ކުރީގެ އަދަދާއި ގުޅޭ:

" ދެން ނިދަނީ އިނގޭ. ގުޑްނައިޓް އެންޑް ގުޑް މޯނިން" ހުސެން ބުނެލިއެވެ.

Ad
rt

ހިތާ ދެކޮޅަށް އަހަރެން ވެސް ގުޑްނައިޓް ކިީމެވެ. ނަމަވެސް ހިތް އޭރު ވެސް މަޑުކުރާށޭ ކިޔާ ގޮވަމުން ދިޔައެވެ. ނިދަން ބޭނުން ވެގެން ހުސެން މެސެޖް ކުރުން ހުއްޓާލިޔަސް، އަހަރެންގެ ހިތަކަށް އަރާމެއް ނުލިބެއެވެ. އިރުއިރުކޮޅުން އޭނާގެ ޕްރޮފައިލަށް ވަދެ، ބެލެއެވެ. އަދި އެއްފަހަރު އަނގައިން ބުނެލާތޯ އިންތިޒާރު ކުރެވެއެވެ. ބައެއް ފަހަރު ކެތް ނުވެގެން ކޮންމެވެސް އެއްޗެކޭ ކިޔައިގެން މެސެޖް ކޮއްލަމެވެ. އޭނާ ނިދާފައި އޮންނާނެކަން އެނގި ހުރެ ވެސް، މެސެޖް ކުރުން ހުއްޓައެއް ނުލެވެއެވެ. ބައެއް ފަހަރު އަހަންނަކީ މޮޔައެކޭ ހުދު އަހަރެން ވެސް ހިތަށް އަރައެވެ.

ލިލީ ހޭލުމުގެ ކުރިން ބަދިގެތެރޭގެ ކަންތައްތައް ނިންމާލެވޭތޯ އަހަރެން މަސައްކަތް ކުރަމެވެ. ބަދިގެ ސާފުކުރަން ހުއްޓާ ކުއްލިއަކަށް ފޯނަށް މެސެޖެއް އައި އަޑު އިވުނެވެ. ސްނެޕްގެ ނޮޓިފިކޭޝަނަކަށް ނުވާތީ އަހަރެން އެކަމަށް މާ ބޮޑު ސަމާލުކަމެއް ނުދެމެވެ. ހުސެންއަށް މެސެޖް ކުރަން ފެށި ފަހުން އަހަރެންގެ ފޯނު ރިންގް ވޮލިޔުމް ކުރިއާ ހިލާފަށް މިހާރު ތަންކޮޅެއް ބާރު ވެސް ވާނެއެވެ. އެންމެ ސިކުންތަކަށް ވެސް ހުސެންގެ މެސެޖެއް ނުފެނި އޮންނާކަށް ބޭނުމެއް ނޫނެވެ. މިހާރު އަހަންނަށް ލިބޭ ހަމައެކަނި އުފާވެރިކަމަކީ އެ ނޮޓިފިކޭޝަންތަކޭ ވެސް ބުނެވިދާނެއެވެ.

އަހަރެންގެ ހަރަކާތްތައް ހުއްޓުވާލީ އަނެއްކާ ވެސް ފޯނަށް އައި މެސެޖަކުންނެވެ. ކުއްލިއަކަށް ޒިޔާދު ގުޅަން ފަށައިފިއެވެ. އަވަސް އަވަހަށް ފޯނަށް ޖަވާބު ދިނީމެވެ.

" 15،000 ރުފިޔާ އޮންނާނެ ފޮނުވާފަ. އެ ވެސް ސޭވިންގ އެކައުންޓަށް ޖަމާކޮއްލާތި." ޒިޔާދު ބުންޏެވެ.

" އެ... އެ ކޮން ލާރިއެއްތަ؟" ޖެހިލުންވެ ހުރެ އަހަރެން ސުވާލު ކުރީމެވެ.

" އެއީ ބޮސްގެ ލާރިއޭ ބުނީމެއްނު. " ޒިޔާދު ބުންޏެވެ.

އަހަރެން ހިތްހަމައެއް ނުޖެހުނެވެ. ޒިޔާދުގެ ބޮސްގެ ފައިސާ އަހަރެންގެ އެކައުންޓްގައި ބަހައްޓާކަށް އަހަރެން ބޭނުމެއް ނޫނެވެ. އެހެންވެ އަހަރެން ބޭނުންވީ ފާޅުގައި އެ ވާހަކަ ޒިޔާދު ކައިރީ ބުނާށެވެ.

" އެކަމަކު... ތި ފައިސާ އަހަރެންގެ އެކައުންޓްގައި ބަހައްޓާކަށް އަހަރެން ބޭނުމެއް ނޫން. އަހަންނަކަށް ނޭނގެ ޒިޔާދުގެ ބޮސްއަކީ ކާކު ކަމެއް ވެސް. " އަހަރެން ވާހަކަ ދެއްކީ އަވަސް އަވަހަށެވެ. ހިތްހަމަ ނުޖެހޭ ރާގެއްގައެވެ.

" ކޮންމެހެން ކާކުކަން އެނގޭކަށް ނުޖެހެޔޭ. ބޮސް ބުނާ ކަމެއް ނުކޮށްދީ އަހަރެން އޭނައަށް ދައްކާނީ ކޮން މޫނެއް؟ އޭނަ ބުނިއްޔާ އޭނަގެ ބޫޓުގައި ދޫ ލާން ވެސް އަހަރެން މި ހުރީ ތައްޔާރަށް. ތައިބާމެންނަށް ތިހެން ތި އުޅެވެނީ އޭނަގެ ހެޔޮކަމުން ދޯ." ޒިޔާދު ބުންޏެވެ.

އަހަރެން ހުރީ އާޝޯހުވީ ވަރުން އަނގައިން ބުނަން ވެސް ނޭނގިފައެވެ. ނަމަވެސް އެއްޗެއް ނުބުނެ އިރުކޮޅެއް ވިޔަސް ޒިޔާދު ފޯނު ކަނޑާލާނެކަން އަހަންނަށް އެނގެއެވެ.

" ޒިޔާދު ފައިސާ ހޯދަނީ މަސައްކަތްކޮށްގެން ދޯ. ގައިމު 24 ގަޑިއިރުން ދެ ގަޑި އިރު ވެސް އަހަންނަށް ޒިޔާދު ނުފެނޭ މިތާ އުޅޭ އިރު ވެސް. އެހެންވީމަ ޒިޔާއަށް ހައްގުވާ މުސާރަ، ބޮސް ޖެހޭނެދޯ ދޭން. " އަހަރެން ބުނީމެވެ.

" ތައިބާ ދެން ކޮންމެ ކަމެއްގައި ތިހާ ވަރު އަރުވާލަން ޖެހޭތަ؟ ތައިބާ އެކައުންޓުގައި އެ ލާރި ހުރިއްޔާ ކީއްތަ ވީ؟" ޒިޔާދު ބުންޏެވެ.

" ކީއްވެތަ ޒިޔާދު އެކައުންޓުގައި ނުބަހައްޓަނީ؟ ފައިސާގެ ކަންކަމުގައި އަަހަރެން ބޭނުން ނުކުރޭ. އަހަރެން ވަރަށް ބިރުގަންނަ ކަމެއް ތީ. ޕްލީޒް ޒިޔާ. އަހަރެން އެ ހުރިހާ ލާރިއެއް ޒިޔާއަށް ފޮނުވާނަން. އަހަންނަކަށް ނުކެރޭނެ ތި ލާރިތައް ބަހައްޓާކަށް." އަހަރެން ބުނީ އާދޭހުގެ ރާގުގައެވެ.

" އުނހު. މަ މާލެ ދާންދެން ތައިބާ އެކައުންޓުގައި ބަަހައްޓާ! އެއްވެސް މައްސަލައެއް ނުޖެހޭނެ. ބުނީމަ ބުނާ ގޮތް ހަދާބަލަ." ޒިޔާދު ބުންޏެވެ.

ކޮންމެ ކަމެއް ވެސް ޒިޔާދު ނިންމަނީ އެ ފަދަ ގޮތަކަށެވެ. ފިރިމީހާއަށް ކިޔަމަންތެރިވުމަކީ އަނބިމީހާގެ ވާޖިބެއްކަން އަހަންނަށް ވެސް އެނގެއެވެ. ނަމަވެސް ބައެއް ކަންކަމަކީ އަމިއްލަ ރައްކާތެރިކަމަށްޓަކައި ނޫނެކޭ ބުނަން ޖެހޭނެކަން ވެސް އަހަރެން ގަބޫލު ކުރަމެވެ. ނަމަވެސް ޒިޔާދު އަޑުގަދަކޮއްލީމަ އަހަރެން ގަންނަ ބިރެއްގެ ސަބަބުން ގިނަ ފަހަރަށް އޭނާ ބުނާ ގޮތަށް ކަންތައް ކުރަން އަހަންނަށް މަޖުބޫރުވެއެވެ. ހިމޭންވާން ޖެހެއެވެ. ހިތާދެކޮޅަށް އެއްބަސްވާން ޖެހެއެވެ.

" ކޮން ދުވަހަކުން މާލެ އަންނަނީ؟" ހިތްހަމަ ނުޖެހުނަސް، އަހަރެން ބެލީ އިތުރަށް އަޑު ނުއުފުލާވޭތޯއެވެ.

" ނޭނގެ. ވަރަށް ބިޒީކޮށް އުޅެމުން މި ގުޅީ އެ ވާހަކަ ބުނަން ވެގެން. އެ ވަރު ކުޑަކުޑަ ކަމެއްގައި ތައިބާ މަގޭ މޫޑު ހަރާބު ކޮށްލާނެ." ޒިޔާދު ބުނީ ފޫހި ރާގަކަށެވެ. އަހަރެން އެކަމާ އިންތިހާއަށް ދެރަވިއެވެ.

" ތިހެން ނުބުނޭ ޒިޔާ! އަހަރެން ޒިޔާގެ އެއްވެސް ކަމަކަށް ނުފޫޒެއް ނުފޯރުވަން. އަހަރެން ހިތްހަމަ ނުޖެހުނީ އަހަރެންގެ އެކައުންޓުގައި ބޮސްގެ ލާރި ބަހައްޓަން. ދެން، އަހަރެން ރުޅި އައީ އެއަށް ވުރެ މާ ފާޑެއްގެ ވާހަކައެއް ޒިޔާ ބުނީމަ. އެއީ ބޮސްގެ ބޫޓުގައި ޒިޔާއަކަށް ދޫ ލާކަށް ނުޖެހޭނެ. އެއީ ޒިޔާ ލާރި ހޯދަނީ ހިލެއެއް ނޫނެއްނު. އަނތްބެއްގެ ހައިސިއްޔަތުން އެވަރުގެ އެއްޗެއް އަހަންނަށް ބުނެވިދާނެއެއްނު." އަހަރެން ބުނީމެވެ.

ނަމަވެސް އެ ވާހަކަތައް އަޑުއަހަން ޒިޔާދު އެހާ ޝައުގުވެރިން ހުރިހެންނެއް ހިއެއް ނުވެއެވެ. އޭނާ ހުރީ އެއަށް ވުރެ ބޮޑަށް ފޯނު ބާއްވަން ބޭނުންވެފައިކަން އަހަންނަށް އެނގުނެވެ.

" ހޫމް. އޯކޭއޭ ދެން. ބާއްވަނީ." ޒިޔާދު ބުނެލިއެވެ.

ނުތަނަވަސްވެފައި ހުރެ އަހަރެން ފޯނު ބޭއްވީމެވެ. އޭރު އަހަރެންގެ މޫޑު ވެސް ބަދަލުވެއްޖެއެވެ. އެކަމާ މެދު ވިސްނަން މަޖުބޫރުވެއްޖެއެވެ. ކޮންމެ ގޮތެއް ވިޔަސް، ޒިޔާދު ރުޅި އަޔަސް، އޮފީހުގެ ފައިސާގެ ކަންކަމަށް އަހަރެން ވައްދާތީ އަހަރެން ވަރަށް ކަންބޮޑުވެއެވެ. ބޮސްގެ ރައްކާތެރިކަމަށްޓަކައި ނުރައްކަލުގެ ތުންފަތްމައްޗަށް ޒިޔާދު އެ އެއްލާލަނީ އަހަންނެވެ. އަހަރެންގެ ބޯ ގޮވާވަރަށް އެކަމާމެދު ފިކުރު ކުރެވެން ފެށުނެވެ. ޒިޔާދަކީ ފައިސާއަށްޓަކައި ކޮންމެ ފަދަ ކަމެއް ވެސް ކޮއްފާނެ މީހެއްކަން އަހަންނަށް އެނގެއެވެ. އަހަރެން އެކަމާ ވެސް ބިރުގަނެއެވެ. އެންމެ ފަހުން ހިތާދެކޮޅަށް އަހަރެންގެ ސޭވިން އެކައުންޓަށް އޭނާ ފޮނުވި ހުރިހާ ފައިސާއެއް ޖަމާކުރީމެވެ.

ލިލީއަށް ކާން ދޭން އިނދެ އަހަރެން ގަޑި ބަލައިލި އިރު 12 ޖަހާ ބޮޑު ވެއްޖެއެވެ. ސްނެޕްއިން ހުސެންގެ އެއްވެސް ހަބަރެއް ނުވާތީ އަހަރެން އިނީ ނުހަނު ފޫހިވެފައެވެ.

" ރޭގަ އެއްގޮތަކަށް ވެސް ނުނިދާ ހުރެފަ ހެނދުނު ނިދަންޏާ ވަރަށް ގަދަ ނިންޖެއް އަންނާނެ. އަނެއްކާ އޮފީހަށް ދާން ހުސެންއަށް ހޭލެވުނުބާ؟" ހިތާހިތާ އަހަންނަށް ބުނެވުނެވެ. އެއާއެކު ދެން ހިޔާލަށް ވެރިކުރުވި އެއްޗަކުން ހިތް މުޅިން އުދާސްކޮއްލައިފިއެވެ.

" ހުސެންގެ ވައިފް ގޮވާނެ. އޭނައަށް އެނގޭނެ ދޯ އޮފީހަށް ދާން ޖެހޭ ގަޑި ވެސް. އަހަރެން ކީއްކުރަންތަ މިހާ ހާސްވަނީ؟" އަހަންނަށް ބުނެވުނެވެ.

އެކަން އޮންނާނީ އެ ގޮތަށްކަން އަހަންނަށް އެނގި ހުރެ ވެސް އަހަރެންގެ ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ. ނަމަވެސް އަދި ދުވަހަކު ވެސް ހުސެންގެ ފޯނަށް ނުގުޅާތީ، އަހަންނަށް އޭނާއަށް ގުޅާކަށް ލާހިކެއް ނޫނެވެ.

ފޭސްބުކަށް ވަދެލުމާއެކު އޭނާ އޮންލައިންގައި އިންތަން އަހަންނަށް ފެނުނެވެ. އެ ވަގުތު މޯޅިވެ، މާޔޫސްވެފައިވާ އަހަރެންގެ މޫނަށް އުފާވެރިކަން ވެރިވި ގޮތެއް ވެސް ނޭނގެއެވެ. އުފަލުން ގޮސް އަވަސް އަވަހަށް ސްނެޕަށް ވަދެލީމެވެ. އޭރު ވެސް ހެނދުނު އަހަރެން ފޮނުވި އެންމެ ސްނެޕެއް ވެސް ހުސެން ނުބަލައެވެ. ތެދުވެގެން ރެޑީވަނީކަމަށް ވެދާނެޔޭ ހިތާ އަނެއްކާ ވެސް ހިތްހަމަ ޖައްސާލީމެވެ.

" ކުދިން ސްކޫލަށް ލައިފައި މި ދަނީ އޮފީހަށް ދާން. މިއަދު ވަރަށް ބިޒީ ވާނެ ." ހުސެންގެ ސްނެޕެއް އައުމާއެކު އަހަރެންގެ އަތުން ފޯނު ދޫ ނުވީ ހަމަ ކިރިޔާއެވެ. އަވަސް އަވަހަށް ހުސެންގެ މެސެޖް ކިޔާލުމަށްފަު ރިޕްލައި ކުރަން ފެށީމެވެ.

" އޯކޭ. ވަރަށް އިރުވެއްޖެ ޔޫ ހަބަރެއް ނުވެގެން ފޫހިވެގެން އުޅެނީ." އަހަރެން ބުނީމެވެ.

އެ ވަގުތު ހުސެން ހިނިގަނޑެއް ޖަހާލިއެވެ. އަދި އޮފީހަށް ދާން ގެއިން ނިކުތީއޭ ވެސް އޭނާ ބުންޏެވެ. އަހަންނަށް އެ ވަރަކުން ވެސް ނުފުދުނެވެ.

" ދެން ކޮންއިރަކުން އޮފީސް ނިމޭނީ؟" އަހަރެން އެހީމެވެ.

" މިހާރު މި ދަނީ. ހަވީރުން ކަންނޭނގެ." ހުސެން ބުންޏެވެ.

" އޯހް އެހެންތަ؟ ހަބަރުވައްޗޭ ނިންމާފަ." އަހަރެން ބުނީމެވެ.

" މި އަރަނީ ސައިކަލަށް." ހުސެން ބުންޏެވެ.

" މިހާ ގަދަ އަވީގައި ދޯ ކޮންމެ ދުވަހަކު އޮފީހަށް ދާން ޖެހެނީ؟" އަހަރެން ބުނީމެވެ.

" އޯކޭ. ބައި. ނައްޓާލީ." ހުސެންގެ މެސެޖް ކިޔާފައި އަހަރެން އަނެއްކާ ވެސް މެސެޖްތައް ސްކްރޯލް ކޮއްލީމެވެ. އެ ދެ ތިން މެސެޖް ވެސް އެތައް ފަހަރަކު ކިޔާލީމެވެ. އުފަލުން ހުރެއެވެ. އެކަމަކު އަހަންނަށް ފާހަގ ކުރެވުނު ކަންތައްތަކެއް ހުއްޓެވެ. އޭނާގެ ކޮންމެ މެސެޖެކަށް އަހަރެން ވަގުތުން ރިޕްލައިދޭ ކަމެވެ. އޮފީހަށް ދާން ނިކުތީއޭ ބުނީމަ ވެސް އަހަންނަށް ވާހަކަ ހުއްޓާނުލެވުނުކަމެވެ. ހުސެންއާ ވާހަކަ ދައްކާ ހިތުން އޭނާ އެ ވަގުތު އެ ހުރި ހާލަތާމެދު ވިސްނާލަން ވެސް އަހަރެން ބޭނުން ނުވިކަމެވެ. އެ ހުރިހާ ކަމެއް ހިތަށް ވަނުމާއެކު އަހަރެން ލަދުގަތެވެ. ހުސެންއަށް އުނދަގޫވީހެން ހީވުމުން ކުޑަކޮށް މާޔޫސްވެސް ވިއެވެ.

" ދެން އެހެން ދޯ ވާނީ؟ އަހަރެން ހޭލާއިރަށް ހުސެން ނިދަނީ. ދެން އަހަރެން މި ޖެހެނީ އެހާ ގިނައިރު ހުސެން ހޭލަން ދެން އިންތިޒާރު ކުރަން. ދެން ހޭލާ ގޮތަށް އަނގައިން ނުބުނެވި އެ ނައްޓާލަނީ އޮފީހަށް. އިންތިޒާރު ކުރާ މީހަކަށް ދޯ އެކަމުގެ ކުޅިވަރު އެނގޭނީ." އަހަންނަށް ހިތާހިތުން ޝަކުވާ ކުރެވުނެވެ.

ހުސެން އިންނާނީ ބައްދަލުވުމުގައިކަން އެނގި ހުރެ ވެސް، އަހަންނަށް ސްނެޕް ކުރުން ހުއްޓައެއް ނުލެވުނެވެ. އަހަރެންގެ ދުވަހުގައި ހުސެންއަށް ނޭނގޭނެ އެއްވެސް ކަމެއް ނުހުންނާނެއެވެ. ކުރާ ކޮންމެ ކަމެއް، ދާ ކޮންމެ ތަނެއް އަދި ކާ ކޮންމެ އެއްޗެއްގެ ފޮޓޯ ވެސް އަހަރެން ހުސެންއަށް ފޮނުވަމެވެ. އަދި އިރުއިރުކޮޅުން އޭނާ އަހަރެން ފޮނުވާ ސްނެޕްތައް ބަލާތޯ ޗެކްވެސް ކުރެވެއެވެ. މިހާރު އަހަރެންގެ މުޅި ދުވަސް ދަނީ އެ ފަދައިންނެވެ.

ހުސެން އަހަރެންގެ ސްނެޕްތައް ބެލީ ވެސް އަހަރެން އޭނާގެ މެސެޖް ހުޅުވައިގެން އިންދައެވެ. ބައެއް ފަހަރަށް އަވަހަށް އަހަރެން ފިލަމެެވެ. ނަަމަވެސް ހަމަ އެ ސިކުންތުގެ ތެރޭގައި އެނބުރި އަންނަނީ ހުސެން ހިނގައިދާނެތީއެވެ.

އޮފީސް ސްނެޕްކޮއްފައި އޭނާ ވެސް އަވަހަށް ގޮއްސިއެވެ. އަހަރެން ދެރަވީ އަހަރެންގެ އެއްވެސް ސްނެޕަކަށް ހުސެން ޖަވާބެއް ނުދިނީމައެވެ. ކޮންމެ ކަމެއް ކުރިޔަސް އަހަރެން އޭނާއަށް ފޮޓޯ ފޮނުވަނީ އަހަންނަށް ހުސެން މުހިއްމުވީމައެވެ. ހުސެންގެ ޝައުގުވެރިކަން ހުދު އަހަރެން ވެސް ބޭނުންވާތީއެވެ. އަދި ރައްދުގައި އޭނާގެ ހުރިހާ ކަމެއް އަހަންނަށް ފޮނުވާތޯއެވެ. އަހަރެންގެ ހިތް ހުސެންއަށް ލެނބިފައިވާ މިންވަރު މި ވަރުން ވެސް އަހަންނަށް އިހްސާސް ކުރެވެއެވެ.

ހިތްހަމަ ނުޖެހުނިއްޔާ ޒިޔާދަކީ އިސްވެ އަހަންނަަށް ގުޅާ މީހެއް ނޫނެވެ. އަބަދުވެސް ގޮތްދޫކޮށްގެން ގުޅަނީ އަހަންނެވެ. ބައްޕައާ ލިލީ ވާހަކަ ދައްކުވަން އަހަރެން ބޭނުންވެއެވެ. އަދި ލިލީއަށް ގުޅާ ގަޑިތަކުގައި އަހަރެން ވެސް ވާހަކަ ދައްކަމެވެ. މަންމައާއި ބައްޕަގެ މެދުގައި އޮތް ހަމަނުޖެހުން ކުޑަކޮށް ވެސް ލިލީއަށް އިހްސާސްވާކަށް އަހަރެން ނޭދެމެވެ.

" ބައްޕަ ވަރަށް ބިޒީ ދަރިފުޅު. ބައްޕަ ގުޅާނަން މިރޭ." ލިލީ ހަލޯއޭ ބުނުމާއެކު ޒިޔާދު ބުނި އަޑު އަހަންނަށް އިވުނެވެ.

އެއާއެކު އަހަރެން ލިލީގެ އަތުން ފޯނު އަތުލީމެވެ. އަދި ކަންފަތުގައި ފޯނު ޖައްސާލުމަށްފަހު ޒިޔާދުއަށް ގޮވާލީމެވެ.

" ލިލީ ވަރަށް އަވަހަށް ނިދާނެ މިރޭ. ތަންކޮޅެއް ކުރިން ގުޅައްޗޭ." އަހަރެން ބުނީމެވެ.

" ހޫމް. ގުޅާނަން. އަދިވެސް ތި ހުރީ ރުޅި އައިސްފައިތަ؟" ޒިޔާދު އެހިއެވެ.

އޭނާ އަހަންނާމެދު ވިސްނީ ކޮންއިރަކުބާވައޭ ހިތަށް އެރިއެވެ. އޭނާ އެހެން އަހާލީތީ އަހަރެން ކޮންމެވެސް ވަރަކަށް ހިތްހަމަ ޖެހުނެވެ.

" ނޫން. އަހަންނެއް ނޫނެއްނު ކަމެއްވާއިރަށް ދެ ދުވަސް ވަންދެން ރުޅި އައިސްގެން ހުންނަނީ." އަހަރެން ބުނީމެވެ. ފުރުސަތު ލިބުނު ވަގުތު އަހަރެން ބޭނުންވީ ޒިޔާދު ކަންތައް ކުރާ ގޮތް އޭނާއަށް ހަނދާންކޮއްދޭށެވެ.

" މިހާރަކު އެހެންނެއް ނުހުންނަމެއްނު. ގުޅަން ވެގެން ހިތަށް އަރާފައި ހުއްޓާ ތި ގުޅީ. " ޒިޔާދު ބުންޏެވެ.

" މި ދަނީ ލިލީ ގޮވައިގެން ދުއްވާލަން ދާން ވެގެން. " އެ މައުޟޫއަށް އިތުރަށް ވާހަކަ ދައްކަން ބޭނުން ނުވާތީ އަހަރެން މައުޟޫ ބަދަލުކޮއްލީމެވެ.

ދުއްވާ އެއްޗެހިން ތޮއްޖެހިފައިވާ މާލޭގެ މަގުތަކުގައި ހަވީރު ވަގުތު ދުއްވުމަކީ އަހަންނަށް ބޮޑު ވޭނެކެވެ. އެހެންވެ، އަހަރެން ގިނަ ދުވަސްދުވަހު ލިލީ ގޮވައިގެން ދުއްވާލަން ދަނީ، ބޭރު މަގަށެވެ. ނަމަވެސް މިހާރު އަހަރެންގެ ވިސްނުން ހުރީ ހަމަ އެންމެ ދިމާލަކަށެވެ. ހަވީރު ވަގުތަކީ ހުސެން ގެއަށް ދާ ގަޑިއެވެ. އެހެންވެ، އަހަރެން އެ މަގުތަކުގައި ދުއްވަން ފެށީ ހުސެންއާ ދިމާވޭތޯއެވެ. މަގެއް މަތިން ވެސް ހުސެން ފެނޭތޯ އަހަރެންގެ ހިތް އޮންނަނީ ދުއާ ކޮށްކޮށެވެ. ބައެއް ފަހަރު އެއްލާ ކަޅިއަކުން އަހަންނަށް އޭނާގެ ސިފައިގައި އެހެން މީހުން ވެސް ފެންނަހެން ހީވެއެވެ. އަހަންނަށް ފަސްދީ ދާ ކޮންމެ މީހެއްގެ މޫނަށް، ވަރަށް ފަރުވާތެރިކަމާއެކު އަހަރެން ބަލަމެވެ. މި ދޭހުން ހުސެންގެ ސޫރަ ނޫން އިތުރު މީހަކު މިހާރު ފެންނަން ވެސް ބޭނުން ނުވާ ކަހަލައެވެ. ހިތަށް އަރައެވެ. މި ކަހަލަ ގޮތަކަށް އަހަންނަށް ހުސެން ފެނިއްޖެނަމަ ވާނީ ކިހިނެއްބާވައެވެ؟ ގައިމުވެސް ލަދުން ދެ ވަނަ ފަހަރަށް ބަލައިލާކަށް ނުކެރޭނެ ކަންނޭނގެއެވެ. އަދި ކުރިމަތީގައި ހުންނަން ވެސް ކެރޭނީކީ ނޫނެވެ. އެކަމަކު ވެސް އެންމެ ފަހަރަކު ވެސް އަދި އޭނާ ފެނިލަން އަހަރެންގެ ހިތް އެދި އާދޭސް ކުރަނީއެވެ. އަހަރެންގެ ހިތަށް ދޭނެ ފަރުވާއެއް ހުދު އަހަރެންގެ އަތަކު ވެސް ނެތެވެ.

ގެއަށް އައި ގޮތަށް އަހަރެން ފޭސްބުކް ބަލައިލީމެވެ. އެއާއެކު މިނިސްޓްރީގެ ޕޭޖުން ބައިވަރު ފޮޓޯތަކެއް އަޅާފައި ހުރިތަން ފެނުނެވެ. އަވަސް އަވަހަށް ފަހަރަކު ފޮޓޯއެއް ބަލަން ފެށީ ތެޅިތެޅި އޮތް ހިތަކައިގެންނެވެ. ކުއްލިއަކަށް އަހަރެންގެ ނަޒަރު ހުސެންއަށް ހުއްޓޭކަށް މާ ގިނަ ވަގުތުތަކެއް ނުނެގިއެވެ. އޭނާ ފެނުމާއެކު ވަށައިގެން ވާ ހުރިހާ އެއްޗެއް އަހަންނަށް ގެއްލުނު ކަހަލައެވެ. އެ ފޮޓޯގަނޑުގެ ތެރެއަށް އަހަންނަށް ފީނައިގަނެވުނެވެ. ފޯނު ސްކްރީން މޫނުގައި ޖައްސާލެވުނީ އުފަލުންނެވެ. މެރޫން ކުލައަކީ އަހަންނަށް އެންމެ ހަޑި ކުލައެވެ. ނަމަވެސް މިއަދު ހުސެން ހުރީ އެ ކުލައިގެ ގަމީހެއް ލައިގެންނެވެ. އަހަރެން ހިނިއައީ ހުސެންއާ އެ ކުލަ ގުޅޭތީއެވެ. އޭނާ އެ ގަމީސް ލައިގެން ހުންނައިރު ރީތިކަމުންނެވެ. އެ ސޫރައަށް އަހަންނަށް ބެލުނީ ފުން ނަޒަރަކުންނެވެ. އޮޔާވަޔަށް އަހަރެންގެ ހިތް ބެހިގެން ދިޔަސް، އަހަރެންގެ ނަޒަރު އެހެން ދިމާލަކަށް މި ވަގުތު ދޫކޮށްލާކަށް އަހަރެން ބޭނުމެއް ނޫނެވެ.

" ވާއޯ. ހާދަ ސްމާޓޭ. ފޮޓޯއެއް ފެނިއްޖެ އިނގޭ." އަހަރެން ސްނެޕް ކުރީމެވެ.

ހުސެން ވަގުތުން ރިޕްލައި ވެސް ދިނެވެ.

" މިހާރު އެ ފޮޓޯތައް ވެސް ބެލީތަ؟ ނުބަލާ ދެން." ހުސެންގެ މެސެޖް ކިޔުމަށްފަހު އަހަންނަށް ބާރަށް ހެވުނެވެ. އޭނާ އެ ބުނީ ލަދުންކަން ވެސް އަހަންނަށް އެނގުނެވެ.

" އަހަންނަށް މިހެން ދޯ ހުސެން ފެންނާނީ." އަހަރެން ބުނީމެވެ.

" ދެން ނުބަލައްޗޭ." ހުސެން ބުންޏެވެ.

އޭނާ އެހެން ކިޔާ ވަރަކަށް އަހަރެން އޭނާއާމެދު ޝައުގުވެރިވެއެވެ.

" މި އައީ ގެއަށް އިނގޭ." ހުސެން ބުންޏެވެ.

އެ ވަގުތު އަހަރެން އޭނާ ހޯދަން ދުއްވި ވާހަކަ ބުނާކަށް ނުކެރުނެވެ. އަނެއްކާ ފިރިހެނުންގެ ގޮތެއް ނޭނގެއެވެ. ފޫހިވެ، ރުޅި ވެސް އަތުވެދާނެއެވެ. އެހެންވެ، އަހަރެން ބޭނުންވީ އެ ވާހަކަ ނުބުނާށެވެ.

ހުސެން ގެއަށް ދިޔަކަން އެނގުމާއެކު އަހަރެން މާޔޫސް ވެއްޖެއެވެ. އަހަރެން ފޮނުވާ ސްނެޕްތައް ވަގުތުން ވަގުތަކަށް ދެނެއް ނުބަލާނެއެވެ. އަނބިމީހާ ކައިރީ އުޅޭ އިރު ސްނެޕް ކުރީމަ އޭނާއަށް އުނދަގޫވާނެކަން އެނގޭ އިރު ވެސް އަހަންނަށް ކޮންޓްރޯލެއް ނުކުރެވެއެވެ. ބައެއް ފަހަރު މެސެޖް ނުބަލައިގެން މެސެޖްތައް ޑިލީޓް ވެސް ކުރަމެވެ. ހުސެން މަތިން އަހަރެން އެންމެ ހަނދާންވަނީ ވެސް އޭނާ ގެއަށް ދިޔައީމައެވެ. ހުސެންގެ ސްނެޕެއް ނުލިބި އެންމެ ގިނައިރު ވާނީ ވެސް އޭނާ ގޭގައި އުޅޭ ވަގުތުތަކެވެ. އެކަން ގަބޫލުކުރަން އަހަރެންގެ ހިތް މަޖުބޫރު ކުރުވާ ކޮންމެ ފަހަރަކު އަހަންނަށް ވަރަށް އަސަރު ވެސް ކުރެއެވެ.

އެ ރޭ ނިދަން އޮވެ، އަހަރެން ވަރަށް ފިކުރު ކުރީމެވެ. ޒިޔާދަށްޓަކައި ހޭބަލިވީ ދުވަސް ނިމުނު ކަހަލައެވެ. އޭނާއާ ހެދި މޮޔަވެ، އާދޭސްކުރި ދުވަސްތައް މާޒީވެ ގޮއްސިއެވެ. ހަމައެކަނި ޒިޔާދަށްޓަކައި ހުސްވެ ހުރެ، އޭނާގެ ލޯތްބަށް އެދި އާދޭސްކުރަން މިހާރު އަހަރެން ފަސްޖެހޭ ދަރަޖައަށް ގޮއްސިއެވެ. ނަމަވެސް ހުސެންއަކީ އަހަރެންގެ މުސްތަޤްބަލް ނޫންކަން ސިކުނޑި އަބަދު އަހަންނަށް އިންޒާރުދެއެވެ. އަހަރެންގެ ޟަމީރާއި ހިތް އަހަންނާ އެއްކޮޅަށް އޮތަސް، ސިކުނޑި އަބަދުވެސް ވާހަކަ ދައްކަނީ އަހަންނާ ދެކޮޅަށެވެ. މުޅިން ވެސް ވިސްނައިދެނީ ހަގީގަތް ގަބޫލު ކުރުމެވެ. ބައެއް ފަހަރު ކެތް ނުވެގެން އަހަރެން އެ ކަމަށް އެއްބަސްވަމެވެ.

މިރޭ ވެސް ކަންތައްވީ އެެހެންނެވެ. ހުސެންއަކީ މީހެއްގެ ފިރިއެއްކަމާއި ދެ ކުދިންގެ ބައްޕައެއްކަން ހަނދާންވުމާއެކު އަހަރެންގެ ހިތް ކޮންޓްރޯލްކުރަން އަހަރެން ބޭނުންވިއެވެ. އެކަމުގައި އަހަރެން ބޭނުންވަނީ ޒިޔާދުގެ އެހީތެރިކަމެވެ. މޭމަތީގައި އޮތް ފޯނު ނަގައި ޒިޔާދުއަށް ގުޅާލީ ވެސް ހަމަ އެހެންވެއެވެ.

" ހަލޯވް." ޒިޔާދުގެ އަޑުގައި ހުރީ ލާނެތްކަމެވެ.

" ޒިޔާ؟" އެހާ ލަސް ގަޑިއެއްގައި ޒިޔާދު އެހާ މަޖާނަގަނީ ކީއްވެބާވައޭ އަހަރެން ހިތަށް އެރިއެވެ.

" ޔެސް. ކީކޭ؟ ކީއްކުރަން ތި ގުޅީ މި ގަޑީގައި؟ ލިލީއަށް ކަމެއް ވީތަ؟" ޒިޔާދު އެހިއެވެ.

" ނޫން. ވާހަކަ ދައްކާލާ ހިތުން. ހާދަ އަޑުގަދަ ތާކު؟" އަހަރެން އެހީމެވެ.

" އާނ. ބާބަކިޔު ޖައްސައިގެން އޮފީސް މީހުން ކަރޯކޭ ޖައްސަނީއޭ. " ޒިޔާ ބުންޏެވެ.

އަހަންނަށް ހިމޭން ވެވުނެވެ. ހެނދުނުއްސުރެ ޒިޔާދު އެ ހުންނަނީ އަހަންނަށް ގުޅައިވެސް ނުލައޭ ހިތަށް އަރާފައި އަހަރެން ދެރަވިއެވެ. ނަމަވެސް އެ ފަދަ އެއްޗެއް ބުންޏަސް، އޭނާ ރުޅި އަންނާނެކަން އެނގި އަހަރެން ޝަކުވާތައް އެއް ފަރާތް ކުރީމެވެ.

" ވާހަކަ ދައްކާލާ ހިތުން. މިއަދު ވެސް ދެ މީހުން ރުޅި އަންނަން ޖެހުނީމަ އެކަމާ ދެރަވެގެން." އަހަރެން ބުނީމެވެ.

އެއާއެކު ޒިޔާދު ބާރަށް ހޭން ފެށިއެވެ.

" މިހާރު މިއީ ދެ މީހުން މާ ފޮޅުވަން ޖެހޭ ދުވަސްވަރެއް ނޫނޭ. މިހާރަކީ ހެސްކިޔާފައި މަސައްކަތްކޮއްގެން އުފަލުގައި އުޅެވޭތޯ ބަލަންޖެހޭ ދުވަސްވަރު. ލިލީގެ މުސްތަޤްބަލާމެދު ނޫނީ އަހަންނެއް ނުވިސްނަން. ކޮންމެހެން ރޭގަނޑު ދަންވަންދެން ވާހަކަ ދައްކަން ތިބެނީ ކީއްކުރަން. އެއީ މާ ކުރީގެ ޓްރެންޑެކޭ. ކޮންމެހެން ދައްކަންޖެހޭ ވާހަކައެއް ދެއްކީމަ ނިމުނީއެއްނު" މަޖާވެފައި ހުރެ ޒިޔާދު ވާހަކަ ދެއްކިއެވެ.

އެ ވަގުތު އަހަންނަށް ލިބުނީ އިންތިހާއަށް ފޫހިކަމެވެ. އޭނާގެ އަޑު އަހާލަން ވެސް އަހަރެން ބޭނުމެއް ނުވިއެވެ. އަހަރެންގެ ހިތަކީ ލޯބިން ފުރިފައި އޮތް މުއްސަނދި ހިތެކެވެ. ލޯބި ފިޔަވައި އަހަރެންގެ ހިތުގައި އިތުރު އެއްވެސް އެއްޗަކަށް ޖާގައެއް ނޯންނާނެއެވެ. ނަމަވެސް ޒިޔާދުގެ އެ ރުންކުރު މިޒާޖުގެ ސަބަބުން އަހަރެންގެ ހިތް މޭ ތެރޭގައި އޮތީ ވަޅުޖެހިފައެވެ. ކިތަންމެ ލޯބިވެތި ހިތަކަށް ވެސް، ކާނާގެ ގޮތުގައި ލޯތްބާއި އަޅާލުން ނުލިބޭނަމަ، އެ ހިތެއް ވީރާނަވެ ދާނެކަން މިއަދު އަހަންނަށް އެނގިއްޖެއެވެ.
ޒިޔާދުގެ ވާހަކަތަކުން އަހަންނަށް މާ ބޮޑަށް ފިކުރު ކުރެވެން ފެށިއެވެ. އޭރު ވަރަށް ގަދަޔަށް ބޮލުގައި ވެސް ރިއްސަން ފަށައިފިއެވެ ފޯނަށް ބަލަހައްޓައިގެން އޮއްވާ، ލިބުނީ ހުސެންގެ ސްނެޕެކެވެ. އެއީ ކޮންމެވެސް ރެސްޓޯރެންޓެކެވެ. އެ ހިސާބުން އޭނާ ގެއިން ބޭރަށް ނިކުތްކަން އަހަންނަށް އެނގުނެވެ.

" ސަޅި ތަނެއް. ކޮފީ ބޮނީތަ؟" އަހަރެން އެހީމެވެ.

ކޮންމެ ތަނެއްގެ ފޮޓޯއެއް ފޮނުވިޔަސް ހުސެން ފޮނުވާ އެއްޗަކަށް އަނގައިން ބުނެ ނުލާ، އަހަރެން ދޫކޮށެއް ނުލަމެވެ. ސަބަބަކީ އަހަންނަށް ހުސެން މުހިއްމުވާތީއެވެ. އެއްވެސް ހާލެއްގައި، އޭނާ އެއްފަރާތް ކުރަން ބޭނުން ނުވާތީއެވެ.

" ނިދަނީތަ؟" ހުސެން އެހިއެވެ.

" ނޫން. ބޮލުގައި ރިއްސާތީ އޮތީ." އަހަރެން ބުނީމެވެ.

" ބޭސް ކައިފިންތަ؟ " ހުސެންގެ މެސެޖް ލިބުނީ ނުހަނު އަވަހަށެވެ.

" ނެތް ބޭހެއް." އަހަރެން ބުނީމެވެ.

" ދަންތަ ބޭސް ހިފައިގެން؟" ހުސެން އަހާލިއެވެ.

" ކެރޭނެތަ އަންނަން؟" އަހަރެންގެ ހިތް އޭރު ވަރަށް ބާރަށް ތެޅެން ފަށައިފިއެވެ.

" ހޫމް. ގޮސްދާނަން ހިފައިގެން." ހުސެން ބުންޏެވެ.

ކުއްލިއަކަށް އަހަރެންގެ މުޅި ހަށިގަނޑު ވެސް ފިނިވާން ފެށި ކަހަލައެވެ. އަަހަރެން އަވަސް އަވަހަށް ތެދުވީމެވެ. އަދި ފޯނު ހިފައިގެން ސިޓިންރޫމަށް ގޮސް ސޯފާގައި އޮށޯތީމެވެ.

" އޯކޭ. އައިސް ގުޅާލާ. އަހަރެން ފައިބާނަން." ލިޔެލީމެވެ.

" މައްޗަށް އަރާފާނަމޭ." ހުސެން ބުންޏެވެ.

އެއާއެކު އަހަންނަށް ލިބުނީ ކުއްލި ޝޮކެކެވެ. އަހަންނާ ބައްދަލްކުރަން ހުސެން ބޭނުންވިކަން އެނގުމުން އަހަރެންގެ ހިތް ފުންމައިގަތް ކަހަލައެވެ. ހުސެންއާ ދާދި ގާތުގައި ހުންނަ ހިތް ވެއްޖެއެވެ. ތަންކޮޅެއް ކައިރިން އޭނާއަށް ބަލައިލަން ބޭނުން ވިއެވެ. އަހަރެންގެ މި އެކަނިވެރިކަމުގެ ތެރެއަށް އޭނާ ގެނެސް، އަލިކަން ހޯދަން ބޭނުންވިއެވެ.

" މި ދަނީ އިނގޭ." ހުސެން ބުނެލިއެވެ.

( ނުނިމޭ )

މި ވާހަކަ ގެނެސްދޭނީ ކޮންމެ އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެވެ.

(ނިމުނީ)