" ލޯތްބަކީ ފައިސާ. ފައިސާ ނެތިއްޔާ ލޯތްބެއް ވެސް ނުލިބޭނެ. މީހަކަށް ލޯބި ދޭން ބޭނުން ވިޔަސް ފައިސާ ނެތިއްޔާ ކިހިނެއް ލޯބި ދޭނީ؟ ކިހިނެއް އަނެކާ ބޭނުންވާ ކަންތައްތައް ފުރިހަމަ ކޮއްދޭނީ؟ނއަލިފާންފޮއްޓަކަށް އަންހެނުން ލައިގެން ، ލޯބިވެޔޭ ކިޔާ ފިރުމީމަ އެ ނިމުނީތަ؟ އޭގެ ބަދަލުގައި ވައިފްއާ ދަރިން އުފާކޮއްދޭން ޗުއްޓީ ހޭދަކުރަން ގޮސް، އެކި ތަންތަނުން ކާލައިގެން، ރީތި އެއްޗެހި ގަނެލީމަ ކިހާ އުފާވާނެ ތައިބާމެން. އެހެންވީމަ، ލާރި ނެތިއްޔާ މި ޒަމާނުގައި ލޯތްބަކީ ހަމަ ސުމެއް. " ޒިޔާދުގެ ވާހަކަތައް އަޑުއަހަން އަހަންނަށް އިނދެވުނީ ހައިރާންވެފައެވެ.
ހިތަށް އެރިއެވެ. ޒިޔާދު ދުވަހަކު ވެސް ބަދަލެއް ނުވާނެއެވެ. އޭނާއާ މެދު ވިސްނާވިސްނާ ހަލާކުވާނީ އަހަންނެވެ. ފިކުރުކޮށްކޮށް ވަރުބަލިވާނީ ވެސް ހަމަ އަހަންނެވެ. އަދި ކޮންމެ ދުވަހަކު މި ކުރާ ހަނގުރާމައިގެ ހަތިޔާރުތައް ދޫކޮށް، ބަލި ގަބޫލު ކުރަން ޖެހޭނީ ވެސް ހަމަ އަހަންނަށެވެ. ޒިޔާދު ގޮތްދޫކުރުމަކީ ނެތް ގޮތެކެވެ.
" ކޮބާ؟ އަޑު އިވިއްޖެ؟ ގަބޫލެއް ނުކުރެވޭތަ މި ބުނި އެއްޗެއް؟ އަޅެ ބުނެބަލަ. ތައިބާ ބުނާ އެއްޗެއް އަހަންނަކަށް ނުދެވޭތަ؟ ރެޔާ ދުވާލު، ގިނަ ފަހަރު ނުވެސް ކައި މި އުޅެނީ ލާރި ހޯދަން. އަހަންނަކީ ލާރި ބަށް ކުރާ މީހެއް ނޫން. ސޭވް ކުރާށޭ ކިޔާފައި ތައިބާއަށް ލާރި ނުދޭ މީހެއް ވެސް ނޫން. އުފަލެއް ނުވޭތަ ހަމަ؟ " ޒިޔާދު ވާހަކަ ދެއްކި ރާގުން، އޭނާ ހުރީ ހުދު އޭނާއާމެދު ވަރަށް ފަހުރުވެރިވެފައިކަން އަހަންނަށް އެނގުނެވެ.
" ތެދެއް ތި ބުނީ. ޒިޔާ ވަރަށް މަސައްކަތްކޮށްގެން، ވަރަށް ގިނަ ވަގުތު ހޭދަކޮށްގެން ފައިސާ ހޯދަނީ. އެކަމަކު އަހަންނަށް މައްސަލައަކީ ބެލެންސް ނުކުރެވޭތީ. ވަޒީފާއާއި އަމިއްލަ ދިރިއުޅުން ބެލެންސް ކުރަން، އެނގެންވާނެ. މަސައްކަތްކޮށްގެން ލާރި ލިބެނީ. އެކަމަކު އެ ލާރި ހޯދާ މަޤްސަދު ޒިޔާއަކަށް ނޭނގެއެއްނު. " އަހަރެންގެ ވާހަކަ އެ ހިސާބަށް ދިޔުމާއެކު ޒިޔާދު ފޫހި ގޮތަކަށް ހޫމް އަޅުވާލިއެވެ.
" ހޯންން. އެ ފަށަނީ. ތިއީ އަބަދުވެސް ތައިބާ ދައްކާ ވާހަކައެއްނު." ޒިޔާދު ބުންޏެވެ.
" އަބަދު ދެއްކިޔަސް ޒިޔާދު އިސްލާހުވޭތަ؟ މި ކަމަށް ހައްލެއް ލިބޭތަ؟ " އަހަންނަށް ހަޅޭއްލަވައިގަނެވުނީ ދެރަވެގެންނެވެ.
އަހަރެންގެ އިހްސާސްތައް ހަމަ އެންމެ ފަހަރަކު ވެސް ޒިޔާދަކަށް އިހްސާސެއްނުވެއެވެ. އެއް ފަހަރު، ދެ ފަހަރު ނުވަތަ ތިން ވަނަ ފަހަރަށް ވެސް އެއް ވާހަކައެއް އަހަރެން ފަށަނީ އެ ކަން ހައްލުނުވާއިރު، އެ ކަމުން އަހަންނަށް ހިތްދަތިކަން ލިބޭތީއެވެ. އެ ކަންތައްތައް ރަނގަޅު ކުރުވަން ބޭނުން ވާތީއެވެ.
" ކިހާ ބޮޑު ބަލާއެއް ދެން. ޝަކުވާ ކުރާކަށް ވަކި ވަގުތެއް ނޯވެ. ބާއްވަނީ." ޒިޔާދު ބުންޏެވެ.
އަހަރެންގެ ގިސްލުމުގެ އަޑަކަށް އޭނާ މާ ހާއްސަ ސަމާލުކަމެއް ނުދިނެވެ. އެ ގޮތަށް ފޯނު ނުބާއްވާށޭ އަހަރެން އަބަދުވެސް ބުނަމެވެ. ދެ މީހުން ހިތްހަމަ ނުޖެހިގެން ތިބެ، ނިދާކަށް އަހަރެން ބޭނުމެއް ނުވެއެވެ. ދުރުގައި ވިޔަސް އަދި ކައިރީގައި ހުއްޓަސްމެއެވެ. ނިދުމުގެ ކުރިން ސުލްހަވާން އަހަރެން މަސައްކަތް ކުރަމެވެ. އެކަން ކުރަން ވެސް ޒިޔާދު ހުންނަނީ ބޮޑުވެފައި ކަހަލައެވެ.
" ނޯ! މަޑުކުރޭ. ތިހެން ފޫހި ވެގެން، ރުޅި އައިސްގެން ފޯނު ކަނޑާލާފައި ޒިޔާދުއަށް ނިދަން ފަސޭހަ ވެދާނެ. އެކަމަކު މުޅި ރޭ އަހަރެން އޮންނަނީ ހޭލައޭ. މުޅި ރޭ އަހަރެން އޮންނަނީ ރޯށޭ." އަހަރެން ބުނީމެވެ.
" ތިއީ އަމިއްލަ ބޯ ބޮނޑިއެއްނު. މިރޭ ވެސް އަނގަނާރުވާ ނިދި ނަމަ ތިހެން ހަޅޭއްލަވާކަށް ނުޖެހޭނެ ދޯ." ފަސޭހަކަމާއެކު މަލާމާތުގެ ރާގަކަށް ޒިޔާދު ބުންޏެވެ.
" ޒިޔާ ޕްލީޒް. ދެން ނޫން! ދެން ތި ރާގަށް ވާހަކަ ނުދައްކާ ޕްލީޒް. ކިތައް ފަހަރު ބުނާނީ ރުޅި އަޔަސް ހަޑިއެއްޗެހި ނުކިޔާށޭ." އަަހަންނަށް ބުނެވުނެވެ.
އޭރު އަހަރެންގެ ނޭވާ ކުރުވެ، ނޭވާ އަވަސް ވާން ފަށައިފިއެވެ. ވަރުބަލިވަމުން ގޮސް ގައިން ހަކަތަ ދޫވާން އުޅޭ ކަހަލައެވެ. މަޑުމަޑުން އައިސް ސޯފާއަށް ވެއްޓި ގަނެ އަހަރެން ދެ ލޯ މަރާލީ، ހަށިގަނޑަށް ލުޔެއް ލިބޭތޯއެވެ. އޭރު ވެސް ކަންފަތުން ފޯނު ނުނައްޓަމެވެ.
" ރާގުރާގަށް ވާހަކަ ދައްކާނެ ދޯ ފާޑުފާޑަށް މަށަށް އެއްޗެހި ގޮވަންޏާ." ޒިޔާދު ބުނެލިއެވެ.
" އެއްޗެެއްސެއް ނުގޮވަމެއްނު. އަހަރެން ބޭނުންވީ ޒިޔާއަށް ވިސްނައިދޭން. މި ލައިފްގައި އަހަންނަށް މަދުވާ ކަންތައްތައް ބުނެދީގެން އެކަން ރަނގަޅު ކުރުވަން ބޭނުންވީ. ވާހަކަ ނުދައްކާ ކިހިނެއް ކަންތައްތައް ހައްލު ކުރެވޭނީ؟ " އަހަރެން ވާހަކަ ދެއްކީ މަޑުމަޑުންނެވެ.
" އަނެއްކާ ފަށައިފި. ސާބަހޭ ތައިބާ. މަދުވާ ކަމެއް ނޯންނާނެޔޭ ހަމަ ބުނާއިރަށް ގޮތްދުލެއް ނުކުރެޔޭ. އަނެއްކާ ކޮންމެވެސް އެއްޗެއް ކިޔަން ވެގެންނޭ ތި އުޅެނީ. މިރޭ އަހަރެން ނިދިޔަ ނުދޭތި. ވަޒީފާއިން ކެނޑިގެން ގޮސް ގޭގައި އޮތީމަ ބޭނުން ވައްތަރަކަށް އުޅެވިފައެއްނު އޮންނާނީ. މާ އަނގަގަދަ ކުރަންޏާ ފެންވަރު ދަށް ކުރަން ޖެހިދާނެ." ޒިޔާދުގެ މޫޑު ބަދަލު ވާ ގޮތެއް ނުވިއެވެ.
ރުޅި އައިސްގެން ޒިޔާދު ކިޔަމުން ދިޔަ އެއްޗެއްސަށް ރައްދު ދޭކަށް އަހަރެން ބޭނުމެއްނޫނެވެ. ރައްދެއް ދީފިނަމަ އަނެއްކާ ހުޅު ގަދަވާނެކަން އަހަންނަށް އެނގެއެވެ.
" އަސްލުވެސް ޒުވާބު ކުރާކަށް ނޫން އަހަރެން ވާހަކަފެށީ. ރުޅި ނައިސް ފުރަތަމަ އަޑު އެހީމައެއްނު އެނގޭނީ. " އަހަރެން ބުނީމެވެ.
" ކިތައް މީހުން އެ އުޅެނީ އަނބިދަރިން ގޮވައިގެން މާލެ ބަދަލު ނުވެވިގެން. ނޫނީ މާލެ ގެނެސް އެ މީހުން ބަނޑަށް ބައިތިއްބަނީ ކިތައް މީހުން؟ އަހަރެން މި އުޅެނީ އެހެންތަ؟ އަހަރެންގެ އަތުގައި އޮތިއްޔާ އޮތް އެއްޗެއް ދީގެން ތައިބާއާ ލިލީ އުފަލުގައި ގެންގުޅެން ދޯ މި މަސައްކަތް ކުރަނީ؟" ޒިޔާދު ބުންޏެވެ.
ޒިޔާދުގެ އެ ޖުމްލަތައް އިވޭ ކޮންމެ ފަހަރަކު އަހަރެންގެ ލޭ ކެކިގަންނަވަރުން، ނާރުތައް ބުރިބުރިވާ ކަހަލައެވެ. ހިތް އަވަސްވެ، ހިތުގެ ހިނގުން އެނބުރިގެން ދާ ކަހަލައެވެ. ނަމަވެސް ރުޅި ކޮންޓްރޯލް ކުރުމަށް އަހަރެންގެ ޟަމީރު އަބަދުވެސް އަހަންނަށް ވިސްނައިދެއެވެ. އެހެންވެ، މި ފަހަރު ވެސް އެތެރެއަށް ނޭވާ ހިފަހައްޓާލުމަށް އަހަރެން ހަމަޖެހެން މަސައްކަތް ކުރީމެވެ.
" އަހަރެން ތިކަން ގަބޫލު ކުރަމޭ. އަހަރެން އެކަމާ ޒިޔާއާމެދު ޕްރައުޑް ވަމޭ. ޝުކުރު ވެސް ކުރަމޭ. އެކަމަކު ޒިޔާ އަހަންނާމެދު ވިސްނާލަބަލަ. އަހަންނާ ލިލީއަށް ބޭނުންވާ ޒަރޫރީ ބޭނުންތައް އެއްފަރާތް ކޮށްފައި އެންމެ ފަހަރަކު ވެސް އަހަރެންގެ ނަފްސާމެދު ވިސްނާލަބަލަ. ތައިބާއާމެދު ވިސްނާލަބަލަ." އަހަންނަށް އެހެން ބުނުވުނު އިރު ރަނގަޅަށް ވެސް ރޮވިއްޖެއެވެ. ބާރަށް ގިސްލެވެން ފެށުނެވެ. ޒިޔާދު މައިތިރިވީ އެ ހިސާބުންނެވެ.
އަހަރެން ރޯނެ ވަރަކަށް ރޯން އޭނާ ފުރުސަތު ދިނެވެ. ފޫހިވެގެންކަމެއް، ނޫނީ އިތުރަށް ޒުވާބު ނުކުރަންވެގެން ކަމެއް އަހަންނަކަށް ނޭނގެއެވެ. އޭނާގެ އެއްވެސް އަޑެއްބަޑެއް ނީވުނެވެ.
ނޭފަތް ދަމަމުން ގޮސް މޭޒުމަތީގައި ހުރި ޓިޝޫފޮށި ހިފައިގެން އައިސް އަނެއްކާ ވެސް ސޯފާގައި އިށީނީމެވެ.
" އޯކޭތަ މިހާރު؟" ޒިޔާދު އެހިއެވެ.
އަހަރެން ހޫމް އަޅުވާލީމެވެ. އެއާއެކު ޒިޔާދު ވާހަކަ ދައްކަން ފެށީ މަޑުމައިތިރިކަމާއެކުއެވެ.
" އަަހަރެން ތި ދެ މީހުންނާ މެދު ވިސްނަމޭ. ވިސްނާތީއެއްނު ތި ދެ މީހުންގެ އުފާވެރިކަން އަހަންނަށް މުހިއްމުވަނީ. އަހަރެން ދެރަވަނީ އަހަރެން ތި ދެ މީހުންދެކެ ލޯބިވާވަރު ތައިބާއަށް ނޭނގޭތީ. ލޯބި ނުވާނަމަ އަހަރެން މި ކުރާ ބުރަ މަސައްކަތް ތި މީހުންނަށްޓަކައި ގުރުބާނެއް ނުކުރާނެ ދޯ. " ޒިޔާދު ބުންޏެވެ.
އޭނާ ދެއްކީ ހަމަ އެއް ވާހަކައެކެވެ. ތަފާތަކީ ރާގާއި އަޑުގެ މޮޅިވެރިކަމެވެ. ނަމަވެސް އެ މަޑު ރާގުގެ ސަަބަބުން ވެސް އަހަރެންގެ ހިތަށް ލުޔެއް ލިބުނު ކަހަލައެވެ.
" ޒިޔާ. ލާރިއަށް ވުރެ ބޮޑަށް އަހަރެން ބޭނުންވަނީ ޒިޔާގެ ވަގުތު. ޒިޔާގެ އަޅާލުމާއި އޯގާތެރިކަން. " އަހަރެން ބުނީމެވެ.
" ކައިރިއަށް ދިޔައީމަ ލިބޭނެޔޭ. މަސައްކަތުން ނިމުނީމަ ދެން އޮންނާނީ ފެމިލީޓައިމެއްނު. އަބަދު މާ ބޮޑަށް އެކަމާ ނުވިސްނާ. އަހަރެން ދުވަހަކުވެސް ތައިބާއަށް ދެރައެއް ނުދޭނަން. އަހަރެން ތައިބާދެކެ ލޯބިވަމޭ. އޯކޭ؟" ޒިޔާދު ބުންޏެވެ. އަހަންނަށް ހީވީ އެހެން އެ ބުނީ އަހަރެންގެ ވާހަކަތަކުން އަވަހަށް ސަލާމަތްވާން ވެގެން ހެންނެވެ. އެ އަޑުގައި އެއްވެސް ލޯތްބެއް ނެތެވެ. އެ ރާގުގައި އޯގާތެރިކަމެއް ނެތެވެ. ނަމަވެސް އެހެންވެސް މިރޭ އޭނާ ބުނީތީ އަހަރެން ކޮންމެވެސް ވަރަކަށް ހަމަޖެހުނެވެ.
ރައްދުގައި އަހަރެން ހޫމް އަޅުވާލީމެވެ.
" ވަރަށް ހެނދުނާ ޖެހޭ މާދަމާ ތަދުވަން. އެހެންވީމަ މި ބާއްވަނީ އިނގޭ." ޒިޔާދު ބުންޏެވެ.
އަހަރެން އާނއެކޭ ބުނުމާއެކު އޭނާ ފޯނު ކަނޑާލިއެވެ. ސޯފާ އޮތް ދިގަށް އޮށޯވެ، އަހަރެން ފިކުރު ކުރަން ފެށީމެވެ. ޒިޔާދު އަހަރެންދެކެ ލޯބިވާކަން އަހަންނަށް މިރޭ ހަނދާންކޮށްދިން ނަމަވެސް އަހަރެން އުފަލެއް ނުވެއެވެ. އަހަރެންގެ ނަޒަރުގައި ލޯތްބަކީ އަޅާލުމައި އޯގާތެރިކަމެވެ. ކެއާ ކުރުމެވެ. ލޯތްބަކީ ފައިސާއާއި ތަނަވަސްކަން ކަމުގައި ޒިޔާދު ގަބޫލުކުރި ނަމަވެސް އަހަރެންގެ ނަފްސަކަށް އެކަމުން ލިބޭ އެއްވެސް އުފާވެރިކަމެއް ނެތެވެ. އަހަރެން އެކަން ގަބޫލެއް ނުކުރަމެވެ. ސަބަބަކީ އަހަރެން ބޭނުންވާ ހުރިހާ އެއްޗެއް ޒިޔާދު ހޯދައިދިނަސް، އަހަރެންގެ ލޮލުން ކަރުނަ ނުހިކޭތީއެވެ. އަހަަރެންގެ ދުލުން ޝަކުވާ ހުސްނުވާތިއެވެ. އަހަރެންގެ ހިތުން ހޫނުކަން ފިލައިގެން ނުދާތީއެވެ. ޖިސްމަށް އަރާމެއް ނުލިބޭތީއެވެ.
ނަމަވެސް ޒިޔާދުގެ އެންމެ ފިރުމާލުމަކުން ވެސް އަހަރެންގެ މޫނަށް އުފާވެރިކަން ގެނެސްދޭނެކަން އަހަންނަށް ޔަގީނެވެ. އޭނާގެ އަޅާލުން ލިބޭނަމަ، ޝަކުވާ ކުރާނެ ޖާގައެއް ނޯންނާނެކަން ގައިމެވެ. ވަގުތު ދީ އަހަރެންގެ ކަންތައްތައް އޮޅުން ފިލުވާ، ދުވަސް ހޭދަކުރި ގޮތް އަހާލާނަމަ، މި ހިތަށް ފިނިކަން ލިބޭނެކަން އަހަންނަށް އެނގެއެވެ. ނަމަވެސް ޒިޔާދު އަދިވެސް މި ކަންތައްތައް ގަބޫލު ނުކުރާތީ އަހަރެން އިންތިހާއަށް ދެރަވެއެވެ.
ކިތަންމެ ދަންވިޔަސް، މިރޭ އަަހަރެން ޒިޔާދަށް މި ގުޅީ ވަރަށް މާތް މަޤްޞަދެއްގައެވެ. އެއީ އަހަރެންގެ ހިތް އޭނާއާ ދުރަށް ދާތީ، އެކަން އެ ގޮތަށް ވިޔަ ނުދޭތޯއެވެ. އަހަރެން އަދި މި ހުރި ހިސާބުން، މިސްރާބު ބަދަލު ކުރެވިދާނެހެން އަހަންނަށް ހީވެއެވެ. ނަމަވެސް އެއީ ޒިޔާދު ބަދަލު ވެގެންނެވެ. ޒިޔާދު ގޮތްދޫކޮށްގެންނެވެ. އަހަރެން އެދޭ ފަދައިން، އޭނާގެ ލޯތްބާއި އަޅާލުން އަހަންނަށް ދީގެންނެވެ. މަސައްކަތުގެ ދުނިޔޭގައި ކިތަންމެ ބުރަކޮށް އުޅުނަސް، ތާއަބަދު އަނބިމީހާ އެއްފަރާތް ކުރަން ޖެހޭނެކަމީ އަހަރެން ބަލައިގަންނަ ކަމެއް ނޫނެވެ. އަދި ދުވަހަކުވެސް ގަބޫލު ކުރާނެ ކަމެއް ނޫނެވެ. އެހެންވެ، ޒިޔާދުގެ އެ ސިފަ ބަދަލު ކުރެވޭތޯ އަހަރެން އަބަދުވެސް މަސައްކަތް ކުރަމެވެ.
ސިހިފައި ހޭލެވުނީ ގައިދަށުވެފައި އޮތް ފޯނު އެލާމްވާ އަޑަށެވެ. އަވަސް އަވަހަށް ގަޑި ބަލައިލި އިރު ފަހެއް ޖަހަނީއެވެ. އޭރު ހުސެންގެ ސްނެޕެއް ވެސް ލިބިފައި އޮތެވެ. ހުސެންގެ ޕްރޮފައިލް ފޮޓޯ ފެނުމާއެކު އަހަރެންގެ ނިދި ފިލާ ދިޔަ ކަހަލައެވެ. އަދި ފޯނުގެ ތެރެއަށް ހިތް ފުންމާލާކަށް މާ ގިނަ ވަގުތެއް ނުނެގިއެވެ.
" ނަމާދު ކުރަން ތެދުވޭ." އެއީ ކޮންމެ ފަތިހަކު އަހަންނަށް ލިބޭ އެންމެ ލޯބި މެސެޖެވެ. އަހަރެންގެ އެތެރެހަށި ފިހި، މާލިޔަސް، އެ ހުރިހާ ވޭނެއް ހުސެންގެ އެންމެ މެސެޖަކުން ވެސް ފިލައިގެން ދާ ކަހަލައެވެ. މިހާރަކަށް އައިސް އަހަރެންގެ ކޮންމެ ދުވަހެއްގެ ފެށުމަކީ ހުސެންގެ އެ އުފާވެރި މެސެޖެވެ.
" މި ތެދުވީ." އަހަރެން ބުނީމެވެ.
މިހާރު އޭނާ ހުންނާނީ މިސްކިތުގައިކަން އަހަންނަށް އެނގެއެވެ. އެހެންވެ، ހުސެން މިސްކިތުން އަންނަން ވާއިރަށް ނަމާދުކުރަން ތައްޔާރުވާން އަހަރެން ގޮސް ކޮޓަރިއަށް ވަނީމެވެ.
ސަލާމް ދިނުމާއެކު ގޮނޑިމަތީ އޮތް ފޯނު ދިއްލުނުތަން ފެނުނެވެ.
ކުޑަކޮށް އަރިއަކަށް ޖެހިލުމަށްފަހު، ގޮނޑިމަތިން ފޯނު ނެގީ ހުސެން މެސެޖް ކުރީކަން ޔަގީންވާ ހާލުގައެވެ.
" މި ޖައްސާލީ އިނގޭ. " އަހަރެން އެ މެސެޖް ކިޔާލީމެވެ.
" އަދި ކިރިޔާތަ ތި ނިދަނީ؟" އަހަރެން އެހީމެވެ.
" އާނ. ނުނިދިގެން ހަމަ އޮތީ. " ހުސެން ބުންޏެވެ.
" އެކަމަކު މިއަދަކީ މީޓިން އޮންނަ ދުވަހެއްނު. ގަޑިއަށް ދާން ވެސް ޖެހޭނެއެއްނު. އޮފީހަށް ދަނީ ދެން ނުނިދާތަ؟" އަހަންނަށް ކަންބޮޑުވެވުނީ ބޭއިހްތިޔާރުގައެވެ.
ހުސެންއާމެދު މާ ބޮޑަށް ވިސްނެން ފަށައިފިކަން އިހްސާސް ކުރެވި އަހަރެން ލަދުވެސް ގަތެވެ.
" އަނެއްކާ މި ވަރުން ދަންޏާ އަމިއްލައަށް ބޭނި ހުސްވެދާނެ. ލޯބިވެޔޭ ވެސް ބުނެވިދާނެ." ހިތާހިތާ އަހަންނަށް ބުނެލެވުނެވެ.
" ޔޫ ހަނދާން ވެސް ހުރޭތަ މީޓިން އޮންނަ ދުވަސް؟" ހުސެން އެހިއެވެ.
އޭނާ އެހާ ހައިރާންވާންވީ ސަބަބެއް އަހަންނަކަށް ނުވިސްނުނެވެ. އަހަރެން ހަނދާން ނުހުންނަންވީ ކީއްވެ ހެއްޔެވެ؟ ހުސެން މީޓިން އޮންނަ ދުވަހަކީ ހަފްތާގައި އަހަންނަށް އަންނަ އެންމެ ފޫހި ދުވަހެވެ. އެއީ އޭނާއަށް މެސެޖް ނުކޮށް، އެންމެ ގިނަ ވަގުތު ހޭދަކުރަންޖެހޭ ދުވަހެވެ. އަދި ހުސެންގެ މެސެޖަކަށް އެންމެ އިންތިޒާރު ކުރަން ޖެހެނީ ވެސް ހަމަ އެ ދުވަހެވެ.
" ހަނދާން ހުންނާނެއެއްނު. އެއީ ހަފްތާގެ އެންމެ ފޫހި އަދި އެންމެ އުފާވެރި ދުވަސް." އަހަރެން ލިޔެލީމެވެ.
އޭނާ ޖަހާލީ ސުވާލު މާކެކެވެ. ހުސެންއަކީ މާ ވާހަކަ ގިނަ ކުރާ މީހެއް ނޫނެވެ. އަހަރެން ފަދައިން އޭނާ އެހާ ތަފްސީލެއް ނުކުރާނެއެވެ. ވެގެން ވަންޏާ ހުސް ސްޓިކާއިން ވެސް އޭނާ ވާހަކަ ދައްކަފާނެއެވެ.
" ބުނަންވީ؟" އަހަރެން އެހީމެވެ.
އޭނާ އާނއެކާ ބުންޏެވެ.
" މި ދުވަސްދެކެ ފޫހިވަނީ ހުސެން އެންމެ ބިޒީ އަންގާރަ ދުވަސްވީމަ. ދެން... އަންގާރަ ދުވަސް ނައިސްގެން އުޅެން ޖެހެނީ އެ ދުވަހު ތި އޮފީހުން ފޮޓޯތައް ލާތީ." މެސެޖް ލިޔުމަށްފަހު ފޮނުވާލި އިރު އަހަންނަށް އިނދެވުނީ ތުންފަތުގައި ދަތް ވެސް އަޅައިގެންނެވެ.
ހުސެންގެ އޮފީހުން އެ މީހުންގެ މަސައްކަތުގެ ފޮޓޯތައް ސޯޝަލްމީޑިއާއަށް ދޫކޮށްލަނީ ހަފްތާގެ އަންގާރަ ދުވަހެވެ. އަހަރެން ހުންނަނީ އަބަދުވެސް އެ ވަގުތުކޮޅުގެ އިންތިޒާރުގައެވެ. އަހަރެން އެ ޕޭޖަށް ވަދެގެން ހުސެންގެ ފޮޓޯ ހޯދަމެވެ. ކޮންމެ ފޮޓޯއަކުން ވެސް އަހަންނަށް އުފާވެރިކަން ލިބޭކަން އިހްސާސް ކުރެވެއެވެ. އޭނާއާމެދު ފަހުރުވެރިވެވެއެވެ. ނަމަވެސް އެންމެ ބޮޑު އުފާވެރިކަމެއް އަހަންނަށް ލިބުނީ ހުސެން އަހަރެންގެ ކުރިމަތިން ފެނުނު ވަގުތެވެ. ފޮޓޯތަކަށް ވުރެ ބޮޑަށް، ކައިރިން ފެނުމުން އޭނާ އަހަންނަށް މާ ކަމުދިޔައެވެ. ކުޑަ ސިކުންތު ކޮޅަކަށް ވިޔސް، އެ ސޫރަ އަހަރެންގެ ހިތުގައި އެ ވަގުތުން ފެށިގެން ބިންވަޅު ނެގުނެވެ.
" އައްދޭ. ދެން ބުނާނަން އައިގެ އެއްވެސް ފޮޓޯއެއް ނުލާށޭ. އަދި ނޭނގެޔޭ މީހަކު ތި ވަރަށް ފޮލޯ ކުރާކަމެއް." ހުސެން ބުންޏެވެ.
" ހޭ ނޯ! ނުހަދައްޗޭ ތިހެން. ދެން..." އަހަންނަށް މެސެޖް ލިޔެވުނީ، ކުޑަކުއްޖަކު ފަދައިން ތުން ދަމައިގެން އިނދެއެވެ.
އެ ވަގުތު އަހަންނަށް އަމިއްލަ ނަފްސާމެދު ވިސްނަން ފެށުނެވެ. ހުސެންއާ ވާހަކަދައްކާއިރު އަހަރެންގެ ނަފްސު މުޅިން އެހެން މީހަކަށް ބަދަލުވެދާ ފަދައެވެ. އަހަރެންގެ ހަށިގަނޑުގެ ނާރުތަކާއި ކަށިތަކުގެ އެންމެ އެތެރޭގައި ދިރިއުޅޭ އަހަރެންގެ އަސްލުވެރިކަން ފާޅުވަނީ ހަމައެކަނި ހުސެންއާ ވާހަކަ ދައްކާއިރެވެ. އަހަރެން ބޭނުންވާ އުފާވެރި، މަޖާ، ލޯބިވެތި ނަފްސު، އަހަރެންގެ ސޫރައަށް ވެރިކުރުވަނީ ވެސް ހުސެންއެވެ. ހުސެންއާ ގުޅިފައިވާ ކޮންމެ ވަގުތަކީ އަހަރެންގެ އަސްލު ނަފްސު އަހަންނާ ބައްދަލްކުރާ ވަގުތުކަން އަހަންނަށް މިހާރު ޔަގީން ވެއްޖެއެވެ.
" ދެން ނިދަނީ އިނގޭ. ގުޑްނައިޓް އެންޑް ގުޑް މޯނިން" ހުސެން ބުނެލިއެވެ.
ހިތާ ދެކޮޅަށް އަހަރެން ވެސް ގުޑްނައިޓް ކިީމެވެ. ނަމަވެސް ހިތް އޭރު ވެސް މަޑުކުރާށޭ ކިޔާ ގޮވަމުން ދިޔައެވެ.
( ނުނިމޭ)
މި ވާހަކަ ގެނެސްދެނީ ކޮންމެ އާދިއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެވެ.
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!