" ލޯބިވަނީތަ އަހަރެންދެކެ؟" މާޔާގެ ސުވާލުން އާއިޒަށް ސިހުން ލިބުނެވެ. އެހާ ސީދާކޮށް މާޔާ އެ ސުވާލު ކުރާނެ ކަމަށް އާއިޒް ހިތަކަށް ވެސް ނާރައެވެ. ދޭނެ ޖަވާބެއް ނޭނގިފައި އާއިޒަށް އިނދެވުނީ މާޔާގެ މޫނަށް ބަލާށެވެ.
" އަހަރެން މަތިން މިސްވާން ޖެހޭ ސަބަބެއް އޮންނާނެ އެއްނު." އަނެއްކާ ވެސް މާޔާ ބުންޏެވެ.
ހިތަށް އަރާ އެއްޗެހި ފަސޭހައިން ދުލުން ބޭރުކޮއްލަން މާޔާ ޖެހިލުމެއް ނުވެއެވެ. އަނެކާ ކޮންމެ އެއްޗެއް ހިތަށް އެރިޔަސް، ބުނަން ޖެހޭ އެއްޗެއް އެ ދަނޑިވަޅުގައި ބުނަން ޖެހޭނެކަމަށް މާޔާ ޤަބޫލު ކުރެއެވެ.
" ސަބަބު ބާއްވާ." އާއިޒް ބުނެލީ މަޑުމަޑުންނެވެ.
" އަދިވެސް ސިއްރު ކުރަނީތަ؟ ބުނެބަލަ އަހަރެންދެކެ ލޯބިވެޔޭ. " މާޔާ ބުނެލީ ހިނިތުންވަމުންނެވެ.
" ދެން މާޔާ އަހަރެންދެކެ ލޯބިވޭތަ؟" އާއިޒް އެހިއެވެ. އޭރު އޭނާގެ މޫނުމަތީގައި ހުރި ލަދުރަކިކަން ފެނި، މާޔާ ގާތަށް ހިނި އައެވެ.
" ހީނުކުރައްޗޭ އަހަރެން ތިހާ ފިނޑިވާނެ ކަމަށް. ތި ސުވާލު ކުރަން ނުވެސް ޖެހޭނެ. އާއިޒަށް އެނގޭނެ އަހަރެން ލޯބިވާކަން." މާޔާ ބުންޏެވެ.
" އަސްލުތަ؟" އަނެއްކާ ވެސް އާއިޒް އެހިއެވެ.
" އަހަރެން މި ބުނީ ތެދަށޭ. " މާޔާ ބުންޏެވެ.
އެކަކު އަނެކަކުގެ ނަޒަރު ސީދާ ވުމާއެކު ދެ މީހުންގެ ދެމެދަށް ހިމޭންކަން ވެރިވެއްޖެއެވެ. މާޔާގެ މޫނުމަތީގައިވާ ފުޅާ ހިނިތުންވުން ގެއްލުނީ އާއިޒް އޭނާއަށް ބަލަން ފެށި ގޮތުން ހަށިގަނޑު ފިނިވެގެންނެވެ. އާއިޒްގެ ދެ ލޮލުން މާޔާއަށް އެދޭ ވަރު ހާމަވުމުންނެވެ.
" ތިހެން ނުބަލާ! އަހަރެން ލަދުގަނޭ." އިސްޖަހާލަމުން މާޔާ ބުނީ ނުހަނު މަޑުމަޑުންނެވެ.
މާޔާގެ އެ މަޑުމައިތިރިކަން އާއިޒަށް ވަރަށް ކަމުދިޔައެވެ. މާޔާ ލަދުގަތުމުން މާ ލޯތްބޭ އޭނާގެ ހިތަށް އެރިއެވެ. މާޔާއާމެދު އޭނާގެ ހިތުގައި ލޯބި އުފެދުނީ ޚުދު އޭނާއަށް ވެސް ނޭނގިއެވެ.
" ހަމަ އެންމެ ބައްދަލް ވުމަކުން ލޯބީގެ ގުޅުމަކަށްތަ މި ދެވުނީ؟" މަޑުން އިނދެފައި މާޔާ ބުންޏެވެ.
" ތަޤްދީރުގައި ލިޔުއްވާފަ އޮތީމަ." އާއިޒް ބުންޏެވެ.
އެއާއެކު މާޔާ ހޭންފެށިއެވެ.
" ތިކަން އެނގެޔޭ. ލޯބިން ވެސް ބުނާނެ އެއްޗެއް އާއިޒަކަށް ނޭނގެ ދޯ. އާނ އެހެންނު ވާނީ. ވާހަކަ ދެއްކުމަކީ އާއިޒަށް ބޮޑު ކަމެއް ވިއްޔަ. އަހަންނަކީ ހަމަ ހުއްޓާނުލާ ވާހަކަ ދައްކާލަދައްކާލަ ހުންނަ މީހެއް. ހީވޭތަ އަހަންނާއެކު އާއިޒަށް އުޅެން ފަސޭހަވާނެހެން؟" މާޔާ އެހިއެވެ.
" އަނގަ ގަދަ އަންހެން ކުދިންނަކީ ވަރަށް ހިތްހެޔޮ ބައެކޭ ބުނާ އަޑު އަހަން. ކޮންމެ މީހަކާ ވެސް ވައިބް ދިމާވާނެ. މަޖާ އަންހެންކުދިންނަކީ އަދި މާ ލޯބި ބައެއްކަމަށް ވަނީ. " އާއިޒް ބުންޏެވެ.
" އޯހް! އަންހެން ކުދިންގެ ވައްތަރުތައް ހާދަ ބޮޑަކަށް ދިރާސާ ކޮއްފައޭދޯ ތި ހުރީ؟" ދެ ބުމަ އުފުލައިލަމުން މާޔާ ބުންޏެވެ.
" ނޫން. އެއީ ދެންމެ ކޮފީގައި އިން ސޮރު ބުނި އެއްޗެއް. އޭނަ ވަރަށް އަނގަތަޅާލާ. " އާއިޒް ބުންޏެވެ.
" އެހެންވީމަ ކަމަކު ނުދޭ ދޯ؟" މާޔާ އެހިއެވެ.
" ނޫނޭ. އަހަންނަށް ވަރަށް ފަސޭހަ އަޑުއަހަން އިންނަން." ހިނިގަނޑެއް ޖަހާލަމުން އާއިޒް ބުނެލިއެވެ.
ކުއްލިއަކަށް މާޔާގެ ފޯނު ރިންގްވާން ފެށިއެވެ. އެއާއެކު އާއިޒްގެ ސަމާލުކަން ހުއްޓުނީ މާޔާގެ ފޯނަށެވެ.
" އެ ގުޅަނީ އޮފީހުން. ހިނގާ ދަމާ. ވަގުތު ދިޔަ ގޮތް ވެސް ނޭނގުނު ދޯ." އުފަލުން ހުރެ މާޔާ ބުނެލީ ފޯނު ކަނޑާލަމުންނެވެ.
" މިރޭ އަހަރެން ގުޅާނަން އިނގޭ. " އާއިޒް ތެދުވަމުން ބުންޏެވެ. އެއާއެކު މާޔާގެ މޫނުމަތި އުޖާލާވެގެން ދިޔަތަން އާއިޒަށް ފެނުންވެ.
އޮފީސް ނިންމާލުމަށްފަހު އެކުގައި މަސައްކަތްކުރާ ކުއްޖަކާއެކު މާޔާ ގެއަށް ދިޔައީ ސައިކަލްގައެވެ. އޭރު އޭނާ ހުރީ ވަރަށް ބޮޑަށް ވަރުބަލިވެފައެވެ. ފެންވަރާލައިގެން ނިދާލާނީއޭ ހިތާ ކޮޓަރިއަށް ވަތް އިރު ކޮޓަރީގައި އުޅޭ ކުއްޖަކު ގިސްލަގިސްލާފައި ރޮމުން ދެއެވެ.
" ހޭ! ސުހާ! ކިހިނެއްވީ؟ ކީއްވެ ރޮނީ ތި ވަރަށް؟" ސުހާގެ ކޮނޑުގައި ހިފަމުން މާޔާ އެހިއެވެ.
" ދައްތަ ވަރަށް އެއްޗެހި ކިޔައިފި. ކޮޓަރި އެންމެންނަށް. ބުނީ ފެންބިލް ބޮޑުވަނީ އަހަރެމެން ނުބަލާތީއޯ." ސުހާ ދިނީ މާޔާ ހިތަށް ވެސް ނާރާ ފަދަ ޖަވާބެކެވެ. ސުހާގެ ވާހަކައިން މާޔާ ވެސް ކަންބޮޑު ވެއްޖެއެވެ.
" މާޔާ އަހަރެން ބޭނުންވަނީ މި ގެއިން ނިކުންނަން. ކުރީ މަހު ކަރަންޓު ބިލް ބޮޑުވީމަ ވެސް ބުނި ނިދާއިރު ވެސް ބޮކި ޖައްސާތިއްޔޭ. " ސުޙާ ބުންޏެވެ.
އެނދުގައި އިށީންނަމުން މާޔާއަށް ދެ ފަރާތަށް ބޯ ހޫރާލެވުނެވެ.
" ނިކުމެގެން ދާނެ ތަނެއް އެބައޮތްތަ؟" މާޔާ އެހިއެވެ.
" އައިޝާ ވެސް ވެއްޖެ ތަނެއް ބަލަން ގޮސް. އަހަރެން ދާނީ ރަށަށް ދެން. މާޔާ ވެސް މިތާ ހުންނާނެ ކަމެއް ނެތް." ސުހާ ބުންޏެވެ.
މާޔާ ބޯ ޖަހާލިއެވެ. މި ފަދަ ވަގުތެއްގައި ވަޒީފާގައި ހުރެވުނުކަން އެއީ ނަސީބެކޭ އޭނާގެ ހިތަށް އެރިއެވެ. ސުހާމެން ދަންޏާ މާޔާ ވެސް ހުންނަ ހިތެއް ނުވިއެވެ. ދަބަހުން ފޯނު ނެގުމަށްފަހު އޮފީސް އެކުވެރިޔާ ޒިމްނާއަށް މާޔާ ގުޅިއެވެ. ޒިމްނާއަކީ ދެ ކުދިން ގޮވައިގެން އެކަނި އުޅޭ މީހަކަށް ވިޔަސް މާޔާއަށް އޭނާ އެހީވާނެކަން މާޔާއަށް ޔަޤީން ކުރެވެއެވެ.
ކަންތައްވީ ވެސް އޭނާ ބޭނުންވާ ގޮތަށެވެ. ޒިމްނާގެ ގޭގައި ހުރެވޭނެ ވާހަކަ ޒިމްނާ ބުނުމާއެކު މާޔާ ވެސް އޭނާގެ އެއްޗެހި ބަންދު ކުރަން ފެށިއެވެ. މާ ގިނަ ސާމާނުތަކެއް ނެތުމުން އޭނާގެ މަސައްކަތް ނުހަނު އަވަހަށް ނިމިއްޖެއެވެ.
" ދިޔުމުގެ ކުރިން އަހަރެން ބޭނުން ދައްތައާ ވާހަކަ ދައްކަން. އަހަރެމެންގެ ސައިޑުން ވެސް ބުނަން ޖެހޭ އެއްޗެއް ބުނެފައި ނޫނީ މަށެއް ނުދާނަން. އަހަރެމެންގެ ބޮލަށް ޖަހާ ކޮންމެ ބަދުނާމަކަށް އެއްބަހެއް ނުވާނަން." މާޔާ އެހެން ބުނުމާއެކު ސުހާ ގަތީ ބިރެވެ.
" އެހެންވެ އަހަރެން މާޔާ ކައިރީ ބުނަން ޖެހިލުންވަނީ. އެ މީހުން ދެއްކި ވާހަކައަކީ ޙަޤީޤަތެއް ނެތް ވާހަކައަކަށް ވިޔަސް އެއްޗެއް ބުނުމެއް ނެތެއްނު." ސުހާ ބުންޏެވެ.
" ނޫން. އަހަންނަކީ ސުހާއެއް ނުނޭ. އަނގަ ތަތްކޮއްގެން އިންނަން." މާޔާ ބާރު ބާރަށް ބޭރަށް ނިކުތް އިރު އެ ގޭ ދައްތަ ހުރީ ސިޓިންރޫމްގައެވެ.
" މާޔާ ވެސް ދަނީ؟ " މާޔާ ފެނުމާއެކު ދައްތަ ބުންޏެވެ.
" ނިދާ ބޮކި ދިއްލައިގެން އަޅުގަނޑުމެން ނިދަނީ އަނދިރީގައި ނިދަން އުނދަގޫ ވާތީ. ހަފްތާއަކު ދެ ފަހަރު އެއްޗެހި ދޮންނަނީ ދައްތަ އެ ގޮތަަށް ބުނެފައި އޮންނާތީ. ކަރަންޓާ ފެން ބިލް ބޮޑުވީމަ އަޅުގަނޑުމެންދެކެ ރުޅި އަންނަންޏާ ކިހިނެއް މަޑުކުރާނީ؟" މާޔާ ބުންޏެވެ.
އެއާއެކު ދައްތަގެ މޫނުމަތިން ފެނުނީ ނުތަނަވަސްކަމެވެ.
" ދައްތަ ބުނީ ކަރަންޓާ ފެނަށް ބަލައިގެން އުޅޭށޭ. " އޭނާ ބުންޏެވެ.
" މިޙާރު ރޫމް އެއްވެސް ކުއްޖެއް ބޭނުމެއް ނުވޭ މި ގޭގަ ހުންނާކަށް. އެހެންވެ ދަނީ ދެން. މި އޮތީ ތަޅުދަނޑި." މާޔާ އެހެން ބުނުމަށްފަހު ތަޅުދަނޑި ދިއްކޮއްލިއެވެ.
" ދާންޖެހޭ ވަރުގެ ކަމެއް ނޫން ދޯ އެއީ. ބުނާ ކަންކަން ރަނގަޅު ކުރީމަ ވީނު." ދައްތަ އިތުރަށް ބުނި އެއްވެސް އެއްޗެއް އަޑު އެހުމެއް ނެތި މާޔާ ނިކުމެގެން ދިޔައެވެ.
ކާރަށް އެރުމަށްފަހު މާޔާ އާއިޒަށް ގުޅައި، ކަންވީގޮތް ކިޔައިދިނެވެ. ހަމަޖެހޭ ގޮތް ދައްކަން މަސައްކަތް ކުރި ނަމަވެސް މާޔާގެ އަޑުން، އޭނާ ނުތަނަވަސްވެފައިވާ ވަރު އާއިޒަށް ފާހަގަ ކުރެވުނެވެ.
" ދެން ތި ދާ ގެއަކީ ރަނގަޅު ގެ އެއްތަ؟" އާއިޒް އެހިއެވެ.
" ހޫމް. އެއީ އޮފީސް ކުއްޖެއް. އޭނަ އަބަދުވެސް އަހަންނާއެކު އުޅޭނީ. އޭނަ ވަރަށް ރަނގަޅުވާނެ. " މާޔާ ބުންޏެވެ.
" އެކަމަކު މީހުންގެ ކައިރީ އުޅެން މާޔާއަށް ފަސޭހަ ވާނެތަ؟" އާއިޒް އަނެއްކާ ވެސް އެހިއެވެ.
" ފަސޭހައެއް ނުވާނެ ކުޑަ ކުއްޖަކާއެކު އުޅެން ޖެހޭނީ. އެކަމަކު ވެސް އަމިއްލައަށް ތަނެއް ކުއްޔަށް ނެގެންދެން އުޅެން ޖެހޭނެއެއްނު. ސޭވް ވެސް ކޮއްގެން ތަނެއް ނެގޭނީ." މާޔާ ބުންޏެވެ.
" އޯހް! އެހެން ދޯ! އޯކޭ. " އާއިޒް ބުންޏެވެ.
" ބާއްވަނީ؟" މާޔާ އެހިއެވެ.
" އާނ. ދެން ބާއްވަންވީ ނޫންތަ؟" އާއިޒް ބުންޏެވެ.
" އަދި މަޑުކޮއްބަލަ. އެ ގެއާ ހަމަކަށް ނުވެސް ދެވޭ." މާޔާ ޝަކުވާ ކުރިއެވެ.
" ހޫމް. އެ ގެއާ ހަމައަށް ދެވުނީމަ ބުނޭ." އާއިޒް ބުންޏެވެ.
އެ ވަގުތު މާޔާއަށް ހެވުނެވެ.
" ދެން ދެވެން ދެން ވެސް ވާހަކަ ދައްކަބަލަ." މާޔާ އެދުނެވެ.
" ދެން ކީކޭ ކިޔަންވީ؟ ދެން... އިތުރު ވާހަކައެއް ނެތް މި ގަޑީގަ ބުނާކަށް." ލަސްލަހުން އާއިޒް ބުންޏެވެ.
" ދައްކާނެ ވާހަކަ އޮތިއްޔާތަ އަހަންނަށް ގުޅާނީ ދެން؟" މާޔާ އެހިއެވެ.
" އާނ! އެއްޗެެކޭ ނުކިޔާ ހުންނާކަށް ނުގުޅޭނެ އެއްނު." އާއިޒް ހޭން ފެށިއެވެ.
" ހުއް! ވަރަށް ފޫހިވޭ. ބާއްވަނީ ދެން." ކުޑަކުއްޖަކު ފަދައިން މާޔާ އެހެން ބުނުމަށްފަހު ފޯނު ބޭއްވިއެވެ.
އޭރު އާއިޒްގެ މޫނުމަތިން ފެންނަމުން ދިޔައީ އުފާވެރިކަމެވެ. މާޔާއާ މެދު އޭނާ ވަރަށް ހިތްހަމަޖެހެއެވެ. ގަޔާވެއެވެ. ހިތުގެ އަޑިން ލޯބިވެއެވެ. ނޭނގި ވެވޭ ލޯތްބަކީ ވަރުގަދަ ލޯތްބެއްކަން އާއިޒަށް އިޙްސާސްކުރެވުނީ އަދިކިރިޔާއެވެ.
އޭރު ވެސް ޖަމީލާ ދިޔައީ ބާރުބާރަށް އާއިޒަށް ގޮވަމުންނެވެ. ކޮޓަރިން ނިކުތް އިރު ކާމޭޒު ކައިރީ އޭނާގެ އިންތިޒާރުގައި މަންމަ އިންތަން އާއިޒަށް ފެނުނެވެ.
" އަޅެ އިރެއް ވެއްޖެ ގޮވަނީ؟ މިހާރު ހިހޫ ވެއްޖެ ސައިތަށި ވެސް." ޖަމީލާ ބުންޏެވެ.
އެއްޗެއް ނުބުނެ އާއިޒް ގޮސް އިށީނެވެ. މަންމަ އެހެން އިނުމުން އޭނާ އެ އިނީ ކޮންމެވެސް ކަމަކާ ވާހަކަ ދައްކަން ބޭނުންވެފައިކަން އާއިޒަށް އެނގުނެވެ. އެހެންވެ، މަންމައާ އެއްވެސް ވާހަކައެއް ދެއްކުމެއް ނެތި އާއިޒް ކަމުން ދިޔައެވެ.
" މިހާރު ވަޒީފާއެއް ވެސް ލިބުނީ. ދެން ކޮން އިރަކުންތަ މީހަކާ އިންނަނީ؟ މަންމައަކަށް ހިއެއްނުވެ ދަރިފުޅު މީހަކު ހޯދައިގެން އިންނާނެހެންނެއް. މަންމަ ހޯދަންވީތަ މީހެއް؟" ޖަމީލާގެ ވާހަކައިން އާއިޒްގެ މޫނުމަތިން ފެނުނީ ހިނިތުންވުމެވެ.
" އާނ! ހޯދާ." އާއިޒް ބުންޏެވެ.
އޭނާގެ ހުއްދަ ލިބުމުން ޖަމީލާގެ ހިތަށް ބޮޑު އުފާވެރިކަމެއް ވެރިވިއެވެ.
( ނުނިމޭ )
މި ވާހަކަ ގެނެސްދޭން ހަމަޖެހިފައި ވަނީ ކޮންމެ އާދީއްތަ، އަދި ބުދަ ދުވަހެވެ.
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!