" ގެއަށް ހަމަ ދާން ވީތަ؟" ހުސެން އަނެއްކާ ވެސް ބުންޏެވެ.
އަހަރެން ބުނާނީ ވެސް ކީކޭ ހެއްޔެވެ؟ އާނއެކޭ ބުނާ ހިތެއް ނުވިއެވެ. އޭނާ ފޮނުވާލާ ހިތެއް ވެސް ނުވިއެވެ. އަހަރެން ބޭނުންވަނީ އަނެއްކާ ވެސް ހުސެން ކައިރިއަށް ދާށެވެ. ދުވެފައި ބޭރަށް ނިކުމެދާނަމޭ ހިތަށް އެރިއެވެ. ނަމަވެސް މިރޭ ދެން ދެވަނަ ފަހަރަށް ހުސެންއަށް ފެންނާނެހާ ހިތްވަރެއް އަހަރެންގެ ގަޔަކު ނެތެވެ. ކުރިމަތީގައި ހުރެގެން ވާހަކަ ދައްކަން އަދި އަމުދުން ނުކެރޭނެއެވެ. ސިޑި އަރިމަތީގެ ދަގަނޑުތަކުގައި ބޯ ޖައްސާލައިގެން އިނދެ އަހަރެން ޓައިފް ކުރަން ފެށީމެވެ.
" ދެން ނުކެރޭނެ ހުސެންއަށް ފެންނާކަށް." އަހަރެން ބުނީމެވެ.
" އެއީ ކީއްވެ؟ ލަދުންތަ؟" ހުސެން އެހިއެވެ.
އޭނާ އިނީ އަހަރެންގެ މެސެޖެއްގެ އިންތިޒާރުގައިކަން އަހަންނަށް ޔަގީން ވިއެވެ.
" ހޫމް. ވަރަށް ބޮޑަށް. އަޅެ ދެން ދޭބަލަ." އަހަރެން ބުނީމެވެ.
" އޯކޭ. ދަނީ ދެން. އެކަމަކު ދާ ހިތަކުންނެއް ނޫން އިނގޭ." އޭނާ ބުންޏެވެ.
ޒަމާނަކަށްފަހު ނުލިބޭ ފަދަ އުފާވެރިކަމެއް އެ ވަގުތު އަހަރެންގެ ހިތަށް ވެރިވިއެވެ. ހިތުގައި އުފެދުނު ބާންޏެއްގެ ސަބަބުން ހިތް ނަށައިގަތީ އުފަލުންނެވެ. ހުސެން ނައްޓާލިކަން އެނގުމުން އަހަރެން އަވަސް އަވަހަށް ތެދުވެ، ލިފްޓަށް އެރީމެވެ.
" ސައިކް މަޑިދަށަށް ލީ އަލަކޮޅު. ގެއަށް ވައްދާއިރަށް ވައިފް އަހާނެ އެއްނު ކާކު ދިން އެއްޗެއްތޯ. މި ދަންވަރު އަހަންނަށް އަލަ ދޭނީ ދެން ކާކުތަ؟" ގެއަށް ދިޔަ ގޮތަށް ހުސެން މެސެޖް ކުރިއެވެ.
ހުސެން މިހާރު އަހަންނާ ވާހަކަ ދައްކަން ވަރަށް ގަޔާވެއްޖެކަން އަހަންނަށް އެނގުނެވެ. އެކަމަށް އަހަރެންގެ ޝައުގުވެރިކަން ހުރި މިންވަރު އަދި ހުސެންއަށް ނޭނގެނީއޭ ވެސް އަހަރެން ހިތަށް އެރިއެވެ.
" އޯހް. ވައިފް ކައިރީ ބުނެބަލަ ފްރެންޑެއް ދިން އެއްޗެކޭ. " އަހަރެން ބުނީމެވެ.
" އުނހު. ދެން އޯކޭ ވާނެޔޭ. އަހަރެން އެ ގެންދާނީ އޮފީހަށް. " ހުސެން ބުންޏެވެ.
" ވައިފް ކޮބާ؟ ނިދީތަ؟" އަހަރެން އެހީމެވެ.
" ނޫން. އެބައޮތް ޓީވީ ބަލަން. މީ މިއިނީ ވޯކެއް ނިންމާލަން ވެގެން." ހުސެން ބުންޏެވެ.
" ދެން ޔޫ ވައިފްއަށް ގޮވަން ވީނު." އަހަރެން ބުނީމެވެ.
" ނޯ. އޯކޭ ވާނެ." ހުސެން ބުންޏެވެ.
އެ ވަގުތު އަހަރެންގެ ހިތް ކޮންމެވެސް ވަރަކަށް އުދާސް ވެއްޖެއެވެ.
" ޔޫ ކޮންތާކު؟ ވައިފް ކައިރިއަކު ނޫންތަ؟" އަހަރެން ސުވާލު ކުރީމެވެ.
" ކުދިން ރޫމްގައި މި އޮތީ." ހުސެން ބުންޏެވެ.
އަހަރެންގެ ހިތުގައި މިހާރު ކުރިއަށް ވުރެ މާ ގިނަ ސުވާލު އުފެދެން ފަށައިފިއެވެ. ނަމަވެސް ހުސެން ދުވަހަކު ވެސް އޭނާގެ އަނބިމީހާގެ ގޯސް ވާހަކައެއް އަހަރެން ކައިރިއަކު ނުދައްކައެވެ. އެހެންވެ، އަހަންނަށް ހުސެންގެ ދިރިއުޅުމާ ބެހޭ ގޮތުން މާ ފުންކޮށް ސުވާލު ކުރާކަށް ނުކެރެއެވެ.
" ކީއްވެ ކޮންމެ ރެޔަކު ތިތާ އޮންނަނީ؟ ވޯކް ނިންމާފައި ޔޫގެ ރޫމަށް ނުދަންތަ؟" އަހަރެން އެހީމެވެ. ޖެހިލުންވެ ހުރެއެވެ.
" ހޫމްމްމް. ދުވަސްކޮޅެއް ވެއްޖެ ދެ މީހުން ދެ ތާ ނިދަނީ. " ހުސެން ބުންޏެވެ.
އެ ވަގުތު އަހަންނަށް ލިބުނީ ކުއްލި ސިހުމެކެވެ. ހުސެންއަށް އެކަން އެ ގޮތަށް މެދުވެރިވާކަށް އަހަރެންގެ ހިތެއް ނޭދުނެވެ. އިތުރަށް ސުވާލު ކުރަން ބޭނުންވިއެވެ.އެކަނި ހާލުގައި އޭނާ އެހެން އޮންނާތީ އަހަރެން ހިތުގައި ޖެހުނެވެ. އެ ވަގުތު އަހަރެން ޒިޔާދު މަތިން ވެސް ހަނދާންވިއެވެ. ކައިރީގައި އިނދެ އާދޭސް ކުރާއިރު ވެސް ޒިޔާދުގެ ހިތަށް އެއްވެސް ރަހުމެއް ނުވަންނާނެއެވެ. ޖެހުނުތާކު، ޖެހުނު ގޮތަކަށް އޭނާ ނިދާނެއެވެ. މުޅި ރޭ އިންތިޒާރުގައި އިންދާ، އޭނާ އައިސް އެނދަށް ވެއްޓިގަނެ އޮވެ ނިދާނީއެވެ. އަނެއްކާ ހުސެންއަށް ވެސް އެ ވަނީ އެހެން ބާވައޭ އަހަރެންގެ ހިތަށް އެރިއެވެ.
ނޫނެކެވެ. ހުސެންއަކީ ޒިޔާދު ކަހަލަ މިޒާޖެއް ހުންނަ މީހެއް ނޫނެވެ. އެންމެ ހަފްތާއަކުން ވެސް އަހަންނަށް އެ ވަރު އެނގެއެވެ. އަނެއްކާ ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނެޔޭ ބުނާ އުސޫލުން އަހަރެން އޭނާދެކެ ލޯބިވާވަރުން އޭނާއާމެދު ގޯސްކޮށް ވިސްނަން އަހަންނަށް އުނދަގޫވަނީ ބާވައެވެ؟
" އެ ކީއްވެ؟ ދެ މީހުން ދެ ތާ ނިދަނީ؟ " އަހަރެން ކުރީ ކުރު ސުވާލެކެވެ.
" ވަކި ކަމެއް ނުވެ. " ހުސެން ބުންޏެވެ.
ދިރިއުޅުމުގެ ކަންތައްތައް ހިއްސާކުރަން ހުސެން ބޭނުން ނުވާކަން އަހަންނަށް އެނގުނެވެ. އިތުރަށް އަހައި އޮޅުން ފިލުވާކަށް ވެސް އަހަންނަކަށް ނުކެރުނެވެ. އަހަރެން ހުސެންދެކެ ލޯބި ވިޔަސް، ހުސެން އަހަރެންދެކެ ލޯބިވާނެކަމެއް ވެސް އަހަންނަކަށް ނޭނގެއެވެ. އެހެންވެ، އަހަރެން ނިންމީ އޭނާގެ ދިރިއުޅުމުގެ ވާހަކަތައް މާ ބޮޑަށް ނާހާށެވެ.
" ދެން މިރޭ އަވަހަށް ނިދައްޗޭ." އަހަރެން ބުނީމެވެ.
" ޔޫ ނިދި އައީތަ؟" ހުސެން އެހިއެވެ.
" ނޫން. އައި ވެސް ނިންޖެއް ނާދެ." އަހަރެން ބުނީމެވެ.
" އަނެއްކާ ދާންވީތަ ލަދުގަންނަވާލަން." ހުސެން ބުންޏެވެ.
" ނޫން. ދެން." ލަދުން ގޮސް އަހަންނަށް މޫނުމަތީ ބާލީސް އެޅުނެވެ.
" އޯކޭ. ދެން ނިދޭތޯ ޓްރައި ކުރޭ އިނގޭ. ގުޑްނައިޓް." ހުސެންގެ މެސެޖް ލިބުމާއެކު އަހަންނަށް ތުން ދަމާލެވުނެވެ.
ނިދެން ދެން ވެސް އަހަރެން ބޭނުންވީ މެސެޖް ކުރަން އޮންނާށެވެ. އޭނާއާ ވާހަކަ ދައްކާށެވެ. ނަމަވެސް ހުސެން އެހެން ބުނާނީ އޭނާ ބިޒީވީމައޭ ހިތަށް އަރާ އެކަމަށް އެއްބަސްވީމެވެ.
" އަޅެ. އަހަންނަށް ކިހިނެއްތަ މި ވަނީ؟ މިހާރު ހަމައެކަނި މިސްވަނީއެއް ނޫން. ފެންނަން ވެސް ބޭނުން. އަދިވެސް ދެކެން ބޭނުންވަނީ. " އަހަންނަށް ހިތާހިތާ ވާހަކަ ދައްކަން ފެށުނެވެ. އެނދުން ތެދުވެގެން ގޮސް ބަދިގެ ބަޔަށް ވަނީ ވެސް ފިކުރު ބޮޑުވެފައި ހުރެއެވެ. ބަދިގެ މޭޒުމަތީގައި ފޯނު ބޭއްވުމަށްފަހު އައިސްއަލަމާރި ހުޅުވާލީ ބަނޑުހައި ވެގެންނެވެ. ފެންތައްޓެއް އަޅައިގެން އައިސް ކާމޭޒު ކައިރީ އިށީން އިރު އަހަރެންގެ ހިތް ވަރަށް ބޮޑަށް ނުތަނަވަސް ވެއްޖެއެވެ.
ފޯނުގެ ވޯލްޕޭޕަރަށް ލައިފައި އޮތް ޒިޔާދުއާ ލިލީގެ ފޮޓޯއަށް އެ ވަގުތު އަހަންނަށް ނަޒަރު ހިންގާލެވުނެވެ. އަހަރެންގެ ކުރިމަތީގައި ހުރި ފެންތަށީގައި ހިފަހައްޓާލައިގެން އަަހަރެން އިނީ ވައަތުން ފޯނަށް ބަލާށެވެ އިއްޔެއާ ޖެހެންދެން ވެސް އަހަންނަކީ ޒިޔާދަށްޓަކައި ފިދާވަމުން ދިޔަ މީހަކީމެވެ. ނަމަވެސް މިއަދު އަހަރެންގެ ހިތުގައި އާ ވިންދެން ޖަހާކަން އިހްސާސް ކުރެވެއެވެ. އާ ލޯތްބެއްގެ އަަސަރުތައް ހިތުގެ ތެރެއަށް ފެތުރެން ފަށައިފިއެވެ. އެއާއެކު އަހަންނަށް ބާރަށް ލޯ މަރާލެވުނެވެ. އަތުގެ އިނގިލިތަކަށް ބާރު ލެވުނެވެ. ދަތްތައް ފިތި، ރުޅިގަދަ ވާން ފެށިއެވެ. ފުންނޭވާތައް ހަށިގަނޑަށް ގިނަވެ، މާނޭވާ ލެވެން ފެށުނީ އެހާމެ އަވަސް އަވަހަށެވެ.
" ކިހިނެއް މި އިހްސާސްތައް ކޮންޓްރޯލް ކުރާނީ؟ ކާކަށް އަހަރެން ކިޔައިދޭނީ؟ އަހަންނަށް މި ވާ ގޮތް އަހަންނަށް އެނގެޔޭ. މިއީ ބޮޑު ފާފައެއްކަން ވެސް އެނގެޔޭ." އަހަންނަށް އެހެން ބުނެވުމާއެކު ރޮވެން އުޅުނެވެ. އޭރު އަހަރެން ހުރީ ވަރަށް ބޮޑަށް ވަރުބަލި ވެފައެވެ. އަނެއްކާ ވެސް އަހަންނަށް ބަލައިލެވުނީ ފޯނަށެވެ. ޒިޔާދުގެ ފޮޓޯ ފެނުމުން ރުޅި ގަދަވާން ފެށިއެވެ. އަހަރެން ނިންމީ ޒިޔާދުއަށް ގުޅައިގެން އަހަރެންގެ ހިތަށް ހަމަޖެހުމެއް ލިބޭތޯ ބަލާށެވެ.
ޒިޔާދުގެ ފޯނު ރިންގުވާން ފެށުމާއެކު އަހަރެން ތުރުތުރު އަޅަން ފެށިއެވެ. އަހަރެންގެ ހިތުގެ ހާލަތު އޭނާއަށް ކިޔައިދޭން އަހަރެން ފަށާނީ ކިހިނެއް ބާވައޭ ހިތަށް އެރިއެވެ. އެއްޗެއް ބުނަން ހިތަށް އެރިޔަސް ދެ ތުންފަތް ތުރުތުރު އަޅައިގަނެއެވެ. ހިތަށް ވެސް ވަންނަނީ މީގެ ކުރިން ދުވަހަކު ވެސް އިހްސާސް ނުކުރާ ވަރުގެ ބިރުވެރިކަމެކެވެ.
ކުއްލިއަކަށް ޒިޔާދު ފޯނު ނަގައިފިއެވެ.އަހަންނަށް ނޭވާ ހިފަހަައްޓާލެވުނީ އެންމެ ފުރަތަމަ ބުނާނީ ކީކޭ ކަމެއް ނޭނގިގެންނެވެ.
" ހަލޯ. ކިހިނެއްވީތަ ހާދަ ދަންގަޑިއެއްގައި ތި ގުޅީ؟ ކަމެއް ވީތަ ލިލީއަށް؟" ޒިޔާދު އެހިއެވެ.
ޒިޔާދުގެ އަޑު އިވުމުން އަހަންނަށް ރޮވެން އުޅުނެވެ. ނަމަވެސް ހިތްވަރު ކުރީމެވެ. އޭނާގެ ކުރިމަތީގައި އަހަރެންގެ ހިތް ހުޅުވާލަން ބޭނުންވިއެވެ.
" ޒިޔާ." އަހަރެން ގޮވާލީ ހިތްދަތިވެ ހުރެއެވެ.
" އުނ. ކިހިނެއްވީތަ؟ އަހަރެން ނިދަން ޖައްސާލައިގެން މި އޮތީ. މިސްވަނީތަ؟" ޒިޔާދު އެހިއެވެ. މި ފަހަރު އޭނާގެ އަޑުގައި މަޑުމޮޅިކަމެއް އެކުލެވިފައިވާކަން އަހަންނަށް އެނގުނެވެ.
" މިސްވަނީ ދޯ. މާ ދުވަސްވީ ތަ؟ ދާން ވީތަ އަހަރެން؟" ޒިޔާދު ބުނެލީ ލާނެތް ގޮތަކަށެވެ. އެއާއެކު އަހަރެންގެ ދެ ލޮލުން ފެންތައް ފައިބައިގަތެވެ.
" ޒިޔާ." ވަރުދެރަ އަޑަކުން އަހަރެން އޭނާއަށް ގޮވާލީމެވެ.
" ތައިބާ ބަލީތަ؟" ޒިޔާދު އެހީ ހާސްވެގެންކަން އަހަންނަށް އެނގުނެވެ.
" ކޮން ދުވަހެއް؟" އަހަރެން ބުނީމެވެ.
" ނުވާނެ އެހެންނެއް. މިއަދު ގުޅި އިރު ވެސް ބައްޔެއް ނޫން." ޒިޔާދު ބުންޏެވެ.
" ޒިޔާ މިތާ އުޅުނު އިރު ވެސް އަހަރެން ބައްޔޭ. މިތާ އުޅުނު އިރު އަހަރެން ބަލިކަން ނޭނގޭ މީހަކަށް ދުރަށް ދިޔައީމަ ކިހިނެއް އެނގޭނީ؟" އަހަރެން ބުނީމެވެ.
" ކިހިނެއްވީ؟ އަހަންނަކަށް ނޭނގޭނެ މާ ދުރުދުރުން ބުންޏަކަސް. " ޒިޔާދު ހިތްހަމަ ނުޖެހިފައި ހުރެ ބުނެލިއެވެ.
" ބޭރުފުށުން ނުފެނުނަސް، އަހަރެން މި އުޅެނީ ވަރަށް ހާލުގަ." އަހަރެން ފެށީމެވެ.
" ކޯއްޗެއް ކިޔާކަށް. ތިއަށް ވުރެ އަރާމު، އުފާވެރި ލައިފެއް އުޅޭ މީހަކު ނޭނގެ ތައިބާގެ ގޭގައި ވެސް އުޅޭނެކަމެއް. ތިއީ ހާލުގައި އުޅޭ މީހެކޭ ނުބުނާނެ އެކަކު ވެސް. އަހަރެން ހަމަ ހައިރާންވޭ ބައެއް ފަހަރު ތައިބާ ބުނާ އެއްޗެހިން. ގައިމު ތައިބާ ދުލުން ބުނެލާ ކޮންމެ އެއްޗެއް..." ޒިޔާދު ގެ ޖުމްލަ ފުރިހަމަ ކުރާ އަޑު އަހަން އަހަންނަކަށް ކެތެއް ނުވިއެވެ.
" އަހަރެން ދުލުން ބުނެލާ ކޮންމެ އެއްޗެއް ނުލިބޭ. ނުދޭ ޒިޔާދުއެއް. ނުދޭ." އަހަންނަށް ބާރަށް ރޮވިއްޖެއެވެ. މޭޒުގައި ބޯ އަޅައިގެން އޮވެ އަހަރެން ރޯން ފެށީމެވެ.
" ތައިބާ؟ ދެން މި ދަންވަރު ކޮން ސަކަރާތެއް ޖަހާކަށް؟ ތި ކަހަލަ ޝަކުވާ ނުކުރާށޭ ބުނީމެއްނު. އަހަރެން މާދަމާ ވަރަށް ހެނދުނާ ތެދުވަން ވެސް ޖެހެޔޭ. ބޭކާރު ކަންކަމާ ވިސްނަނީ ކީއްކުރަން؟ ނިދާބަލަ." ޒިޔާދުގެ ކޮންމެ ޖުމްލަކުން އަހަރެންގެ ހިތަށް ލިބުނީ ބަރުކަމެވެ. ލިބުނީ އިތުރު ހިތްދަތިކަމެކެވެ. އެހެންވެ އޭގެ ބަދަލުގައި އަހަރެން ބޭނުންވީ ހުޅުވިފައި އޮތް ހިތުގެ ހާލަތު އޭނާއަށް ރަނގަޅަށް ކިޔައިދޭށެވެ.
" ޒިޔާއަށް ހީވަނީ އަހަރެން މި ޖަހަނީ ސަކަރާތްކަމަށްތަ؟ ނޫނީ މިއީ ހަމަ ޝަކުވާއޭތަ؟ ޕްލީޒް ޒިޔާ. އެޓްލީސްޓް އަހަރެން ވާހަކަ ދައްކަން ފުރުސަތު ދީބަލަ." އަހަރެން އެދުނީމެވެ.
" ހޫމް އަނގައިން ނުބުނެ ތި ހުންނަނީ؟ މިއީ މީހުން ވާހަކަ ދައްކަން ގުޅާ ގަޑިތަ؟" ޒިޔާދުގެ ރަސްމީ ރުންކުރު ގޮތްގަނޑުގެ ސަބަބުން އިތުރަށް އަހަރެން ވީ ދެރައެވެ.
" މި ނޫން ކޮން ވަގުތަކު ޒިޔާ ފްރީވަނީ؟ ލިލީއަށް ގުޅާފައި ވާހަކަ ދެއްކުނީމަ ޒިޔާއަށް އެ ނިމުނީ. ދެން އަހަރެން ގުޅާއިރަށް ކޮންމެވެސް ބަހަނާއެއް ތި ދައްކަނީ. އަހަންނަށް އެނގެޔޭ ފޯނު ބޭއްވިޔަސް ޒިޔާ ނުނިދާނެކަން." އަހަރެން ބުނީމެވެ.
" އޯކޭ. އަހަރެން މި ހުރީ އަޑުއަހަން. މި ދަންވަރު ތައިބާ ތިވަރުން ތި ދައްކަން އުޅޭ ވާހަކައެއް އަޑުއަހަން މި ހުރީ. މަގޭ ނިދި ނަގާލައިފައިވިޔަސް." ޒިޔާދު ބުނެލީ މަލާމާތުގެ ރާގަކަށެވެ. އެހެން ވިޔަސް އަހަރެން މިރޭ ހިތުގައި ހުރި ހުރިހާ ޝަކުވާއެއް ކުރާނަމޭ ހިތަށް އެރިއެވެ. އަހަރެންގެ ހިތް އޮޔާ ބެހިގެން ދާން ފަށައިފިކަން އަހަންނަށް އެނގެއެވެ. ނަމަވެސް އެ ހިތް އަދި ވެސް ސަލާމަތް ކުރެވިދާނެކަން ވެސް އަހަންނަށް އެނގެއެވެ. ބޭނުންވަނީ ޒިޔާދުގެ ފަރާތުން ކުޑަ ހިތްވަރެކެވެ. އޭނާގެ އެއްބާރުލުމެވެ.
" ޒިޔާ! ޒިޔާ އަހަންނަށް ވަރަށް ބައިވަރު ލޯބި ދީބަލަ." އަހަރެން ބުނީމެވެ.
އެ ވަގުތު ޒިޔާދު ޖަހާލީ ހިނިގަނޑެކެވެ. އަހަރެން ވަރަށް ދެރަވިއެވެ. އޭނާއަށް އަހަރެންގެ ގިސްލުމުގެ އަޑުން އެއްވެސް އަސަރެއް ނުކުރަނީބާވައޭ ހިތަށް އެރިއެެވެ.
" މިތާ ހުރެގެން ކިހިނެއް އަހަރެން ލޯބި ދޭނީ؟" ޒިޔާދު ބުނެލީ ވެސް ހެމުންނެވެ.
" ތިތާ ހުރެގެން ވެސް ޒިޔާއަށް ލޯބި ދެވޭނެ. ލޯތްބަކީ ހަމައެކަނި ދެ ޖިސްމު މަސްހުނިވެގެން ދޭން ޖެހޭ އެއްޗެއް ނޫނޭ. ޒިޔާއަށް އެނގޭތަ ލޯތްބަކީ ކޮބައިކަން؟" ހަމަޖެހެން މަސައްކަތް ކުރަމުން އަހަރެން ސުވާލު ކުރީމެވެ.
" ލޯތްބަކީ ފައިސާ. ފައިސާ ނެތިއްޔާ ލޯތްބެއް ވެސް ނުލިބޭނެ. މީހަކަށް ލޯބި ދޭން ބޭނުން ވިޔަސް ފައިސާ ނެތިއްޔާ ކިހިނެއް ލޯބި ދޭނީ؟ ކިހިނެއް އަނެކާ ބޭނުންވާ ކަންތައްތައް ފުރިހަމަ ކޮއްދޭނީ؟ނއަލިފާންފޮއްޓަކަށް އަންހެނުން ލައިގެން ، ލޯބިވެޔޭ ކިޔާ ފިރުމީމަ އެ ނިމުނީތަ؟ އޭގެ ބަދަލުގައި ވައިފްއާ ދަރިން އުފާކޮއްދޭން ޗުއްޓީ ހޭދަކުރަން ގޮސް، އެކި ތަންތަނުން ކާލައިގެން، ރީތި އެއްޗެހި ގަނެލީމަ ކިހާ އުފާވާނެ ތައިބާމެން. އެހެންވީމަ، ލާރި ނެތިއްޔާ މި ޒަމާނުގައި ލޯތްބަކީ ހަމަ ސުމެއް. " ޒިޔާދުގެ ވާހަކަތައް އަޑުއަހަން އަހަންނަށް އިނދެވުނީ ހައިރާންވެފައެވެ.
( ނުނިމޭ)
މި ވާހަކަ ގެނެސްދެނީ ކޮންމެ އާދިއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެވެ.
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!