2 އޯގަސްޓްގެ އަދަދާއި ގުޅޭ:

" އަހަރެން މާޔާއަށް ދައްކާނީ ކޮން މޫނެއް؟" ލީނާއަށް މަޑުމަޑުން ބުނެވުނެވެ.

Ad
rt

ޖެހިގެން އައި ދުވަހެވެ. މާޒިން އޮތީ ޖޯލިފަތީގައެވެ. އޭނާގެ މޫނުމަތީގައިވަނީ ފުސްކަމެވެ. ފޫހިކަމެވެ. ވަރުބަލިކަމެވެ. އެއް އަތުގައި ހުރި ކަޅު ކޮފީ ޖޯޑު ހިހޫ ވި އިރު ވެސް އޭނާއަކަށް ނޭނގުނެވެ.

" އަދިވެސް ނުނިމޭތަ؟" ފިރާޝާ ބުންޏެވެ.

ފަހަތުން އައިސް މާޒިންއާ ޖެހިގެން ހުރި ޖޯލީގައި ފިރާޝާ އިށީނެވެ.

" އަޅެ އިރެއް ވެއްޖެ. އަދިވެސް ކޮފީގަ؟" އަނެއްކާ ވެސް ފިރާޝާ ބުންޏެވެ.

" އުމް؟ އާނ... " މަޑުމަޑުން މާޒިން ބުނެލިއެވެ.

" ކޮން ފިކުރެއްގައިތަ މިއަދު ތި ހުންނަނީ؟" ފިރާޝާ ސުވާލު ކުރީ ޝަކުވާގެ ރާގަކަށެވެ.

އެ ވަގުތު މާޒިން ފިރާޝާގެ މޫނަށް ބަލައިލިއެވެ.

" ފިރާ ބުނެބަލަ! ލޮލަށް ފެންނަ ކޮންމެ މަންޒަރަކީ ތެދަކަށް ވާނެތަ؟" މާޒިން އެހިއެވެ.

" އަހަރެން އެހާ މޮޅެއް ނުވާނެ މޮޅެތި ޖަވާބު ދޭކަށެއް.ވީ ގޮތް ބުނެބަލަ." އަވަސް އަވަހަށް ފިރާޝާ އެހިއެވެ.

" ރޭގަ ފިރާ ގެއަށް ލައިފަ އަހަރެން ކެފޭއަށް ދިޔައީމެއްނު ދޯ މެޗެއް ބަލަން. ވަރަށް ލަސްވީ ފަހުން މެޗް ނިމުނީ. ގެއަށް އަންނަނިކޮށް... އަހަންނަށް ފެނުނީ ސާދުނައްތަގެއިން ބައްޕަ ނިކުންނަނިކޮށް." މާޒިން މަޑުމަޑުން ކިޔައިދިނެވެ.

" ޔާ ރައްބި. ދޮގެއް ދޯ؟" ފިރާޝާއަށް ތެޅިގަނެވުނެވެ.

" ކޮބާ؟ ޤަބޫލެއް ނުކުރެވުނެއްނު. އެ މަންޒަރު ފެނުނު މީހާއަށް ވެސް މި އިނީ ޤަބޫލު ނުކުރެވިފައި. " ދުރަށް ބަލައިލަމުން މާޒިން ބުންޏެވެ.

ފިރާޝާއަށް އިނދެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އެ ވަގުތު އޭނާގެ މޫނުމަތީގައި ހައިރާންކަމާއި ނުތަނަވަސްކަން އުތުރެން ފެށިއެވެ.

" ބައްޕަ ނިކުމެގެން ދިޔައީ ފަރާތްފަރާތް ބަލަމުން. މީހަކަށް ފެނިދާނެތީ އުޅޭހެން. އަހަރެން ގެއަށް އައީ ފަސްފަހަތުން ހަމަ. ބައްޕައަށް ވުރެ ލަހުން އަހަރެން ގެއަށް ވަނީ. ވަތް އިރު ކޮޓަރި ތެރެއިން އިވޭ މަންމަ ހަޅޭއްފަޅޭއްޖަހާ އަޑު. " މާޒިން ބުންޏެވެ.

ފިރާޝާ މަޑުމަޑުން މާޒިންގެ އަތް މަތީ އަތް ބާއްވާލީ ފިރިމީހާގެ އިޙްސާސްތައް އޭނާއަށް އޭނާއަށް އެނގޭކަން ހާމަކޮއްދޭށެވެ.

" އަހަރެން ވެސް ކުރިން ހަމަ މަންމަދެކެ އެކަމާ ރުޅި އަންނަނީ. މަންމަ އަބަދު ބައްޕައަށް ޝައްކު ކުރަނީ ކަމަށް ހީކުރީ. ކޮއްކޮ ވެސް މަންމަދެކެ ރުޅި އައީ. އެކަމަކު މިހާރު އަހަންނަށް އެނގިއްޖެ ބައްޕަ އުޅޭ ގޮތް. ފިރާ! އަހަރެން މި ހުންނަނީ ހަދާނެ ގޮތް ހުސްވެފައި. ބައްޕަ އިތުރު ކައިވެންޏެއް ކުރިއްޔާ މަންމައަށް ކޮންމެ ގޮތެއް ވެސް ވެދާނެ." މާޒިން ބުންޏެވެ.

" މަންމަ ކައިރީ ތި ވާހަކަ ބުނާނަންތަ؟" ފިރާޝާ އެހިއެވެ.

މާޒިން ދެ ފަރާތަށް ބޯ ހޫރާލިއެވެ.

" އަހަންނެއް ނުބުނާނަން. އެކަމަކު މާޔާ ކޮއްކޮއަށް އެނގިއްޖެއްޔާ ޔަޤީން މަޑަކުން ނުހުންނާނެކަން. ބުނާނެ. " މާޒިން ބުންޏެވެ.

" މާޒިން އެ ވާހަކަ ބައްޕަ ކައިރީ ދައްކަން ވީނު. " ފިރާޝާގެ ހިޔާލަށް މާޒިން ތާޢީދެއް ނުކުރިއެވެ. އޭނާ އަވަސް އަވަހަށް ދެ ފަރާތަށް ބޯ ހޫރާލިއެވެ.

" އަދި މަންމައަށް ފަޅާ އަރާނެ." މާޒިން ބުންޏެވެ.

އާއިޒް ނިކުތް އިރު ޖަމީލާ ހުރީ ސައި ތައްޔާރު ކުރާށެވެ. އެހެންޏާ ނުފެންނަ ކަހަލަ މޮޅިވެރިކަމެއް ޖަމީލާގެ މޫނުމަތިން އާއިޒަށް ފެނުނެވެ. ސަބަބު އާއިޒަށް އެނގެއެވެ.

" ދޮންތަ ކީކޯ ބުނީ؟" އާއިޒް އެހިއެވެ.

" މަންމައަށް ވަރަށް އެއްޗެހި ކީ ދޮންތަ. މަންމަ ދެން ދުވަހަކު ވެސް އާއިޒަށް ކުއްޖަކު ހޯދައިގެން ނުވާނެޔޭ ބުނި. އެއީ އާއިޒްގެ އަމިއްލަ ކަމެކޭ ބުނީ." ސައިތަށި ހިފައިގެން އައިސް ޖަމީލާ ވެސް މޭޒު ކައިރީ އިށީނެވެ.

" ދެން އެކަމާ އަޅާނުލާ. އެ ވާހަކަ ދެން ނުދައްކާ. އެކަހަލަ ކަންކަން ވެސް ވާނެ." އާއިޒް ބުންޏެވެ.

" ދަރިފުޅު މަންމަދެކެ ރުޅި އައިސް ދޯ؟" ޖަމީލާ އެހިއެވެ.

" ނޫން. " އާއިޒް ދިނީ ކުރު ޖަވާބެކެވެ.

" މީހަކާ އިނދެގެން ދޮންތަ މި ގެއިން ދިޔަ ފަހުން މަންމަ ވަރަށް އެކަނިވެރި. އާއިޒް މީހަކާ އިނދެގެން ގެނައީމަ މި ގޭގެ ފަޅުކަން ފިލައިދާނެ." ޖަމީލާ ބުންޏެވެ.

އާއިޒްގެ މާ ބޮޑު ސަމާލުކަމެއް ނުލިބުނަސް، ޖަމީލާ އެ ވާހަކަ ހުއްޓާކަށް ބޭނުމެއް ނުވިއެވެ.

" ކަމުދާ ކުއްޖަކު ނުފެނޭތަ؟" ޖަމީލާ އެހިއެވެ.

މަންމަގެ ސުވާލާއެކު އާއިޒްގެ ކުރިމަތީގައި ސިފަވީ މާޔާއެވެ. އޭނާގެ ބުޅި އިސްތަށިގަނޑެވެ. އެ ހިނިތުންވުމެވެ. މާޔާގެ ހަނދާން އާ ވުމާއެކު އަނގަޔަށް ލީ ރޮށިކޮޅު ހަފާލަން ވެސް އޭނާ ހަނދާން ނެތް ކަހަލައެވެ.

" އާއިޒް؟ " ޖަމީލާ ގޮވާލުމާއެކު އާއިޒް ކޮށި އެރިއެވެ. ކައިރީގައި ހުރި ފެންތަށި އެއްފަހަރާ ދަމާލަމުން އާއިޒް ފުން ނޭވާއެއް ދޫކޮއްލިއެވެ.

" އަދި ކައިވެންޏަކާމެދު ނުވިސްނަން." އެހެން ބުނުމަށްފަހު އާއިޒް ތެދުވިއެވެ.

" އެ އޮފީހުން ޖަވާބެއް ލިބިއްޖެތަ؟" ތެދުވަމުން ޖަމީލާ ސުވާލު ކުރީ އަވަސް އަވަހަށެވެ.

" އަންނަ ހަފްތާ އެނގޭނެ ވަޒީފާ ލިބެންޏާ." އާއިޒް ބުންޏެވެ.

އިތުރަށް އެތާ މަޑުނުކޮށް އާއިޒް ގޮސް ކޮޓަރިއަށް ވަދެ ދޮރުފަތުގައި ލެނގިލިއެވެ. އޭރު އޭނާގެ ހިތް އާދަޔާ ޚިލާފަށް ތެޅެމުންދެއެވެ. މޭގައި އަތް ޖައްސާލައިގެން އިރުކޮޅަކު ހުރުމަށްފަހު އެނދާ ދިމާލަށް ހިނގައިގަތް އިރު ވެސް އާއިޒްގެ ހިތުގައި ހިނގަމުންދާ ޖަޒްބާތުތަކަށް ލުޔެއް ނުލިބުނެވެ.

" މާޔާއަކީ އަހަންނަށް ކާކުތަ؟ ކީއްވެތަ އަހަންނަށް މިހެން މި ވަނީ؟ " އާއިޒަށް ހިތާހިތާ ސުވާލު ކުރެވުނެވެ.

އެންމެ ފަހުން އޭނާ ތެދުވެއްޖެއެވެ. ބޭރަށް ނިކުތުމާއެކު ދާންވީ މިސްރާބު ދެއްކީ ޚުދު އޭނާގެ ހިތެވެ. އޭނާގެ އެއްވެސް ބާރެއް ނެތް ކަހަލައެވެ. މީހުންގެ ގައިގައި ޖެހެމުން، ނެއްޓެމުން ގޮސް އޭނާއަށް ހުއްޓެވުނީ ސީދާ، މާޔާގޭގެ ދޮރުމަތީގައެވެ. އޭރު އާއިޒް ހުރީ ދާހިއްލާ ފޯވެފައެވެ.

އެ ގޭ ފާރުގައި ލެނގިލައިގެން އިރުގަނޑެއް ވަންދެން އޭނާ ހުއްޓެވެ. ނަމަވެސް އެނބުރި ހިނގައިގަންނަން ޖެހުނީ އޭނާގެ އުއްމީދުތައް ނާއުއްމީދު ވެގެންނެވެ. އެ ދުވަހު މާޔާ ފެނުނު ނަމަވެސް، މިއަދަކު އެ ނަސީބެއް އޭނާއަކަށް ނުލިބުނެވެ.

އޭގެ ފަހުން ކޮންމެ ދުވަހަކު ވެސް އިރު އަރައި އޮއްސޭ އިރު އާއިޒް އެ ގޭގެ ކައިރިއަށް ދެ ތިން ފަހަރު ދެއެވެ. ނަމަވެސް މާޔާއާ ދިމާވާ ގޮތެއް ނުވިއެވެ. ގޭގައި އުޅޭ ވަގުތުތަކަށް ވުރެ ބޭރުގައި އުޅޭ އިރު މިހާރު ގިނައެވެ. އެއީ މާލޭގެ ކޮންމެވެސް ތަނަކުން މާޔާ ފެންނާނެ ކަމުގެ އުއްމީދު އޮންނާތީއެވެ. ނަމަވެސް ހަފްތާއެއް ފާއިތު ވެގެން ދިޔައިރު ވެސް އޭނާއަށް މަޔާއާ ބައްދަލެއް ނުވިއެވެ.

" ކޮންކަމަކާތަ އަބަދު ރުޅި މޫނު ހަދައިގެން ތި އުޅެނީ؟ " ސާދުނާ ވާހަކަ ދެއްކީ ލީނާއާއެވެ.

ލީނާ ޖަވާބެއް ނުދިނުމުން ސާދުނާގެ އަޑު ބާރުވިއެވެ.

" މަންމަ ވާހަކަ ދެއްކިއްޔާ ނޫނީ ލީނާ މަންމައާ ވާހަކައެއް ވެސް ނުދައްކާ. ވީ ގޮތެއް ބުނެބަލަ. އިއްޔެ ވެސް ނުހާ އައިސް ދިޔައީ ލީނާ ކޮޓަރި ދޮރު ނުހުޅުވައިގެން. އޭނަ ބުނި އޭނަ ކައިރިއަށް ވެސް ލީނާ ނުދާ ވާހަކަ. " ސާދުނާ ބުންޏެވެ.

" ކަމެއް ނުވެ." ލީނާ ބުނެލީ ފަރުވާކުޑަ ގޮތަކަށެވެ.

" ކަމެއް ނުވެ އެއް ނޫން! އަނެއްކާ މީހަކާ ހިތާވީތަ؟ ރަނގަޅަށް ވިއްޔާ ތި އުޅެނީ މީހަކާ ހިތާ ވެގެން އެ މީހަކާ މައްސަލަ ޖެހިގެން. އާނ އެ ފާޑަށް ތި އުޅެނީ." މަލާމާތުގެ ރާގަކަށް ސާދުނާ އެހެން ބުނުމާއެކު ލީނާއަށް ހީވީ އޭނާގެ ހިތުގައި އަލިފާން ހިފިހެންނެވެ.

" މަންމައެއްނު ތި އުޅެނީ މާޔާގެ ބައްޕައާ ހިތާ ވެގެން." އެ ޖުމްލަ ދުލަށް ގެންނަން ބާރު ލިބުނީ ކިހިނެއް ކަމެއް ވެސް ލީނާއަކަށް ނޭނގުނެވެ. ބުނެވުނު އެއްޗެއް އޭނާއަށް އެނގުނީ މަންމަގެ މޫނަށް އެރި ކުލަވަރުންނެވެ.

" ކިކި..ކީކޭ؟" ސާދުނާ ބުންޏެވެ. ރުޅިވެރިކަމާއި ހާސްކަން އޭނާގެ މޫނުމަތީގައި މަސްހުނިވަމުން ދާތަން ލީނާއަށް ފެނުނެވެ.

އިތުރަށް އެއްވެސް އެއްޗެއް ބުނާކަށް ލީނާއަކަށް ނުކެރުނެވެ. ލީނާ މާ ބޮޑަށް ބިރުގެންފިއެވެ. މަންމައަކީ ރުޅިގަދަ މީހެކެވެ. އަތުގެ ހަމަލާއެއް އަތުވެދާނެތީ ލީނާ ހުރީ ވަރަށް ބޮޑަށް ކަންބޮޑުވެފައެވެ.

" ބުނޭ! ކާކު ދެއްކި ވާހަކައެއް ތީ؟ ރަށު ތެރެއިންތަ އަޑު އިވުނީ. މީހަކު ކީތަ؟" މަސައްކަތް ބަހައްޓާފައި އައިސް ސާދުނާ ހުއްޓުނީ ސީދާ ލީނާގެ ކުރިމަތީގައެވެ.

" ބުނޭ! ތެދަށް ބުނޭ." ސާދުނާ ބާރުބާރަށް ބުންޏެވެ.

" ފެފެ...ފެނުނީ." ސާދުނާގެ ދެ ލޯ ފެނި ބިރުން ގޮސް ލީނާ ބުންޏެވެ.

" ކާކަށް؟" ސާދުނާ އެހިއެވެ.

" އަހަންނަށް." ލީނާ އެހެން ބުނުމާއެކު ސާދުނާއަށް ފުންނޭވާއެއް ދޫކޮއްލެވުނެވެ.

" އިތުރު މީހަކަށް އެނގޭނެ؟" ސާދުނާ އެހީ ޖެހިލުންވެފައި ހުރެއެވެ.

ލީނާ ދެ ފަރާތަށް ބޯ ހޫރާލިއެވެ.

" ބުނެގެން ނުވާނެ! ހަނދާން ކުރާތި." ސާދުނާ އިންޒާރު ދިނެވެ.

" ތިކަން ހުއްޓާ މަންމާ!" އިސްޖަހައިގެން ހުރެ ލީނާ ބުނެލިއެވެ.

" އަހަރެން ކުރަންވާ ކަންކަމާ ނުކުރަންވާ ކަންކަން އެނގޭނީ ލީނާއަކަށް ނޫން. އަހަންނަށް." ސާދުނާ ލީނާއަށް ފުރަގަސް ދެމުން ބުންޏެވެ.

" މަންމަ ތި ކުރަނީ ކުރަންވާ ވަރުގެ ކަމެއްތަ؟ އަހަރެންގެ ބެސްޓްފްރެންޑްގެ އާއިލާ ތި ރޫޅާލަނީ. އަހަރެން މި ހުރީ ލަދުން އެކަމުގެ ވާހަކަ މަންމަ ކައިރީ ދައްކަން ނުކެރިފަ." ހިތްވަރާއެކު ލީނާ ބުންޏެވެ.

" ބުނެފީމެއްނު މިއީ ލީނާ ދައްކަންޖެހޭ ވާހަކައެއް ނޫނޭ. ވަދޭ ކޮޓަރިއަށް." ސާދުނާ އެހެން ބުނުމާއެކު ލީނާ ދެކޮޅު ހެދުމެއް ނެތި. ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ.

އޮފީހަށް ނިކުތް ފުރަތަމަ ދުވަހު، އާއިޒްއަށް ލިބުނު ރަޙްމަތްތެރިޔަކީ ނަޖާހެވެ. ނަޖާހަކީ އާއިޒާ ޚިލާފަށް އަނގަ ގަދަ، ސަކަ މިޒާޖެއްގެ ވެރިއެކެވެ. ނަމަވެސް ފުރަތަމަ ދުވަހުގެ ބީރައްޓެހިކަން އާއިޒްގެ ހިތުން ފިލައިގެން ދިޔައީ ނަޖާހުގެ ސަބަބުންނެވެ.

" ފިންގަރ ޖަހާލާފަ އައިސް ކޮފީއެއް ބޯލައިގެން މަސައްކަތަށް ދާންވާނީ. އޭރުންނެއްނު ނިދި ފިލާނީ. އޮފީސް ކެންޓީނު އަބަދުވެސް ހުންނާނީ ހުޅުވާފަ." ނަޖާހު ބުންޏެވެ. ލުއި ހިނިތުންވުމަކުން އާއިޒް ފުއްދާލިއެވެ. އެއާއެކު ބާރު ހިނިގަނޑެއްގެ އަޑަށް އާއިޒާއި ނަޖާހަށް އެ ދިމާލަށް ބަލައިލެވުނީ އެއްފަހަރާއެވެ.

ދޮރުން ވަދެގެން އަންނަ ދެ އަންހެން ކުދިން ފެނުމާއެކު އާއިޒްގެ ހިތަށް ލޮޅުން އެރިއެވެ. އެ ތަނުން އެއް ކުއްޖަކީ އެ ކުއްޖަކު ހޯދަން އާއިޒް ރެޔާއިދުވާލު މަސައްކަތްކުރަމުންދާ މާޔާ ނޫން އެހެން މީހެއް ނޫނެވެ. އާއިޒަށް ހިންދިރުވާލެވުނެވެ.

" ބުރުގާ ނާޅާ އެ ހުރި މަންޖެ ވަރަށް ކިޔުޓް ދޯ." އާއިޒަށް ހަމަ ބިމަށް ފޭބުނީ، ނަޖާހުގެ އަޑަށެވެ. އޭރު މާޔާމެން ތިބީ ކާ އެއްޗެހި ނަގާށެވެ. މާޔާއަށް އާއިޒް ނުފެންނަކަން އާއިޒަށް އެނގުނެވެ. ފެނުނު ނަމަ މާޔާ އޭނާ ކައިރިއަށް އަންނާނެއެވެ.

" ކީކޭ؟" އާއިޒަށް ބުނެވުނެވެ.

" މަ ބުނީ އެއީ ލާސްޓްވީކުގަ އޮފީހަށް ޖޮއިންވީ ކުއްޖެއް. މަ ވަރަށް މުގޯލި އަޅަން އޭނަ ކެބިން ކައިރިން. އަދި ސެޓު ވާ ގޮތެއް ނުވެ. މަށަށް ހީވަނީ ބޮސް ވެސް ހުންނަނީ ހިތް ކިޔާފަހެން." ނަޖާހުގެ ޖުމްލަތައް ވެގެން ދިޔައީ އާއިޒަށް އަޑު އަހަން އުނދަގޫ ޖުމްލަތަކަކަށެވެ.

" އެ ކީއްވެ އެހެން ހީވަނީ؟" ކެތްމަދުވެފައި އިނދެ އާއިޒް ސުވާލު ކުރިއެވެ.

" އޭނަ އުޅެނީ އަހަރެމެންގެ ޑިޕާޓްމަންޓްގަ. އިރުއިރުކޮޅުން ބޮސް ގުޅައިގެން ބޮސްގެ ރޫމަށް ގެންދާނެ. މީޓިންގައިވެސް ބޮސްގެ ކަޅި ހުންނަނީ އަބަދު މާޔާއަށް. މަގޭ ވެސް ހިތުލައިގެން އުޅޭ ކަމެއް ވީމަ އެހާ ވަރަށް ބެލެނީ." ނަޖާހު ބުންޏެވެ.

( ނުނިމޭ )

މި ވާހަކަ ގެނެސްދޭން ހަމަޖެހިފައި ވަނީ ކޮންމެ އާދީއްތަ، އަދި ބުދަ ދުވަހެވެ.

(ނިމުނީ)