ރާއްޖޭގެ އަށް ރަށެއްގައި ގާއިމުކުރާ ކޯލްޑް ސްޓޯރޭޖް މަޝްރޫޢުތައް ކުރިއަށް އޮތް 15 މަސްދުވަހުގެ ތެރޭގައި ނިންމަވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިކަން ހާމަކުރެއްވީ މިދިޔަ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހަށް އިއްވެވި މިއަހަރުގެ ރިޔާސީ ބަޔާނުގައެވެ.
މަސްވެރިކަމުގެ ސިނާޢަތަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ރޯމަސް ރައްކާކުރާނެ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ ކުޑަވުންކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ މިކަމަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށެވެ.
އެގޮތުން ކޯލްޑް ސްޓޯރޭޖް ގާއިމުކުރުމުގެ މަޝްރޫޢުގައި ހިމެނޭ ރަށްތަކަކީ:
- ހއ. އިހަވަންދޫ
- ޅ. ފެލިވަރު
- މ. މުލައް
- ފ. ނިލަންދޫ
- ގއ. ކޫއްޑޫ
- ގދ. ތިނަދޫ ސިޓީ
- ގދ. ފިޔޯރީ
- ސ. ހުޅުދޫ
ރައީސް ވިދާޅުވި ގޮތުގައި އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް 15 މަސް ދުވަހުގެ ތެރޭގައި މި ރަށްތަކުގެ މަޝްރޫޢުތައް ނިންމައި ހަވާލުކުރެވޭނެއެވެ.
އިހަވަންދޫ ފިޝަރީޒް ކޮމްޕްލެކްސްގެ ބަނދަރު ޤާއިމްކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ
މީގެ އިތުރުން، މަސްވެރިންނަށް ބޭނުންވާ އައިސް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ގއ. ދެއްވަދޫ، ށ. ފުނަދޫ، ދ. މީދޫ އަދި ބަނޑިދޫގައި އާ އައިސް ޕްލާންޓްތައް ގާއިމުކޮށް މިހާރު ޚިދުމަތް ދޭން ފަށާފައިވާ ކަމަށެވެ. އަދި މ. ވޭވަށާއި ލ. މާބައިދޫގެ އައިސް ޕްލާންޓްތަކުގެ މަސައްކަތް މިއަހަރުގެ މެދުތެރޭގައި ނިމި، ޚިދުމަތް ދޭން ފެށޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވުމުގެ ގޮތުން، 10 ޑިސެންބަރު 2024 އިން ފެށިގެން މަސްވެރިންނަށް ފައިސާ ދޫކުރަމުންދަނީ 48 ގަޑިއިރު ތެރޭގައެވެ. މިގޮތުން، 10 ޑިސެންބަރު 2024 އިން ފެށިގެން މެދުނުކެނޑި 3 ފެބުރުވަރީ 2026 ގެ ނިޔަލަށް ޖުމްލަ 1,016,329,376 (އެއްހާސް ސޯޅަ މިލިއަން ތިންލައްކަ ނަވާވީސް ހާސް ތިންސަތޭކަ ހަތްދިހަ ހައެއް) ރުފިޔާ މަސްވެރިންނަށް ދޫކުރެވިފައިވާ ކަމަށް ރައީސް މުޢިއްޒު ފާހަގަކުރެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!