ހއ. އިހަވަންދޫގައި ގާއިމުކުރާ ފިޝަރީޒް ކޮމްޕްލެކްސްގެ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ފެށުމަށް މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކޮށްފައެވެ.
އެމްޓީސީސީ އާއި މި މަޝްރޫޢު ހަވާލުކޮށްފައިވަނީ 2023 ވަނަ އަހަރު އޯގަސްޓު މަހުއެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ސައިޓް މޮބިލައިޒްކޮށްފައިވަނީ މި މަހުގެ 8 ވަނަ ދުވަހުއެވެ.
އެގޮތުން މި މަޝްރޫޢު ކުރިއަށް ގެންދިއުމުގެ ގޮތުން ބަނދަރު އެޅުމަށް ބިން ކަނޑައަޅާފައިވަނީ ރަށުގެ އެންމެ އުތުރުގައި ހިއްކާފައި އޮތް ސަރަހައްދުގައެވެ.
ޖުމްލަ 416 މިލިއަން ރުފިޔާގެ މި މަޝްރޫޢު ނިމޭއިރު 1000 ޓަނުގެ ކޯލްޑް ސްޓޯރޭޖާއި، 50 ޓަނުގެ ބްރައިން ފްރީޒިންގ ފެސިލިޓީއާއި، އޮފީސް ޖާގައާއި، އިންޖީނުގެއާއި، ގުދަނަކާއި، ތިން ދިމާއަކުން މަސްކިރޭނެ 7 މީޓަރު ފުންމިނުގެ 1000 މީޓަރު ދިގު މަގަތު ފާލަމަކާއި އަދި 4.5 މީޓަރު ފުންމިނުގެ ބަނދަރެއް، ޖެޓީއާއެކު ތަރައްގީކުރެވޭނެކަމަށް ސަރުކާރުން ކުރިން ވަނީ ބުނެފައެވެ.
ނިސްބަތުން ބަލާއިރު އާބާދީގެ ގޮތުގައި 3623 މީހުން ދިރިއުޅޭ މި ރަށަކީ މަސްވެރިކަމުގެ ސިނާޢަތު ފުޅާ ރަށެއްކަމުން އުތުރުގެ އަތޮޅުތަކުން މަސްކިރުމަށާއި އައިސް އެޅުމަށް އަންނަނީ އިހަވަންދޫއަށެވެ.
މިކަމުގެ ސަބަބުން މި މަޝްރޫޢު ނިމޭއިރު އިހަވަންދޫގެ މަސްވެރިންނަށާއި ރަށަށް އަރާ ފައިބާ މަސްވެރިންނަށް ލުއިވެ، ރަށަށާއި މަސްވެރިކަމުގެ ސިނާއަތައް ފައިދާ ވާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!