނެހެން ހީވަނީ. އެ މީހުންނަށް ވެސް ފަސޭހައެއްނު މީހަކާ އިނީމަ. އެކަމަކު އަހަރެން ކައިވެނިކުރާ ވާހަކައަށްފަހު ދެން އިވޭނީ މަންމައާއި ބައްޕަގެ ވަރީގެ އަޑުކަންނޭނގެ." މާޔާގެ ޖުމްލައިން ލީނާއަށް ތެޅިގަނެވުނެވެ.

" އެއީ... ކީއްވެ ތިހެން ތި ބުނީ؟" މާޔާގެ ޖުމްލައިން ލީނާއަށް ކޮޅަށް ތެދުވެވުނެވެ. އޭރު ވެސް ނުހާ އިނީ އޭނާއަށް ލިބުނު ޚަބަރުން ހިތްދަތިވެފައެވެ.

" ދޮންބެދައްތަ ބުނީ ބައްޕަ އުޅެނީ ކޮންމެވެސް މީހަކާ ހިތާ ވެގެންނޯ. އެ އަންހެނަކާހެދި އަބަދު މަންމައާއިބައްޕަ މައްސަލަޖެހެނީ. މިހާރު އަބަދު ވަރީގެ ވާހަކައޯ ދައްކާ އަޑު އިވެނީ. " މާޔާގެ އަޑުގައި ހުރި ރުޅިވެރިކަމުގެ ސަބަބުން ލީނާ އިތުރަށް ޖެހިލުންވިއެވެ.

" މަންމަ ހިތާމަކޮށްކޮށް ހަލާކުވަނީ އެކަމާ ހެދި. އަހަރެން ހިތަށް އަރާ، އާއިލާއެއް ރޫޅިދާނެކަން އެ އަންހެން މީހާއަށް ނޭނގެނީ ބާވައޭ! އެންމެ ޒުވާން އުމުރުން ފެށިގެން މުސްކުޅި އުުމުރަށް ދިޔައިރު އެކުގައި އުޅުނު އަނބިމީހާ ވަރިކުރާ ހަމައިގައި އެ ހުރީ. އަަހަންނަށް އެ އަންހެންމީހާގެ ނަން އިވެން ޖެހޭނީ. ކުޅި ދައްކާލާނަން. " މާޔާ ބުންޏެވެ.

" މާޔާ ވާހަކަ ދައްކަބަލަ މާޔާގެ ބައްޕައާ. ބުނެބަލަ އެކަން ހުއްޓަން. ބުނެބަލަ މަންމަ ވަރިކުރިއްޔާ ހުރިހާ ދަރިން ބައްޕަ ދޫކޮއްލާނަމޭ. ކޮންމެވެސް އެއްޗެއް ކިޔައިގެން ތިކަން ހުއްޓުވާ." ލީނާ އަސަރާއެކު ބުންޏެވެ.

" ލީނާ މާ ދެރަވެއްޖެ ދޯ މި ވާހަކަ ބުނީމަ. ދެން ވިސްނާލަބަލަ އަހަރެން ދެރަވާނެވަރު. އަހަރެންގެ މަންމަ ކިހާ ނިކަމެތިވާނެ." މާޔާ ބުންޏެވެ.

އެނދުމަތީ އިން ނުހާ މަޑުމަޑުން ތެދުވެގެން ގޮސް އޭރު ހުރީ ކުޑަދޮރު ކައިރިގައެވެ. އާއިޒްއާއި މާޔާގެ ގުޅުމުގެ ވާހަކަ އަޑު އިވުނު ވަގުތުން ފެށިގެން ނުހާ ހުރީ އުދާސްވެފައެވެ. މާޔާއާއި ލީނާ ދައްކާ އެއްވެސް ވާހަކައެއް އޭނާއަށް ނީވޭ ކަހަލައެވެ.

" އަހަރެން ބުނަންވީތަ މާޔާ ކައިރީ؟" ފަހަތުން އިވުނު ލީނާގެ އަޑަށް ނުހާ ދިޔައީ ސިހިގެންނެވެ.

" ނޭނގެ " މާޔާ ދިއްކޮއްލި ފޯނުގައި ހިފަމުން ނުހާ ބުނެލިއެވެ.

" ދެން... އަހަންނަށް އެނގޭ ނުހާ ތިހުރީ ވަރަށް ދެރަވެފައިކަން. އެކަމަކު... ޙަޤީޤަތާ ކުރިމަތިލާން ޖެހޭނީ." ލީނާ ބުންޏެވެ.

" ހުއް؟ ލީނާއަށް ހީވޭތަ އެ ދެ މީހުން ކައިވެނިކޮއްގެން މި ރަށަށް އައީމަ އަހަރެން އެ މީހުންނަށް މަރުޙަބާ ކިޔާނެހެން." ނުހާ ބުނެލިއެވެ.

" ހޭ! ކަޑަ ނަހަދައްޗޭ! ރުޅި އައީތަ މާޔާދެކެ؟" ލީނާ ބުނެލިއެވެ.

" ޔޫ ނަމަވެސް ރުޅި އަންނާނެ. ލީނާއަށް އެނގެއެއްނު އަހަރެން އާއިޒްދެކެ ލޯބިވާވަރު. އަހަރެން މި ހުންނަނީ އޭނަ އަދި ބައްދަލްވާނެކަމަށް އިންތިޒާރުކޮށްކޮށް." ނުހާއަށް އޭރު ރޮވިއްޖެއެވެ. ލީނާ އަވަސް އަވަހަށް ނުހާގެ ގައިގައި ބައްދާލިއެވެ.

" އަހަންނަށް އެނގެޔޭ. އެކަމަކު... މާޔާއަކަށް ވެސް އަދި އާއިޒަކަށް ވެސް ނޭނގެއެއްނު. މާޔާއަށް ނުހާ އާއިޒްދެކެ ލޯބިވާކަން އެނގޭނަމަ އޭނަ އާއިޒާ ވައިވެސް ނޭޅޭނެ. ނުހާއަށް ވެސް މާޔާގެ ގޮތް އެނގެއެއްނު. ރުޅި ނާންނައްޗޭ. " ނުހާއަށް ވިސްނައިދެވޭތޯ ލީނާ މަސައްކަތްކުރިއެވެ.

ލީނާއާ ވާހަކަ ދެއްކުމަށްފަހު މާޔާ ގުޅީ އޭނާގެ މަންމަ ސުވޭދާއަށެވެ. ފޯނު ނެގި އިރު ވެސް ސުވޭދާގެ އަޑުގައި ހުރީ ހިތާމައިގެ އަސަރުތަކެވެ.

" އަހަރެން ވާހަކައެއް ބުނަން ވެގެން މަންމާ!" މާޔާ ބުނެލިއެވެ.

ސުވޭދާ ހޫމް އަޅުވާލިއެވެ. އިރުކޮޅަކު މަޑުކޮއްލުމަށްފަހު މާޔާ އާއިޒްގެ ވާހަކަ ދައްކަން ފެށިއެވެ. އާއިޒާ ދިމާވި ދުވަހުން ފެށިގެން މިއަދާ ހަމައަށް ކަންތައްތަށް ހިނގާދިޔަ ގޮތުގެ ވާހަކަ މަންމައަށް މާޔާ ކިޔައިދިނެވެ. އަދި މަންމަގެ ބަހެއްގެ އިންތިޒާރުގައި މާޔާ މަޑުކުރިއެވެ.

" އެހެންވީމަ މި ގޭގަ ދެ ކައިވެނި ކުރިއަށް ދާނެތާ!" ސުވޭދާގެ ޖުމްލައިން މާޔާގެ ހިތަށް ނުތަނަވަސްކަން ވެރިވިއެވެ.

" ދެ ކައިވެންޏޭ؟" މާޔާ އެހިއެވެ.

" އާނ! މާޔާގެ ބައްޕަ އިތުރު ކައިވެންޏެއް ކުރަން އުޅެނީ. އިދެފައޭ ހުއްޓާނީ ބުނެފި. އަދިވެސް އެ މީހަކީ ކާކުކަމެއް ނުބުނެ." ސުވޭދާ ބުނެލިއެވެ.

" މަންމަ އެކަމާ ހިތާމަ ކުރާނެކަން އަހަންނަށް އެނގޭ. ތިއީ އެއްބަސްވާން ފަސޭހަ ކަމެއް ނޫންކަން ވެސް އެނގޭ. އެކަމަކު، ބައްޕަ އެކަން ނުހުއްޓާނެއެއްނު." މާޔާ ބުންޏެވެ.

" އަހަރެން ބުނެފިން އިންނަންޏާ އިންނާށޭ. " ސުވޭދާ ބުނެލިއެވެ.

" ދެން މަންމަ ވަރިވަނީ؟" މާޔާ އަވަސް އަވަހަށް އެހިއެވެ.

" ނޫން.މި އުމުރަށް ދިޔައީމަ ވަރިވެގެން ގޮސް ވަންނަނީ ކޮންތަނަކަށް. އަމިއްލަ ގެދޮރު އެޅިފައި ހުރި ދަރިޔަކު ނެތް. " ސުވޭދާ ބުންޏެވެ.

" މަންމަ ހާދަ ހިތްވަރުގަދައޭ. " މާޔާ ބުންޏެވެ.

" ވަލީ ހޯދަން ދެން ބައްޕައަށް ގުޅާ. މަންމަ ނެތިން ބައްޕަ ކައިރީ އެއްވެސް ވާހަކައެއް ދައްކާކަށް." ސުވޭދާގެ އެންމެ ފަހު ޖުމްލައިން، މަންމަގެ މިޒާޖަށް ވެސް ބަދަލު އައިސްފައި ހުރި ވަރު މާޔާއަށް ފާހަގަ ކުރެވުނެވެ.

އެ ރޭ މާޔާ އާއިޒާއެކު ހުޅުމާލެ ދިޔައީ ހިތުގެ ރިހުން ފިލުވާލަން އަމާން ވަގުތުކޮޅެއް ހޯދާށެވެ. ބީޗުގެ މީހުން މަދު ހިސާބެއްގައި އާއިޒާއި މާޔާ މަޑުކޮއްލިއެވެ.

" ފަސްގަނޑުމަތީ އިށީންނާކަށް ނުކެރޭނެ." މާޔާ ބުނެލިއެވެ.

" ބެންޗަކަށް ހިނގާ." އާއިޒް އެހެން ބުނެ އެއްގަމާ ދިމާއަށް ހިނގައިގަތެވެ. ފަހަތުން މާޔާ ވެސް ދިޔައެވެ.

" އަހަރެން މި ހުންނަނީ ވަރަށް ދެރަވެފައޭ." މާޔާ ބުންޏެވެ.

" ބައްޕަ ވަލީ ދޭތޯ ބަލަން ގުޅަންވީނު." އާއިޒް ބުންޏެވެ.

" އަހަންނަކަށް ބައްޕަދެކެ ރުޅިއެއް ވެސް ނާދެވޭ. ބައްޕަ އަހަރެމެންނަށް ހާދަ ރަނގަޅޭ. މަންމައަށް ވުރެ ބައްޕަ އަހަރެމެންދެކެ ލޯބިވެޔޭ އަބަދުވެސް ކިޔަން. އެކަމަކު މިއަދު މަންމަ އެ ހިތާމަ ކުރަނީ ބައްޕައާ ހެދި. " މާޔާ ވާހަކަ ދެއްކިއެވެ.

" މަންމަ ވަރަށް ދެރަވާނެ ދޯ." އާއިޒް ބުނެލިއެވެ. މާޔާގެ ވާހަކަތަަކާމެދު ދައްކާނެ އިތުރު ވާހަކައެއް އޭނާއަކަށް ނޭނގުނެވެ. އިރުކޮޅެއްގެ ތެރޭގައި މާޔާ ހިމޭންވެއްޖެއެވެ.

" ކިހިނެއްވީ؟" އާއިޒް އެހިއެވެ.

" މަންމަ ދެރަވާނެކަން އަހަންނަށް ވެސް އެނގެޔޭ. " ނުރުހުންވެފައި މާޔާ ބުނެލިއެވެ.

" އަހަންނަށް ގޯސް އެއްޗެއް ބުނެވުނީތަ؟" އާއިޒް އެހިއެވެ.

" ނޫން. އާއިޒަށް އެއްޗެއް ނުބުނެވެނީ! އާއިޒަށް ނޭނގޭތަ އަހަރެން ހިތްހަމަޖައްސައިދޭން؟ " މާޔާ ބުންޏެވެ.

އާއިޒް އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ.

" މާޔާ... ހިތްހަމަ ޖައްސައިދޭކަށްނު އަހަރެން ހުޅުމާލެ މި އައީ." އާއިޒް ބުންޏެވެ.

" އޯކޭ ދެން! އަހަރެން ގުޅަންވީތަ ބައްޕައަށް. ކައިވެނި ކުރާ ވާހަކަ ބުނަން." މާޔާ ބުންޏެވެ.

" އާނ. ތި އާއިލާއާ ރުހުން ދިނީމަ އަހަރެން ބޭނުމީ މާޔާ، އަހަރެންގެ މަންމަ ކައިރިއަށް ގެންދަން." އާއިޒް ބުންޏެވެ.

" ބައްޕަ ނުބުނާނެ ނޫނެކޭ. ނޫނެކޭ ބުންޏަސް ބުނާނީ މަންމަ. އެކަމަކު މަންމަގެ ޙާލަތު ހުރި ގޮތުން މަންމައަށް އެ ހުރީ ކޮންމެކަމެއް ވަރިހަމަވެފައި." މާޔާއަށް ރޮވުނެވެ.

ކުރިމަތީގައި އިނދެ މާޔާ ރޮމުން ދިޔައިރު އާއިޒް އިނީ ބަލަހައްޓައިގެންނެވެ.

" މި އަންނަނީ ފެންފުޅިއެއް ހިފައިގެން. " އާއިޒް އަވަސް އަވަހަށް ތެދުވެ، މަގާ ދިމާލަށް ހިނގައިގަތެވެ.

ދަބަހުން ޓިޝޫއެއް ނެގުމަށްފަހު މާޔާ މަޑުމަޑުން ދެ ލޯ ފުހެލިއެވެ. އިސާހިތަކު އާއިޒް އައިސް މާޔާއަށް ފެންފުޅި ދިއްކޮއްލިއެވެ. ނަމަވެސް މާޔާ އަޅައިވެސް ނުލިއެވެ.

" ފެންފޮދެއް ބޯލަބަލަ." އާއިޒް ބުންޏެވެ.

މާޔާ އެއްވެސް އެއްޗެއް ނުބުންޏެވެ. އޭނާ ދުރަށް ބަލަހައްޓައިގެން އިނީ އާއިޒްއާ ދިމާލަށް ބަލައިވެސް ނުލައެވެ.

" ކިހިނެއްވީ؟ " އިށީންނަމުން އާއިޒް ސުވާލު ކުރިއެވެ.

" އަހަރެން ފެން ބޭނުން ވެގެން ބުނިންތަ؟" މާޔާ އެހިއެވެ.

އާއިޒް ދެ ފަރާތަށް ބޯ ހޫރާލިއެވެ.

" ދެން ކީއްކުރަން ދުންޖަހާފައި ފެން ގަންނަން ތި ދިޔައީ؟ " މާޔާ ތަންކޮޅެއް ބާރަށް ބުންޏެވެ.

ދޭނެ ޖަވާބެއް އާއިޒަކަށް ނޭނގުނެވެ. މާޔާއާ ދިމާލަށް ބަލަހައްޓައިގެން އޭނާ އިނީއެވެ.

" ތި ފެންފުޅިއަށް ވުރެން އަހަރެން އުފާވީސް އެ ވަގުތު ވެސް އަހަންނާ ވާހަކަ ދައްކާލިނަމަ. އަހަރެން ހަމަޖައްސާލަން އުޅުނު ނަމަ." މާޔާ ބުންޏެވެ.

" ސޮރީ. " އާއިޒް ބުންޏެވެ.

" ހިނގާ މާލެ ދާން." މާޔާ ތެދުވަމުން ބުންޏެވެ.

" އަދި މަޑުކޮއްބަލަ! " އާއިޒް ތަންކޮޅެއް ބާރަށް ބުނުމުން ވެސް މާޔާ ހިނގައިގަތީ ދުރަށެވެ.

ތެދުވެގެން ގޮސް އާއިޒް، މާޔާގެ އަތުގައި ހިފައި އޭނާއާ ދިމާލަށް ދަމައިގަތެވެ. އެއާއެކު ބާރުބާރަށް މާޔާ ގޮސް ޖެހުނީ އާއިޒްގެ ގައިގައެވެ. އެ ވަގުތު އަވަސް އަވަހަށް މާޔާގެ އުނަގަނޑުގައި އާއިޒް އަތް އަޅުވާލީ އިތުރަށް އޭނާ ދުރަށް ދިޔަ ނުދީ، ހިފަަހައްޓާށެވެ. އާއިޒާ ކައިރިވީ ވަގުތު، އާއިޒްގެ ގައިން ދުވި މީރުވަހުން އެ މޭމަތީގައި ބޮނޑިވެލާ ހިތުން މާޔާގެ ހިތް ތެޅިފޮޅެން ފެށިއެވެ.

" ތިހެން ދުރަށް ނުދައްޗޭ! " މާޔާގެ ކަންފަތްދޮށުގައި އާއިޒް ބުނެލީ ސިއްރުސިއްރުންނެވެ.

އެ ވަގުތު ލަދުން ގޮސް މާޔާއަށް އާއިޒްގެ މޭގައި މޫނު ޖައްސާލެވުނެވެ.

" އާއިޒް!" މާޔާ އާއިޒަށް މަޑުމަޑުން ގޮވާލިއެވެ.

( ނުނިމޭ )

މި ވާހަކަ ގެނެސްދޭން ހަމަޖެހިފައި ވަނީ ކޮންމެ އާދީއްތަ، އަދި ބުދަ ދުވަހެވެ.

(ނިމުނީ)