" އެ ކީއްވެ އެހެން ހީވަނީ؟" ކެތްމަދުވެފައި އިނދެ އާއިޒް ސުވާލު ކުރިއެވެ.
" އޭނަ އުޅެނީ އަހަރެމެންގެ ޑިޕާޓްމަންޓްގަ. އިރުއިރުކޮޅުން ބޮސް ގުޅައިގެން ބޮސްގެ ރޫމަށް ގެންދާނެ. މީޓިންގައި ވެސް ބޮސްގެ ކަޅި ހުންނަނީ އަބަދު މާޔާއަށް. މަގޭ ވެސް ހިތުލައިގެން އުޅޭ ކަމެއް ވީމަ އެހާ ވަރަށް ބެލެނީ." ނަޖާހު ބުންޏެވެ.
ނަޖާހު އެހެން ބުނުމުން އާއިޒަށް އުނދަގޫވާން ފެށިއެވެ. ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ. ވީހާ ވެސް އަވަހަކަށް މާޔާއާ ބައްދަލްވެލަން ހިތް އެދެން ފެށިއެވެ.
" އޭ! އަވަސް ކޮއްގެން އުޅޭ ދަމާ." ނަޖާހުގެ އަޑަށް އާއިޒް ބޯ ޖަހާލިއެވެ.
އެ ދުވަހު އާއިޒް އިންތިޒާރު ކުރަމުން ދިޔައީ މާޔާއާ ދިމާވާނެ ވަގުތަކަށެވެ. އޭނާ ހުރީ މާޔާއާ ބައްދަލްކޮއްލާ ހިތުން ކެތްމަދުވެފައެވެ. ހިތަށް ހަމަޖެހުން ލިބޭނީ މާޔާއާ ދިމާވީމަކަން ޚުދު އާއިޒަށް އެނގެއެވެ.
" އަހަންނަށް ބްރޭކް ލިބޭނީ ކޮން ގަޑިއެއްގައި؟" ނަޖާހު ކައިރީ އާއިޒް އެހިއެވެ.
" ދާންވީމަ ދޭ ފިންގަރ ޖަހާފަ. އެއް ގަޑިއިރު ކޮއްފަ އައިމަ ހުންނާނީ ރަނގަޅަށް." ނަޖާހު ބުނެލިއެވެ
އިތުރު އެއްޗެއް ނުބުނެ އާއިޒް ތެދުވެއްޖެއެވެ. ޓައީގައި އަތް ޖައްސާލައިގެން ހުރެ އާއިޒް ކެބިން އިން ނިކުތީ އެކި ދިމަދިމާލަށް ބަލަމުންނެވެ. އެ ސަރަޙައްދުގައި މާޔާ ފެންނަން ނެތުމުން، މާޔާ ބްރޭކަށް ދިޔައީކަމަށް އާއިޒް ނިންމިއެވެ. ހާސް ހިތަކައިގެން ގޮސް ލިފްޓް ދޮރުމަތީގައި އާއިޒް ހުއްޓުނެވެ. އޭރު ވެސް ކުރިމަތީގައި ސިފަވަމުން ދިޔައީ މިއަދު މާޔާ ފެނުނު ވަގުތުކޮޅެވެ. ލިފްޓްގެ ދޮރު ހުޅުވުމާއެކު އޭގައި ތިބި ދެ ތިން މީހަކު ލިފްޓުން ފައިބައިފިއެވެ. އިސްޖަހައިގެން ހުރެ އާއިޒް ލިފްޓަށް އެރި އިރު ވެސް ދާނެ ވަކި ތަނެއް އޭނާ ނުނިންމައެވެ.
އޮފީހުން ބޭރަށް ނިކުމެ، ދުވާރުމަތީގައި މަޑުކޮއްލުމާއެކު ފަހަތުން އިވުނީ މާޔާގެ އަޑެވެ. އެ އަޑުން އާއިޒަށް ސިހުން ގެނުވިއެވެ.
" ހޭ! އާއިޒް؟ ހާދަ ސަޕްރައިޒް ވެއްޖޭ." ހެވިފައި ހުރެ މާޔާ ވާހަކަ ދެއްކިއެވެ. އޭނާގެ މޫނުމަތިން ފެނުނު އުފާވެރިކަމުގެ ސަބަބުން އާއިޒަށް ވެސް ބޭއިޙްތިޔާރުގައި ހިނިތުން ވެވުނެވެ.
" މާޔާ " އާއިޒް ގޮވާލިއެވެ.
" ކީއްކުރަނީ މިތާ؟ " އެ ޢިމާރާތަށް ބަލައިލަމުން މާޔާ އެހިއެވެ.
" މިއަދު މި ސްޓާޓް ކުރީ." އާއިޒް ބުންޏެވެ.
" އަސްލުތަ؟ އޭ ހަމަ އަސްލުތަ؟ އަހަރެން ހީކުރީ ދެން ދުވަހަކު ވެސް އަހަންނަށް އާއިޒް ނުފެންނާނެ ކަމަށް. މަގެއް މަތިން ވެސް، އެއްވެސް ތާކުން ދިމަލެއް ނުވެ. ބޭރަށް ނިކުތަސް އަހަރެން ވަރަށް އާއިޒް ފެނޭތޯ ބަލަން." މާޔާ ހުރީ އޭނާގެ އިޙްސާސްތައް ބަންޑުންކޮއްލަން ކެތްމަދުވެފައެވެ. މާޔާގެ ވާހަކަތަކުން އާއިޒަށް އިތުރު ހިތްހަމަޖެހުމެއް ލިބުނުކަން އޭނާއަށް އިޙްސާސް ކުރެވުނެވެ.
" ކީއްކުރަން އެހާ ވަރުން އަހަރެން ހޯދަނީ؟" އާއިޒް އެހިއެވެ.
" ދެން މިތާކު ނޫން ވާހަކަ ދައްކާނީ. ހިނގާ ކޮފީއަކަށް." މާޔާ އެދުނެވެ.
މާޔާގެ އެދުމުގެ މަތިން އޭނާއާއެކު އާއިޒް ރެސްޓޯރެންޓަކަށް ދިޔައެވެ. މެންދުރު ވަގުތުކަމުން މާޔާ ބޭނުންވީ ކޮންމެވެސް އެއްޗެއް ކާށެވެ.
" ނުކާނަންތަ؟" މެނޫ ބަލަން އިނދެ މާޔާ އެހިއެވެ.
އާއިޒް ބޯ ޖަހާލީ، މާޔާގެ މޫނަށް ފަރުވާތެރިކަމާއެކު ބަލައިލަމުންނެވެ. މިހާރު ކުރިއަށް ވުރެ ވެސް މާޔާ ރީތިކަން އޭނާއަށް ފާހަގަ ކުރެވުނެވެ. އޭނާގެ ބުޅި އިސްތަށިގަނޑު ފަހަރަށް ދޫކޮއްލާފައި އޮތްއިރު ބޮލުގައި ޖައްސާފައި ހުރި ގަދަމުށި ކުލަ، އެ ދޮން މޫނާ ނުހަނު ގުޅެއެވެ.
" ދެން ހަމަ އެއްވެސް އެއްޗެއް ބޭނުމެއް ނޫން. އަހަންނޭ ބިލް ދައްކާނީ." މާޔާ ހީގަތެވެ.
" ބްލެކް ކޮފީއެއް އޯކޭ ވާނެ." އާއިޒް ބުނެލިއެވެ.
" އަސްލު ވެސް އަހަރެން ވަރަށް އުފާވެއްޖެ. ދެން ކޮންމެ ދުވަހަކު ވެސް ފެންނާނެ އެއްނު." ހަމަޖެހިލަމުން މާޔާ ބުނެލިއެވެ.
އާއިޒްގެ ހިތަށް އެތައް ވާހަކަތަކެއް އަރާ ފައިބަމުން ދެއެވެ. ނަމަވެސް ދުލުން ބޭރު ކުރުމަކީ އޭނާއަށް އެހާ ފަސޭހަކަމެއް ނޫނެވެ.
" ދެން ނަންބަރު ދޭނަންތަ؟" މާޔާ އެހިއެވެ.
" ފޯނެއް ލިބުނީތަ؟" އާއިޒް އެހެން ބުނެލީ ހެވިފައި އިނދެއެވެ.
" އާނ! ފޯނެއް ގަނެފިން. ވަޒީފާއަށް އަންނަންޏާ ފޯނެއް ބޭނުންވާނެ އެއްނު." މާޔާ ބުނެލިއެވެ.
އާއިޒް އޭނާގެ ފޯނު ނަގައި މާޔާއަށް ދިއްކޮއްލީ ނަންބަރު ޖަހައިދިނުމަށް އެދެމުންނެވެ. ދެ މީހުން އެކަކު އަނެކަކުގެ ފޯނު ނަންބަރު ބަދަލު ކުރީ ހިތްހަމަޖެހިގެން ތިބެއެވެ.
" މަންމަ އަަހަންނަށް އިންނަން ކުއްޖަކު ހޯދައިފި." އާއިޒް ބުނެލިއެވެ. އޭރު އޭނާ އިނީ ސީދާ މާޔާގެ ދެ ލޮލަށް ނަޒަރު ހުއްޓައިގެންނެވެ. ހީވާ ގޮތުން އޭނާ މާޔާ ޓެސްޓް ކޮއްލަނީއެވެ.
" އިންނާށޭ؟ " މާޔާގެ މޫނުމަތީގެ ކުލަވަރު މުޅިން ބަދަލުވެއްޖެއެވެ. އުފާވެރިކަން ގެއްލެން ސިކުންތެއް ވެސް ނުނެގިއެވެ. ކަރުނައިގެ ތެތްކަމުން ދެ ލޯ ރަތްވާން ފަށައިފިއެވެ. ދުލުން ދެ ތުންފަތް ތެންމާލަމުން މާޔާ ހިނިތުންވެލީ ގަދަކަމުންނެވެ. އެކަން އާއިޒަށް ހަމަ ރަނގަޅަށް ވެސް އެނގެއެވެ.
" ކޮންގްރެޓްސް." މާޔާ މަޑުމަޑުން ބުންޏެވެ.
" އެހާ ހިތްވަރު އެބަހުރި؟" އާއިޒްގެ ސުވާލުން މާޔާއަށް ލިބުނީ ހައިރާންކަމެވެ. ސުވާލުގެ ނަޒަރަކުން މާޔާ އާއިޒަށް ބަލަމުން ދިޔައެވެ.
" ތި ބުނީ؟" މާޔާ އެހިއެވެ.
" އަހަރެން އެހެން މީހަކާ ކައިވެނި ކުރާތީ އަހަންނަށް މަރުޙަބާ ކިޔާނެހާ ހިތްވަރު އެބަހުރިހޭ؟" އާއިޒް ވާހަކަ ދެއްކީ ނުހަނު ލަސްލަހުންނެވެ.
" ހޫމް. ހުރީމައެއްނު މި ބުނީ." މާޔާ ބުންޏެވެ. ދުރަށް ބަލައިލަމުންނެވެ.
" އެކަމަކު މީގެ ކުޑަ އިރުކޮޅެއް ކުރިން އަހަންނަށް ފެނުނު މާޔާއެއް ނޫން ތިއީ. ވަރަށް އުފާވެރި ހިނިތުންވުމެއް އަހަންނަށް ފެނުނީ. " އާއިޒް ބުންޏެވެ.
" އެއްވެސް މީހެއްގެ މޫޑު އަބަދު އެއް ގޮތަކަށް ނުހުންނާނެ." މާޔާ ބުންޏެވެ.
" މާޔާ މޫޑު ބަދަލުވާން ވީ ކީއްވެ؟" އާއިޒް އެހިއެވެ.
" ހަނދާންކޮއްލަބަ ރަށުން އަހަރެމެން ބައްދަލްވީ ދުވަހުން ފެށިގެން މިއަދާ ހަމައަށް ކަންތައްތައް ހިނގި ގޮތް. އާއިޒަށް ހީވޭތަ އަހަންނަށް އާއިޒް ވަރަށް މުޙިއްމުހެން؟ އާއިޒަށް ހީވޭތަ އަހަރެން ޚާއްސަ ސަމާލުކަމެއް އާއިޒަށް ދޭހެން؟ ހީވޭތަ އަހަރެން އާއިޒްދެކެ ލޯބިވާހެން؟" އަސަރާއެކު މާޔާ ބުންޏެވެ. އޭރު އޭނާގެ ދެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަތައް ފައިބަމުން ދެއެވެ. އެ މަންޒަރު ފެނި، އާއިޒްގެ ހިތަށް ހަމަޖެހުން ލިބުނެވެ. ޙަޤީޤަތުގައި ވެސް މާޔާ އޭނާދެކެ ލޯބިވާކަން ކުރިއަށް ވުރެ ބޮޑަށް ޔަޤީން ކުރެވުނެވެ.
" ޔަޤީން ކުރެވެނީ." އާއިޒް ބުންޏެވެ.
" ހާމަ ނުކުރެވެނީސް، އަތުން ބީވީމަ އަހަންނަށް ކުރެވޭނެ އިޙްސާސް އާއިޒަކަށް ނޭނގޭނެ. މިއަދާ ހަމައަށް ވެސް އަހަރެން އާއިޒަށް ވަރަށް އިންތިޒާރު ކުރިން. އެކަމަކު... ދެން ނުކުރާނަން." މާޔާ އެެހެން ބުނުމަށްފަހު ބާރުބާރަށް ގޮނޑިން ތެދުވިއެވެ. އަދި މޭޒުމަތީ ހުރި އޭނާގެ އަތްދަބަސް ހިފައިގެން ހިނގައިގަންނަން އުޅުނެވެ. ނަމަވެސް އާއިޒް އެއަށް ވުރެ މާ ހުށިޔާރެވެ. ތެދުވެގެން ގޮސް މާޔާގެ ކުރިމަތީގައި ހުއްޓުނީ ނުހަނު ބާރަށެވެ.
" މަޑުކޮއްބަލަ! " އާއިޒް ބުންޏެވެ.
" ކީއްކުރަން ދެން؟" ތުން ފިއްތާލަމުން މާޔާ ބުންޏެވެ.
" އިށީނދެބަލަ. ހަމަޖެހިބަލަ ފުރަތަމަ." މަޑުމަޑުން އާއިޒް ބުންޏެވެ.
އާއިޒްގެ އެދުމަށް މާޔާ އެނބުރި ގޮނޑީގައި އިށީނެވެ. އާއިޒް ވެސް ގޮސް އޭނާގެ ގޮނޑީގައި އިށީނދެ ހަމަޖެހިލީ ހިނިތުންވެލަމުންނެވެ.
" ދެން ހުއްޓާލާ. މާ އަވަހަށް ތި އުންމީދު ކަނޑާލަނީ." އާއިޒް ބުންޏެވެ.
" ރަނގަޅަށް އުއްމީދު ނުކުރެވެނީސް، އުއްމީދުތައް ފުނޑުފުނޑުވީނު. ކޮން އުއްމީދެއް ދެން އަހަރެން ކުރާނީ؟ " މޫނު ސާފުކޮއްލަމުން މާޔާ ބުންޏެވެ.
" ރަނގަޅަށް ޖުމްލަ ނުބުނެވެނީސް މީހާ ހަލާކުވެއްޖެއެއްނު. " އާއިޒް ބުންޏެވެ.
އެއާއެކު ސުވާލުގެ ނަޒަރަކުން މާޔާ އާއިޒަށް ބަލައިލިއެވެ.
" އަހަރެން ބުނީ މަންމަ އަހަރެން އިންނަން ކުއްޖަކު ހޯދި ވާހަކައޭ. އެކަމަކު އަހަރެން އެއްބަހެއް ނުވަން." އާއިޒް ބުންޏެވެ.
" އެއީ ކީއްވެ؟ އެއްބަސް ނުވީމަ މަންމަ ދެރަވާނެ އެއްނު." މާޔާ ބުންޏެވެ.
" އެއްބަސް ވާންވީ؟" އާއިޒްގެ ސުވާލުން މާޔާއަށް ބޭއިޙްތިޔާރުގައި ދެ ފަރާތަށް ބޯ ހޫރާލެވުނެވެ.
" ދެން؟ މަންމަ އުފާކުރަން އަހަރެން އޭނައާ އިންނަން އެއްބަސް ވާންވީ ދޯ؟" އާއިޒް އަނެއްކާ ވެސް ބުނެލިއެވެ.
" ނޫން. ނުވިއްޔާ ރަނގަޅީ. ދެން ނޯ ބުނީމަ މަންމަ ކީކޭ ބުނީ؟" ބެދިފައިވާ އަޑަކުން މާޔާ ބުންޏެވެ.
" ދެން ނޫނެކޭ ބުނެފީމޭ. އެ ވާހަކަ ބާއްވާ. މާޔާ ނާހާނަންތަ އަހަރެން ނޫނެކޭ ބުނީ ކީއްވެތޯއެއް." އާއިޒް ބުންޏެވެ.
" ބުނެބަލަ! ކީއްވެ ؟" މާޔާ ހުރީ އާއިޒްގެ ވާހަކަތައް އަޑު އަހާ ހިތުންނެވެ.
" މަންމަ ދެރަވެދާނެތީ ނޫނެކޭ ބުނަން ވެސް ޖެހިލުންވި. އެކަމަކު ވެސް އަހަރެން އެ ދުވަހު މާޔާ މަތިން ވަރަށް މިސްވި. " އާއިޒް ބުންޏެވެ.
" ލޯބިވަނީތަ އަހަރެންދެކެ؟" މާޔާގެ ސުވާލުން އާއިޒަށް ސިހުން ލިބުނެވެ. އެހާ ސީދާކޮށް މާޔާ އެ ސުވާލު ކުރާނެ ކަމަށް އާއިޒް ހިތަކަށް ވެސް ނާރައެވެ. ދޭނެ ޖަވާބެއް ނޭނގިފައި އާއިޒަށް އިނދެވުނީ މާޔާގެ މޫނަށް ބަލާށެވެ.
( ނުނިމޭ )
މި ވާހަކަ ގެނެސްދޭން ހަމަޖެހިފައި ވަނީ ކޮންމެ އާދީއްތަ، އަދި ބުދަ ދުވަހެވެ.
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!