ލީގްސް ކަޕްގެ ގްރޫޕް ސްޓޭޖުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުގައި، ލިއޮނަލް މެސީ ނުލައި ކުޅުނު އިންޓަ މިއާމީގެ މައްޗަށް 2-1 ގެ ނަތީޖާއަކުން މޮންޓެރޭއިން ކުރިހޯދައިފިއެވެ. މި މެޗުން މޮންޓެރޭ މޮޅުވީ މެޗުގެ 90 ވަނަ މިނެޓުގައި ޑިއޭގޯ ރޮސީ ކާމިޔާބުކޮށްދިން ލަނޑުންނެވެ.
އިންޓަ މިއާމީގެ ތަރި ލިއޮނަލް މެސީ މި މެޗުގައި ކުޅެފައިނުވަނީ އޭނާގެ ބައްޕަ، ޖޯޖް މަރުވުމާ ގުޅިގެން އެނބުރި އާޖެންޓީނާއަށް ގޮސްފައިވުމުންނެވެ. އުމުރުން 39 އަހަރުގެ މެސީ އަލުން ކްލަބާ ގުޅޭނެ ވަގުތެއް އަދި ކްލަބުން ހާމަކޮށްފައެއް ނުވެއެވެ.
މެސީ ވަނީ އެންމެ ފަހުން ބޭއްވި ވޯލްޑް ކަޕަށްފަހު ދެ ހަފުތާގެ ބްރޭކެއް ނަގައި، އޮގަސްޓް 1 ވަނަ ދުވަހު ކޮލަމްބަސްއާ ދެކޮޅަށް ކުޅުނު މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ފެނިފައެވެ.
މި މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު އިންޓަ މިއާމީ އޮތީ 1-0 އިން ކުރީގައެވެ. ނަމަވެސް ދެވަނަ ހާފު ފެށިގެން 47 ވަނަ މިނެޓުގައި ހޫގޯ ކުއިޕާސް ވަނީ މޮންޓެރޭއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. ކުއިޕާސް އަކީ މިދިޔަ ޖުލައި މަހު ޝިކާގޯ ފަޔަރ އިން މޮންޓެރޭއަށް ބަދަލުވި ކުޅުންތެރިއެކެވެ. މެޗުން މޮންޓެރޭ މޮޅުކޮށްދިން ލަނޑު ޖަހައިދިން ރޮސީ އަކީ ޖުލައި 3 ވަނަ ދުވަހު ކޮލަމްބަސް ކްރޫ އިން އެ ޓީމާ ގުޅުނު، މީގެ ކުރިން އެމްއެލްއެސްގެ ރަން ބޫޓުވެސް ހޯދާފައިވާ ކުޅުންތެރިއެކެވެ.
މި ނަތީޖާއާއެކު އިންޓަ މިއާމީއަށް ވަނީ މުބާރާތުގެ ނޮކައުޓް ސްޓޭޖަށް ދިއުމަށް ހުރަސްތަކެއް ކުރިމަތިވެފައެވެ. 2023 ވަނަ އަހަރުގެ ލީގްސް ކަޕް ކާމިޔާބުކޮށް، މިދިޔަ އަހަރުގެ ފައިނަލުގައި ކުޅުނު މިއާމީއަށް މިހާރު ގްރޫޕުގައި ބާކީ އޮތީ އެންމެ މެޗެކެވެ. މިވަގުތު މިއާމީ އަދި މޮންޓެރޭއަށް ވެސް ލިބިފައިވަނީ ކުޅުނު ދެ މެޗުން ތިން ޕޮއިންޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!