އިޒްރޭލުގެ ސަލާމަތީ ބާރުތަކުގެ އެހީގައި، މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް ބިނާ ކަމުގައިވާ މަސްޖިދުލްއަޤްޞާއަށް އިޒްރޭލުގެ ޤައުމީ ސަލާމަތާބެހޭ ޖައްބާރު ވަޒީރު އިތަމާރް ބެން ގަވީރް އާއި އެހެން ޔަހޫދީންތަކެއް ވަދެ، އެ މާތް މިސްކިތުގެ ހުރުމަތް ކެނޑުމާ ގުޅިގެން ދިވެހި ސަރުކާރުން އެ ޢަމަލު ކުށްވެރިކޮށްފިއެވެ.

މިކަމާ ގުޅިގެން ދިވެހި ޚާރިޖިއްޔާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، މި ޢަމަލަކީ ބައިނަލްއަޤްވާމީ ޤާނޫނާއި، އިސްލާމީ މުޤައްދަސް ބިނާތަކުގެ ހުރުމަތް ކަނޑާލުމުގެ އިތުރުން، އެފަދަ ތަންތަނުގެ ދީނީ އަދި ތާރީޚީ ހައިސިއްޔަތު ބަދަލުކުރުމަށް ތަކުރާރުކޮށް އިސްރާއީލުން ކުރަމުންގެންދާ ނޭދެވޭ އަމަލެއް ކަމަށެވެ. އަދި މި ޢަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ދިވެހި ޚާރިޖިއްޔާގެ ބަޔާނުގައި ބުނެފައިވެއެވެ.

Ad
rt

އިސްރާއީލުން ކުރަމުން ގެންދާ ޣައިރު ޤާނޫނީ އަމަލުތަކާއި، އިސްލާމީ މުޤައްދަސް ތަންތަނުގެ ހުރުމަތް ކަނޑާލުމަށް ހިންގޭ އެންމެހާ އަމަލުތައް ވަގުތުން ހުއްޓާލުމަށް އިސްރާއީލަށް މަޖުބޫރުކުރުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން އަވަސްކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް މިބަޔާނުގައި ދިވެހި ސަރުކާރުން ގޮވާލާފައި ވެއެވެ.

ދިވެހި ސަރުކާރުން އިތުރަށް ފާހަގަކޮށްފައިވަނީ ފަލަސްތީނުގެ ރައްޔިތުން މިނިވަން، މުސްތަޤިއްލު ދައުލަތެއް އުފެއްދުމަށް ކުރަމުންދާ މަސައްކަތްތަކަށް ދިވެހިރާއްޖެއިން އަބަދުވެސް ތާއީދުކުރާނެ ކަމަށެވެ.

މަސްޖިދުލް އަޤްޞާއަކީ ބައިތުލްމަޤްދިސްގައި ހުންނަ، މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް ބިނާ ކަމުގައިވާއިރު، މިފަދަ ޢަމަލުތަކަކީ މުސްލިމް އުންމަތުގެ މަޝްޢަރުތަކަށް އަރައިގަތުން ކަމުގައި ބެލެވެއެވެ.

އާދީއްތަ ދުވަހު، އިޒްރޭލުގެ ސަލާމަތީ ބާރުތަކުގެ އެހީގައި، ފަލަސްޠީނުގެ ބައިތުލްމަޤްދިސްގައި ހުންނަ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް ބިނާ ކަމުގައިވާ މަސްޖިދުލްއަޤްޞާއަށް ޔަހޫދީންގެ ހައްދުފަހަނައަޅާފައި ޖައްބާރު މިނިސްޓަރު އިތަމާރް ބެން ގަވީރް ހިމެނޭ ގޮތަށް ޔަހޫދީންތަކެއް ވަދެގަނެ، އިސްލާމްދީނާ ހިލާފު ކަންކަން ހިންގައި، ޔަހޫދީންގެ ދީނީ އަޅުކަން ކޮށްފައިވެއެވެ. މަސްޖިދުލްއަޤްޞާގެ ގޯތިތެރެއަށް ވަނުމުގެ ހުއްދަ ޔަހޫދީންނަށް ލިބިފައިވިޔަސް، އެތަނުގައި އަޅުކަން ކުރުން ވަނީ މަނާކޮށްފައެވެ.

މަސްޖިދުލްއަޤްޞާ ބަލަހައްޓާ ވަޤްފު ޖަމުޢިއްޔާއިން މަޢުލޫމާތު ދީފައިވާ ގޮތުގައި، ގާތްގަނޑަކަށް ހާހެއްހާ ޔަހޫދީންގެ ބައިގަނޑަކާއެކު، ގަވީރް ވެސް އެ މިސްކިތަށް ވަދެ، އަޑުގަދަކޮށް، ނަށައި، އަޅުކަންކޮށްފައިވެއެވެ.