ބޮޑުތިލަދުންމަތި ހިމެނޭހެން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މެރިކަލްޗަރ މަސައްކަތް ކުރުމަށް ކަނޑައަޅާފައިވާ ޒޯނުތަކަށް އިންވެސްޓްކުރާ ފަރާތްތަކަށް ބޮޑެތި ލުއިތަކެއް ދެއްވަން ނިންމަވާފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިކަން ހާމަކުރެއްވީ މިދިޔަ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހަށް އިއްވެވި މިއަހަރުގެ ރިޔާސީ ބަޔާނުގައެވެ.
ރައީސް ވިދާޅުވީ މަސްވެރިކަމުގެ ސިނާޢަތް އިތުރަށް ފުޅާކޮށް، އާ ގޮފިތައް ތަޢާރަފުކުރުމުގެ ގޮތުން މެރިކަލްޗަރ މަސައްކަތް ކުރުމަށް ޚާއްޞަ ފަސް ޒޯނެއް މިހާރު ކަނޑައަޅާފައިވާ ކަމަށެވެ. އެގޮތުން ކަނޑައަޅާފައިވާ ސަރަހައްދުތަކަކީ:
ބޮޑުތިލަދުންމަތި (ހއ. އަދި ހދ. އަތޮޅު)
ރ. އަތޮޅު
ކ. އަތޮޅު
މ. އަތޮޅު
ތ. އަތޮޅު
މި ސަރަހައްދުތަކުގައި އިންވެސްޓްކުރާ ފަރާތްތަކަށް ދިނުމަށް ނިންމާފައިވާ ލުއިތަކުގެ ތެރޭގައި، އެކުއިޒިޝަން ފީއަކާ ނުލައި ބިން ނުވަތަ ފަޅު ލިބޭނެ އިންތިޒާމު ހަމަޖެއްސުމާއި، މަސައްކަތް ފަށާ ފުރަތަމަ ތިން އަހަރުގެ ކުލި ދައްކަން ނުޖެހޭ ގޮތަށް ހަމަޖެއްސުން ހިމެނެއެވެ.
މީގެ އިތުރުން، މެރިކަލްޗަރ ސިނާޢަތް ކުރިއެރުވުމަށްޓަކައި ގއ. މާނާގަލާގައި މިހާރު ކުރިއަށްދާ މަލްޓި ސްޕީޝީޒް ހެޗަރީގެ މަސައްކަތް މިއަހަރުގެ ތެރޭގައި ނިންމައި، އެތަނުގެ ޚިދުމަތް ރަސްމީކޮށް ފެށޭނެ ކަމުގެ އުންމީދު އޮތް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރިޔާސީ ބަޔާނުގައި ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގައި ސްޕޯޓްސް ފިޝިންގ ނުވަތަ މުނިފޫހިފިލުވުމުގެ މަސްވެރިކަން ކުރިއެރުވުމަށްޓަކައި ކ. ބޮއްޗުފަރު، ވ. މާދިއްގަރު ފަޅު، ގދ. ބޮލިމަތައިދޫ އަދި ގއ. މާފަރު ވަނީ ޚާއްޞަ ސަރަހައްދުތަކެއްގެ ގޮތުގައި ކަނޑައަޅާފައެވެ. މި ސަރަހައްދުތަކުގައި ސްޕޯޓްސް ފިޝިންގ ބަނދަރުތައް ތަރައްޤީކުރުމަށްޓަކައި ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް މިއަހަރުގެ ފުރަތަމަ ދައުރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މި ފިޔަވަޅުތަކަކީ ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކޮށް، މަސްވެރިކަމުގެ ދާއިރާއިން ލިބޭ ނަފާ އިތުރުކުރުމަށް ސަރުކާރުން ފައްޓަވާފައިވާ މުހިންމު މަސައްކަތްތަކެއްކަން ރައީސްގެ ބަޔާނުގައި ފާހަގަކުރެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!