އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީއާއި ލިވަޕޫލް ބައްދަލުކުރި މެޗު 2-1 ގެ ނަތީޖާއިން ޗެލްސީން ކާމިޔާބު ކޮށްފިއެވެ.

މި މެޗުގެ ކުރިން ޗެލްސީ ލީގުގައި ކުޅުނު ދެ މެޗުން ވަނީ ބަލިވެފައެވެ. އެންމެ ފަހުން ޗެލްސީ ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗެއްގައި އެ ޓީމަށް ރަތްކާޑު ދައްކާފައިވާއިރު، ރޭ މެޗުގައި އެ ޓީމުގެ ކޯޗް، މަރެސްކާއަށް ވަނީ ރަތްކާޑު ދައްކާފައެވެ. ލިވަޕޫލްގެ އޭރިއާތެރެއިން ގަނާޗޯއަށް ފައުލްކުރިކަމަށް ބުނެ އަމަލުތައް ބެހެއްޓި ގޮތުން މަރެސްކާއަށް ފުރަތަމަ ރީނދޫ ކާޑު ދެއްކިއިރު، އޭނާއަށް ދެވަނަ ރީނދޫ ކާޑާއިއެކު ރަތްކާޑު ދެއްކީ ފަހުވަގުތު ޗެލްސީ މޮޅުވި ލަނޑު ޖެހުމާއިއެކު އުފާފާޅުކުރުމުގެ ތެރޭގައި އަމަލުތައް ބެހެއްޓި ގޮތުންނެވެ.

Ad
rt

މެޗު ފަށައިގެން ޗެލްސީގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނުނު މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ވެސް ޗެލްސީންނެވެ. މޮއިސަސް ކައެސޭޑޯ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ ގޯލުގެ މަތީކަނަށް އަމާޒުވީ ލިވަޕޫލްގެ ގޯލު ބަލަހައްޓަން ހުރި ޖޯޖިއާގެ ކީޕަރު، ޖިއޯޖީ މަމަޑާޝްވިލީ އަތުގައި ޖެހިފައެވެ. ފުރަތަމަ ހާފު ނިމިގެން ދިޔައީ ޗެލްސީ ކުރީގައި އޮވެއެވެ.

މެޗުގައި ލިވަޕޫލުން ލަނޑުޖަހައި ނަތީޖާ ހަމަހަމަ ކުރީ 63 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ގަކްޕޯއެވެ. ލިވަޕޫލް މެޗުން ބަލިވީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ހަތް މިނެޓުގެ ތެރެއިން ފަސްވަނަ މިނެޓުގައި އުމުރުން 18 އަހަރުގެ އެސްޓެވާއޯ ޖެހި ލަނޑުންނެވެ. މިއީ މި ސީޒަންގައި ޗެލްސީއާއި ގުޅުނު އެސްޓެވާއޯ ޗެލްސީއަށް ޖަހައިދިން ފުރަތަމަ ލަނޑެވެ.

ލިވަޕޫލް ބަލިވުމުގެ ފައިދާ އާސެނަލުން ވަނީ ނަގާފައެވެ. ރޭ ވެސްޓްހޭމް އަތުން އާސެނަލް މޮޅުވީ 2-0 ގެ ނަތީޖާއިންނެވެ. އާސެނަލްގެ ލަނޑުތައް ޖެހީ ޑެކްލަން ރައިސް އާއި ބުކަޔޯ ސަކާއެވެ. ފުރަތަމަ ހާފުގައި ރައިސް ލީޑު ނަގައިދިން އިރު ދެވަނަ ހާފުގައި ސަކާ ލީޑް ފުޅާ ކޮށްފދިނީ ޕެނަލްޓީއަކުންނެވެ.

ލީގު ފަށައިގެން ޕޮއިންޓް ތާވަލުގެ އެއްވަނަ ދަމަހައްޓަމުން އައި ލިވަޕޫލަށް ރޭ ވީ ބައްޔާއިއެކު މިވަނީ ތާވަލުގެ އެއްވަނަ ގެއްލިފައެވެ. މިވަގުތު އާސެނަލް އެއްވަނާގައި އޮތީ 16 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނާގައި ލިވަޕޫލް އޮތީ 15 ޕޮއިންޓް ހޯދައިގެންނެވެ.