ކުރީގެ އަދަދާއި ގުޅޭ:

" އުނހު، ކުޑަކުޑަ ކުއްޖަކު ގޮވައިގެން މާރުކޭޓަށް ގޮސް މަަސް ގަންނަން ނުވާނެ އުނދަގުލެއް. " އަހަރެން އެހެން ބުނެ، ފޯނު ކަނޑާލީމެވެ.

Ad
rt

ހިތަށް އެރިއެވެ. އަހަރެން އެކަން ކުރާނަމެވެ. އަހަންނަށް އެކަން ވާނެއެވެ.

ކޮޓަރި ދޮރު ހުޅުވާލި އިރު، ލިލީ އިނީ ބްލޮކްސް ކުޅޭށެވެ. އަހަރެން ފެނުމާއެކު އަތުގައި އޮތް ބްލޮކްސް ދޫކޮށްލުމަށްފަހު ލިލީ ތެދުވެއްޖެއެވެ. އަދި މަންމީއޭ ގޮވަމުން ދެ އަތް ފުޅާކޮށް އަހަންނާ ދިމާލަށް އަންނަން ފެށިއެވެ. އެއީ އަބަދުވެސް އަހަންނަށް އެންމެ އުފާވެރި މަންޒަރެވެ. އަހަރެންގެ ހިމާޔަތް ބޭނުން ވެގެން ލިލީ އަންނަ ކޮންމެ ފަހަރަކު އަހަރެން ވަރަށް އުފާވެއެވެ.

" މަންމި ލޯބި ކިހިނެއްވީ؟ ފޫހިވީތަ؟" ލިލީ އުރާލަމުން އަހަރެން އެހީމެވެ.

އެ ވަގުތު ލިލީ އަހަރެންގެ ކޮނޑުގައި ބޯ އަޅާލީ ކަންނެތް ގޮތަކަށެވެ. ނިދި އައީކަމަށް ހީކޮށް، ދަރިފުޅުގެ ބުރަކަށީގައި ފިރުމަމުން ގޮސް ލޯގަނޑު ކުރިމަތީގައި އަހަރެން ހުއްޓުނީމެވެ.

" ހިނގާ މަންމިއާއެކު ބޭރަށް ދާން. ދޯ؟" ޅަ ގޮތަކަށް އަހަރެން އެހީމެވެ.

އެއާއެކު ބޭރަށް ދާހިތުން ލިލީ އަވަސް އަވަހަށް ތިރިއަށް ފޭބިއެވެ. އަދި ބޭރަށް ދާން ކިޔަމުން ސިޓިންރޫމާ ދިމާލަށް ހިނގައިގަތެވެ. ލިލީ ނިކުތުމުން އަހަންނަށް ނަޒަރު ހިންގާލެވުނީ ކުރިމަތީގައި ހުރި ލޯގަނޑަށެވެ. ފުން ނަޒަރަކުން އަހަންނަށް އަހަރެންގެ ސޫރައަށް ބަލައިލެވުނެވެ. ވަރުބަލިކަން ފިޔަވައި އެއްވެސް އެއްޗެއް އަހަންނަށް އަހަރެންގެ މޫނަކުން ނުފެނުނެވެ. ގަދަކަމުން ހީލަމުން، ޑްރެސިންޓޭބަލް މަތީގައި އޮތް ހެއާ ކްލިޕް ނަގައި ބޮލަށް ޖެހުނީ ވެސް ފޫހިވެ ހުރެއެވެ. އެއާއެކު ބޫޓަށް އަރަން ލިލީ ގޮވާ އަޑަށް އަހަރެން ވެސް ކޮޓަރިން ނިކުތީމެވެ.

ބޭރުން އައިސް އަހަރެން ގެއަށް ވަނީ ތާޒާ ކަނޑުމަހެއް ގަނެގެންނެވެ. ގެއަށް ވަނުމާއެކު އިވުނީ ބަތްކޮޅު ކެކި، ކުކަރ ނިވުނު އަޑެވެ. އެ ވަގުތު އަހަރެންގެ ލޯ އެ ދިމާލަށް އަމާޒުވިއެވެ. އަތުގައި އޮތް މަސްކޮތަޅު ހިފައިގެން ގޮސް ކުކަރ ސްވިޗް ކަނޑާލެވުނީ ވެސް ނުހަނު އަވަހަށެވެ. އޭރު ކުޅޭ ހިތުން ލިލީ ގޮސް އަނެއްކާ ވެސް ކޮޓަރިއަށް ވަދެއްޖެއެވެ.

ގަރުދިޔައާއި ބޯ ކައްކާ، ބަނޑައިދޫ ތެލުލެވުނު އިރު އަހަރެން ހުރީ ފުދޭވަރަކަށް ހިތްހަމަ ޖެހިފައެވެ. ބަތަށް ވުރެ ބޮޑަށް ޒިޔާދުއަށް މީރުވާނީ ހުނިރޮށިކަން ހަނދާންވުމާއެކު ލަސް ވިޔަސް، އަހަރެން ހުނިރޮށި ފިހަން މަސައްކަތް ފެށީމެވެ. ޒިޔާދު އައިސް ސިޓިންރޫމް ދޮރު ހުޅުވާލީ ވެސް އެ ވަގުތެވެ.

" ހާދަ ކައްކާ ވަސްގަނޑު އެބަހުއްޓޭ ގޭތެރޭގަ." އެތެރެއަށް ވަދެ، ދޮރު ލެއްޕުމުގެ ކުރިން ޒިޔާދު ބުންޏެވެ.

ރޮށި ދަމަން ހުރެފައި އަހަންނަށް ފަހަތް ބަލައިލެވުނެވެ. ކަރުގައި އޮތް ޓައި ދޫ ކުރަމުން ގޮސް ޒިޔާދު އޭރު ސޯފާގައި އިށީންދެއްޖެއެވެ.

" ކޯއްޗެއްތަ ތި ހަދަނީ؟" ޒިޔާދު އެހިއެވެ.

" ފެންވަރައިގެން އާދެބަލަ މި ހަދާ އެއްޗެހި ކާން އަވަހަށް." އަހަރެން ބުނީމެވެ.

" ލިލީ ވެސް ވީ ކޮޓަރީގަތަ؟ ދާންވެއްޖެ ހެއްވާލަން." ސޯފާއިން ތެދުވަމުން ޒިޔާދު ބުންޏެވެ.

އޭނާ ގޮސް ކޮޓަރިއަށް ވަނުމާއެކު އަހަންނަށް ހަރަކާތްތައް ހުއްޓާލެވުނެވެ. ގައިން ވަރު ދޫކޮށްލައިގެން އިރުކޮޅަކު ހުރެވުނީ މިއަދު ހެނދުނު ވީ ކަންތަކާމެދު ވިސްނާލާށެވެ. މަސް ގަންނަން ދާން އެދުމުން ޒިޔާދު އަހަންނާ ވާހަކަ ދެއްކީ ނުހަނު ރުންކުރު ކޮށެވެ. އެކަމަކު، އެނބުރި ގެއަށް އައި އިރު އޭނާއަކީ މުޅިން އެހެން މީހެކެވެ. އަހަންނާ ދިމާލަށް އެއްޗެއް ބުނެވުނު ހަނދާން ވެސް ޒިޔާދު ނެތް ކަހަލައެވެ. ނަމަވެސް އެ ރުންކުރު ރާގުގެ ސަބަބުން އަހަރެންގެ ހިތުގައި ލީ ރެނދުގެ ފުޅާމިނެއް އޭނާއަކަށް ނޭނގޭނެއެވެ. އެ ގަޑީގައި އަހަރެންގެ ހިތަށް ކުރި އަސަރު އޭނާއަށް އިހްސާސް ވެސް ނުކުރެވޭނެއެވެ.

ޖަޒްބާތީ ދުނިޔެއިން އަހަންނަށް ނިކުމެވުނީ ލޯފޮތި މަތީގައި އޮތް ރޮށި އަނދާ ވަހަށެވެ. ތެޅި ގަނެފައި އަހަރެން އުނދުން ނިއްވާލީ، އަނެއްކާ ވެސް ގޭތެރޭގައި އިތުރު ވަހެއް ހިފައިގެން ޒިޔާދުއަށް އުނދަގޫވެދާނެތީއެވެ.

ކެއްކި ހުރިހާ އެއްޗެއް މޭޒުމަތީ އަތުރާލުމާއެކު ޒިޔާދު އައިސް އިށީނެވެ. ތަށިތަކަށް ބަލަހައްޓައިގެން އޭނާ ހުރީ ނުހަނު އުފާވެފައެވެ. އެ މަންޒަރު ފެނުމުން އަހަންނަށް ވެސް ހިތްހަމަޖެހުން ލިބުނު ކަހަލައެވެ. ޒިޔާދުގެ މޫނުމަތިން އެންމެ ބޮޑު އުފާވެރިކަމެއް ފެންނާނީ ވެސް ކާ ވަގުތު ތަކުގައެވެ.

" ހުނިރޮށި ވެސް؟ ވާއޯ. ކެންޓީނުން ނުކައި ގެއަށް ކާން އަންނަނީ ވެސް މިހެންވެ. އަހަންނަށް އެނގޭ ގެއިން މާ މީރުކޮށް ކާން ލިބޭނެކަން." ޒިޔާދު ބުންޏެވެ.

ކުއްލިއަކަށް އަހަރެންގެ މޫޑު ބަދަލު ވެއްޖެއެވެ. ތެލުލި ބަނޑައިދޫ ތައްޓާއި ކަނޑުމަހު ބޮލާއި ބޮޑު ދޮންބިހުގައި އޭނާގެ ލޯ އަޅައިނުގަތުމަކީ އަހަންނަށް މައްސަލައެކެވެ. މާޔޫސްވެ އިނދެ އަހަރެން ޒިޔާދުއަށް ބަލަމުން ދިޔައީމެވެ.

" ކީއްވެ މިއަދު މޮޑެ ނުދިނީ؟" ޒިޔާދު ސުވާލު ކުރީ ފެންތަށި ނަގަމުންނެވެ.

" ގަރުދިޔަ ހޫނު ކަމުން. ދީ ރޮށި ފުނޑުވަން." އަހަރެން އަވަސް އަވަހަށް ބުނީމެވެ.

އަހަރެންގެ އަތަށް ތަށި ދިއްކޮށްލުމަށްފަހު ޒިޔާދު ފޯނާ ކުޅެން ފެށިއެވެ. އޭނާގެ ތުންފަތްމަތީގައި ހުރި ހިނިތުންވުމުގެ ސަބަބުން ކޮންމެވެސް ކަމަކާ އޭނާ އެ އިނީ ވަރަށް ހިތްހަމަޖެހިފައިކަން އަހަންނަށް އެނގުނެވެ. އިރުއިރުކޮޅުން ޒިޔާދުގެ މޫނަށް ބަލަމުން އަހަރެން ދިޔައީމެވެ. ރޮށިތަށި މޮޑެ ނިމި، އޭނާގެ ކުރިމަތީގައި ބެހެއްޓި އިރު ވެސް އޭނާ އިނީ ފޯނަށް ގޮސް ގެއްލިފައެވެ. ތައްޓަށް ސަމްސާ ލުމަށްފަހު ނިމިއްޖެޔޭ ބުނީމެވެ.

" ހޫމް. ވަރަށް މީރު. މިހެން ކައްކާފައި ހުރިއްޔާ ދިހަ ރޮށި ވެސް ކެވިދާނެ." އަހަންނަށް ބަލައިލަމުން ޒިޔާދު ބުންޏެވެ.

އޭރު އަހަރެންގެ ހިތުގައި ޝަކުވާތައް އުތުރެމުން ދެއެވެ.

މަސް ހުސްވެގެން އަހަރެން ކަންބޮޑުވުން ފާޅު ކުރީމެއް ނޫން ހެއްޔެވެ؟ އެކަމަކު ޒިޔާދު ގެއަށް އައި އިރު ތި ހުރީ ތާޒާ މަސް ކައްކާފައެވެ. އެ ބޮޑު މަސްމާރުކޭޓަށް ދިޔައީ ހަމަ އަހަރެންތޯ ސުވާލުކޮށްލަން ކީއްހެއްޔެވެ؟ ލިލީ ގެންދިޔައިންތޯ އަހާލުމަކީ މައްސަލައެއް ހެއްޔެވެ؟ އަހަރެން އެކަން ކުރީމެވެ. އޭރު ހިތްހަމަ ނުޖެހުނު ނަމަވެސް، ޒިޔާދުގެ ތައުރީފުގެ ބަހެއް ލިބޭނެ ކަމުގެ އުއްމީދުގައި އަހަރެން ހުރީ ހިތްހަމަ ޖެހިގެންނެވެ. އެކަމަކު ޒިޔާދުއަށް ކަމެއް ރޭކާ ވެސް ނުލިއެވެ.

" ލިލީ ކައިފިތަ؟" ޒިޔާދުގެ އަޑަށް އަހަރެން އަވަސް އަވަހަށް ދެ ފަރާތަށް ބޯ ހޫރާލިމެވެ.

" ނޫން. އަދި ނުކައި. ލިލީއަށް ލޮލެއް ބާއްވައްޗޭ. އެންމެ މަހެއް ގަތީ. ސައިކަލްގައި އެކަނި ގެންނަން އުނދަގޫވާނެތީ." އަހަރެން ބުނީމެވެ. ކޮންމެވެސް ގޮތަކުން އެ މަހަށް ޒިޔާދުގެ ޝައުގުވެރިކަން ފޯރު ކުރުމަށް އަހަރެން ހުރީ ބޭނުންވެފައެވެ.

ކަޅުސައިތަށި ތުނބުގައި ޖަހައިގެން އިން ޒިޔާދު އެ ވަގުތު ދެ ބުމަ އުފުލައިލިއެވެ.

" ގަދަ. ތިހެން ވާން ޖެހޭނެ. އަހަންނަށް އެނގޭ އަހަރެން ނެތިއްޔާ ތައިބާ ހުރިހާ ކަމެއް ވެސް ކުރާނެކަން." ޒިޔާދު ބުންޏެވެ.

ޒިޔާދު އެހެން ބުނުމުން އަހަރެން ކުޑަކޮށް ހީލީމެވެ.

" ދެން ލިލީއަށް ކާން ދޭން ދާން ވީ އެއްނު." ޒިޔާދު ބުންޏެވެ.

" ޒިޔާދު ކައި ނިމުނީމަ ދިޔަޔަސް އޯކޭ އެއްނު. ލިލީ އެ ހުރީ ޖޫސް ވެސް ބޮއިގެން." އަހަރެން ބުނީމެވެ.

ޒިޔާދު ކައި ނިމެންދެން ކައިރީގައި އިނުމަކީ އަހަރެންގެ އާދައެކެވެ. ލިލީ ކުރާ ކަންކަމުގެ ވާހަކަ ޒިޔާދު ކައިރީ ދައްކައިގެން ހިތް އުފާ ކުރުމަކީ އަހަރެން ވަރަށް ކުރާހިތްވާ ކަމެކެވެ.

" ލިލީއަށް ކާންދީފައި އާދެބަލަ ސޯފާއަށް. އެބައޮތް ވަރަށް ބޮޑު ސަޕްރައިޒް ވާހަކައެއް." ސުޕާރީ ފުޅި ނަގައިގެން ސޯފާއާ ދިމާލަށް ދަމުން ޒިޔާދު ބުންޏެވެ.

އެއާއެކު އަހަރެންގެ ހިތަށް ފިނި ވެގެން ދިޔައެވެ. ޒިޔާދުގެ މޫނުމަތީގައި ހުރި އުފާވެރިކަމާއި އޭނާގެ ވާހަކަ ދެއްކުމުގެ ރާގުން ބުނަން އެ އުޅެނީ އުފާވެރި ވާހަކައެއްކަން އަހަންނަށް އެނގުނެވެ. އެހެންވެ އަހަރެން ހަރަކާތްތައް އަވަސްކޮށްލީ އެ ވާހަކައެއް އަޑު އަހާ ހިތުން ކެތްމަދުވެގެންނެވެ.

ލިލީއަށް ކާންދީ، ފެންވަރުވާ ނިންދެވުމަށްފަހު އަހަރެން ވެސް ފެންވަރާލީމެވެ. އަހަރެން ހުރީ ޒިޔާދު ކައިރީ ތަންކޮޅެއް ގިނަ އިރު ވާހަކަ ދައްކާލަން އިންނަ ހިތުންނެވެ. ނަމަވެސް ކޮޓަރިން ނިކުތް އިރު އަހަންނަށް ފެނުނީ ސޯފާގައި އޭނާއަށް ނިދިފައި އޮއްވައެވެ. އޮފީހުގައި މާ ގިނައިރު އުޅެން ޖެހުމުން އޭނާ ވެސް ވަރުބަލިވާނެކަން އަހަންނަށް ވިސްނުނެވެ. އެހެންވެ، ހިތްބަރު ކުރުމެއްނެތި އަހަރެން އެނބުރި ކޮޓަރިއަށް ވަނީމެވެ. އޭރު ވެސް ހިތް އޮތީ ޒިޔާދު ދައްކަން އުޅޭ ވާހަކަ އަޑު އަހާ ހިތުން ކެތްމަދު ވެފައެވެ.

ލިލީ ކައިރީ ގޮސް އަހަރެން ވެސް އޮށޯވެލީ އިތުރަށް ކުރާނެ ކަމެއް ނެތީމައެވެ. ލިލީ ނިދުމަށްފަހު އަހަންނަށް މިނިވަންކަން ލިބުނީމެވެ. ނަމަވެސް އިތުރަށް ކުރާނެ މާ ގިނަ ކަންކަން ނެތުމުން އަހަރެންގެ ސިކުނޑި އަބަދުވެސް މިސްރާބު ޖަހަނީ ވިޔަފާރީގެ ރޮނގާ ދިމާލަށެވެ. ބޭނުންވާ ކޮންމެ އެއްޗެއް ޒިޔާދު ހޯދައި ދިން ނަމަވެސް އަމިއްލައަށް މަސައްކަތް ކޮށްގެން ލިބޭ އެންމެ ރުފިޔާއަކާ ނުބައްދަލްވާނެކަން އަހަންނަށް އެނގެއެވެ.

" ކިއްތަ އަހަރެން ކުރާނީ؟ ކޭކު އެޅުން؟ ނޫން ނޫން. ލިލީ އެހާ ކުޑައިރު ނުވާނެ. ދެން؟ މްމްމް... ހޫމް! ވޫލުން މާ ހަދަން ވެއްޖެ. ޓެސްޓެއް ކޮއްލަން ވެއްޖެ އަޅެ މީހަކު ގަނޭތޯ. ފުރަތަމަ ވެސް ވައިޓް ލިލީއެއް ވިޔެލާނީ." އަހަންނަށް ބުނެވުނެވެ.

އެ ހިޔާލު އައުމާއެކު އަހަންނަށް މަޑަކުން ނޯވެވުނެވެ. އެނދުމަތީ އިށީނުމަށްފަހު، އެ ކަމަށް ބޭނުންވާ ސާމާނު އޮންލައިންކޮށް ބަލައި ކާޓަށް އަޅަން ފެށީމެވެ.

" އިންސްޓާގައި ޕޭޖެއް ވެސް ހަދަން ވެއްޖެ. ނަމެއް ވެސް ދޭން ޖެހޭނެއެއްނު. އޯހް.. އައިމް ސޯ އެކްސައިޓެޑް. " އަހަންނަށް ބުނެވުނެވެ.

" މްމްމް... ލިލީ ބްލޫމް ރީއްޗޭ ޕޭޖަށް ކިޔަން. " އަނެއްކާ ވެސް ހިތާހިތާ ވާހަކަ ދެއްކުނެވެ.

އަހަރެންގެ ސިކުނޑިއާ އެއްވަރަށް ހިތް ވެސް މަސައްކަތް ކުރެއެވެ. ކަމެއް ކުރަން ބޭނުން ވެއްޖެނަމަ، އެކަމެއް ނުކޮށް ލަސްކުރުމަކީ އަހަރެންގެ އާދައެއް ނޫނެވެ.

ފޯނަށް ގޮސް ގެއްލިފައި އިންދާ ކުއްލިއަކަށް ޒިޔާދު ބޯ ދިއްކޮއްލިއެވެ. އޭރު ވެސް އަހަރެން އިނީ ހެވިފައެވެ. ކުޑަ ވިޔަފާރިއެއް ފެށޭނެ ކަމުގެ އުއްމީދުގައެވެ. ޒިޔާދު ފެނުމާއެކު އަހަރެން ތެދުވެ އޭނާއާ ދިމާލަށް ހިނގައިގަތީމެވެ.

" ކީއްވެ ނުގޮވީ؟" އަހަރެން ނިކުތުމާއެކު ޒިޔާދު އެހިއެވެ.

" ނިދިފައި އޮންނައިރު ކީއްކުރަން ގޮވަނީ؟" އަހަރެން ވެސް ކޮއްލީ ސުވާލެކެވެ.

" ބިޒްނަސްއެއް ފަށަން އަހަންނަށް ހެލްޕެއް ދެވިދާނެތަ؟" ސޯފާގައި އިށީންނަމުން އަހަރެން އަވަސް އަވަހަށް އެހީމެވެ.

އެއާއެކު ޒިޔާދު ބާރަށް ހީގަތެވެ. އޭނާ ހޭ ގޮތުން އަހަރެން ކުޑަކޮށް ލަދު ވެސް ގަތެވެ. ހެމުން ގޮސް އައިސް އަލަމާރިން ފެންފުޅިއެއް ނެގުމަށްފަހު އޭނާ އަހަންނަށް ބަލައިލިއެވެ.

" ބިޒްނަސްއެކޭ؟ ކޮން ކަހަލަ ބިޒްނަސްއެއް؟" ޒިޔާދު އެހިއެވެ.

ލަދުގަތް ވަރުން އޭނާ ކައިރީ ބުނާކަށް ވެސް އަހަރެން ބޭނުމެއް ނުވިއެވެ. ނަމަވެސް އެހީއެއް ވާން ހުރި މީހަކީ ވެސް ހަމަ އެއީކަން ހަނދާން ވުމުން ހިތްވަރުކޮށްފައި އަހަރެން ވާހަކަ ދައްކަން ފެށީމެވެ.

" ލިލީގެ ކަންތައްތައް ނިމުނީމަ ދެން ގޭގައި ކުރާނެ މާ ބޮޑު ކަމެއް ނޯވެ. އެހެންވެ، ކޮންމެވެސް ކަމެއް ކޮށްގެން ލާރި ހޯދަން ބޭނުން." އަހަރެން ބުނީމެވެ.

" އަހަރެން ދޭ ވަރު ނުފުދެނީތަ؟ " ޒިޔާދު ސުވާލު ކުރިއެވެ.

" ނޫނެކޭ ޒިޔާދު. ޒިޔާދު ދޭ އެއްޗަކާ އަހަރެން އަމިއްލައަށް މަސައްކަތްކޮށްގެން ހޯދާ އެއްޗަކާ ތަފާތުވާނެއެއްނު. އެ ހިތްހަމަޖެހުން އަހަރެންގެ އޮންނާނެ އެއްނު." އަހަރެން އުޅުނީ ޒިޔާދުއަށް ވިސްނައިދޭށެވެ.

" ދެން ކޮންކަހަލަ މަސައްކަތެއް ތައިބާއަށް ކުރެވޭނީ؟ މިސާލަކަށް؟" ދެ އަތް އުރާލަމުން ޒިޔާދު އެހިއެވެ.

ޒިޔާދު ޝައުގުވެރިވީކަން އެނގުމުން އަހަރެން އަނެއްކާ ވެސް ހިތްހަމަ ޖެހުނެވެ.

" ޒިޔާއަށް އެނގެއެއްނު އަހަރެން ވަރަށް ސަޅިކޮށް ވޫލް ވިޔަންކަން. އެކި އެއްޗެހި ހެދޭނެއެއްނު. މާ ވެސް ހެދޭނެއެއްނު." އަހަރެން ބުނީމެވެ.

" އާނ ދެން ތައިބާ ބޭނުންވަންޏާ ކުރަންވީ. އަހަރެން އިންވެސްޓްކޮށްދީފާނަން." ޒިޔާދް ބުނެލިއެވެ.

ވީ އުފަލުން ފުންމައިގެން ތެދުވެގެން ގޮސް އޭނާގެ ގައިގައި ބައްދާލީމެވެ.

" ހޫމް ދެން މަޑުކޮށްބަލަ. އަދި ވާހަކަ ދައްކާ ނުނިމެޔޭ. އަހަރެން ދޭން ބުނި ސަޕްރައިޒްގެ ވާހަކަ ހަނދާން ވެސް ނެތް ދޯ." ޒިޔާދު އަހަރެން ދުރުކޮށްލަމުން ބުންޏެވެ.

އޭނާ އެހެން ހެދުމުން ކުޑަކޮށް ދެރަވިއެވެ. ނަމަވެސް އަމިއްލަ ނަފްސަށް ވިސްނައިދެމުން އަހަރެން ހަމަޖެހެން މަސައްކަތް ކުރީމެވެ.

" ބުނެބަލަ ދެން." އެހެން ބުނެ އަހަނެއް ސޯފާއާ ދިމާލަށް އެނބުރިލީމެވެ.

" ދެ ރޫމްގެ އެޕާޓްމަންޓެއް ގަނެފިން. " ޒިޔާދު ބުންޏެވެ.

ލިބުނު ކުއްލި ސިހުމާއެކު ސޯފާގައި އިށީންނަން އުޅެފައި ވެސް އަހަންނަށް ތެދުވެވުނީއެވެ. ހައިރާންކަމާއެކު ޒިޔާދުއަށް ބަލަން ފެށުމުން އޭނާ އަނެއްކާ ވެސް ފެށީ ހޭށެވެ.

" ގަތީއޭ؟" މަޑުމަޑުން އަހަރެން އެހީމެވެ.

" ހޫމް. ގަތީއޭ. އަހަރެން ހީކުރީ ދެން ކަމަށް އުފަލުން އައިސް އަހަރެންގެ ގަޔަށް ޖެހި ގަންނާނީ. އެކަަމަކު މީހާ ތި ހުރީ މުޅިން އޮއްސިފައެއްނު." ޒިޔާދް ބުންޏެވެ.

އަހަންނަށް ވީ ގޮތް އޭނާއަށް ފާހަގަ ކުރެވުނުކަން އެނގުނު ނަމަވެސް، އަހަންނަށް މޫނުމަތީގެ ކުލަވަރު ބަދަލެއް ނުކުރެވުނެވެ.

" ތިން މިލިއަނަށް ގަތީ." އަނެއްކާ ވެސް ޒިޔާދު ބުންޏެވެ.

މި ފަހަރު އަހަރެން މާ ހައިރާންވީމެވެ. އޭނާ އެ ހަދަނީ ދޮގޭ ވެސް ހިތަށް އެރިއެވެ.

" އެހާ ބައިވަރު ލާރި ކިހިނެއް ހޯދީ؟" އަހަރެން އެހީމެވެ.

" އޮފީހުގެ ފްލެޓްތަކުން އަހަރެން ގަތީ. ލޯނެއް ނެގީ. ދެން މުސާރައިން ކަނޑާލާނެ ބޮޑު އެއްޗެއް." ޒިޔާދު ބުންޏެވެ.

އެ ވަރުގެ ކަމެއް ކުރި އިރު އޭނާ އަހަރެން ކައިރީ ނުބުނުމަކީ އަހަންނަށް މައްސަލައަކަށް ވެއްޖެއެވެ. ދެރަވިއެވެ. އަދި އަހަންނަކީ ޒިޔާދުއަށް މުހިއްމު މީހެއް ނޫންކަމުގައި އަމިއްލައަށް ނިންމީމެވެ.

" ތި ވަރުގެ ނިންމުމެއް ނިންމާނީ އެންމެ ދުވަހަކުން ނޫނެއްނު. ކީއްވާނީ އަހަރެންގެ ހިޔާލެއް ވެސް ތި ކަމުގައި ހޯދާލަން؟" ދެރަވެފައި ހުރެ އަހަރެން ބުނީމެވެ.

" އުން؟ ސަޕްރައިޒެއް ދޭން ނުބުނީ. އެކަމަކު އަހަރެންދެކެ ދޯ ތި ރުޅި އައީ؟" ޒިޔާދު ބުނެލީ ރުންކުރު ގޮތަކަށެވެ.

" ރުޅިއެއް ނާދެޔޭ. އެކަމަކު އަހަންނަކީ އަނބިމީހާއަށް ވީމަ، ދިރިއުޅުމުގައި ނިންމާ ބޮޑެތި ކަންކަމުގައި އަހަރެންގެ ހިއްސާ ވެސް އޮންނަންވާނެއެއްނު. އެއީއެއްނު ރީތި ގޮތަކީ؟" އަހަރެން ބުނީމެވެ.

" ހޫމް ދެން މާ ވާހަކަ ގިނަ ނުކޮށްބަލަ. ތައިބާ ކައިރީ ބުންޏަސް، ނުބުންޏަސް އަހަރެން އެ ފްލެޓް ގަނެފިން. ދެން ޗުކުޗުކު ލެއްވިޔަސް އެކަން ނުކުރާ ކަމަކަށް ނުވާނެ. އަހަރެން ކޮއްދޭ ކަންކަމަށް ޝުކުރުވެރިވާން ވެސް ނޭނގޭ އަންހެނެއް ތިއީ." އެހެން ބުނުމަށްފަހު ބާރުބާރަށް ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ.

ވީ ދެރައިން، ރޮވޭކަށް މާ ގިނަ ވަގުތެއް ނުނެގިއެވެ. ސޯފާއަށް އަހަރެން ތިރިވީމެވެ.

( ނުނިމޭ )

މި ވާހަކަ ގެނެސްދޭނީ އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެވެ.

(ނިމުނީ)